ނާޒިމްގެ މެނިފެސްޓޯ: އުފަންވާ ކޮންމެ ކުއްޖަކަށް 5000 ރުފިޔާ، ފެނާ ކަރަންޓް ބިލުން ބޮޑު ބައެއް ހިލޭ

މީގެ އިތުރުން ކުލި ދެއްކުމުގައި ދަތިވާ ފަރާތްތަކަށް ރެންޓް ސަޕޯޓް ދިނުމާއި ޕްރީ ސްކޫލުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސް ކޮށް ދިނުމާއި ބަސް ދަތުރު ހިލޭ ކުރުން ހިމެެނެއެވެ.

ނާޒިމްގެ މެނިފެސްޓޯ އިއުލާނު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރިޔާސީ މެނިފެސްޓޯ މިރޭ ލޯންޗު ކޮށްފި އެވެ. "ނާޒިމް 2023" ނަމުގައި ރިޔާސީ މެނިފެސްޓޯ ލޯންޗު ކޮށްދެއްވީ މިރޭ "މީރުމާ ހޮޓެލް" ގައި އޮތް ހާއްސަ އިވެންޓެއްގައި ނާޒިމް އެވެ.

ނާޒިމްގެ މެނިފެސްޓޯ އެކުލަވާލާފައި ވަނީ މައިގަނޑު ނުވަ ބަޔަކަށެވެ. އެއީ "އުފާވެރި ޒުވާނާ" ، "ބާއްޖަވެރި އާއިލާ" ، "ފަންނީ ޖީލެއް" ، "ބަދަހި އިގްތިސާދު" ، "ސަލާމަތްތެރިކަން ކަށަވަރު" ، "އަދުލް އިންސާފު" ، "ނަޒާހަތްތެރި ވެރިކަން" ، "އަހަރެންގެ ދިވެހިރާއްޖެ" މި ނުވަ ބައެވެ.

މި ދާއިރާތަކުން ނާޒިމްގެ ވެރިކަމެއްގައި ކޮށްދެއްވާނެ މުހިންމު ކަންކަން ވަނީ މިރޭ ހާމަ ކުރައްވާފައެވެ. އެ ގޮތުން "މިނިސްޓްރީ އޮފް ހެޕިނަސް" ނަމުގައި މިނިސްޓްރީއެއް އުފެއްދުމާއި އާބާދީ އިތުރު ކުރުމަށް ހިތްވަރު ދީ އުފަންވާ ކޮންމެ ކުއްޖަކަށް 5،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ކުލި ދެއްކުމުގައި ދަތިވާ ފަރާތްތަކަށް ރެންޓް ސަޕޯޓް ދިނުމާއި ހިޔާގެ ފްލެޓްތަކުގެ ކުލި 4،000 ރުފިޔާއަށް ކުޑަކުރުމާއި ފެނާއި ކަރަންޓް ބިލުން ބޮޑު ބައެއް ހިލޭވުން ހިމަނާފައިވެއެވެ. އަދި ޕްރީ ސްކޫލުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސް ކޮށް ދިނުމާއި ގޭބީސީތަކުގައި އުފެދޭ ކުނި ހިލޭ އުކާލަ ދިނުމާއި އެންމެ މޮޅު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ. އަދި ހިލޭ ބޭސްފަރުވާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގެނައުމާއި އަންހެނުންނަށް ޕެޑް ހިލޭ ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށްވެސް މެނިފެސްޓޯގައި ވެއެވެ.

މިރޭގެ ޖަލްސާއަށް ނާޒިމް އަދި އަނބިކަނބަލުން އަފާ ވަޑައިގަންނަވަނީ

ނާޒިމްގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންކަން

  •  ގޯތީގެ ރަޖިސްޓްރީ ހުށައެޅުމުން ލޯނު ލިބޭނެ ގޮތް ހެދުން
  •  މެޑިކަލް އިންޝުއަރެންސް ކާޑެއް ތައާރަފު ކުރުން
  •  ކަރަންޓް މީޓަރުތަކުން ކޮންމެ މަހަކު ފުރަތަމަ 100 ޔުނިޓް ހިލޭ
  •  ފެން ބިލުން 3،000 ލީޓަރު ފެން ހިލޭ
  •  ގޭބީސީތަކުން އުފައްދާ ކުނި އުކާލުން ހިލޭ
  •  އެކަނިވެރި ބެލެނިވެރީންގެ އިނާޔަތް 4،000 ބޮޑު ކުރުން
  •  18 ވެފައިވާ ކޮންމެ މީހަކަށް ރޯދަ އިނާޔަތުގެ 3،000 ރުފިޔާ ދޭން ފެށުން
  •  ކޮތަޅުން ނަގާ 2 ރުފިޔާ ކަނޑާލުން
  •  ޕެޑް ހިލޭ ލިބޭނެ ގޮތް ހެދުން
  •  ދިވެހީންނަށް ހިލޭ ބަސް ދަތުރު
  •  އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އަލުން އެކުލަވާލުން
  •  މަސްކަނޑުން ގެއްލުނު ބައި ހޯދުން
  •  ރައީސްގެ ސިއްރު ސިޓީ ހާމަ ކުރުން
  •  ދިވެހިރާއްޖޭގެ ޑިޖިޓަލް ކަރަންސީ ތައާރަފް ކުރުން
  •  ސަރުކާރު ކުންފުނިތަކުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓް ކުރުން
  •  ތިން އާބަން ސެންޓަރު އުފެއްދުން
ނާޒިމްގެ މެނިފެސްޓޯ އިއުލާނު ކުރުމަށް މިރޭ ބޭއްވި ޖަލްސާ

ނާޒިމްގެ މެނިފެސްޓޯގައި ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރުމަށް ހިމަނާފައިވެއެވެ.

ނާޒިމް ވިދާޅުވީ އުމުރުން 18 އަހަރުވުމުން ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލާ ވަޒީފާ ނުލިބި ތިބޭ ޒުވާނުންނަށް އެލަވަންސް ދިނުމާއި، އިލްމާއި ހުނަރާއި އެއްވަރުގެ ވަޒީފާތަކަށް ފުރުސަތު ހޯދައިދިނުމަކީ ވައުދެއް ކަމަށެވެ. 

އަދި ދައުލަތުގެ އިސް މަގާމުތަކާއި ކުންފުނިތަކުގެ އިސް މަގާމުތަކުން 30 އިންސައްތަ އަންހެނުންނަށް ރިޒާވް ކުރުމާއި ރައްޔިތުންގެ މަޖިލީހުގައި އިންތިހާބު ކުރެވޭ ގޮނޑިތަކުން މަދުވެގެން 30 އިންސައްތަ އަންހެނުން ތަމްސީލު ކުރެވޭނެ ގޮތެއް އެކަށައަޅުއްވާނެ ކަމަށެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރުން ހުއްޓާލުމަކީ ވެސް ނާޒިމްގެ މެނިފެސްޓޯގައިވާ މުހިންމު ވައުދެކެވެ.

ނާޒިމްގެ މެނިފެސްޓޯ އިއުލާނު ކުރުމަށް މިރޭ ބޭއްވި ޖަލްސާ

އަންހެނުންނަށް ފުރައްސާރަ ކުރުމާއި ހަނގާކުރާ މައްސަލަތަކަށް ވަގުތުން ފިޔަވަޅު އެޅުމާއި ރޭޕް އަށާއި ޖިންސީ ކުށްކުރާ ފަރާތްތަކުގެ އަދަބު ލުއިނުކުރެވޭނެ ނިޒާމެއް ގެނެސް ހިންގަން ފަށަން ވަނީ ހިމަނާފައެވެ. ސާނަވީ ތައުލީމު ސްކޫލުތަކުގައި އާޓްސް / ހިއުމަނިޓީސް ސްޓްރީމް އަލުން ތައާރަފްކުރުމާއި ހުރިހާ ސްކޫލެއްގެ އިންޓަނެޓް ކަނެކްޝަން 6 ޖީބީޕީއެސް އަށް މަތިކުރުމާއެކު ފެތުން އަދި ފިޓްނަސް ގައުމީ މަންހަޖުގައި ހިމަނާ ޓިއުޝަން ފުރީ ތައުލީމް ދެވޭކަން ކަށަވަރުކޮށް ސްކޫލް ޓީޗަރުންނަށް އެމީހުން ކިޔަވައިދޭ ދަރިވަރުންނަށް ވަކި ތަންތަނަށް ގެންގޮސްގެން ޓިއުޝަން ނުދެވޭ ގޮތަށް ހަމަޖައްސަން ވަނީ ހިމަނާފައެވެ.

ނާޒިމްގެ މެނިފެސްޓޯ އިއުލާނު ކުރުމަށް މިރޭ ބޭއްވި ޖަލްސާ

އަތޮޅުތަކުގެ އިގްތިސާދީ ހަރަކާތް ފުޅާކުރުމަށް ގެސްޓް ހައުސް އެޅުމާއި މުޅި ރާއްޖެއަށް އެ ސިނާއަތް ތައާރަފުކޮށް ދަނޑުވެރިކަމަށް ހިލޭ ބިމާއި ރަށްތައް ދޫކޮށް ދަނޑުވެރިކަމުން ހައްދާ ތަކެތި ވިއްކޭނެ ފަސޭހަ ގޮތެއް ޔަގީން ކޮށްދިނުމާއި ރާއްޖޭގައި އުފެއްދޭ ނިސްބަތަކުން އިމްޕޯޓް ކޮންޓްރޯލް ކުރުމަށް ވަނީ ހިމަނާފައެވެ.

ސަރުކާރު ކުންފުނިތަކުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓް ކުރަން ފެށުމާއި މާލެ އާއި އެއް ފެންވަރުގެ ހިދުމަތް ލިބޭނެ އިތުރު ތިން އާބަން ސެންޓަރު އުފެއްދުމަށް ވަނީ މެނިފެސްޓޯގައި ހިމަނާފައެވެ. ދިވެހިރާއްޖޭގެ ޑިޖިޓަލް ކަރަންސީ ތައާރަފް ކުރުމާއި ވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްވެސް ވަނީ ހިމަނާފައެވެ.

މިރޭގެ ޖަލްސާގައި ނާޒިމް 2023 ވެބްސައިޓްވެސް އިފްތިތާހު ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.