ރާއްޖެ ސޭޝެލްސްގެ ސީދާ ދަތުރުތައް ފަށައި، ވިޔަފާރި ފުޅާ ކުރަނީ

ރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1980 ވަނަ އަހަރުއެވެ. މިއީ އެ ގައުމުގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރާއްޖެއާ ސޭޝެލްސްއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ތެރެއިން

ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މުހިއްމު ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިއްޔެ ރާއްޖެ ވަޑައިގެންނެވި ރަމްކަލަވަންގެ ދަތުރުފުޅުގެ ރަސްމީ ބައި ކުރިއަށް ގެންދަނީ މިއަދުއެވެ. އެ ގޮތުން، މިއަދު ވަނީ ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސް، ހަތަރު ދާއިރާއަކުން އެއްބަސްވުންތައް އެކުލަވާލާފައެވެ. އެ ދާއިރާ ތަކަކީ؛

  • 1.ދެގައުމުގެ ދެމެދުގައި ކުރު މުއްދަތުގެ ވިސާ މާފުކޮށްދިނުމުގެ އެއްބަސްވުން
  • 2.އެއާ ސާވިސަސްއާ ގުޅޭ އެއްބަސްވުން
  • 3.ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް އަދި ކަނޑުގެ ސަލާމަތާ ރައްކާތެރިކަމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުން
  • 4.ޒުވާނުން ކުރިއެރުވުމާއި ވޮކޭޝަނަލް ތަމްރީނުގައި އެއްބާރުލުން ދިނުމަށް އެއްބަސްވުން

މި އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ފަހު ދެ ގައުމުގެ ރައީސުން ދެއްވި ގުޅިފައިވާ ބަޔާނުގައި ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ  މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވި ކަމަށެވެ.

"އިގްތިސާދާއި، ވިޔަފާރީގެ ދާއިރާއިން، ދެ ގައުމުގެ ދެމެދުގައި ކުރާ މުއާމަލާތްތައް އިތުރު ކުރުމަށް ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށް އަޅުގަނޑުމެން ވާނީ އެއްބަސްވެފައި." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ސޭޝެލްސްއަކީ، ރާއްޖެއާ ގިނަ އެއްގޮތް ކަންތައްތަކެއް ހުރި ގައުމެއްކަން ފާހަގަކުރައްވާ، ދެގައުމަށް ވެސް ކުރިމަތިވެފައިވަނީ ދާދި އެއްކަހަލަ މައްސަލަތަކެއްކަން ވެސް ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންގެ އިގްތިސާދުތަކަށް ކަނޑުރޯދިން ބޮޑެތި މަންފާތަކެއް ލިބޭއިރު، އަޅުގަނޑުމެންގެ ސުލްހައާ ސަލާމަތްތެރިކަން ގުޅިފައިވަނީ އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާ. އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ކަމުގައިވާ މޫސުމީ ބަދަލުތަކާއި އެކަމުން ކުރާ ނޭދެވޭ އަސަރުތައް ވެސް ގުޅިފައިވަނީ އަޅުގަނޑުމެންގެ ގައުމުތައް ވަށާލާފައިވާ ބިޔަ ކަނޑުގެ އޮއެވަރަށާއި ދިޔަވަރަށް" އެ މަނިކުފާނު ވިދާޅުވިއެވެ.

ދެގައުމުގެ ރައީސުން ގުޅިފައިވާ ބަޔާން ދެއްވަނީ

ދެ ގައުމަށް ކުރިމަތިވެފައިވާ މި ފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ސޭޝްލްސްގެ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެއިން ބޭނުންވާ އެކި ކަންކަމުގައި އެހީތެރިވުމަށް އެ ގައުމުން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށެވެ. އަދި މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ މުހިއްމު ކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ.

"މި ދަތުރުގެ މިހާތަނަށް ވެސް މިއީ ކާމިޔާބެއް. އަޅުގަނޑުމެންނަށް ދައްކައިދެވިއްޖެ މިއީ ދުނިޔޭގައި ހިނގާ ކަންކަމާމެދު ކަންބޮޑުވާ ޖަޒީރާ ދެ ގައުމުކަން. އަދި އަޅުގަނޑުމެން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިވާ ތަން ދެކެން ބޭނުންވާކަން" އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1980 ވަނަ އަހަރުއެވެ. މިއީ އެ ގައުމުގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.