ރައީސްގެ ކެމްޕެއިން ހިންގާނީ "އުފާވެރި އަމާން ރާއްޖެ" ނަމުގައި

"މި ހިނދުން ފެށިގެން އަޅުގަނޑުމެން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް، އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ދިވެހިން އެދިއެދި ތިބި 'އުފާވެރި އަމާން ރާއްޖެ' ދިވެހިންނަށް ހޯދައިދިނުން،"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އީދުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ތޮއްޑޫއަށް ވަޑައިގަންނަވަނީ: އެމަނިކުފާނުގެ ކެންޕެއިން ހިންގާނީ "އުފާވެރި އަމާން ރާއްޖެ" ނަމުގައި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕެއިން "އުފާވެރި އަމާން ރާއްޖެ" ނަމުގައި ހިންގަން ނިންމަވައިފި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާއި އެމްޑީޕީގެ އިސް ބޭފުޅުންނާއި މެންބަރުން އަދި ރައީސްގެ ސަޕޯޓަރުން ރެއިން ފެށިގެން ގެންދަނީ "އުފާވެރި އަމާން ރާއްޖެ" ލިޔެފައިވާ ޕޯސްޓަރަށް ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ކަވާއާ ޕްރޮފައިލް ބަދަލު ކުރަމުންނެވެ.

"މި" ނޫހާ ވާހަކަ ދައްކަމުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ ރައީސް ސޯލިހްގެ ކެމްޕެއިން ހިންގާނީ "އުފާވެރި އަމާން ރާއްޖެ" ނަމުގައިި ކަމަށެވެ. "އުފާވެރި އަމާން ރާއްޖެ" އެއީ ރައީސްގެ މި ފަހަރުގެ ކެމްޕޭން ސްލޯގަން އެވެ.

އެ ސްލޯގަން އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ ވެސް ރައީސް ސޯލިހެވެ. އެއީ އިއްޔެ ހަވީރު އޮތް ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއު ފަށްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސްގެ ތަގުރީރުގައި "އުފާވެރި އަމާން ރާއްޖެ" ނަން ބޭނުން ކުރެއްވިޔަސް އެއީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ސްލޯގަން ކަމަށް ސީދާ ވިދާޅެއް ނުވެއެވެ. ނަމަވެސް "މި" ނޫހާ ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވީ ރައީސްގެ އިއްޔެގެ ތަގުރީރުގައި އެ ބަސް ބޭނުން ކުރެއްވީ އެ މަގުސަދުގައި ކަމަށެވެ.

ރަައީސް ސޯލިހްގެ ކެމްޕެއިން ސްލޯގަން: މި ފަހަރު ކެމްޕެއިން ހިންގަނީ "އުފާވެރި އަމާން ރާއްޖެ" ނަމުގައި

ރައީސް ސޯލިހް އިއްޔެ ވިދާޅުވީ ރާއްޖޭގައި ގާއިމުވެފައި އޮތް ހަމަޖެހުމާއި ސުލްހައަކީ ކުރީން އޮތް ތަކުލީފުތަކަށް ކޮންމެވެސް ލުޔެއް ލިބޭ ކަމުގެ ނަތީޖާ ކަމަށެވެ. އަދި ވިދާޅުވީ ދެން އަޅުގަނޑުމެން އަމާޒު ހިފަންވީ މި ހަމަޖެހުމުގެ ތެރޭގައި އުފާވެރި ދިރިއުޅުމެއް ވެއަތު ކުރުމަށް ކަމަށެވެ.

"މި ހިނދުން ފެށިގެން އަޅުގަނޑުމެން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް، އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ދިވެހިން އެދިއެދި ތިބި 'އުފާވެރި އަމާން ރާއްޖެ' ދިވެހިންނަށް ހޯދައި ދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ތަގުރީރުގައި ކެމްޕެއިން ސްލޯގަން ހާމަކުރެއްވުމާއި ގުޅިގެން ރެއިން ފެށިގެން އެމްޑީޕީގެ އިސް ވެރީންނާއި ސަރުކާރުގެ އިސް ބޭފުޅުން އަދި އެމްޑީޕީގެ މެންބަރުން ގެންދަނީ އެ ސްލޯގަން ބޭނުން ކޮށްގެން ކެމްޕެއިން ކުރަމުންނެވެ.

އެ ސްލޯގަންއަށް އެންމެ ފުރަތަމަ ޕްރޮފައިލް ބަދަލު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާލެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ރައީސް ސޯލިހް ވާދަކުރެއްވީ ރައީސް މުހައްމަދު ނަޝީދުއާ އެވެ. ރައީސް ސޯލިހް ވަނީ ބޮޑު ތަފާތަކުން ނަޝީދުގެ މައްޗަށް ކުރި ހޯއްދަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އީދުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ތޮއްޑޫއަށް ވަޑައިގަންނަވަނީ: އެމަނިކުފާނުގެ ކެންޕެއިން ހިންގާނީ "އުފާވެރި އަމާން ރާއްޖެ" ނަމުގައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ޕާޓީ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން މުޅީން ކެނޑި ރައީސް ނަޝީދު މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. ނަޝީދުގެ ވަފާތެރި މެންބަރުން ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އެ ބޭފުޅުން ގެންދަވަނީ ރައީސް ސޯލިހްގެ ވެރިކަން ނިންމަން ކުރަން ޖެހުނު ކޮންމެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް އޮތް އެންމެ ގޮންޖެހުމަކަށް ވާނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަފާތެރި މެންބަރުން ދެކޮޅަށް ނިކުންނެވުމެވެ. ނަމަވެސް އެމްޑީޕީގެ އިސް ބޭފުޅުންގެ ނަޒަރުގައި ނަޝީދާއި އެމަނިކުފާނުގެ ޓީމު އެމްޑީޕީން ވަކިވުމަކީ ކާމިޔާބެކެވެ. އަދި އެއީ އެކުގައި ކުރިއަށްދާން ލިބުނު ފަަހި ފުރުސަތެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ސޯލިހް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެމްޑީޕީން ކުރީން ވެސް ބުނީ ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން އީދު ބަންދަށް ފަހު ރަސްމީ ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.