އަލީ ވަހީދުގެ މައްސަލަ ނެގުމަކީ ޖިންސީގޯނާ ކުރާ މީހުންނަަށް ދިން ހިތްވަރެއް: އެމްއާރްއެމް

މި މައްސަލަ ކުރިއަށް ނުގެންދެވުމަކީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ބޮޑެތި ކުށްތައް މަދުކޮށް ހުއްޓުވުމުގައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަަަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި މައްސަލައިގެ ތުހުމަތު ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ، އަނިޔާ ލިބުނު ފަރާތްތަކުން އެދެމުން ދާތީ ކުރިއަށް ނުގެންގޮސް ފައިލް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ފާޑުކިޔާ އެކަން ކުށްވެރި ކޮށްފި އެވެ. 

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒައީމްކަން ކުރައްވާ އެމްއާރްއެމް އިން ނެރުނު ބަޔާނެއްގަައި ބުނެފައި ވަނީ ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ އަނިޔާ ކުރުމާއި ގެވެށި އަނިޔާ ފަދަ ކުށުގެ މައްސަލަތައް ނުބެލި ޝަރީއަތުގެ މަރުހަލާ ދިގުލައިގެން ދިއުމަކީ އަނިޔާ ލިބޭ މީހުންނާއި ހެކިބަސް ދޭ މީހުންނަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވެ މާޔޫސްވެގެން މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމުގެ ހިތްވަރު އެލިގެންދާ ކަމެއް ކަމަަށެވެ. އެންމެ ފަހުން ގޮތްހުސްވެގެން މައްސަލަ އަނބުރާ ގެންދާކަން ފާހަގަކޮށް އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ޝަރީއަތުގެ މަރުހަލާ ދިގުދެމިގެން ދިއުމަކީ އިންސާފު ނުލިބުން ފަދަ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

އަނިޔާ އާއި ފުރައްސާރައިން ރައްޔިތުންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައި ދިނުމަށް ގާނޫނާއި ގަވާއިދުތައް ހެދިފައި ވީނަމަވެސް އެބާވަތުގެ އަމަލުތަކުގެ ޝިކާރައަށް ވާ މީހުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޝަރީއަތަށް ހުށަހެޅޭ ވަރަށް ހެއްކާއި ގަރީނާ ލިބެނީ މަދު ފަހަރަކު ކަމަށާ އަދި މަދު ފަހަރަކު ޝަރީއަތަށް ހުށަހެޅޭ މައްސަލަ ކުރިއަށް ނުގެންދެވި މައްސަލަ އަނބުރާ ގެންދާނަމަ ގާނޫނާއި ގަވާއިދުތައް ހެދުމަކީ އެއްވެސް މަގްސަދެއް ހާސިލުވާ ކަމެއް ކަމަކަށް ނުފެންނަ ކަމަަށްވެސް އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.

"މިފަދަ މައްސަލަތަކުގައި އާއްމުކޮށް ކަން ހިނގާ ގޮތަށް ބަލާއިރު ހެކިންނަށް ބިރުދެއްކުމުގެ ސަބަބުން ދައުވާ ކުރަން ބޭނުން ނުވެ މައްސަލަތައް އަނބުރާ ގެންގޮސްފައިވާކަން ފާހަގަވެއެވެ. މި މައްސަލާގައިވެސް އެގޮތައް ކަންހިނގާފައިވުން އެކަށީގެންވެއެވެ. އަދި މި މައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން އަނިޔާ ލިބުނު ވިކްޓިމްސް އަށް އިންސާފު ނުލިބުނުކަން ފާހަގަކޮށްލަމެވެ،"

އެމްއާރްއެމް އިން ބުނީ ދައުވާ އަނބުރާ ގެންގޮސް އަނިޔާ ލިބުނު ވިކްޓިމްސަށް އިންސާފު ލިބުމުގެ ފުރުސަތު ގެއްލިގެން ދިއުމަކީ އެ ޕާޓީއިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަަށެވެ. މި މައްސަލަ ކުރިއަށް ނުގެންދެވުމަކީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ބޮޑެތި ކުށްތައް މަދުކޮށް ހުއްޓުވުމުގައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަަަށެވެ. އަދި އެފަދަ އަމަލުތަކުގެ ވިކްޓިމުންނަށް ލިބޭ އިތުރު ނިކަމެތި ކަމަކާ އެފަދަ އަމަލުތައްކުރާ މީހުންނަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި ވެސް ދެކޭ ކަމަަށެވެ.

ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކީންނަށް ރައްކާތެރިކަން ލިބޭނެ ނިޒާމެއް ގާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުން އިންސާފު ލިބުމުގައި ހާއްސަކޮށް އަންހެނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ އިންސާފު ލިބުމަށްހުރި ހުރަސްތައް ނައްތާލުމަށް އެޅެން ހުރި ފިޔަވަޅުތައް ވީހާ އަވަހަކަށް އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށްވެސް އެ ޕާޓީން ވަނީ ގޮވާލާފަައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.