އިހުމާލުވީ ކުރީ ސަރުކާރުތަކާއި ކުރީގެ ބަންޑާރަ ނައިބުން: ރިފްއަތު

"ދެކުނުގެ އީއީޒެޑް މައްސަލައިގައި ކުރީގެ ބަންޑާރަނައިބުން ވެފަވާ އިހުމާލު ވެސް އިންތިހާޔަށް ބޮޑު. އެކަން އަޅުގަނޑު ލަދުވެތިކަމާއެކު ފާހަގަކުރަން،"

ބަންޑާރަނައިބް އިބްރާހިމް ރިފްއަތު --

ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމުގައި ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު އިހުމާލެއް ވެފައި ވަނީ ކުރީ ސަރުކާރުތަކުންނާއި ކުރީގެ ބަންޑާރަނައިބުން ކަމަށް ބަންޑާރަނައިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

އިޓްލޮސްގެ ނިންމުމާއެކު ފުށުއަރާ ސަރަހައްދުން ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. އެ މައްސަލަ އިޓްލޮސް އިން ނިންމީ ރާއްޖެއިން މައްސަލަ ނިންމައިދިނުމަށް އެދުނު ގޮތަށެވެ. 

މި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިއްޖެ ކަމަށް ދެކިގެން ކުރީގެ ބަންޑާރަ ނައިބުންނާއި ސިޔާސީ ޕާޓީތައް ގުޅިގެން ވަނީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފަ އެވެ.

ދިވެހި މަސްކަނޑުން ބައެއް ގެއްލިޖެ ކަމަށާއި ރިފްއަތުގެ އިހުމާލު އޮތް ކަމަށްބުނެ އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރެވެ. އެބޭފުޅުންގެ ވާހަކަތަކަށް ރިފްއަތު މިއަދު ވަނީ މަޖިލީސް މެމްބަރުންގެ އެތައް ނިޒާމީ ތުކުތާއެއްގެ ތެރެއިން ވަރަށް އުނދަގުލުން ޖަވާބުދެއްވާފަ އެވެ.

އެ މައްސަލައަށް ޖަވާބުދާރީވަމުން ރިފްއަތު މިއަދު ވިދާޅުވީ އެ މައްސަލައިގައި ދިވެހި ސަރުކާރުން އިސްކޮށްފައި ވަނީ ރާއްޖޭގެ ފުރިހަމަ މަސްލަހަތު ކަމަށާއި މި މައްސަލަ ނިކުންނަން ދިމާވި ސަބަބަކީ ކުރީ ސަރުކާރުތަކާއި ބަންޑާރަނައިބުން އެކަމާ އަޅާނުލާ އޮތުން ކަމަށެވެ.

އެގޮތުން މި ހައްސާސް މައްސަލައަކީ 1992 ވަނަ އަހަރުން ފެށިގެން ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިންގެ ހައްގުގައި ގޮތެއް ނިންމަން ނުކެރި އޮތް މައްސަލައެއް ކަމަށް ރިފްއަތު ފާހަގަކުރެއްވި އެވެ.

"[ކުރީ ސަރުކާރުތަކުން] ނޭންގި ކަމުގައި ވެސް ކޮށްފައި ވަނީ ބޮޑުތަނުން އިހުމާލުކަން އަޅުގަނޑު ފާހަގަކުރަން. ދެކުނުގެ އީއީޒެޑް މައްސަލައިގައި ކުރީގެ ބަންޑާރަނައިބުން ވެފަވާ އިހުމާލު ވެސް އިންތިހާޔަށް ބޮޑު. އެކަން އަޅުގަނޑު ލަދުވެތިކަމާއެކު ފާހަގަކުރަން،" ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ މި މަސައްކަތުގައި ދިވެހި ސަރުކާރުގެ ފަރާތުން ވަކާލާތުކޮށްފައި ވަނީ ހާވަޑާއި ކެމްބްރިޖް ޔުނުވާސިޓީތައް ފަދަ ޔުނުވާސިޓީތަކުގައި ގާނޫނު އުނގަންނައިދޭ މާހިރުން ކަމަށާއި، އެ މައްސަލައިގައި ކާމިޔާބު ލިބިފައި ވަނީ ރާއްޖެއަށް ކަމަށެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ބެހޭ ގާނޫނުގެ ދަށުން އެހެން ގައުމަކާ ފުށުއަރާނަމަ 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސޯދީ ސަރަަހައްދެއް ރާއްޖެއަކަށް ނުލިބޭ، ވަރަށް ސާފުކޮށް މިދަންނަވަނީ. އެގާނުގެ ހަތްވަނަ މާއްދާގައި ބުނަނީ އެހާލަތުގައި ދެ ގައުމުން އެއްބަސްވެގެން މެނުވީ ހައްލެއް ނުހޯދޭނެ ކަމަށް،" ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ ރާއްޖޭގެ އުތުރުން ވެސް 200 ނޯޓިކަލް މޭލު ސަރަހައްދެއް ރާއްޖެއަށް ނުލިބޭ ކަމަށެވެ. ރާއްޖޭގެ އުތުރުން އިންޑިއާ އަދި ސްރީލަންކާއާ ދެމެދު ފުށުއަރާ ސަރަހައްދަށް ހައްލެއް ގެނެސްފައި ވަނީ 1976 ވަނަ އަހަރު އެ ގައުމުތަކާއެކު ހަދާފައިވާ ދެ އެއްބަސްވުންތަކެއްގެ ދަށުން ކަން ވެސް ފާހަގަކުރެއްވި އެވެ.

އަދި ކުރީގެ ބަންޑާރަނައިބުން މި މައްސަލަ އިސްތިއުނާފް ކުރާ ވާހަކަ ދައްކަވާތީ ވެސް ރިފްއަތު އެކަމަށް ފާޑުވިދާޅުވި އެވެ. އިޓްލޮސް އިން ނިންމި މައްސަލަ އިސްތިއުނާފް ކުރެވޭނެ ކަމަށް ބުނަމަކީ ގާނޫނީ މާހިރެއް ނުވަތަ ގާނޫނު ކިޔަވާ ކުއްޖަކު ވެސް ދައްކާނެފަދަ ވާހަކައެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަ ނައިބުންނާއި ސިޔާސީ ޕާޓީތަކުން މި މައްސަލައިގައި ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --

"އިޓްލޮސްއިން ނިންމި މައްސަލަ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބުން ބުނުމަކީ ބިލާހަކަށް ވެއްޖެ ކަމެއް. އެކަން ކުރާނީ ކިހިނެއްތޯ؟ ކޮންތާކަށްތޯ ދާނީ، ކޮންތާކަށްތޯ މައްސަލަ ހުށަހަޅާނީ، ކޮން ގާނޫނަކަށްތޯ ރިއާޔަތްކުރާނީ މިއިން އެއްވެސް ކަމަކަށް އެއިން ބޭފުޅެއްގެ ޖަވާބެއް ނެތް،" ރިފްއަތު ވިދާޅުވި އެވެ.

ރާއްޖޭގެ އިން ވަކިކުރި މި މައްސަލައިގައި ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް 500 މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވާ ވާހަކަތަކަށް ނުސީދާކޮށް ރިފްއަތު ވަނީ ޖަވާބެއް ދެއްވާފަ އެވެ. އެގޮތުން ޑޮލަރު ވައްދަން އެސްކްރޯ އެކައުންޓެއް ހުޅުއްވާފައި ނުވާ ކަމަށާއި 18 އަހަރުގެ ކެރިއަރުގައި ރައްޔިތުންނަށް ހިޔާނާތްތެރިވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ވޭތުވެދިޔަ 18 އަހަރު ދައުލަތުގެ އެކި މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ބައިނަލްއަގްވާމީ ކޯޓުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާފައިވާ ކަން ވެސް ރިފްއަތު ފާހަގަކުރެއްވި އެވެ.

"މައްސަލަ ނިމުނުއިރު މޮރިޝަސް ސަރުކާރުން އަޅުގަނޑަށް ދިން ރަން މެޑެއްޔެއް ނެތް. އަޅުގަނޑަށް ދިން ލަގަބެއް، އިއްޒަތެއް ވެސް ނެތް. ޑޮލަރުލާން އަޅުގަނޑު ހުޅުވި އެސްކްރޯ އެކައުންޓެއް ވެސް ނޯންނާނެ. އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް ފައިސާއެއްގައި ޖެހި ރައްޔިތުންނަށް ހިޔާނާތްތެރި ނުވާކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދެން،" ރިފްއަތު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކީ މި މައްސަލައާ ގުޅުންހުރި ސިޓީފުޅެއް ނޫން ކަމަށް ވެސް ރިފްއަތު ޖަވާބުދާރީވަމުން ފާހަގަކުރައްވާފައިވެ އެވެ.

ރިފްއަތަށް ދިން 10 މިނެޓް ހަމަވެ، މިހާރު މަޖިލީހުގައި ކުރިއަށް ދަނީ މި މައްސަލައިގައި ބަހުސްކުރުމާއި މެމްބަރުންގެ ސުވާލު ކުރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.