ރިފްއަތުގެ މައްސަލަ ޕާކު ކުރުމުން، އެމްޑީޕީން މަޖިލިސް ހުއްޓުވައިފި

އެއާއެކު އެމްޑީޕީގެ މެންބަރުން ވަނީ އަޑުގަދަކޮށް ރިޔާސަތުގެ ކުރިމައްޗަށް ނުކުމެ، އިހުތިޖާޖުކޮށްފައެވެ. އެއާއެކު މަޖިލިސް އަނެއްކާ ވެސް ޖެހުނީ މެދު ކަނޑާލާށެވެ.

އޭޖީގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމުމާއެކު އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރަނީ

ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޫނުވެ، މިއަދުގެ މަޖިލީހުގައި ކުރިއަށް ނުގެންދާން ނިންމުމާއެކު، އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކޮށް މަޖިލިސް ހުއްޓުވައިފިއެވެ.

އިއްޔެ ފެށި އެ މައްސަލައިގެ ބަހުސްގައި މިއަދު ބާކީ އޮތީ މެންބަރުން އެ މައްސަލައާ ބެހޭ ގޮތުން ބަހުސް ކުރުމެވެ. ނަމަވެސް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވަނީ އޭޖީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްފައިވާ ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވާފައެވެ. އެ މައްސަލައިގައި ބުނެފައިވަނީ އިއްޔެ، އަމިއްލަ ދިފާއުގައި ވާހަކަދައްކަވަމުން "މަޖިލީހުގެ ރިޔާސަތަށާއި 13 މެންބަރުންނަށް ފެނިވަޑައިގަތުމަކީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނެ ސަބަބެއް ނޫން"ކަމަށް ވިދާޅުވުމަކީ އިމްތިޔާޒަށް އަރައިގަތުމަށް ކަމަށެވެ.

މަޖިލިސް ހޫނުވީ، އެމައްސަލަ މަޖިލީހުގެ ތަޅުމުގައި ބެލުމަށް ފާސްނުވުމުން ވެސް އެ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ. އެއާއެކު އިދިކޮޅު މެންބަރުން ވަނީ އިމްތިޔާޒުގެ މައްސަލަ ކޮމިޓީގައި އޮއްވާ މަޖިލީހުގައި އޮތް އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ނިޒާމީ ނުކުތާ ނަންގަވަމުންނެވެ. އަނެއްކޮޅުން އެމްޑީޕީގެ މެންބަރުން ދިޔައީ އިމްތިޔާޒުގެ މައްސަލަ ތަޅުމުން ނުބެލުމަށް ނިންމުމަށް ފަހު، ކޮމިޓީއަށް ހުށަ ނޭޅޭނެ ކަމަށް ވިދާޅުވަމުންނެވެ. އެ އަރައިރުން ބޮޑުވެ، މައްސަލައިގެ ބަހުސް ކުރިއަށް ނުގެންދެވި މެދުކަނޑާލަން ޖެހުނެވެ.

އަލުން މަޖިލިސް ފަށައިގެން ވެސް ބަންޑާރަ ނާއިބުގެ މައްސަލައިގެ ބަހުސް ކުރުމަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އެމްޑީޕީން ނިޒާމީ ނުކުތާ ނަގަމުން ދާތީ، ނަޝީދު ވަނީ އެ މައްސަލަ ބާއްވާ، އެޖެންޑާގައި ދެން އޮތް އައިޓަމާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށް ފެންނަނީ ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ނުހިންގަން. އަޅުގަނޑު ގަސްދުކުރަނީ އެޖެންޑާ ނަންބަރު 6.1 އަށް ބަދަލުވާން" ނަޝީދު ވިދާޅުވިއެވެ.

އެއާއެކު އެމްޑީޕީގެ މެންބަރުން ވަނީ އަޑުގަދަކޮށް ރިޔާސަތުގެ ކުރިމައްޗަށް ނުކުމެ، އިހުތިޖާޖުކޮށްފައެވެ. އެއާއެކު މަޖިލިސް އަނެއްކާ ވެސް ޖެހުނީ މެދު ކަނޑާލާށެވެ. 

ބައި ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު މަޖިލިސް އަލުން ފެށި އިރު ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އޭނާ ޖަލްސާ ފެއްޓެވުމާއެކު، އެމްޑީޕީގެ މެންބަރުން ވަނީ އަނެއްކާވެސް އަޑުގަދަ ކުރަން ފަށާފައެވެ. އެންމެ ފަހުން، މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ، އަފީފް މިއަދުގެ ޖަލްސާ ނިންމަވާލެއްވިއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.