ތޮއްޑޫގައި ބޮޑު އީދު ފޯރިގަދަކޮށް ފާހަގަ ކުރަނީ

ތޮއްޑޫގައި އީދު ފާހަގަ ކުރަން ގިނަ ހަރަކާތް ތަކެއް ހިންގަން ކައުންސިލުން ވަނީ ނިންމާފަ އެވެ. އީދަށް ރަށަށް ދާ މީހުންނަށް ދުރާލާ ކޮޓަރިއާއި ލޯންޗް ބުކް ކުރަން ކައުންސިލުން ވަނީ އެދިފަ އެވެ.

ތޮއްޑޫގެ މަތިން ނަގާފައިވާ ފޮޓޯއެއް -- އޮޑިއެޕް

ގިނަ ހަރަކާތްތަކާއެކު އއ. ތޮއްޑޫގައި މި އަހަރުގެ ބޮޑު އީދު ފޯރި ގަދަކޮށް ފާހަގަ ކުރަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ. 

ތޮއްޑޫ ކައުންސިލުން ބުނި ގޮތުގައި މި އަހަރުގެ ބޮޑު އީދު ފޯރި ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އީދުގެ ތިން ދުވަހު ގިނަ ހަރަކާތްތަކެއް އެ ރަށުގައި އޮންނާނެ އެވެ. މި އަހަރުގެ އީދު އެރަށުގައި ފާހަގަ ކުރަން ނިންމާފައި ވަނީ ފެސްޓިވަލެއްގެ ގޮތުގަ އެވެ. 

މި އަހަރުގެ ބޮޑު އީދު ތޮއްޑޫގައި ފަށާނީ ހައްޖު ދުވަހުގެ ރޭ އޮންނަ އީދު ބަޑި ރޯ ކުރުމާއި ވެދުމާ ދިނުމުންނެވެ. މިއާއެކު ތިން ދުވަހަށް ދެމިގެންދާ ހަރަކާތްތައް ފެށިގެން ދާނެ އެވެ. ރަސްމީކޮށް އީދު ފެށިގެން ދާނީ އީދު ނަމާދަށް ފަހު އެވެ. 

އީދު ނަމާދަށް ފަހު މުޅި ރަށުގެ ރައްޔިތުންނާއި ރަށުން ރަށަށް އަރައިތިބި މެހުމާނުންނާއި ޓޫރިސްޓުންނަށް ހާއްސަކޮށް ހެނދުނުގެ ސައި ދިނުން އޮންނާނެ އެވެ. އޭގެ ފަހުން އުލްހިޔާ ކަތިލުމުގެ ހަރަކާތް ކުރިޔަށް ގެންދާނެ އެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންގެ ފަރާތުން މެހުމާނުންނާއި ރައްޔިތުންނަށް ދޭ ދިވެހި ރަހަތައް ހިމެނޭ ރޭގަނޑުގެ ކެއުމެއް ވެސް އޮންނާނެ އެވެ. 

ތޮއްޑޫ އީދު ފެސްޓިވަލް

  • ހުރިހާ މީހުނަށް އޮންނަ ހެނދުނު ސައި
  • މަސް ރޭހަކާއި މަސްހުރި ރޭހެއް
  • ރޭގަނޑުގެ ކެއުމެއް
  • ބޮޑު މަސް ކޯޑި އަދި މާލި ނެށުން
  • ކުޑަކުދިންގެ ހަވީރެއް
  • މިއުޒިކް ޝޯއެއް

ތޮއްޑޫ ކައުންސިލުން ބުނީ އީދަށް ހާއްސަކޮށް އެރަށަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރު ކުރެވޭނެ ލޯންޗު ދަތުރުތަކެއް އޮންނާނެ ކަމަށެވެ. އަދި އީދުގެ ޝޯ ބަލަން އެ ރަށަށް އެރޭ އަންނަ ޓޫރިސްޓުންނާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ފަސޭހައިން ދެވޭނެ އިންތިޒާމު ތަކެއް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެ ރަށު ކައުންސިލުން ވަނީ އީދަށް އެރަށަށް ދާން ބޭނުންވާ މީހުންނަށް ލޯންޗް ބުކް ކުރުމާއި ކޮޓަރި ދުރާލާ ބުކް ކުރަން އިއުތިމާސްކޮށްފައިވެ އެވެ. 

ތޮއްޑޫއަށް ނަޒަރެއް - އއ. ތޮއްޑޫއަކީ ކަރާ ހެއްދުމަށް މުޅި ރާއްޖެއަށް މަޝްހޫރު ވެފައިވާ ރަށެކެވެ. މިރަށަކީ ޒަމާންވީ އާސާރީ ތަންތަން ހުރި ރަށެއްކަން ތާރީހުން އެނގެއެވެ. މިގޮތުން ގިނަ ދުވަސްތަކެއްވެފައިވާ، ހުކުރު މިސްކިތެއް ހުރެއެވެ. އަދި "ތޮއްޑޫ ދާގަބާ" ގެ ގޮތުގައި ބޭނުންކުރި ސަރަޙައްދަކީ މިހާރުވެސް އާސާރީ ތަނެއްގެ ގޮތުގައި ޙިމާޔަތް ކޮށްފައިވާ ސަރަޙައްދެކެވެ. ރަށަށް ނިސްބަތްވާ "ތޮއްޑޫ ސޯސަން ކްލަބް" ބަނޑިޔާ ގްރޫޕަކީ 90 ގެ އަހަރުތަކުގައި މުޅި ރާއްޖެއަށް މަޝްހޫރުވި ބަނޑިޔާ ގްރޫޕެކެވެ. ގާތްގަނޑަކަށް 172.6 ހެކްޓަރުގެ މި ރަށުގައި 1,532 މީހުން ދިރިއުޅެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.