"ބްރިޖު ތިލަފުއްޓާ ގުޅާލުން އަންނަ އަހަރު، ގިރާވަރާވެސް ގުޅާލާނެ"

ރައީސް މިއަދު ވިދާޅުވި ގޮތުގައި ތިލަމާލެ ބްރިޖް މަޝްރޫއު މުޅީން ނިންމާލާއިރު ގިރާވަރަށްވެސް ގުޅާލާނެ އެވެ. ނަމަވެސް ވަކި ތާރީހެއް ނުދެއްވައެވެ.

ތިލަމާލެ ބްރިޖްގެ ފުރަތަމަ ބައިގައި އޮތީ މާލެއާ ވިލިމާލެ ގުޅާލުން: އެ މަޝްރޫއު ކަނޑައެޅިފައިވާ ތާރީހަށް ކުރިއަށް ނުދޭ

ތިލަމާލެ ބްރިޖް މަަޝްރޫއުގެ ދަށުން މާލެއާ ވިލިމާލެ، ވިލިމާލެއާ ގުޅިފަޅު އަދި ގުޅިފަޅާއި ތިލަފުށި މި އަންނަ އަހަރަށް ގުޅާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ އަގު ބޮޑު މަޝްރޫއެވެ. ތިލަމާލެ ބްރިޖް މަަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏެވެ.

ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއު ފަށްޓަވައިދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވަނީ ތިލަމާލެ ބްރިޖް މަަޝްރޫއާ ގުޅޭގޮތުން ވެސް ވާހަަކަ ދައްކަވާފައެވެ. ރައީސް ވިދާޅުވީ ބިންވެރިޔާ ސްކީމް ހުޅުވައިލީ މާލޭ ރައްޔިތުންނަށް ހަމަނޭވާ ލެވޭނެ ގޮތެއް ހަދައިދޭން ކަމަށާ މަޝްރޫއު މުޅިން ފުރިހަމަ ވާނީ މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުން ސަރަހައްދު ގުޅާލުމުން ކަމަށެވެ.

މާލެ ރައްޔިތުންނަށް މި ބުރުގައި ހުޅުމާލެއިން 2200 ގޯތި، ގުޅިފަޅުން 2000 ގޯތި އަދި ގިރާވަޅުފަޅު ހިއްކައިިގެން 2000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ އަންނަ އަހަރުގެ ނިޔަލަށް ތިލަފުއްޓާއި ހަަމައަށް ބުރިޖުން ގުޅާލެވޭނެ ކަމަށެވެ. އަދި މުޅި މަޝްރޫއު ނިންމާލާނީ ގިރާވަރާ ގުޅާލުމަށް ފަހު ކަމަށެވެ.

"ސާޅީހަކަށް އަހަރު ފަހުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިންވެރިޔާ ސްކީމް ހުޅުވައިލީ މާލޭ ރައްޔިތުންނަށް ހަމަނޭވާ ލެވޭނެ ގޮތެއް ހަދައިދޭން. އެ މަޝްރޫއު މުޅިން ފުރިހަމަ ވާނީ މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުން އެ ސަރަޙައްދާއި މާލެއާ ގުޅައިލުމުން. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް ވެސް ނިމި ބޭނުން ކުރަން ފެށޭނެ. އެއަށް ފަހު ދެން ކުރަން އޮތް ކަމަކީ އެ ބްރިޖް ގޮސް ގިރާވަރާ ގުޅައިލުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ

ތިލަމާލެ ބްރިޖްގެ ޝެޑިއުލް އޮތްގޮތުން އޮގަސްޓް 2023ގެ ނިޔަލަށް މާލެއާ ވިލިމާލެ ގުޅާލަން ޖެހެ އެވެ. ނަމަވެސް އެ މުއްދަތު މިހާރު ނިންމޭނެ ކަމުގެ އެއްވެެސް ޔަގީން ކަމެއް ނެތެވެ. ބްރިޖުން ނިމިފައި ވަނިކޮށް ފެންނަނީ ވަރަށް ކުޑަ މިންވަރެކެވެ.

ޑިސެމްބަރު 2023 އާ ހަމަށް ވިލިމާލޭން ގުޅިފަޅަށް ގުޅާލަން ޖެހެއެވެ. އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅާލައި ނޮވެމްބަރު 2024 އަށް ނިންމަން ޖެހޭނެ އެވެ.

ތިލަމާލެ ބްރިޖް މަަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏެވެ. ނަމަވެސް މިހާރު މަސައްކަތް ހިނގަމުންދާ ގޮތުން އެ ކުންފުންޏަށް އެ މަސައްކަތް ކުރެވޭނެ ކަމާމެދު ވަރަށް ބޮޑަށް ވަނީ ސުވާލު އުފެދިފައެވެ. 

ތިލަމާލެ ބުރިޖްގެ މުހިންމު މައުލޫމާތު:

  •  އެފްކޮންސްއާ މަސައްކަތް ހަވާލުކުރީ އޮގަސްޓް 26، 2021 ގައި
  •  އޮގަސްޓް 2023 އަށް ބްރިޖުގެ ފުރަތަމަ ބައި ނިންމަން ޖެހޭ
  •  ތިލަފުއްޓާއި ގުޅިފަޅު ގުޅާލައި ނޮވެމްބަރު 2024 އަށް ނިންމަން ޖެހޭ
  •  ޑިސެމްބަރު 2023 އާ ހަމަށް ވިލިމާލޭން ގުޅިފަޅަށް ގުޅާލަން ޖެހޭ
  •  ކޯޒްވޭ ތަކާއެކު ބްރިޖްގެ ދިގު މިނަކީ 6.7 ކިލޯ މީޓަރު
  •  ސުޕަ ބްރިޖްގެ ދިގު މިނަކީ 3.6 ކިލޯ މީޓަރު
  •  ބްރިޖަށް 400 މިލިއަން ޑޮލަރުގެ ލޯނު ދެނީ އިންޑިއާގެ އެގްޒިމް ބޭންކުން
  •  މުޅި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު
  •  އިންޑިއާގެ ހިލޭ އެހީގައި 100 މިލިއަން ޑޮލަރު
  •  220،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާ ތޮށިލާން
  •  ބްރިޖާ ގުޅިފައިވާ ތިން ކިލޯމީޓަރުގެ މަގާއި ފާލަން ހިމެނޭ
  •  ބްރިޖްގެ މަސައްކަތުގައި 1،227 މުވައްޒަފުން ބައިވެރި ވާނެ
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާ އުޅަނދެއް: މަސައްކަތް ޝެޑިއުލްގައި އޮތް ކަމަށް ބުނި ނަމަވެސް މާ ބޮޑު މަސައްކަތެއް އަދި ފެންނަވަރެއް ނުވޭ -- މި

ބްރިޖްގެ މަސައްކަތަށް އަމާޒު ވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ސަރުކާރުން މިހާރު ވަނީ ބްރިޖްގެ މަސައްކަތް ޝެޑިއުލުން ކައްސާލާފައިވާ ކަމަށް އެއްބަސްވެފައެވެ.

މެއި 23 ގައި މަޖިލީހުގައި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި މާލޭން ތިލަފުއްޓަށް އަޅާ ބުރިޖް / ތިލަމާލެ ބްރިޖްގެ މަސައްކަތަށް އިތުރު ވަގުތެއް ދީފައެއް ނުވާނެ އެވެ. ނަމަވެސް ޑީލޭތަކެއް އުޅޭ ކަމަށް ބުނެވިދާނެ އެވެ.

އެކަމަކު އިތުރަށް "ޓައިމް އެކްޓެންޝަނެ" އް ދޭން ގަސްތު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

 "އޭގެ ތެރޭން [ލަސްވާ] ކަންތައް ތަކުން ކޮންމެ ވެސް މިންވަރެއް ކެޗަޕް ކުރެވޭނެ. ތަފްސީލްތައް އަޅުގަނޑަށް އެނގޭ. ބްރިޖުގެ މަސައްކަތުއި ލަސްވުމެއް އުޅޭ. އެކަމަކު ކުރިއަށް އެބަދޭ،" އަސްލަމް ވިދާޅުވި އެވެ. 

މި ވާހަކަފުޅަށް ފަހު މިނިސްޓަރު ވިދާޅުވީ ގުޅީފަޅުގައި ޑެކް ސެންޝަންތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި މިއީ ކުރިން ފެނުނު ބްރިޖާ ތަފާތު ބްރިޖެއް ކަމަށެވެ. 

"މި ބްރިޖު އަޅަމުންދަނީ ކުރިން ފެނުނު ގޮތަށް ޓެމްޕަރަރީ ޕްލެޓްފޯމް ހަދާފައެއް ނޫން. ޖަހަމުންދާ ތަނބުތައް އެހުރީ އަސްލު ހުންނަން ޖެހޭ ތަންތަނުގަ. އެންމެ ފުރަތަމަ ޖެހި ދެ ތަނބު ނޫނީއްޔާ. އެއީ ޓްރައިލް ދެ ތަނބު. އެހެންވެ މަސައްކަތް ކުރިއަށް ދޭ، އެކަމަކު ކޮންމެވެސް ވަރެއްގެ ލަސްވުމެއް އެބައުޅޭ،" އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.