އެމްޑީޕީ ނިމިއްޖެ، އަންނަ އަހަރު އެ ޕާޓީ ލީޑުކުރާނީ ޖާބިރު

"މިއީ އެމްޑީޕީގެ ނިންމުން. އިއްޒަތްތެރި ރައީސް. އަޅުގަނޑަށް ހީވަނީ، އަޅުގަނޑަށް ލަފާ ކުރެވެނީ އަންނަ އަހަރު މިދުވަސްކޮޅު ބަލާލާއިރު އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައިހެން،"

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ: އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި

ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމަކީ އެ ޕާޓީގެ ނިމުން ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެމްޑީޕީ ބަލިކަށިވެގެން ދާނެ ގޮތް ސިފަކޮށް ދެއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވަނީ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެކަމަށް ވިދާޅުވާން ވީ މަރުހަބާ ކަމެއް ނުވަތަ ކުރައްވަންވީ ހިތާމަ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އީވާ ވަނީ ރައީސް ނަޝީދަށް ދެން އޮތީ މާފަގި ދުވަސްތަކެއް ކަން ޔަގީން ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށް އިއްޔެގާ ވިސްނުނު އެއްޗަކީ މަނިކުފާނު ދިވެހިރައްޔިތުންނައްޓަކައި ކުރައްވަން ހުރި މަސައްކަތްޕުޅުގައި ކޮށްދެއްވަން އޮތް ހިދުމަތް ހުއްޓިފައި ވަނީ ވަކި ސިޔާސީ ޕާޓީއަކާ ހަމައިގައިނޫން ކަން. އަޅުގަނޑަކަށް ކުޑަކޮށްވެސް ނޯޅޭ އިއްޔެއަކީ މަނިކުފާނަށް ހިތްދަތި ދުވަހެއްކަން. ނަމަވެސް އަޅުގަނޑަށް ލިބޭ ހިތްވަރަކީ މަނިކުފާނު ކުރައްވާ އޮތް މަސައްކަތްޕުޅަކީ ހަމައެކަނި އެމްޑީޕީއާ ހިސާބަށް ނިމިފައި އޮތް ކަމެއް ނޫންްކަން،"

އީވާ ވިދާޅުވީ ނަޝީދު ވަކިވެވަޑަައިގަތުމާއެކު ފެށުނީ އެމްޑީޕީގެ ނިމުން ކަަމަށެވެ. އެއީ ބަދަލު ނުކުރެވޭނެ ހަގީގަތް ކަމުގައި ވިދާޅުވެ އަންނަ އަހަރު މި ދުވަހުގައި އެމްޑީޕީ އޮންނާނެ ގޮތް ސިފަކޮށްދެއްވި އެވެ. އީވާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއާމަކަށް ދެން ހުންނަވާނީ ޖާބިރެވެ. ޑީއާރުޕީ ބައްލަވައިގެން ޖާބިރު އެމްޑީޕީ ބައްލަވައިގަންނަވާނެ ދުވަސް އޮތީ ދުރަކު ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ދެން އިނގޭ އަނެއް ހަގީގަތަކީ މިއީ އެމްޑީޕީގެ ނިމުން. މިއީ އެމްޑީޕީގެ ނިންމުން. އިއްޒަތްތެރި ރައީސް. އަޅުގަނޑަށް ހީވަނީ، އަޅުގަނޑަށް ލަފާ ކުރެވެނީ އަންނަ އަހަރު މިދުވަސްކޮޅު ބަލާލާއިރު އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައިހެން،"

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޖާބިރު ވާހަކަ ދައްކަވަނީ

އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައި ކަމަށް ވިދާޅުވެ އީވާ މިސާލު އެ ޖެއްސެވީ ރާއްޖޭގައި ދެވަނަ އަށް އުފެދުނު ޑީއާރުޕީ ކުޑަވެ ޖާބިރު ލީޑަރުކަން ކުރައްވަނިކޮށް އެ ޕާޓީ އުވިގެން ދިޔަ ގޮތަށް އެމްޑީޕީއަށް ކަންކަން ދިމާވާނެ ކަމަށް ސިފަ ކުރެއްވުމުގެ ގޮތުންނެވެ.

ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީއަކީ 2012 ވަނަ އަހަރާއި ހަމަަށް ވަރުގަދަ ސިޔާސީ ޕާޓީއެކެވެ. ނަމަވެސް މައުމޫނާއި އެމަނިކުފާނުގެ ވަފާތެރީން ނިކުންނަވާ ޕީޕީއެމް އުފެއްދެވުމުން އެ ޕާޓީގެ ވިދުން ކެނޑުނެވެ. މިވަގުތު އެމްޑީޕީގައި ތިއްބެވި އަހްމަދު ތަސްމީން އަލީ އާއި އޭނާގެ އަނބިކަނބަލުން ވިސާމް އަލީ އާއި މެންބަރު ރޮޒައިނާ އާދަމް އާއި އޭނާގެ ފިރިކަލުން މުހައްމަދު ނާޝިޒް އަދި މިނިސްޓަރު އަބްދުﷲ ޝާހިދު މެން ފަދަ ބޭފުޅުން ޑީއާރުޕީ ވަރުގަދަ ކުރެވޭތޯ ކުރެއްވި މަސައްކަތް ކާމިޔާބުނުވެ ޕާޓީ ދޫކޮށްލައްވާ އެމްޑީޕީއަށް ވަޑައިގަތީ އެވެ. އެ ފަހުން އެ ޕާޓީ ހިންގެވީ ކާނަލް މުހައްމަދު ނަޝީދެވެ. ފަހުން ޖާބިރު ވަނީ ޕާޓީ ބައްލަވައިގެންފައެވެ. ނަމަވެސް 3،000 މެންބަރުން ހަމަނުކުރެވި އެންމެ ފަހުން ޕާޓީ އުވުނީ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަޅުގަނޑަށް ހީވަނީ އިންނަވާނީ ފައިސާ ފޮއްޗާއެކު ސިންގަޕޫރުގައި ނުވަތަ ސްރީލަންކާގަ ހެން. ކޮޅުނބުގެ ކޮންމެވެސް ގެއެއްގައި އިންނަވާނީ. އެހެން މީހުން މަގުމަތިވާނީ

އީވާ އަބްދުﷲ | ގަލޮޅު އުތުރު ދާއިރާ

މިއަދުގެ ޖަލްސާގައި އީވާ ވަނީ ރައީސް ސޯލިހަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ ދެވަނަ ދައުރެެއްގެ ވާހަކަ ދެއްކެވުމުގެ ބޭނުމެއް ނެތް ކަމަށެވެ. ސަރުކާރާއި ދެކޮޅުވާ މެންބަރުން ދުވަހެއް ދުވަހަކަށް އިތުުރުވާނެ ކަމަށް ވިދާޅުވެ ދެވަނަ ބުރަކަށް ވެސް ރައީސް ސޯލިހަށް ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވި އެވެ.

އަދި މިހާރުވެސް ބާރުގައި ހުންނެވުމަށް ރައީސް ސޯލިހް ކުރައްވާހާ ވެސް ކަމަކީ ފައިސާގެ ނުފޫޒު ބޭނުން ކުރުން ކަމަށާ ނަމަވެސް ކުރިއަށް އޮތްތާ ފައިސާ ބަހަން ހަވާލުކުރާ ގާތް ބޭފުޅުން ވެސް ފައިސާތައް "ބައްކޮށް" ފިއްލަވާނެ ކަމަށެވެ. ރައީސް ސޯލިހް ފިއްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް ބަޗާނެ. މަގުމަތިވާނީ ފަހަތުން މި އުޅުއްވާ ބޭފުޅުން،"

އީވާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުންގެ އަމާޒު ވަރަށް ސާފު ކަމަށެވެ. އެ ގޮތުން އިއްތިހާދުވާން ޖެހުނު ބަޔަކާއެކު އިއްތިހާދުގެ މިވެރިކަން ނިންމާނެ ކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.