އަބްދުﷲ ޖަމީލް ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

އެމަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު އަސްރު ނަމާދަށް ފަހުގައި އިސްލާމީ މަރުކަޒުގައެވެ. އަލްމަރްހޫމް އަބްދުﷲ ޖަމީލު ފަސްދާނުލެވުނީ ގަލޮޅު ސަހަރާގައެވެ.

ކުރީގެ ވަޒީރު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ އަބްދުﷲ ޖަމީލް ރަސްމީ އިއްޒަތުގައި ފަސްދާނުލުން

ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތްތަކެއް ކުރައްވައިފައިވާ ކުރީގެ ވަޒީރު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ އަބްދުﷲ ޖަމީލް ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި އެވެ.

އެމަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު އަސްރު ނަމާދަށް ފަހުގައި މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އަޢުޡަމްގައެވެ.

އަލްމަރްހޫމް އަބްދުﷲ ޖަމީލު ފަސްދާނުލެވުނީ ގަލޮޅު ސަހަރާގައެވެ. އެމަނިކުފާނުގެ ސަންދޯއްޕުޅު ގަލޮޅު ސަހަރާއަށް ގެންދެވުމާއެކު  ސަންދޯއްޕުޅު މަތީގައިވާ ދިދަ ފަތްޖެހުމަށްފަހު، އެ ދިދަ އެމަނިކުފާނުގެ ދަރިކަލުން މައުރޫފް ޖަމީލުގެ އަތްޕުޅަށް ބެއާރާ ޕާޓީގެ ކޮމާންޑާ އެރުވި އެވެ.

އަލްމަރްޙޫމް އަބްދުﷲ ޖަމީލުގެ ޖަނާޒާގައި އެމަނިކުފާނުގެ އާއިލާގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބުދުﷲ ޝަމާލްގެ އިިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އޮފީސްތަކުގެ އެކި ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކުރީގެ ވަޒީރު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ އަބްދުﷲ ޖަމީލް ރަސްމީ އިއްޒަތުގައި ފަސްދާނުލުން

ޖަމީލް އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ. އޭނާ އަވަހާރަވުމާ ގުޅިގެން އަންނަ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީދިދަ ބައިދަނޑިއަށް ތިރި ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ އެވެ. 

ޖަމީލްގެ ގައުމީ ހިދުމަތް -- ޖަމީލު، 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ގައުމަށް ހިދުމަތްތަކެއް ކުރެއްވި އެވެ. ސަރުކާރުގެ ހިދުމަތް އެ ޖަމީލް އެންމެ ފުރަތަމަ ފެއްޓެވީ މޭ 6، 1953 ގައި ވުޒާރަތުލް މުއާސަލާތުގެ އޮބްޒާވަރެއްގެ ވަޒީފާއިންނެވެ.

ދޮޅު އަހަރެއްހާ ދުވަހު އެ ވަޒީފާގައި ޚިދުމަތް ކުރެއްވުމަށްފަހު، ދެން ބަދަލުވެވަޑައިގަތީ، ވުޒާރަތުލް މާލިއްޔާގެ ކާތިބެއްގެ ވަޒީފާއަށެވެ. އޭގެފަހުން ސަރުކާރުގެ އެކި އިދާރާތަކުގެ ތަފާތު މަގާމުތައް ފުރުއްވިއެވެ.

ޖަމީލް ފުރުއްވި މަގާމުތަކުގެ ތެރޭގައި، ވަޒީރުލްއައުޒމްގެ އޮފީހުގެ ސެކްރެޓެރީ ކަމާއި، ހިންގާ ސެކްރެޓެރީ ކަމާއި، ވުޒާރަތުއް ދާހިލިއްޔާގެ ސެކްރެޓެރީ ކަމާއި، ހިންގާ ސެކްރެޓެރީ ކަމާއި، ކޮޔާ އެންޑް ކަވަރީޒް އެޑްވައިޒަރީ ބޯޑުގެ ހއ. މެންބަރު ކަމާއި، އެ ބޯޑުގެ ތ. އަތޮޅު މެންބަރު ކަމާއި، ސިނަމާ ކުންފުނީގެ ވިޔަފާރީގެ މެނޭޖަރު ކަމާއި، ގައުމީ ކުންފުނީގެ ވިޔަފާރި މެނޭޖަރު ކަމާއި، ޤައުމީ ކުންފުނީގެ 1 ނަންބަރު މަސް ފިހާރައިގެ މެނޭޖަރުކަން ހިމެނެ އެވެ.

އަބްދުﷲ ޖަމީލަކީ، ރައީސް އިބްރާހީމް ނާސިރުގެ ރައީސްކަމުގެ ދައުރުގައި ވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. 11 ނޮވެންބަރު 1968 ގައި ރައީސް އިބްރާހީމް ނާސިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޢަބްދުﷲ ޖަމީލް ހަމަޖެއްސެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހާއްސަ ވަކީލު ކަމުގެ މަގާމަށެވެ. އެއީ، 13 ނޮވެންބަރު 1968 ގައެވެ.

އޭގެފަހުން، އެ މިނިސްޓްރީގެ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލު ކަމުގެ މަގާމާއި، އޯޑިޓް އޮފީހުގެ ވެރިޔާ ކަމުގެ މަގާމާއި، ޕަބްލިކް މެއިންޓެނަންސް ޑިވިޒަން (ހ) ގެ ވަކީލު ކަމުގެ މަގާމާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޒަންގެ ވަކީލު ކަމުގެ މަގާމާއި، ޝިޕިން ޑިޕާޓްމަންޓްގެ ވަކީލު ކަމުގެ މަގާމު ވެސް ފުރުއްވައިފައި ވެއެވެ.

އަބްދުﷲ ޖަމީލް

11 ނޮވެންބަރު 1978 ގައި ރައީސް މައުމޫން ޢަބްދުލްގައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓެރީ ކަމުގެ މަގާމަށެވެ. އޭގެ ފަހުން 16 ޑިސެމްބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓެރީ ކަމުގެ މަގާމަށް އެމަނިކުފާނު ބަދަލު ކުރެއްވިއެވެ. އަދި 11 ނޮވެންބަރު 1982 ގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒް ކަމުގެ މަގާމަށް އެ މަނިކުފާނު އައްޔަން ކުރެއްވި އެވެ.

11 ނޮވެންބަރު 1983 ގައި ރައީސް މައުމޫން، ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ހުވާކުރެއްވުމަށްފަހު، އެ މަނިކުފާނުގެ ކެބިނެޓްގައި އަބްދުﷲ ޖަމީލް ހިމެނުއްވި އެވެ. ޢަބްދުﷲ ޖަމީލް އައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ހެލްތުގެ މަގާމަށެވެ. އޭގެ ފަހުން ރައީސް މައުމޫންގެ ރިޔާސީ ތިންވަނަ ދައުރުގެ ކެބިނެޓް އެކުލަވައިލެއްވިއިރު، ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރު ކަމުގެ މަގާމަށެވެ. އޭގެފަހުން މިނިސްޓާ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ކަމުގެ މަގާމާއި، މިނިސްޓާ އޮފް ޓޫރިޒަމް ކަމުގެ މަގާމާއި، މިނިސްޓާ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމާއި، އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ހައުސިން ކަމުގެ މަގާމު އެ މަނިކުފާނު ފުރުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެއޮފީހުގެ މިނިސްޓަރު ކަމުގެ މަގާމާއި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުވެސް އެ މަނިކުފާނު ފުރުއްވައިފައި ވެއެވެ. ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމުގެ މަގާމާއި، މާފަންނު އަވަށު އޮފީހުގެ ވެރިޔާކަން ވެސް ކުރައްވައިފައި ވެއެވެ.

އަބްދުﷲ ޖަމީލަކީ، ރައްޔިތުންގެ މަޖިލީހުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން، 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައި ވެއެވެ. އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން، 14 އަހަރަށްވުރެ ގިނަދުވަހު އެ މަނިކުފާނު ވަނީ ކުރައްވައިފަ އެވެ.

ޖަމީލަށް ވަނީ މިނިވަން 25 ގެ އާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ. ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައި ވަނީ 10 ނޮވެންބަރު 2008 ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.