ގާސިމް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އިސްލާހާށާއި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަށްޓަކައި މަސައްކަތް ކުރައްވާ އެންމެނަށްވެސް ލިބުނު ކާމިޔާބެކެވެ.
އެމްޑީޕީގައި ތިބި ރައީސް ނަޝީދަށް ތާއިދުކުރާ މެންބަރުން ވަކިވެ އުފެއްދުމަށް މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އީދު ބަންދަށް ފަހު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި ވަނީ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް މިއަދު ހުއްދަ ދިނުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް މަރުހަބާ ދަންނަވާއެވެ. ގާސިމްގެ އެ ޓްވީޓް ރައީސް ނަޝީދު ވަނީ ރިޓްވީޓް ކުރައްވާފައެވެ.
ގާސިމް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އިސްލާހާށާއި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަށްޓަކައި މަސައްކަތް ކުރައްވާ އެންމެނަށްވެސް ލިބުނު ކާމިޔާބެކެވެ.
މީގެ އިތުރުން ޑިމޮކްރެޓްސްއަށް ހުއްދަ ދިނުމަށް ނިންމުމަކީ އިލްކްޝަންސް ކޮމިޝަނުން ގާނޫނީ ވާޖިބު އަދާ ކުރުމުގައި ކުރިއަށް އެޅި ހަރުދަނާ ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށް ވިދާޅުވެ ކޮމިޝަނުގެ ވެރިންނަށް ވެސް މަރުހަބާ ދެންނެވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު "މި" ނޫހަށް ވިދާޅުވީ އެ ޕާޓީއަށް ހުއްދަ ދިނުމަށް އިލެކްޝަންސްގެ ހުރިހާ މެންބަރުންނަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި އީދު ބަންދުގެ ފަހުން ސަރުކާރު ހުޅުވޭ ޖުލައި ދެވަނަ ދުވަހު އެކަމާ ބެހޭ ލިޔުން ޕާޓީގެ މުއައްސިސު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ދޭނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސް ރެޖިސްޓާ ކޮށްދިނުމާ ބެހޭ މައްސަލައިގައި އެންމެ ފުރަތަމަ އީސީން ބައްދަލުވުމެއް ބޭއްވި މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ދެ މެންބަރަކު ވަނީ ފޯމުތައް އިތުރަށް ޗެކުކުރުމަށް އެދި، އެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށް ބުނެފައެވެ. އެ ދެ މެންބަރުންނަކީ، އަލީ ނަޝާތު އާއި މުހައްމަދު އާސިފެވެ.
އެ ޗެކުތައް ނިންމުމަށް ފަހު، މިދިޔަ ބުދަ ދުވަހު އޮތް އިލެކްޝަންސްގެ ބައްދަލުވުމުގައި އެކަމަށް ގޮތެއް ނިންމަން މަސައްކަތް ކުރި ނަމަވެސް، އެ ޖަލްސާ އެ ދެ މެންބަރުން ބޮއިކޮޓް ކުރުމާ ގުޅިގެން ވަނީ ކެންސަލްވެފައެވެ. އެ ޖަލްސާ ބޮއިކޮޓް ކުރަމުން މެންބަރުން ބުނެފައިވަނީ އީސީގެ ރައީސް ފުއާދަށް އިތުބާރު ނެތް ކަމަށެވެ. އަދި ފުއާދު ރިޔާސަތު ބަލަހައްޓަވާ ޖަލްސާއަކަށް ދެން ވަޑައިނުގަންނަވާނެ ކަމަށެވެ.
އެ ޖަލްސާއަށް ފަހު، އީސީގައި ތިބި ޑިމޮކްރެޓްސްގެ މެންބަރުންނާ ވާހަކަދައްކަވަމުން ފުއާދު ވަނީ އީސީގެ ދެ މެންބަރަކު އޭނާ ހުންނެވީ ނުފޫޒެއްގެ ދަށުގައި ކަމަށް ގަބޫލުކޮށް، އިތުރަށް ފޯމުތައް ޗެކު ކުރަން އެދިފައިވާ ކަމަށެވެ. އަދި ފޯމުތައް ޗެކު ކުރުމަށް އީސީއަށް ލިބިފައިވާ ތިން މަހުގެ މުހުލަތުގެ ބޭނުން ކުރުމަށް އެ ބޭފުޅުން ބޭނުންވާ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސް ރެޖިސްޓާ ކުރުމަށް އެ ދެ މެންބަރުން އެއްބަސްވެ ވަޑައިގެންނެވި ނަމަވެސް، ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަތުމާ ބެހޭގޮތުން އަދި ވަކި އެއްޗެއް ނާންގާ ކަމަށް ފުއާދު މިއަދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސް ރެޖިސްޓާ ކުރުމުގެ މަރުހަލާއަށް ނަޝާތުއާއި އާސިފް މެދުވެރިކޮށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ތުހުމަތު ކުރެއެވެ. އެޕާޓީގެ މުއައްސިސު ހަސަން ލަތީފު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޕާޓީ އުފެއްދުމަށް ކޮމިޝަނުގެ ތެރެއިން ހުރަސް އެޅުމުގެ ގޮތުން މީގެ ކުރިން ނުކުރާ އިތުރު ކަންތައްތަކެއް ދަނީ ކުރަމުންނެވެ.