އިއްޔެގެ މަންޒަރު ތަކުން ބުނީ އައްޑޫ އޮތީ ރައީސްގެ ފަޅީގައޭ

އައްޑޫ ރައްޔިތުން މި ހުރިހާ ދުވަސް ވަންދެން ދުށީ ހުވަފެނެވެ. ކުރީގެ ސަރުކާރުތަކުން ޖެހީ ކަޑައެވެ. މިއަދު، ހަގީގަތުގައި މަޝްރޫއުތައް ހިނގައިގަންނަ މަންޒަރު ފެނުމާއެކު އައްޑޫ ރައްޔިތުންގެ ތާއީދު ފުރި، ބަންޑުންވީ އެވެ.

ރައީސަށް އިއްޔެ އައްޑޫން ހަތްކޮޅުގައި މަރުހަބާ ދަންނަވަނީ: އައްޑޫން ރައީސް ސޯލިހަށް ތާއީދު ވަނީ އިތުރުވެފައި

އައްޑޫ ސިޓީ އިން: މުހައްމަދު ޔަމީން 

އައްޑޫ ސިޓީ މަރަދޫއިން އަލަށް ހިއްކި ބިމުގައި އިއްޔެ ހަވީރު ރުކުރުވާލާފައި އޮތް ރީނދޫ ސަފުގެ ކޮޅާކޮޅު ނުފެނެ އެވެ. ހިއްކި ގޮތަށް އަދި އަކިރި ވެސް ހިމުން ނުވާ އެ މައިދާން އޮތީ ހަރުގެ އަޅާ، ޕާޓީގެ ދިދަ އާއި، "އިބޫ 2023" ގެ ޝިއާރުތަކުން ޖަރީ ކޮށްފަ އެވެ. ކެމްޕޭން ޓީޝާޓް ލައިގެން، ޕާޓީ ދިދަ އަތުކޮޅަށް ހޫރުވަމުން އެތަނަށް އެންމެން އެއްވެ ތިބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިންތިޒާރުގަ އެވެ. އާދަޔާ ހިލާފު ފޯރިއަކާ ޖޯޝަކާ އެކީގަ އެވެ. އައްޑޫ ރައްޔިތުން އެރުވި ހަތްކޮޅުގެ އިއްޒަތުގައި އެ ސަފާ ހަމައަށް ވަޑައިގެންނެވި ރައީސް އެ އެންމެންނާ ސަލާން ކުރައްވަން ބައިގައިޑިރަށް ވުރެ ގިނަ އިރު ހޭދަވި އެވެ.

ރައީސް އެތަނަށް ވަޑައިގެންނެވީ އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު އިފްތިތާހު ކޮށްދެއްވާށެވެ. ޖަލްސާގެ ތެރެއިން ވެސް ހަމަ ފެނުނީ އެ ރޫހެވެ. ރައީސާއި މޭޔަރު އަދި މެންބަރުގެ ވާހަކަފުޅުގެ ކޮންމެ ހުއްޓުމަކަށް މުޅި މައިދާން ތަރުހީބުން ގުގުމާލަ އެވެ.

ރާއްޖޭގެ އެހެން ކޮންމެ ރަށެއްގައި ވެސް މިވަރުގެ ކަމެއް ހިނގާފާނެ އެވެ. އެކަމަކު، މި މަންޒަރުގެ ކުލަގަދަވެފައި މާނަ ފުންވީ މިއީ އައްޑޫގައި ހިނގި ކަމަކަށް ވުމުންނެވެ. މިއީ ދާދި އިހަކަށް ދުވަހާ ޖެހެންދެން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގެ ރޫހު އޮތް ގޮތެއް ނޫނެވެ. މިއަދު މިފެންނަނީ އިއްޔެއާ މުޅިން ތަފާތު، ފުރޮޅުމެއްގެ މަންޒަރެކެވެ.

އައްޑޫ ސިޓީ ފޭދޫ، އެމްޑީޕީ ހަރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ހުޅުވައި ދެއްވަނީ

އެމްޑީޕީގެ ޕްރައިމަރީގައި އައްޑޫ

މީގެ ދެތިން މަހެއް ކުރިން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އެންމެ ވަރުގަދަ "ބެޓްލް ގްރައުންޑް" އަކަށް ވީ އައްޑޫ އެވެ. ދެ ކެންޑިޑޭޓުންގެ ކެންޕޭނުން ވެސް ހާއްސަ ޖާގައެއް އައްޑޫ ހޯދި އެވެ. ކެމްޕޭން ތެރެއިން އެ ސިޓީއަށް ވަޑައިގަތެވެ. އެވަރުން ނުވެގެން ކެމްޕޭނު ނިންމާލުމުގެ ކުރިން އައްޑޫގައި ބޮޑު ޖަލްސާއެއް ދެ ކެންޑިޑޭޓުން ވެސް ބޭއްވި އެވެ.

އެއްކޮޅުން، އައްޑޫގައި އަބަދުވެސް މަގުބޫލު ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދެވީ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ، ރަނިން މޭޓަކަށް ވެސް ލައްވާނީ އައްޑޫ ބޭފުޅެކެވެ. ރައީސް ސޯލިހު ވެސް ދިޔައީ އައްޑޫގެ ތާއީދު ކަށަވަރު ކުރެއްވުމަށް، އެ މަނިކުފާނުގެ ފަޅީގައި ތިއްބެވި ގިނަ މަޖިލިސް މެންބަރުންނާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.

އާޚިރުގަައި އެ ވާދަ ކާމިޔާބު ކުރެއްވީ ރައީސް ސާލިހެވެ. އެކަމަކު 60 ޕަސެންޓުން މުޅި ޕްރައިމަރީ ނެންގެވިއިރު އައްޑޫގެ ވޯޓް އެންމެ 300 އެއްހާ ވޯޓުގެ ތަފާތުން ކާމިޔާބު ކުރެއްވުމަކީ މާ ބޮޑު މޮޅެކޭ ބުނެވޭކަށް ނެތެވެ. ކެމްޕޭނުގައި ވަޑައިގެން ދަތުރުތަކުގައި ވެސް އައްޑުއާ އެކަށީގެންވާ ތަރުހީބެއް ނުފެނުނެވެ. 

އޮއިވަރު ބަދަލު ކޮށްލީ ތަރައްގީގެ އުންމީދު

އެމްޑީޕީގެ ޕްރައިމަރީ އޮތް އިރު އައްޑޫގައި ހިނގަމުންދިޔަ މަޝްރޫއުތައް އޮތް ގޮތަކީ މިއީއެވެ. ބިން ހިއްކާ، ވެން އޫޑު ކުންފުންޏަށް މެޝިނަރީޒް ގެނެސް ސައިޓުގައި އަދި އަތުރާލެވުނީ އެވެ. ގަން އެއާޕޯޓުގެ މަޝްރޫއުގައި ސޮއި ނުކުރެވެއެވެ. އެފްކޮންސްއިން ނެގި މަގު ހެދުމުގެ މަޝްރޫއުގައި މައްސަލަތައް ގިނަވެ ހުއްޓުންތައް ވަނީ ބޮޑުވެފަ އެވެ. އެއާއެކު، ފާއިތުވި ދައުރުތަކުގައި އެ ސިޓީއަށް ގެނައި ޕްރޮޖެކްޓުތައް ހެން، މި މަޝްރޫއުތައް ވެސް ބިލާހަކަށްވެ ނިމިދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ.

އެކަމަކު އެއަށްފަހު، މިވީ މުއްދަތުގެ ތެރޭގައި އެ އުންމީދު އާ ވާނެ އެތައް ކަމެއް ހިނގައިފި އެވެ. ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއު ގަދައަށް ހިނގައިގެންފި އެވެ. ގަން އެއާޕޯޓްގެ މަޝްރޫއުގައި ސޮއި އަޅައި، އަމަލީ މަސައްކަތް ފަަށައިފި އެވެ. 

އައްޑޫ އަށް ނިސްބަތްވާ، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވި ގޮތުގައި އިއްޔެ އައްޑޫއިން ފެނުނު ހޫނު ތަރުހީބުގެ ސިއްރަކީ އެ އުންމީދެވެ.

"މިއަދު އެ މަޝްރޫއުތައް ހިނގާތަން ރައްޔިތުންނަށް އެބަ ފެނޭ. ދެތިން ދުވަހުގެ ތެރޭގައި ހިއްކާފައި އޮތް ބޮޑު ބިޔަ ބިމެއްގައި ނޫންތޯ އަޅުގަނޑުމެން އިވެންޓު ވެސް ބޭއްވީ" ޑރ. ޑީޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑޫގެ ބިމުގެ ދަތިކަމަށް ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން ތިބޭތާ މިހާރު ސާޅީހަށް ވުރެ ގިނަ އަހަރު ވަނީ ކަމަށެވެ. އެ ހުވަފެން ހަގީގަތަކަށް ވުމުގެ ކޮޅުމަތި ފެންނައިރު ލިބޭ އަނެއް އުފަލަކީ އުޅެއުޅެ ޓޫރިޒަމް ނުހިނގި އަތޮޅުގައި ރިސޯޓް ރިސޯޓް ހެދުމަށް އިތުރު ފަސް ފަޅުރަށް ލިބުމެވެ. އަދި ޒަމާންވީ ހަންކެނޑެ މަޝްރޫއު ވެސް ދެން އިސާހިތަކު ނިމިދާނެ ކަމުގެ އުންމީދު ލިބުމެވެ. 

ރައީސް ނަޝީދުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޑީޑީ ވިދާޅުވި ގޮތުގައި އެ ކަންކަމުން ރައްޔިތުންނަށް އިހުސާސްވީ ސަރުކާރުން ރައްޔިތުންގެ އަޑު އަހާކަމެވެ. 

ބިންހިއްކުމުގެ މަޝްރޫއުގެ އުސްއަލިތައް

  •  ޖުމްލަ 193 ހެކްޓަރު ހިއްކާނެ
  •  ހިތަދޫއިން 90 ހެކްޓަރު ހިއްކާނެ
  •  މަރަދޫ، މަރަދޫ ފޭދޫން 76 ހެކްޓަރު ހިއްކާނެ
  •  ޓޫރިޒަމަށް ފަޅުތެރެއިން ހިއްކާ 8.3 ހެކްޓަރުގެ ފަސް ރަށް
  •  ގޮނޑުދޮށް ހިމާޔަތްކުރުމަށް 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖަހާނެ
އައްޑޫ ބިން ހިއްކުމުގެ ބޮޑު މަސައްކަތް ކުރިއަށް ދަނީ

ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ބަލާނަމަ، އެ އިންތިހާބުގެ މޯހިރުގައި އުފެދުނު ލޮޅުމުގެ ތެރެއިން އުފަންވި، "ޑިމޮކްރެޓްސް" އަށް ވަންނާނެ އެތައް ބަޔަކު އައްޑޫއިން ވާނެ އެވެ. އެކަމަކު، ޑރ. ޑީޑީ ވިދާޅުވި ގޮތުގައި މިހާރު މަސްރަހު އޮތް ގޮތަށް ބަލާއިރު އެމްޑީޕީއިން ގިނަ ބަޔަކު ކެނޑިގެން ދާނެ ކަމަށް ލަފައެއް ނުކުރެވެ އެވެ. 

"މިހާރު ވެސް ރައީސް ނަޝީދުގެ ޕާޓީއަށް ސޮއި ކުރިކަމަށް އަޅުގަނޑަށް ލަފާ ކުރެވެނީ ގާތްގަނޑަކަށް 700 އެއްހާ މީހުން މުޅި އައްޑޫއިން. އެއީ ނިސްބަތުން ވަރަށް މަދު އަދަދެއް" އޭނާ ވިދާޅުވި އެވެ.

ޑރ. ޑީޑީ ލަފާ ކުރައްވާ ގޮތުގައި އައްޑޫގައި ރައީސް ސޯލިހުގެ ތާއީދު މިހާރު 75 ޕަސެންޓަށް އަރާނެއެވެ. އޭނާގެ އެ ހިސާބަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ތާއީދު ކުރައްވައެވެ. ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަަފުޅު ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި އަންނަ ރިޔާސީ އިންތިހާބުގައި ރައީސަށް އައްޑޫއިން އެވަރުގެ ތާއީދެއް ލިބިވަޑައިގަންނަވާނެ އެވެ.

އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އައްޑޫ ރައްޔިތުން މި ހުރިހާ ދުވަސް ވަންދެން ދުށީ ހުވަފެނެވެ. ސަރުކާރުތަކުން ޖެހީ ކަޑައެވެ. މިއަދު، ހަގީގަތުގައި މަޝްރޫއުތައް ހިނގައިގަންނަ މަންޒަރު ފެނުމާއެކު ރައްޔިތުންގެ ތާއީދު ފުރި، ބަންޑުންވީ އެވެ.

ކޮމެންޓް

1
450
ނަޖީބާ
11 months ago

މީހުނަށް ބިރުދައްކައިގެން ގަދަކަމުން ސްކޫލް ކުދިން ވެސް އެ ނެރެނީ. ތާއީދު އޮތް ވަރު ދައްކަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.