ހަރުގެއަށް ބަޔަކު ވަދެ އެތަން ހިސޯރުކޮށް މުދަލަށް ގެއްލުން ދީފި، ފިޔަވަޅު އަޅާނަން: އެމްޑީޕީ

ގާނޫނާ ހިލާފު ނާތަހުޒީބު އަދި ފިނޑި އަމަލުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެ ކަމަށްވެސް ބުންޏެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ހިންގަމުން އަންނަ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ޕާޓީގެ މުދާތަކަށް ގެއްލުންދީ ހަރުގެ ހިސޯރުކޮށްފައިވާ ކަމަށާ އެކަން ކުރި މީހުންނާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި އެވެ.

އެމްޑީޕީގެ ހަރުގެ ހިންގާ އިމާރާތާއި އެތަނުގެ ވެރިފަރާތުން މިއަދު ހަވީރު ވަނީ ހަވާލުވެފައެވެ. ވެރިފަރާތުން ބުނާ ގޮތުން ހަރުގެއާ ހަވާލުވީ އެތައް ފަހަރެއްގެ މަތީން އެތަން ހުސްކުރުމަށް އެންގުމަށް ފަހު އެވެ.

ހަރުގޭގައި ހުރި ތަޅު ހުޅުވީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރެވެ. އޭގެ ފަހުން މައްޗަށްގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) އިސްކޮށް ހުންނަވާ ހަރުގޭގެ ބޭރުގައި ހުރި ރައީސް ސޯލިހްގެ ބޮޑު ފޮޓޯފުޅު ވަނީ ނަގާފައެވެ. ހަރުގޭގައި ލާފައިވާ ރީދޫ ކުލައިގެ މަތީން ހުދު ކުލަވެސް ލާން ވަނީ ފަށާފައެވެ.

އެމްޑީޕީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާ އެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއް ކަމަށެވެ. އަދި ހަރުގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެ ކަމަށް ވަނީ އެއްބަސްވެފައެވެ.

"ނަމަވެސް އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލު ކޮށްފައި ވާތީ މި ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތް ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް މި ޕާޓީގެ މުދަލަށް ގެއްލުންދީފައިވެއެވެ،"

އެމްޑީޕީން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައިވެސް އެދިފައިވާނީ ވެރިފަރާތުގައިވެސް އެދިފައިވާ ފަދައިން އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ.  

ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެހެން ޕާޓީއެއްގެ މުދަލަށް އަރައިގަނެ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް ކަމަށާ ގާނޫނާ ހިލާފު ނާތަހުޒީބު އަދި ފިނޑި އަމަލުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެ ކަމަށްވެސް ބުންޏެވެ.

އިމާރާތުގެ ވެރިފަރާތް ކަމުގައިވާ ޝަފިއްޔާ ޒުބައިރު ވިދާޅުވި ގޮތުގައި މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް ހަރުގެ ހުސްކުރަން އަންގާ ފަހުގެ ނޯޓިސް ވަނީ ދީފައެވެ. އަދި އޭގެ ފަހުން ހަރުގޭގައި ހުރި އެއްޗެއްސަކީ އެމްޑީޕީން ބޭނުން ނޫން ނުވަތަ އޭނާއަށް ހަދިޔާކޮށްފައިވާ އެއްޗެހި ކަމުގައި ބަލާ އެ ތަކެއްޗާ ތަނާ ހަވާލު ވާނެ ކަން ސިޓީއަކުން ވާނީ އަންގާފައެވެ.

ކޮމެންޓް

1
450
ވަކަރުގޭ ކުއްޖާ
11 months ago

މިއީ ފެށުމެއް.. އަނިޔާވެރިކަމުގެ ފެށުން. ހިތާމަ ހުރި ކަމެއް. ވިސްނާ ފިކުރުކުރާ ބަޔަކަށް މީގެ ނަތީޖާ އެނގޭނެ، ބަލަންތިބީ ނިކަމެތި ރައްޔިތުން ދެން އަނެއް ޕާޓީ އިން ވެސް ބަދަލު ހިފަންވީ.. ކީކޭ ކިޔާނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.