ފުއްގިރި މުއާމަލާތުގައި ބޮންޑެ ބައިވެރިވި: އަދީބު

ބޮންޑެ އަކީ އިންވެސްޓަރު ގެނެސްދިން ފަރާތެކެވެ. އޭނާ އެ ބައްދަލުވުމުގައި ބައިވެރިވީ ކްލެސިކް ސިޓީ ހޯލްޑިންގްސްގެ ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ކަމަށް އަދީބު ވިދާޅުވި އެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނުފޫޒުގަދަ ވިޔަފާރިވެރިންގެ ހިއްސާ އޮންނަ ދުބާއީގެ ކްލެސިކް ސިޓީ ހޯލްޑިންގްސް ކިޔާ ކުންފުންޏަކަށް ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

މި މައްސަލައިގައި މިއަދު ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ އިންޑިއާގެ ވަރުގަދަ ކުންފުންޏަކަށް ފުއްގިރި ދޫކުރަން ރަގަޅުވާނެ ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ. ޔާމީންގެ އެ އިރުޝާދާ އެއްގޮތަށް އެ ކުންފުންޏާ ބައްދަލުކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ބޮންޑޭ އާއި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ އެމްޑީއޭއަށް ނިސްބަތްވާ ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފުގެ އިތުރުން އެ ޕާޓީއަށް ނިސްބަތްވާ އަހުމަދު ސާލިމް ކިޔާ މީހަކު ބައިވެރިވި ކަމަށް އަދީބު ވިދާޅުވި އެވެ.

ބޮންޑެ އަކީ އިންވެސްޓަރު ގެނެސްދިން ފަރާތެކެވެ. އޭނާ އެ ބައްދަލުވުމުގައި ބައިވެރިވީ ކްލެސިކް ސިޓީ ހޯލްޑިންގްސްގެ ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ކަމަށް އަދީބު ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި އެ ރަށް 2.5 މިލިއަން ޑޮލަރަށް ދޫކުރަން އެއްބަސްވެވުނު ކަމަށް އަދީބު ވިދާޅުވި އެވެ.

އެކަމަކު އެ އަގު ހަތަރު ލައްކަ ޑޮލަރަށް ކުޑަކޮށްދޭން ޔާމީން އެދިވަޑައިގެން ކްރިކް ރިޒާ އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ހުށަހެޅި ކަމަށާއި އެކަމަކު އެ އަގު ކުޑަކަމުން ޔާމީނާ މަޝްވަރާ ކުރުމަށްފަހު 1.55 މިލިއަން ރުފިޔާއަށް ރަށް ކުއްޔަށް ދޭން އެއްބަސްވެފައިވާ ކަމަށެވެ.

އަދީބު އެހެން ބުންޏަސް، ފުއްގިރީގެ އެއްވެސް މުއާމަލާތެއްގައި ބޮންޑެ ބައިވެރިވެފައި ނުވާ ކަމަށް ޒިޔަތު ވަނީ މިއަދު ހެކިބަސް ދެއްވަމުން ވިދާޅުވެފަ އެވެ. ދިފާއުން ތަކުރާރުކޮށް އެހުމުން ވެސް އެ ނަން ކިޔާ މީހަކާ ބައްދަލުކޮށްފައި ނުވާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.