އީވާގެ ވާހަކަތަކާއި ގުޅިގެން ފައްޔާޒްގެ ދައުވަތެއް ޖާބިރަަށް

ޒުވާނުން ތިބީ ޖާބިރުއާއެކު ކަން ފާހަގަ ކުރައްވާ ފައްޔާޒް ވަނީ އެމްޑީޕީއާ ގުޅުމުގެ ދައުވަތު ޖާބިރަށް ދެއްވާފައެވެ.

ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި މެންބަރު އަބްދުﷲ ޖާބިރް

އެމްޑީޕީ ނިމިއްޖެ ކަމަށާ ދެން އެ ޕާޓީގެ ޗެއާޕާސަން ކަން ކުރައްވާނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ދައުވަތު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، އަބްދުﷲ ޖާބިރަށް ދެއްވައިފި އެވެ.

އީވާގެ ވާހަކަތައް ފައްޔާޒް ސިފަ ކުރެއްވީ ހަސަބާއި ނަސަބުގެ ގޮތުން ގުޅުވާ ދެރަކޮށްލުމުގެ ގޮތުން ދެއްކެވި ވާހަކަތަކެއްގެ ގޮތުގައެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީއަކީ ހުޅުވާލެވިފައިވާ ޕާޓީއެއް ކަަމަށާ ކޮންމެ މީހަކަށް ވެސް ޕާޓީގެ އިސް މަގާމުތަކަށް އާދެވޭނެ ކަމަށެވެ. އެއީ އެ މީހާގެ ހަސަބާއި ނަސަބުގެ ގޮތުން ތަފާތު ކުރުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެ މީހަކު ނިސްބަތް ވި ރަށެއްގެ ސަބަބުން ނުވަތަ އާއިލާގެ ސަބަބުން ކުރިއަށް ދިއުމަށް ހުރަހެއް ނެތް ކަމަށެވެ.

ޒުވާނުން ތިބީ ޖާބިރުއާއެކު ކަން ފާހަގަ ކުރައްވާ ފައްޔާޒް ވަނީ އެމްޑީޕީއާ ގުޅުމުގެ ދައުވަތު ޖާބިރަށް ދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ ނަޝީދު ވަކިވެވަޑަައިގަތުމާއެކު ފެށުނީ އެމްޑީޕީގެ ނިމުން ކަަމަށެވެ. އެއީ ބަދަލު ނުކުރެވޭނެ ހަގީގަތް ކަމުގައި ވިދާޅުވެ އަންނަ އަހަރު މި ދުވަހުގައި އެމްޑީޕީ އޮންނާނެ ގޮތް ސިފަކޮށްދެއްވި އެވެ. އީވާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއާމަކަށް ދެން ހުންނަވާނީ ޖާބިރެވެ. ޑީއާރުޕީ ބައްލަވައިގެން ޖާބިރު އެމްޑީޕީ ބައްލަވައިގަންނަވާނެ ދުވަސް އޮތީ ދުރަކު ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ދެން އިނގޭ އަނެއް ހަގީގަތަކީ މިއީ އެމްޑީޕީގެ ނިމުން. މިއީ އެމްޑީޕީގެ ނިންމުން. އިއްޒަތްތެރި ރައީސް. އަޅުގަނޑަށް ހީވަނީ، އަޅުގަނޑަށް ލަފާ ކުރެވެނީ އަންނަ އަހަރު މިދުވަސްކޮޅު ބަލާލާއިރު އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައިހެން،"

އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައި ކަމަށް ވިދާޅުވެ އީވާ މިސާލު އެ ޖެއްސެވީ ރާއްޖޭގައި ދެވަނަ އަށް އުފެދުނު ޑީއާރުޕީ ކުޑަވެ ޖާބިރު ލީޑަރުކަން ކުރައްވަނިކޮށް އެ ޕާޓީ އުވިގެން ދިޔަ ގޮތަށް އެމްޑީޕީއަށް ކަންކަން ދިމާވާނެ ކަމަށް ސިފަ ކުރެއްވުމުގެ ގޮތުންނެވެ.

ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީއަކީ 2012 ވަނަ އަހަރާއި ހަމަަށް ވަރުގަދަ ސިޔާސީ ޕާޓީއެކެވެ. ނަމަވެސް މައުމޫނާއި އެމަނިކުފާނުގެ ވަފާތެރީން ނިކުންނަވާ ޕީޕީއެމް އުފެއްދެވުމުން އެ ޕާޓީގެ ވިދުން ކެނޑުނެވެ. މިވަގުތު އެމްޑީޕީގައި ތިއްބެވި އަހްމަދު ތަސްމީން އަލީ އާއި އޭނާގެ އަނބިކަނބަލުން ވިސާމް އަލީ އާއި މެންބަރު ރޮޒައިނާ އާދަމް އާއި އޭނާގެ ފިރިކަލުން މުހައްމަދު ނާޝިޒް އަދި މިނިސްޓަރު އަބްދުﷲ ޝާހިދު މެން ފަދަ ބޭފުޅުން ޑީއާރުޕީ ވަރުގަދަ ކުރެވޭތޯ ކުރެއްވި މަސައްކަތް ކާމިޔާބުނުވެ ޕާޓީ ދޫކޮށްލައްވާ އެމްޑީޕީއަށް ވަޑައިގަތީ އެވެ. އެ ފަހުން އެ ޕާޓީ ހިންގެވީ ކާނަލް މުހައްމަދު ނަޝީދެވެ. ފަހުން ޖާބިރު ވަނީ ޕާޓީ ބައްލަވައިގެންފައެވެ. ނަމަވެސް 3،000 މެންބަރުން ހަމަނުކުރެވި އެންމެ ފަހުން ޕާޓީ އުވުނީ އެވެ.

ޖާބިރު ފަހުން މަސައްކަތް ކުރެއްވީ "ގްރީން ޕާޓީ" ގެނަމުގައި ޕާޓީއެއް އުފައްދަވާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.