އެމްޑީޕީގެ މައި ހަރުގޭގައި ޑިމޮކްރެޓުން، ފޯމް ފުރުން ހަރުގޭގައި

އެމްޑީޕީން ބުނާ ގޮތުގައި ހަރުގެ ހުސް ކުރަން ނޯޓިސް ދިނަސް ސެޕްޓެންބަރުގައި އޮންނަ ރިޔާސީ އިންތިހާބު ނިމެންދެން ޖަގަހަ ބޭނުން ކުރެވޭނެ ކަމަށް ވެރި ފަރާތުން ކުރީން އޮތީ އަނގަ ބަހުން އެއްބަސްވެފައެވެ.

އެމްޑީޕީގެ ރަސްމީ ހަރުގޭގައި "ދަ ޑިމޮކްރެޓްސް" އަށް ވަންނަ މެންބަރުންގެ ފޯމް ފުރުން ކުރިއަށް ގެންދަނީ

އެމްޑީޕީގެ ހަރުގެ ހުސް ކުރަން އެންގި މައްސަލާގައި ހިޔާލު ތަފާތުވުން އުފެދި އެ މައްސަލަ ޝަރީއަތަށް ގެންގޮސްފައި ވަނިކޮށް އެމްޑީޕީގެ ހަރުގެ ހުޅުވާ "ދަ ޑިމޮކްރެޓްސް" އަށް ވަންނަ މެންބަރުންގެ ފޯމް ފުރުން އެ ތަނުގައި ކުރިއަށް ގެންދަން ފަށައިފި އެވެ.

އެމްޑީޕީން އެ މައްސަލަ ސިވިލް ކޯޓަށް ގެންގޮސްފައި ވަނީ ހަރުގެ އަތުލުމުގެ ކަންކަން އިމާރާތުގެ ވެރިފަރާތުން ކުރިއަށް ގެންދިޔަ ގޮތުގެ ސަބަބުން ޕާޓީގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ދެކޭތީ އެވެ. އެމްޑީޕީން ބުނި ގޮތުގައި އެ މައްސަލަ ޝަރީއަތަށް ގެންދިޔައީ ވާހަކަ ދައްކައިގެން ހައްލެއް ނުލިބުމުންނެވެ.

އިމާރާތުގެ ވެރި ފަރާތަކީ އެމްޑީޕީގެ ކުރީގެ އިސް އެކްޓިވިސްޓް ޝަފިއްޔާ ޒުބައިރެވެ. ނަމަވެސް އޭނާ މިހާރު ވަނީ ޕާޓީން ވަކިވެ އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" އަށް ސޮއި އަޅާފައެވެ. ޝަފިއްޔާއަކީ ނަޝީދަށް ވަފާތެރި މެންބަރެކެވެ. 

ޝަފިއްޔާ ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ހަރުގެ ދިނުމަށް މިހާރު އެއްބަސްވުމެއް ނެތެވެ. އެހެންވީމަ އެތަން ހަވާލު ކުރަން ޖެހޭނެ އެވެ. ހަރުގެ ހަވާލު ކުރެވޭނީ ޖުލައި 31 ގައި ކަމަށް އެމްޑީޕީން އަންގާފައިވާ ކަމަށާ ނަމަވެސް އެކަމާއި ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެފައިވާނެ ކަމަށް ޝަފިއްޔާ ވިދާޅުވި އެވެ.

ހަރުގެ ބަންދުކޮށްފައި ވަނިކޮށް ހުޅުވީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރެވެ. އަމްރު، ހަރުގެ ހުޅުވުމުން ޑިމޮކްރެޓްސްގެ ސަޕޯޓަރުން ވަނީ އަތްޖަހާ އުފާފާޅުކޮށްފައެވެ.

އަދި އެމްޑީޕީގެ ހަރުގޭގައި ހުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފޮޓޯފުޅުތަކާއި ޕޯސްޓަރުތައް ވަނީ ނަގާފައެވެ. ޑިމޮކްރެޓުން ބުނި ގޮތުގައި މިއަދުން ފެށިގެން އެއީ އަލަށް އުފައްދަން މަސައްކަތް ކުރާ ޕާޓީގެ ރަސްމީ ހަރުގެ އެވެ.

އަދި އާ ޕާޓީ އުފެއްދުމުގައި މަސައްކަތް ކުރާ ބޭފުޅުން ވަނީ ހަރުގޭގައި ފޯމް ފުރުމުގެ މަސައްކަތް ފަށާފައެވެ.

ވެރިރަށުގެ މައި މަގުގައި -- އާޓިފިޝަލް ބީޗް ކުރިމަތީން ހުންނަ އެމްޑީޕީގެ ހަރުގެ އެތަނުގައި ހިންގާތާ އަހަރުތަކެއް ވެއްޖެ އެވެ. އެއީ ޕާޓީއެއްގެ ޖަގަހަ އެއް ހިންގަން ވަރަށް ޕްރައިމް ލޮކޭޝަނެކެވެ. އެމްޑީޕީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އާ ނުކޮށް ތަން އަތުލަންް ނިންމީވެސް ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން މުޅީން ކެނޑި ޕާޓީ ދެ ބައިވެފައި އޮތުމުން ނަޝީދުގެ ވިސްނުމުގައި ހުންނެވުމުގެ ގޮތުން ކަމަށް ބެލެވެެއެވެ.

އެމްޑީޕީން ބުނާ ގޮތުގައި ހަރުގެ ހުސް ކުރަން ނޯޓިސް ދިނަސް ސެޕްޓެންބަރުގައި އޮންނަ ރިޔާސީ އިންތިހާބު ނިމެންދެން ޖަގަހަ ބޭނުން ކުރެވޭނެ ކަމަށް ވެރި ފަރާތުން ކުރީން އޮތީ އަނގަ ބަހުން އެއްބަސްވެފައެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.