އިންޑިއާގައި އައިވީއެފް ހަދަން ދިވެހި ރުފިޔާގެ 70،000 ވަރު ހަރަދުވޭ. ރާއްޖޭގައި މި ހިދުމަތް ދެނީ 46،000ރ. އަށް
ދަރިމައިވުމުގެ މައްސައަށް ދޭ ޒަމާނީ ފަރުވާ އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ހަދަން ފެށުމަކީ ސިއްހީ ގޮތުން ރާއްޖެ ހޯދި ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ކުރިއަރުމާއެކު އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ބަޔަކީ އަވަށްޓެރި އިންޑިއާގެ ހޮސްޕިޓަލްތަކެވެ.
އޭގެ ނަތީޖާއަކީ އިންޑިއާގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދޭ ޒަމާނީ މި ފަރުވާގެ މައުލޫމާތު ދިވެހި ބަހުން ގެނެސްދޭން ފެށުމެވެ.
އިންޑިއާގެ އެންމެ މަޝްހޫރު ހޮސްޕިޓަލުގައި ދޭ މި މައުލޫމާތު ހިމެނޭ ގޮތަށް ދިވެހިބަހުން މިހާރު ވަނީ ސޯޝަލް މީޑިއާގައި ދިވެހި މާކެޓަށް ހާއްސަކޮށް މައުލޫމާތު ފަތުރަން ފަށާފަ އެވެ. މި މައުލޫމާތު ފަތުރާ ކޮންޓެންޓުގައި ވީޑިއޯ އާއި ދިވެހިންގެ އިންޓަވިއު އަދި ދިވެހިބަހުން އެ ހޮސްޕިޓަލުގެ ހިދުމަތްތައް ގެނެސް ދީފައިވެ އެވެ. އެ މައުލޫމާތުތަކުގައި ހޮސްޕިޓަލުން ދޭ އައިވީއެފް ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ބުނެފައިވެ އެވެ. -- މިއީ އިންޑިއާ ހޮސްޕިޓަލުތަކުން ކުރީން ކަންކުރާ ގޮތެއް ނޫނެވެ.
ދިވެހިންގެ ގިނަ ބަޔަކު މި ފަރުވާ ހޯދަން ދަނީ އިންޑިއާގެ ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކަށެވެ. މިއީ އާސަންދައިން އެހީދޭ ބައްޔަކަށް ނުވާތީ އެކަމަށް ދިވެހިން ބޮޑު ހޭދައެއް ކުރެ އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގެ ބޮޑު މި ފިޔަވަޅުނަގައި އައިވީއެފް ހަދަން ފެށީ މަޝްހޫރު ޓޫރިޒަމް ކުންފުނި ޗަމްޕާ ބްރަދާސް އިން ހިންގާ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. މި ހޮސްޕިޓަލުގައި ފާޓިލިޓީ ސެންޓަރެއް ހަދައި އެ މަސައްކަތް ފެށީ މިދިޔަ މަހު އެވެ. މި ހިދުމަތް ގާއިމްކޮށްފައިވަނީ މިލިއަނެއްހާ ޑޮލަރުގެ އިންވެސްޓްމަންޓެއް އެ ހޮސްޕިޓަލުގައި ކޮށްގެންނެވެ.
މި ފަރުވާ އަށް ޓްރީޓޮޕުން ނަގަނީ 46،000ރ. އެވެ. ގުދުރަތީ ގޮތުން ދަރިން ނުލިބުން ނުވަތަ އިންފާޓިލިޓީ މި މައްސަލައަށް ހަދާ އައިވީއެފުގެ ކާމިޔާބުގެ ޕަސެންޓޭޖް މަތިކަމަށް ސިއްހީ މާހިރުން ބުނެފައިވެ އެވެ. މި ފަރުވާއަށް ދިވެހިން އާއްމުކޮށް ދަނީ ސްރީލަންކާ އާއި އިންޑިއާގެ ހޮސްޕިޓަލް ތަކަށެވެ. އަދި ބައެއް ތަނަވަސް މީހުން އެހެން ގައުމުތަކުންވެސް މި ފަރުވާ ހޯދަ އެވެ. މި ފަރުވާ އަށް އެކަނި އެންމެ ބުރަކަށް އިންޑިއާގެ ހޮސްޕިޓަލްތަކުން 70،000ރ. ވަރު ބޮޑު އަދަދެއް ހަރަދު ކުރަން ޖެހެ އެވެ. މީގެ އިތުރުން ކެއުމާއި ހުރުމަށް ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ.
ސަރުކާރުން ދަނީ މި މައްސަލަ އަށް ގައުމީ ފެންވަރުގައި އަޅާލައި ޕްރޮގްރާމެއް ފަށަން ނިންމާފަ އެވެ. އެކަން އިއުލާނުކޮށްދެއްވީ ޓްރީޓޮޕުގައި މި ހިދުމަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
ވަރަށްމއުފާވެރި ހަބަރެއް ތީ މިކަން ވެސް ހިދުމަތަކަށް ވުރެ ލާލި ހޯދަން ކުރާ ކަމަކަށް ނުހެދުން އެއި ވަރަށް ބޮޑު އާދޭހެއް