ނަޝީދު ވަކިކުރަން ރައީސްގެ ތާއީދު އެބައޮތް

ޕާލިމަންޓަރީ ގުރޫޕްގެ ނިންމުންތަަކަކީ ރައީސް ސޯލިހާއެކު ކުރެވޭ މަޝްވަރާތަކަށް ފަހު ނިންމާ ނިންމުން ތަކެއް ކަމަށް ވިދާޅުވެ ނަޝީދު މަގާމުން ދުރުކުރުމަށް ރައީސް ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދު: މަޖިލީހުގެ ރިޔާސަތުން ނަޝީދު ދުރުކުރަން ރައީސްގެ ތާއީދު އެބައޮތް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ / އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވާ ކަން ސަރުކާރުން ހާމަކޮށްފި އެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ 54 މެންބަރުންގެ ސޮޔާއެކު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. ގަރާރުގައި އެމްޑީޕީގެ 56 މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ނޫނީ ހުރިހާ މެންބަރުން ސޮއި ކުރެއްވި އެވެ. އަދި އެ ޕާޓީއަށް ނިސްބަތް ނުވާ ހަތަރު މެންބަރަކުވެސް ސޮއި ކުރެއްވި އެވެ.

ނަޝީދު މަގާމުން ދުރުކުރުމާއި ގުޅޭގޮތުން ސުވާލު ކުރުމުން، ރައީސް އޮފީހުގައި އޮތް ހަފްތާ ނޫސްވެރީންގެ ބައްދަލްވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕުން ރައީސް ސޯލިހާއި މަޝްވަރާ ކުރައްވާ ކަމަށެވެ. އަދި ޕާލިމަންޓަރީ ގުރޫޕްގެ ނިންމުންތަަކަކީ ރައީސް ސޯލިހާއެކު ކުރެވޭ މަޝްވަރާތަކަށް ފަހު ނިންމާ ނިންމުން ތަކެއް ކަމަށް ވިދާޅުވެ ނަޝީދު މަގާމުން ދުރުކުރުމަށް ރައީސް ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ޕާލިމެންޓަރީ ގްރޫޕުގެ މެޖޯރިޓީއާ އެއްކޮށް ރައީސް ވެސް ވަޑައިގަންނަވާނީ،" މިއުވާން ވިދާޅުވި އެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލާގައި ވަރަށް ގިނަ ކަންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަޖިލީސް ހިންގަވާ ގޮތާމެދު ސުވާލު އުފައްދަވާފައިވެއެވެ. ނަޝީދު، މަޖިލީސް ކުރިއަށް ގެންދަވަނީ އުސޫލުން ބޭރުން ވަކި ފަރާތަކަށް ޖެހިގެން ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ. އަދި މަޖިލީހުގެ ޖަލްސާތައް ފެއްޓެވުމަށް ފަހު ވަކި ސަބަބެއް ހާމަ ނުކުރައްވާ ރިޔާސަތު ދޫކުރައްވާ ވަޑައިގަތުމާއި އެކި މައްސަލަތަކުގައި ނަޝީދު އަމަލު ކުރައްވާފައިވާ ގޮތާމެދު ސުވާލު އުފައްދަވާފައިވެއެވެ.

ހާއްސަކޮށް މަޖިލީހުގައި މިހާރު އޮތް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ މައްސަލާގައި އަމަލު ކޮށްފައިވާ ގޮތް ފާހަަގަ ކޮށްފައި ވެއެވެ.

އެފަދަ އެތައް މައްސަލަތަކާ ގުޅިގެން ނަޝީދުގެ މައްޗަށް އޮތް އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް ގަރާރުގައި ވެއެވެ. 

މި ދައުރުގައި ނަޝީދު ވަކިނުކުރެވިދާނެ - ރައީސް ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށައެޅި ނަމަވެސް މި ދައުރުގައި އެ މައްސަލަ އެޖެންޑާކޮށް ނަޝީދު މަގާމުން ވަކިކުރެވިދާނެ ކަމާމެދު ސުވާލު އުފެދެއެވެ. އެއީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް މިވަގުުތު އުވިފައިވާތީ އެވެ.

ދާއިމީ ކޮމެޓީތައް އުވުނީ އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީން ވަކިވުމާއި ގުޅިގެންނެވެ. މަޖިލީހުގެ ކޮމެޓީތައް އެކުލަވާލުމުގައި ޕާޓީތަކަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އިތުބާރު ނެތް މައްސަލަ އެއް ކުރިއަށް ގެންދިއުމަށް މައްސަލައިގެ ބަހުސް ތަޅުމުގައި ކުރިއަށް ގެންދާނެ ގޮތެއް އާންމު ކޮމެޓީން ކަނޑައަޅަން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި: މަގާމުން ވަކިކުރަން މައްސަލަ ވަނީ ހުށައަޅާފައި

މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު މެންބަރު އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ އޮތީ މަޖިލީހަށް ވައްދާފަ އެވެ. އެކަމަނާއަށް ނޯޓިސް ފޮނުވައި މައްސަލަ އެޖެންޑާ ކުރާނެ ތާރީހު ވެސް ވަނީ ކަނޑައަޅާފައެވެ. އެއީ މި މަހުގެ 11 ވަނަ ދުވަހެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަން ވަނީ ޔަގީން ކުރެވިފައެވެ.

މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އެކުއެކީ މަގާމުން ވަކިކުރުމަކީވެސް އުނދަގޫ ކަމެކެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށައެޅިއްޖެނަމަ އެ މައްސަލަ ކުރިއަށް ގެންދަވާނީ މަޖިލީހުގެ ނައިބު ރައީސް ރިޔާސަތުގައި އިންނަވައިގެންނެވެ. ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ނަމަ މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެންނެވެ. 

ރިޔާސަތު ދޫކޮށްލައްވަން ނަޝީދު ތައްޔާރު! މަގާމުން ވަކިކުރައްވާނެ ކަން ޔަގީން ވެވަޑައިގަތުމުން މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި ބަހުސް ކުރައްވަން "ކެތްމަދުވެފައި" ވާ ކަމަށް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ދެއްކެވި ވާހަކައަށްފަހު ނަޝީދު ވަނީ ވަރަށް ކުރުކޮށް އެމަނިކުފާނު ރިޔާސަތުން ވަކިކުރަން ކުރާ މަސައްކަތަށް ރައްދު ދެއްވާފަ އެވެ.

"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގަ މި އިންނަނީ. އުއްމީދު ކުރެވެނީ [މައްޗަންގޮޅި] މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް," ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމުގެ ކުރިން ހަސަން ދެއްކެވީ އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" ގެ ސިޔާސަތުތަކާ ގުޅޭ ވާހަކަތަކެކެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.