ދުންފަތާ ދުރުވާންވީ އެންމެންގެ ރައްކާތެރި ކަމަށް: ރައީސް

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލަންވީ ތިމާގެ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށްޓަކައެވެ. ތިމާގެ އަނބިދަރިންނާއި އާއިލާގެ ހެވަށްޓަކައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަންވީ ތިމާގެ އަމިއްލަ ނަފްސާއި އަނބިދަރިންނާއި އާއިލާގެ ހެވަށާ އަދި ގާތް ރަޙުމަތްތެރިންނާއި މުޅި މުޖްތަމައުގެ ސިއްހީ ރައްކާތެރި ކަމަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ އިންސާނާގެ ފުރާނައަށް ނުރައްކާ ކުރާ ދުންފަތް ހައްދައި އުފެއްދުމަށް ދަނޑުބިންތައް ބޭނުކޮށް ދަނޑުވެރިން ބުރަ މަސައްކަތްތަކެއް ކުރަމުން ދާއިރު އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކާބޯތަކެތި ނުލިބި ހައިހޫނުކަމުގައި އުޅެންޖެހޭ މީހުންގެ އަދަދު ދަނީ އަހަރުން އަހަރަށް މައްޗަށް ކަަމަށެވެ. އަދި އދގެ ކާނާއާ ބެހޭ އިދާރާ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) ގެ ތަފާސްހިސާބުތައް ބުނާ ގޮތުން މިދިޔަ 2022 އަހަރުގެ ތެރޭގައި ވެސް ދުނިޔޭގެ ޖުމްލަ އާބާދީގެ 10 އިންސައްތަ މީހުންނަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން އެމީހުން ދިރިއުޅެމުން ދިޔައީ ހައިހޫނުކަމުގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"... އެއީ އޭގެ ކުރީގެ 2021 ވަނަ އަހަރާ އަޅައި ބަލާއިރު ގާތްގަނޑަކަށް 465 މިލިއަން މީހުން އިތުރު މިންވަރެކެވެ. މިދިޔަ ދެތިން އަހަރުގެ ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ހައިހޫނުކަމުގެ ތެރެއަށް ވެއްޓެމުން ދަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ކާރިސާތަކާއި އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުންނެވެ،" 

ރައީސްގެ ހިތާބުގައި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވެސް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުން ދުންފަތް ހެއްދުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިސްރާފު ކުރާ އިރު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ހައިހޫނުކަން ތަޖައްމަލުކުރަމުން ދާ އެތައް ބަޔަކު ތިބިކަން ހަނދާން ކުރަން ޖެހޭ ކަަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ ތެރޭގައި ތިބި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންވެސް އެ ކަމަށްޓަކައި ކޮންމެ ދުވަހަކު އެ ހޭދަކުރާ ފައިސާ އަކީ އެމީހުންނާއި އެމީހުންގެ އާއިލާގެ މީހުންގެ ކެއިންބުއިމުގެ ކަންކަމަށް ހޭދަކުރެވިއްޖެ ނަމަ މުޅި މުޖްތަމައަށް އޭގެ މަންފާ ކުރާނެ ފައިސާ ތަކެކެވެ. ހަމަ އެފަދައިން އެއީ ތަފާތު ބަލިތައް ތަހައްމަލުކުރާ އެތައް ބަޔަކަށް ފަރުވާ ކުރުމަށް ބޭނުން ކުރެވިދާނެ ފައިސާތަކެކެވެ. ރަނގަޅު ކާނާ އާއި ބޯފެނާއި ދިރިއުޅުމުގެ ޒަރޫރީ އެތައް ކަމަކަށް ހޭދަކުރެވިދާނެ ފައިސާތަކެކެވެ،"

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެކަން ކުރާ މީހާ އަށާއި އެ އަމަލުކުރާ އިރު ކައިރީގައި ތިބޭ އެހެން މީހުންނަށާއި އެފަދަ މީހުންނާ އެކުގައި އުޅޭ އެހެން މީހުންނަށް ވެސް ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ނުރައްކާތެރި އިޖްތިމާއީ މައްސަލައެއް ކަން ފާހަަގަކުރައްވާ ރާއްޖޭގައި މިވަގުތު ފެތުރެމުން ދާ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ވެސް އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅިފައިވާ ބަލިތައް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކުމެ މިއަދު އަޒުމް ކަނޑައަޅަންވީ ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތި ކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލަންވީ ތިމާގެ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށްޓަކައެވެ. ތިމާގެ އަނބިދަރިންނާއި އާއިލާގެ ހެވަށްޓަކައެވެ. ގާތް ރަހްމަތްތެރިންނާއި އެކުވެރިންގެ ސަލާމަތަށްޓަކައެވެ. މުޅި މުޖްތަމައުގެ ސިއްހީ ރައްކާތެރި ކަމަށްޓަކައެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.