އިނގިރޭސިން ފޭބި ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް: ރައީސް

"އޭރު އެއޮތް ބިނާގެ މައްޗަށް ތެދުނިޔަތަކާ އެކު އައްޑޫ ބިނާކުރި ނަމަ މިއަަދު މިކުރާ މަސައްކަތް ކުރާކަށް ނުޖެހޭނެ. އެހެން ނަމަވެސް ފެންނަން އޮތް ހަގީގަތް ކިތަންމެހާ ވެސް ހިތި"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ

ކުރިއަރާފަައި އޮތް އައްޑޫ އިން އިނގިރޭސީން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް ކަމަށާ އިހްލާސްތެރިކަމާއި ތެދުވެރި މަސައްކަތެއް ކުރެވުނު ނަމަ އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް 66 އަހަރު ފަހުން ފަށަން ނުޖެހުނީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދެކުނުގެ މައި އެއާޕޯޓު، ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އޭޕްރީލް 1، 1957 ވަނަ އަހަރުން ފެށިގެން އައްޑޫ ގަމަށް މަތިންދާބޯޓް ތިރިކޮށް އުދުއްސާކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވަނީ އައްޑޫގެ ތަރައްގީއަށް ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރިއަރާފަައި އޮތް އައްޑޫ އިން އިނގިރޭސީން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށެވެ.

"މި ތަނުގައި [ގަން އެއާޕޯޓް] ހުރި އޭރުގެ އެންމެ ޒަމާނީ އާލާތާ ވަސީލަތްތައް އައްޑޫ އިން ބޭލި. ދަގަނޑު ތާނގީތައް ގޭސްކަޓަރުން ކަފާ ކުދިކުރި. ހައިވޯލްޓޭޖް ކޭބަލްތައް ނަގާ ބުރިކޮށް ބޮނޑި ބަނދެ ކޮނޑުޖަަހައިގެން ބޭރުކުރި. ތެދުފުޅެއް! އޭރު އެއޮތް ބިނާގެ މައްޗަށް ތެދުނިޔަތަކާ އެކު އައްޑޫ ބިނާކުރި ނަމަ މިއަަދު މިކުރާ މަސައްކަތް ކުރާކަށް ނުޖެހޭނެ. އެހެން ނަމަވެސް ފެންނަން އޮތް ހަގީގަތް ކިތަންމެހާ ވެސް ހިތި. އައްޑޫ ހުވަދޫ އަދި ފޯއްމުލަކަކީ ރާއްޖޭގެ ދެކުނު ކޮޅު. އިހްލާސްތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނު ނަމަ 66 އަހަރު ފަހުން މި ރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ވަނީ މިއަދުގެ ރަސްމިއްޔާތުގަައި ފެނިގެންދިޔަ ޕްރެޒެންޓޭޝަނުގައިވާ ފެންވަރަށް އެއާޕޯޓް ނިންމަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި ގަން އެއާޕޯޓަކީ އައްޑޫގެ ފަހުރަކަށް ވުމަށް އައްޑޫ ރައްޔިތުން އެދިވަޑައިގަންނަވާ މިންވަރަށް އެމަނިކުފާނު ވެސް އެކަމަށް އެދިވަޑައިގަންނަވައެވެ.

ރާއްޖޭގެ އިގްތިސާދު 10 އަހަރުން ދެގުނަ ކުރުމަށްޓަކާ މިހާރު ކުރިއަށް ގެންދަނީ އިންގިލާބީ މަޝްރޫއުތަކެއް ކަން ފާހަގަ ކުރައްވާ ރައީސް ވަނީ އައްޑޫ ސިޓީއަށް 7،000 ޓޫރިސްޓް އެނދު އަންނާނެެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. 

އައްޑޫ ފިޝަރީޒް ކޮމްޕްލެކްްސް ބޮޑުކުރުން ޖުލައި ގައި

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެކުނު އަދި އައްޑޫގެ ބޮޑުކަންނެލި އެކްސްޕޯޓް ކުުރުމަށް މާލެ އަށް ކުރަންޖެހޭ ދަތުރުތަކަށް ގަަން އެއާޕޯޓުން ލިބޭނެ ބޮޑެތި މަންފާތަކެއް ހުރި ކަން ފާހަގަ ކުރައްވާފައެވެ. އެއީ ތަރައްގީ ކުރެވެމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްްސް އާ އެއާޕޯޓްގެ ކޯލްޑް ސްޓޯރޭޖާ ކާގޯ ފެސިލިޓީގެ ހިދުމަތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ ހަރަދު ކުޑަވެ މަގު ކުރުވެ މަސައްކަތް ރަނގަޅު އަގު އަވަހަށް ލިބޭނެ ހައްލެއް ކަމަށެވެ.

"އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު މިފްކޯ އިން ފަށާނެ. އަދި އޯގަސްޓް މަސްތެރޭގައި މިފްކޯގެ މަސްބަނދަރު ބޭނުން ކުރަން ފެށޭ ވަރަށް ތަރައްގީކޮށް ނިމޭނެ،"

ރައީސްގެ ވާހަކަފުޅުގައި މީގެ ފަސް އަހަރު ކުރީން އައްޑޫ ސިޓީން އެދުނު ކަންކަން ހިނގަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ޖުމްލަ 7،000 ޓޫރިސްޓް އެނދުގެ އަމާޒު އައްޑޫގައި ހާސިލުކުރުމަށް މިހާރު ހުރަހެއް ނެތް ކަަމަށް ވިދާޅުވި އެވެ.

"ޝަންގްރީލާ އަދި ހެންކެޑެ އިތުރަށް އަމިއްލަ ފަރާތްތަކުން ދިގު މުއްދަތަށް ކުއްޔަށް ނަގާފައިވާ ބިންތައް އޮޕަރޭޝަނަށް ގެނައުމަށް އިރާދަކުރެއްވިއްޔާ މިހާރު ދައްޗެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.