ބެންކު ހެޔޮ ފުރޮޅުމަކަށް - މެނުއަލް ގިނަ ކަންކަން އޮޓަމޭޓް ކުރަނީ

މި އަހަރު އަލަށް 56 އޭޓީއެމް ބެހެއްޓުމަށް ބޭންކުން ވަނީ ނިންމާފަ. މަސައްކަތް ކުރަނީ ތިމާވެއްޓާ ރަހުމަތްތެރި ބަދަލު ގެންނަން

ބެންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ

ޖިޑިޓަލް އާޒަމާނާ ގުޅޭ ހިދުމަތްތައް ތައާރަފު ކުރުމަށްޓަކައި މިހާރު މެނުއަލްކޮށް ކުރާ ގިނަ ކަންކަން އޮޓަމޭޓް ކުރައްވާނެ ކަމަށް ތަޖުރިބާކާރު ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ. 

ބީއެމްއެލް އިން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސީއީއޯ އަދި އެމްޑީ ކާލް ސްޓުމްކަ ވިދާޅުވީ މި ދާއިރާ އިން ކުރިއެރުން ލިބެމުން ދިޔަނަމަވެސް ބޭންކުގެ ޑިޖިޓަލް ދަތުރު ހުއްޓާނުލާ ކުރިޔަށް ދާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހެދޭ ކުށްތައް މަދުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ބޭންކުގެ ހިދުމަތް ހޯދާނެ ގޮތާއި، ތަނާއި ވަގުތު ކަސްޓަމަރުންގެ އަތްމައްޗަށް ދޫކޮށްލުމަށްޓަކައި ފުރިހަމަގޮތުގައި އޮޓަމޭޓްކުރަން ޖެހޭ. އަޅުގަނޑުމެން މަސައްކަތް މިކުރަނީ މިހާރު މެނުއަލްކޮށް މަސައްކަތް ކުރަމުންދާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ބަދަލުގެނެސް ހަމަ މިދަނޑިވަޅުގައި އިތުރު ސެކިއުރިޓީ ކޮންޓްރޯލް އިތުރުކޮށް އަޅުގަނޑުމެންގެ ޑިޖިޓަލް ސަޕޯޓް ޕްލެޓްފޯމްތައް އިތުރުކުރަމަށް،" ކާލް ސްޓުމްކަ ވިދާޅުވި އެވެ.  

ބީއެމްއެލް އިން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އަހަރީ އާއްމު ޖަލްސާ

ބޭންކުން މިހާރު ވެސް ގިނަ ހިދުމަތްތަކެއް ދެނީ އޮޓަމޭޓް ކޮށެވެ. ކަސްޓަމަރުންގެ ބައެއް ހިދުމަތްތައް މެނުއަލްކޮށް ކުރެ އެވެ. މީގެ އިތުރުން ޕާސަނަލް ލޯނު ނޫން އެހެން ލޯނުތައްވެސް ޕްރޮސެސް ކުރަނީ މެނުއަލްކޮށެވެ. 

ސީއީއޯ އިތުރަށް ވިދާޅުވީ -- ކަސްޓަމަރުންނާ އިންސާފުން މުއާމަލާތް ކުރުން ވާންވާނީ އަޅުގަނޑުމެންގެ ސަގާފަތުގައި އަށަގެންފައިވާ އަދި އަހައްމިއްޔަތު ކަމެކެވެ. ބޭންކުން ބަލަން ޖެހޭ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކާއި ފޯރުކޮށްދެމުންދާ ހިދުމަތްތަކަކީ ކަސްޓަމަރުން އެދޭފަދަ އަދި ޓަގެޓް ސެގްމަންޓަށް މުހިންމު އަދި ބޭނުންތެރި ޕްރޮޑަކްޓް އަދި ހިދުމަތަކެކެވެ. މި އަހަރު ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓް ވަނީ ވަަރަށް ބޮޑަށް ދަށްކުރެވި، 5 ޕަސެންޓް އަށް ހަމަޖައްސާފަ އެވެ. އަދި ދައްކަންޖެހި ނުދައްކާ ހުންނަ ލޯނުތަކުން ނަގާ އިންޓްރެސްޓްގެ މަހު ފީ ދެ ޕަސެންޓް އަށް ދަށްކޮށްފަ އެވެ. ފެޑެރަލް ރިޒާވުން ފާއިތުވި އަހަރެއްހާ ދުވަސްތެރޭ ނުވަ ފަހަރަށް އިންޓްރެސްޓް ރޭޓް މަތި ކުރިނަމަވެސް ބޭންކުން ރާއްޖޭގެ ރޭޓްތައް ބޮޑެއް ނުކުރެ އެވެ. މީގެ ބަދަލުގައި ބޭންކުން ވަނީ ކަސްޓަމަރުންނަށް އިންޓްރެސްޓްގެ ސަބަބުން ދިމާވާނެ ދަތިތަކަށް ވިސްނައި، އިތުރުވި ހަރަދުތައް މެނޭޖުކޮށްގެންނެވެ.

ބޭންކުގެ ސްޓްރެޓަޖީ ގައި ހިމެނޭ ދެމެހެއްޓެނިވި މަސައްކަތްތަކަށް އަލިއަޅުވާލަމުން ކާލް ވަނީ އެންވައިރަމަންޓަލް، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) ގެ މަސައްކަތްތަކުގައި އިސް ސަފުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. 

ބީއެމްއެލް އިން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އަހަރީ އާއްމު ޖަލްސާ

"އަޅުގަނޑުމެން އަމިއްލަ މިސްރާބެއްގައި މަސައްކަތް ކުރާއިރު އަދި އަޅުގަނޑުމެންގެ ސްޓްރެޓަޖީ ދުވަހުން ދުވަހަށް ބަދަލުވަމުންދާއިރު އަޅުގަނޑުމެން އަބަދު ވެސް މަސައްކަތް ކުރަމުންދާނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް. މި އަހަރު، އަލަށް 56 އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާއިރު، އަޅުގަނޑުމެން މި ބަލަނީ ހުރިހާ އޭޓީއެމްއަކީ ވެސް އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގޭ އޭޓީއެމް އަށް ހެދުމަށް. އަދި އަޅުގަނޑުމެންގެ ބްރާންޗުތަކުގެ އަލަށް ކުރާ މަރާމަތުގެ މަސައްކަތްތަކަކީ ވީހާވެސް ބޮޑަށް ދެމެހެއްޓެނެވި ހަކަތަ ބޭނުންކޮށްގެން ކުރާ މަސައްކަތަށް ހެދުމަކީވެސް އަޅުގަނޑުމެންގެ އަމާޒެއް،" ކާލް ވިދާޅުވި އެވެ.   

ބޭންކު ސީއީއޯ ވާހަކަގެ މުހިންމު ބައިތައް

  •  ކިޔަވާ ލޯނު ފަސް ޕަސެންޓަށް ދަށްކޮށްފައި
  •  ނުދައްކާ ލޯނު އިންޓަރެސްޓުގެ ފީ ދެ ޕަސެންޓް ކުޑަކޮށްފައި
  •  މި އަހަރު އަލަށް 56 އޭޓީއެމް ބަހައްޓާނެ

ބޭންކުގެ ކުރިމަގާމެދު ވާހަކަ ދައްކަވަމުން ކާލް ވިދާޅުވީ މި ދާއިރާ އަށް ވާދަވެރިން އަންނާނެކަށް ގަބޫލުކުރާ ކަމަށެވެ. 

"އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށްވުމަށް. ރާއްޖޭގެ މާކެޓްގައި އަޅުގަނޑުމެންގެ ލިބިފައިވާ ކުރިއެރުމާއެކު އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ފުޅާކޮށް، އިތުރު އާމްދަނީ ހޯދުމަށް ބޭރުގެ މާކެޓް ތަކާއި އައު މަގުތައް ހޯދަންޖެހޭ. އަޅުގަނޑުމެންގެ ކާމިޔާބު މިނިގެން ދާނީ ކަސްޓަމަރުން އަޅުގަނޑުމެންނާއެކު ބޭންކިންގ މުއާމަލާތް ކުރަން ޖެހޭ ބައެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އަޅުގަނޑުމެނާއެކު ބޭންކިންގ މުއާމަލާތް ކުރަން އެދޭ ބަޔަކަށް ބަދަލުކޮށްގެން. އަދި މި ބަދަލު ގެނައުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތް ކުރަންޖެހޭ،" ކާލް ވިދާޅުވި އެވެ. 

ކޮމެންޓް

1
450
ވިކްޓިމް އަލީ
10 months ago

" އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށްވުމަށް" ހުސް ވަގުން އުޅެނީ. އެކަުންޓުގަ ހުންނަ ލާރިކޮޅު ރާވައިގެން އެންމެން ކާލަނީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.