ސަރުކާރުގެ ބެލުމުގެ ދަށުން، އާ ޓެކްނޮލޮޖީތައް ޓެސްޓުކުރާނެ ވަސީލަތްތައް ގާއިމުކުރަނީ

ރެގިއުލޭޓަރީ ސޭންޑްބޮކްސް ތަކަކީ އީޖާދީ އުފެއްދުންތައް އަސްލާ އެއްގޮތް މާހައުލެއްގައި، ރެގިއުލޭޓަރީ އިދާރާތަކުގެ ބެލުމުގެ ދަށުން ޓެސްޓު ކުރުމުގެ ފުރުސަތު ލިބޭ ވަސީލަތްތަކެކެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވާހަކަފުޅު ދައްކަވަނީ

ސަރުކާރުގެ ބެލެހެއްޓުމުގެ ދަށުން އާ އީޖާދީ ޓެކްނޮލޮޖީތައް ޓެސްޓް ކުރާނެ ވަސީލަތްތަކެއް/ ރެގިއުލޭޓަރީ ސޭންޑް ބޮކްސްތަކެއް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިއަދު ކުރުނބާ މޯލްޑިވްސްގައި ފެށި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އދ. ގެ އޭޝިއާ އިކޮނޮމިކް އަދި ސޯޝަލް ކޮމިޝަން (ޔޫއެން އެސްކެޕް) އާއި އެމްއެމްއޭއާ ގުޅިގެން އެފަދަ ވަސީލަތްތަކެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ. 

"މި ސޭންޑްބޮކްސްތައް ވާނީ ފިންޓެކް އިކޯސިސްޓަމެއް ބިނާކޮށް، އީޖާދުތައް ހެދި ބޮޑުވާ ތަނަކަށް" މިނިސްޓަރު ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ މާލީ ޓެކްނޮލޮޖީ -- ފިންޓެކް-- އަށް ރާއްޖެ ވަރަށް ތައްޔާރު ކަމަށެވެ. އެގޮތުން މޯބައިލް ބޭންކިން އާއި އިންޓަނެޓް ބޭނުން ކުރުން އާންމުވެފައި ވާކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް، މިނިސްޓަރު ވިދާޅުވީ ޓެކްނޮލޮޖީގެ ދާއިރާއިން ހަލުއި ކުރިއެރުންތަކެއް ހޯދުމަށްޓަކައި، ކަމާގުޅޭ ގާނޫނުތަކާއި، ގަވާއިދުތައް އެކުލަވާލުން އަވަސް ކުރަން ވެސް ޖެހޭ ކަމަށެވެ.

"ޑިޖިޓަލް އިންގިލާބަކަށްޓަކައި ވަރުގަދަ ގާނޫނީ އޮނިގަނޑެއް ބޭނުންވޭ. މިދިޔަ އަހަރު އަޅުގަނޑުމެން ފޯކަސްކުރި ކަމަކީ [އެފަދަ އޮނިގަނޑެއް އެކުލަވާލުމަށް]" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން، މިދިޔަ އަހަރު އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލަށް އަމަލުކުރަން ފެށުނު ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، ޕްރައިވެސީއާއި، ޑޭޓާ ޕްރޮޓެކްޝަން ބިލް މިހާރު އާންމުންގެ ޚިޔާލަށް ހުޅުވާލާފައިވާކަމަށާއި، ސައިބާ ކުށްތަކާ ބެހޭ ގާނޫނުތަކުގެ މަސައްކަތް ވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝައުނާ ވަނީ ޑިޖިޓަލް ތަރައްގީގެ ދާއިރާއިން ސަރުކާރާއި ޕްރައިވެޓް ސެކްޓާ ގުޅިގެން ގިނަ ކުރިއެރުންތަކެއް ހޯދަމުންދާކަން ފާހަގަކުރައްވާފައެވެ. އޭގެތެރެއިން، އީފާސް، ބަނޑޭރި ޕޭ އަދި ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް އޭނާ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ ފިންޓެކް އަދި އޭއައިގެ ދާއިރާގައި ފަށާ ވިޔަފާރިތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، މުއައްސަސާތައް އިތުރަށް ހަރުދަނާކޮށް، ފިންޓެކުގެ ދާއިރާއިން ރަނގަޅު ބިންގަލެއް އެޅުމަށް މަގުފަހި ކުރުން ކަމަށެވެ.

ރެގިއުލޭޓަރީ ސޭންޑްބޮކްސް ތަކަކީ އީޖާދީ އުފެއްދުންތައް އަސްލާ އެއްގޮތް މާހައުލެއްގައި، ރެގިއުލޭޓަރީ އިދާރާތަކުގެ ބެލުމުގެ ދަށުން ޓެސްޓު ކުރުމުގެ ފުރުސަތު ލިބޭ ވަސީލަތްތަކެކެވެ. މިފަދަ ވަސީލަތްތައް މުހިއްމު ވަނީ، އެ އުފެއްދުންތަކުގެ ފައިދާއާއި ގެއްލުން ދެނެގަނެ، އާންމުންނަށް ދޫކޮށްލުމުގެ ކުރިން އެއަށް އެކަށޭނަ ގަވާއިދުތައް އެކުލަވާލުމަށެވެ. ރާއްޖޭގެ ޓެކް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މިފަދަ ވަސީލަތްތައް ގާއިމުކޮށްދިނުމަށް އެދި ލޮބީ ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.