ރިލްވާނާއި ޔާމީންގެ މަރު: އަހަނދު ދޫކޮށްލައިފި

އަހަނދު ދޫކޮށްލިއިރު އެ ތިން މީހުން ވެސް ތިބީ މުޖުތަމައުއަށް ނުރައްކާތެރި ބައެއް ކަމަށް ކަނޑައަޅައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ އަހަނދު (ކ)، މުއާ (މ) އަދި އިސޫ (ވ)

ބްލޮގަރު ޔާމީން ރަޝީދުގެ މަރާއި ގެއްލުވާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ ތިން މީހުންގެ ތެރެއިން އަހުމަދު އިސްމާއިލް (ބުރު އަހަނދު) އިއްޔެ ޝަރުތުތަކެއް ކޮށްފައި ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

މަރު ކޮމިޝަނުން ތަހުގީގު ކުރި މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތިން މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އަހަނދުގެ އިތުރުން ދެން ދައުވާ ކޮށްފައި ވަނީ އިސްމާއީލް އަބްދުއްރަހީމް (އިސޫ) އަދި އަހުމަދު މުއާޒް (ގަޓް މުއާ) ގެ މައްޗަށެވެ.

އަހަނދު އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަރުތުތަކެއް ކޮށްފަ އެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ކޮން ޝަރުތުތަކެއް ކަމާއި ދޫކޮށްލި ސަބަބު ކޯޓުން ސާފެއް ނުކޮށްދެ އެވެ. ކްރިމިނަލް ކޯޓުގައި މި މައްސައިގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. 

އަހަނދު ދޫކޮށްލިއިރު އެ ތިން މީހުން ވެސް ތިބީ މުޖުތަމައުއަށް ނުރައްކާތެރި ބައެއް ކަމަށް ކަނޑައަޅައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

މި މައްސަލައިގައި އަހަނދުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އިސޫގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި މުއާޒް މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

ރިލްވާނާއި ޔާމީންގެ މަރު މައްސަލައިގެ ފަސްމަންޒަރު - ރިލްވާން ގެއްލުވައިލި މައްސަލައިގައި ދައުލަތުން މީގެ ކުރިން ގ. ހިލްޓަން، އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެ އެވެ. އެކަމަކު އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް އޮގަސްޓް 2، 2018 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެމީހުން ވަނީ ވީއްލި މިނިވަންވެފަ އެވެ.

ޔާމީންގެ މަރާލުމުގެ ކުށުގައި ދައުލަތުން ހަތް މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އެއީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް، އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް އުފުލި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާތައް ސާބިތުވެފައި ވަނީ މީގެ ތެރެއިން ހައިޝަމާއި ޒިހާންގެ މައްޗަށް އެކަންޏެވެ. އެމީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ޖެނުވަރީ 19، 2022 ގައެވެ.

ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ކަނޑައެޅި އިސްމާއީލް ރަޝީދާއި ދިފްރާންގެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު އަދި ހައިކޯޓުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެއް ނުވެ އެވެ. ދެން ތިބި މީހުންގެ މައްސަލަ އިސްތިއުނާފް ކުރެވޭ ވަރަށް ހެކި ނެތުމުން އެމީހުންގެ މައްސަލަ އިސްތިއުނާފް ނުކުރުމަށް ދައުލަތުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.