ގާސިމް، އަލީ ވަހީދަށް: "ފަށްފަށުން މަރުހަބާ"

އަލީ ވަހީދުގެ މައްސަލަަތައް ފައިލް ކުުރުމުން އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ގާސިމް ވަނީ މިރޭ ޓްވީޓެއް ކުރައްވާފައެވެ. ވިދާޅުވީ "އޮނަރަބަލް އަލީ ވަހީދަށް ފަށްފަށުން މަރުހަބާ" ދަންނަވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި މައްސަލައިގެ ތުހުމަތު ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ، އަނިޔާ ލިބުނު ފަރާތްތަކުން އެދެމުން ދާތީ ކުރިއަށް ނުގެންގޮސް ފައިލް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަލީ ވަހީދަށް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސެވެ. އޭނާ މަގާމު ގެއްލުނީ އަސާސީ ގަވާއިދަށް ގެނައި ބަދަލާއެކު އެ މަަގާމު އުވާލުމުންނެވެ.

އަލީ ވަހީދުގެ މައްސަލަަތައް ފައިލް ކުުރުމުން އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ގާސިމް ވަނީ މިރޭ ޓްވީޓެއް ކުރައްވާފައެވެ.

"އޮނަރަބަލް އަލީ ވަހީދަށް ފަށްފަށުން މަރުހަބާ،" ގާސިމްގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ޖިންސީ ގޯނާގެ ހަތް ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ނޮވެމްބަރު 18، 2020 ގައެވެ. އެކަމަކު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ވަނީ ރާއްޖެއިން ފިލާފަ އެވެ.

އޭނާ ރާއްޖެއިން ފުރުމުގެ ސަބަބުން ކޯޓަށް ހާޒިރު ނުކުރެވި މައްސަލަ މަޑުޖެހިފައި އޮތުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ކޯޓަށް ހާޒިރު ކުރެވޭ ގޮތް ވުމުން މައްސަލަ ހުށަހަޅަން އަނބުރާ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. ޕީޖީ އިން އޮތީ މައްސަލަ ފުލުހުންނަށް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ފުލުހުންނަށް އަނބުރާ ފޮނުވާލާފައި އޮތީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ވުމުން އަލުން ދައުވާ އުފުލަން އެ އޮފީހަށް ފޮނުވާ ގޮތަށް ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ފޮނުވާފައި ވަނިކޮށް އަނިޔާ ލިބުނު ފަރާތްތައް ޕީޖީ އޮފީހަށާއި ފުލުހުންނަށް އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ތަކުރާރުކޮށް ސިޓީ ފޮނުވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ހެކިބަސް ދޭން ތިބި މުހިންމު ފަރާތްތަކެއް ތަހުގީގަށް ދީފައިވާ ބަޔާންތައް އަނބުރާ ގެންދިއުމަށް އެދި ތަކުރާރުކޮށް ސިޓީ ފޮނުވަމުންދާ ކަމަށް ވެސް ބަޔާން ކޮށްފައި ވެއެވެ. 

"މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިން މި އޮފީހަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވަމުން ދިޔަ ސިޓީތަކާއި ގުޅިގެން މި އޮފީހުން ވާނީ އެ މީހުންނާ ބައްދަލުކޮށް، މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ދެކޭ ގޮތް ސާފު ކޮށްފަ އެވެ." ބަޔާނުގައިވެ އެވެ.

އެމީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާތީ އާއި އަދި ހެކިބަސް ދޭން ތިބި މީހުން ބަޔާންތައް އަނބުރާ ގެންދަން ބޭނުން ވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ. އެހެންވެ، އެ މައްސަލައަކީ އަނބުރާ ފޮނުވާލާފައިވާ މައްސަލައެއްގެ ގޮތުގައި މި މަހުގެ ހަވަނަ ދުވަހު ކަނޑައަޅާފައިވާ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

އަލީ ވަހީދުގެ މައްސަލަަތައް ފައިލް ކުުރުމުން އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ގާސިމް ޓްވީޓެއް ކުރެއްވިއިރު  ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއާ އަލީ ވަހީދުގެ އޯޑިއޯތަކެއް ލީކުވެ ވަރަށް ބޮޑަށް މައްސަލަ ގޯސްވި އެވެ.

އަލީ ވަހީދާއި ނަހުލާގެ މައްސަލަ -- އަލީ ވަހީދުގެ މައްޗަށް ތުހުމަތުތަކެއް ކުރެވި މަގާމުން ދުރުކުރި ދުވަސްވަރު އަލީ ވަހީދާއި، ޓްރާންސްޕޯޓް މިނިސްޓަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވާހަކަ ދައްކަވާ އޯޑިއޯތަކެއް އާންމުވެ އިތުރަށް އޭނާ ހޫނު ފެނަށް ވެއްޓުނެވެ.

އާންމުވި އޯޑިއޯތަކުގައި އަލީ ވަހީދު މިނިސްޓަރު ނަހުލާ ފޯނުން ގުޅުއްވާ "މިސް ވެގެން ހަމަ ގުޅީއޭ" ކަމަށް ވިދާޅުވާ އަޑު އިވެއެވެ. ޖަވާބުގައި ނަހުލާ ވަނީ "އެހެންތޯ، މިއަދު ކޮން ކޮޅަކުންތޯ އިރު އެރީ؟" އައްސަވާފައެވެ. އެއަށްފަހު ނަހުލާ ހުންނެވީ އޮފީހުގައިތޯ އަހަ އެވެ. އަދި ޓޫރިޒަމްގެ އޮފީހަށް ވަދެލިއްޔާ ކީއްތޯހޭ ވާނީ އަހަ އެވެ. އޭގެ ފަހުން ވެސް ނަހުލާއާ "ފްލާޓް" ކޮށްފައި ވާހަކަ ދައްކަ އެވެ. ނަހުލާ ފޯނު ކުރުކޮށްލައި ބޭއްވުމުން ކައިރީގައި ތިބި ރައްޓެހިންނާއެކު، ހަޑި ލަފުޒުތައް މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުން ވެސް ބޭނުން ކުރާ އަޑުއިވެއެވެ.

އަލީ ވަހީދާއި ނަހުލާގެ އޯޑިއޯތަކެއް ލީކުވި ފަހުން އެ މައްސަލާގައި އެ ދެ ބޭފުޅުން ވާހަކަ ދައްކަވާ އިތުރު އޯޑިއޯއެއްވެސް ލީކުކޮށްލިއެވެ.

އެ އޯޑިއޯގައި ނަހުލާ ވަނީ އަލީ ވަހީދު އަމަލު ކުރައްވާފައި ވަނީ ވަރަށް ހަޑިކޮށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަލީ ވަހީދު ވަނީ އޭނާ އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ނަހުލާ ވަރަށް ބޮޑަށް ހިތްޕުޅު ހަަމަޖެހިވަޑައި ނުގެން އަލީ ވަހީދާ ވާހަކަފުުޅު ދައްކަވާ އަދި ފަހުން ޒުވާބު ކުރާ އަޑު އިވެ އެވެ.

"... އަލީ ވަހީދު އިންވޯލްވާ ކަމެއްގައި އަލީ ވަހީދަށް ގުޅާފަ ދޯ އަޅުގަނޑު ދަންނަވާނީ.. ކަމޯން!" އަލީ ވަހީދަށް ގުޅުއްވާ އައީޝާ ވިދާޅުވާ އަޑު އިވެއެވެ. ނަމަވެސް ކުރިއެކޭ އެއްގޮތަށް އަލީ ވަހީދު ވަނީ އެއީ އޭނާ ކުރެއްވި ކަމެއް ނޫން ކަމަށާ އެއީ ސިޔާސީ ބަޔަކު ކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު މިއީ މީހުންނަށް ފޯންކޮށްގެން އަޑު ރެކޯޑް ކުރާ މީހެއް ނޫން!" އަލީ ވަހީދު ވިދާޅުވެ އެވެ.

އެހާ ހިސާބުން ދެ ބޭފުޅުންގެ ވާހަކަ ޒުވާބަކަށް ބަދަލުވެ ވަރަށް ބޮޑަށް ވާހަކަ ހޫނުވެ އެވެ. އަދި ފޯން ކޯލްތައް ރެކޯޑްކޮށްގެން ލީކް ކުރަނީ އެ ކަމަނާ ނޫން ކަމަށް މިނިސްޓަރު އައިޝާ ވެސް ވިދާޅުވެ އެވެ.

"... އަޅުގަނޑަކަށް ދެން ނޭނގެ، ބަޔަކު މި ލޯކް ވެސް ރެކޯޑް ނުކުރާނެ ކަމެއް! އަޅުގަނޑަށް އެނގޭ ކަމަކީ އަޅުގަނޑުމެން ދެ މީހުން މިކަމާ ވާހަކަ ދައްކަން ޖެހޭ ކަން،" އައިޝާ ވިދާޅުވެ އެވެ. އެހާ ހިސާބުން އަލީ ވަހީދު ވަނީ "އަޅުގަނޑަކީ އަޅުގަނޑާ އެއްކޮށް އުޅޭ މީހުންގެ ފޯންކޯލްތައް ރެކޯޑް ކޮށްގެން އެހާ ދަށު ދަރަޖާގައި އުޅޭ މީހެއް ނޫނޭ،" ވިދާޅުވެފަ އެވެ.

އޯޑިއޯ ޒުވާބުގައި އެހާ ހިސާބުން އައިޝާ މުޅިން އާ އެހެން ވާހަކައެއް ވެސް ވިދާޅުވެފައި ވެއެވެ. އެކަމަނާ ވިދާޅުވަނީ "ވީޑިއޯއެއް ވެސް އުޅޭ" ކަމަށެވެ.

"އަނެއްކާ ރައްޓެއްސެއްގެ ފަރާތުން އަޅުގަނޑަށް އެބަ އަޑުއިވޭ ވީޑިއޯއެއްގެ ވާހަކަ ވެސް. ލެޓްސް ސީ [ބަލަމާ ހިނގާ] އަނެއްކާ އިތުރަށް އަންނަނީ ކޮން އެއްޗެއްތޯ؟ އައި ހޯޕް [އަޅުގަނޑު އުންމީދު ކުރަން] ބޭކާރު އެއްޗެއް ނޯންނާނެ ކަމަށް!" ނަހުލާ ވިދާޅުވާ އަޑު އިވެ އެވެ.

ނަމަވެސް އަލީ ވަހީދު ތަކުރާރުކޮށް ގެންދެވީ "އަޅުގަނޑަކީ ތިޔަ ފާޑަށް އުޅޭ މީހެއް" ނޫން ކަމަށް ވިދާޅުވަމުންނެވެ.

އެހިސާބުން އައިޝާ ވިދާޅުވެ އެވެ: "އަޅުގަނޑު ދެން ބާއްވާނަން... އެކަމަކު އަޅުގަނޑު ބުނަން ބޭނުންވާ ވާހަކަ އަދިވެސް އެބަހުރި، އެކަމަކު އަޅުގަނޑަކަށް ނޭނގޭ މި ފޯން ރެކޯޑް ކުރާނެ ކަމެއް [ވެސް] ނުކުރާނެ ކަމެއް. އެހެންވީމަ އިތުރަކަށް ވާހަކައެއް ނުދައްކާނަން!"

އެ މައްސަލާގައި ގާސިމް ފިޔަވަޅެއް ނާޅުއްވާ ފަހަތަށް ޖެހިވަޑައިގަތުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އަލީ ވަހީދު މަގާމުން ދުރުކުރަން ކައުންސިލަށް ހުށައެޅި މައްސަލަ އެޖެންޑާ ކުރިޔަނުދީ ހިފެހެއްޓެވީވެސް ގާސިމެވެ. ގިނަ ބަޔަކު ދެކޭ ގޮތުން ގާސިމަށް ފިޔަވަޅު އަޅަން ކެރިވަޑައިނުގަތީ ދެން އަލި ވަހީދު ހައްދަވާފާނެ ގޮތަކުން ވަރަށް ބޮޑު ކަމެއް ދިމާވެދާނެތީ އެކަމުގެ ބިރަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.