"ދަ ޑިމޮކްރެޓްސް" ދެކޭ ގޮތުގައި މަގާމުތަކުން ވަކިކުރަމުން ދިޔުމުން ރަމްޒުކޮށްދެނީ ފިނޑިކަމެވެ. އެ ޕާޓީގެ މެންބަރުންނާމެދު ޒާތީވެ ތައައްސުބު ގެންގުޅޭ ކަމެވެ.
"ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރާ މެންބަރުން ސަަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކި ކުރަނީ އެ ޕާޓީއަށް އޮތް ތާއީދާއި މެންބަރުން އިތުރުވާ މިންވަރު ފެނި އިންޒާރު ދިނުމަށާއި ބިރު ދެއްކުމަށް ކަމަށް ބުނެ މަގާމުން ވަކިކުރި މީހުންގެ ދިފާއުގައި ބަޔާނެއް ނެރެފި އެވެ.
ސަރުކާރުގެ މަގާމުތަކުން އިއްޔެ ވަކި ކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންްނެވި މުހައްމަދު ހަމްދާން އާއި ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އާޝިޔަތު އަލައިކާ އަދުނާނެވެ.
މި ތިން ބޭފުޅުން ވެސް ވަނީ އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކޮށްފަ އެވެ. އެ ބޭފުޅުން ވަކި ކުރެއްވީ އެމްޑީޕީން އެދިގެން ކަމަށް ސަރުކާރުން ބުނެ އެވެ. އެމްޑީޕީން އެ ގޮތަށް އެދުނީ އެ ބޭފުޅުން ޕާޓީ ދޫކޮށް ދިއުމުންނެވެ.
"ދަ ޑިމޮކްރެޓްސް" އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަގާމުން ވަކި ކޮށްފައި ވަނީ މި ސަރުކާރު ވެރިކަމަށް ގެނައުމަށާއި ކުރީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އަދަދު ނުކުރެވޭހައި ބުރަ މަސައްކަތް ކޮށްފައިވާ ޒުވާން ސިޔާސީ ލީޑަރުން ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެންޕޭން ގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރު ކުރުމުގެ އިތުރުން ކެންޕެއިން ރޭވުމާއި ހިންގުމުގެ އިސް ހަރަކާތްތެރިންނެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމުން ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލު ބޭފުޅުން ހިދުމަތް ކުރުމުގެ ފުރުސަތު ބަންދު ކުރުމަކީ ގައުމުގެ މުސްތަގްބަލަށް އެޅޭ ހިޔަންޏެއް ކަމަށާ އެއީ މި ވެރިކަން ގެންނަމުން ނުކުރާން ކަމަށް ވައުދުވީ ކަންކަން ކަމަށެވެ.
"ރިޔާސީ އިންތިހާބުގައި ސަރުކާރުގެ މައި ކޯލިޝަން ޕާޓްނަރަކު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ތާއީދު ނުކުރައްވާނެ ކަމަށާއި ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާނު ކުރައްވާފައި ވެއެވެ. އަނެއް ކޯލިޝަން ޕާޓްނަރަކު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ އިންތިހާބުގައި ތާއީދެއް ނުކުރެއްވި އެވެ. އެހެނަސް އެ ޕާޓީތަކުގެ މެންބަރުން ތިބީ ސިޔާސީ މަގާމުތަކުގައި އާރާއި ބާރު ހިންގުމުގަ އެވެ. އެއްވެސް މެންބަރަކަށް އިންޒާރުދީ ވަތްކެއް ނުކުރެ އެވެ،" ޖޭޕީއާ އެމްއާރްއެމްގެ މެންބަރުންނަށް ފިޔަވަޅު ނާޅާ ކަން ފާހަަގަކޮށް ބަޔާނުގައި ވެއެވެ.
ޑިމޮކްރޭޓުންގެ ބަޔާނުގައި ބުނީ އިއްޔެ މަގާމުން ވަކިކުރި ސިޔާސީންނަކީ ކޮންމެހެން ރައީސުލްޖުމްހޫރިއްޔާއަށް ތާއީދު ނުކޮށްގެން ވަކިކުރި ބައެއް ނޫން ކަމަށާ އެއީ ދަ ޑިމޮކްރެޓްސްގެ ތާއީދާއި މެންބަރުން އިތުރުވާ މިންވަރު ފެނި އިންޒާރު ދިނުމަށާއި ބިރު ދައްކަން ވަކިކުރި ބައެއް ކަމަށެވެ. އަދި އެ ޕާޓީއަށް ފާޅުގައި ތާއީދު ކުރުން ހުއްޓުވުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށެވެ.
"... ދަ ޑިމޮކްރެޓްސް ދެކޭ ގޮތުގައި މި ބޭފުޅުން މަގާމުތަކުން ވަކިކުރަމުން ދިޔުމުން ރަމްޒު ކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފިނޑިކަމެވެ. މި ޕާޓީގެ މެންބަރުންނާމެދު ޒާތީވެ ތައައްސުބު ގެންގުޅޭ ކަމެވެ. ސަރުކާރުގެ އަނިޔާވެރިކަމާއި ތަފާތު ކުރުމާއި ނަހަމަ އެވެ،"