ޖޭޕީދެކެ ކޮން ބިރެއް، ފިޔަވަޅު އަޅަން ނުކުރެނީ ކީއްވެ؟

ހަގީގަތަކީ މިއީ އެވެ. ޖޭޕީގެ ވަޒީރުންނާއި އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން ނުކުރެނީ އެވެ. އެ ހިތްވަރު ސަރުކާރުގެ ނެތީ އެވެ. އެއީ ޖޭޕީގެ އެހީނެތި އިންތިހާބު ކާމިޔާބު ވާން ނެތީމަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް (މ) މިނިސްޓަރު އައިޝަތު ނަހުލާ (ކ) މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަަސަން (ވ)

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަންގައި ކުރީން އޮތް ބަދަހި ކަމާއި ގަދަކަން ވަނީ ގެއްލިފައެވެ. ހަތަރު ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތް ސަރުކާރުގައި ޕާޓީތަކުގެ ތަމްސީލުވުން އޮތީ ކުރިއާ ބަލާއިރު ވަރަށް ކުޑަކޮށެވެ. ކޯލިޝަންގެ ބަދަހިކަމެއް ނެތެވެ. ޕާޓީތަކުގެ މެދުގައި ހަރުދަނާ ގުޅުމެއް ނެތެވެ. އިތުބާރެއްވެސް ނެތެވެ. ކޯލިޝަން ދެމެހެއްޓުނަސް އޮތީ ހިޔާލު ތަފާތުވުން ބޮޑު ގުޅުން ކުޑަ ކޯލިޝަނެކެވެ. 

ފުރަތަމަ ރޫޅުނީ އެމްޑީޕީގެ ސަފުތަކެވެ. ވަރަށް ބަދަހިކޮށް 17 އަހަރު އޮތް އެމްޑީޕީގައި ބައިބައިވުން އުފެދި ޕާޓީގައި އިސްކޮށް ތިއްބެވި ކިތަންމެ ބޭފުޅަކު އެ ޕާޓީ ދޫކޮށް ނިކުންނަވަައިފި އެވެ. މަޖިލީހުގެ 13 މެންބަރަކާއި ޕާޓީގެ ނާއިބު ރައީސެވެ. ގޮފިތަކުގެ ރައީސުންނާއި ނާއިބު ރައީސުންނެވެ. ޕާޓީއަށް ހަރަދު ކުރައްވަމުން ގެންދެވި ބައެއް ބޭފުޅުންނެވެ. އެމްޑީޕީން ނިކުންނެވި ބޭފުޅުން މިހާރު ގެންދަވަނީ އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ބައިބައިވެ ފަޅައިގެންދާން ކައިރިވެފައި އޮތް އެމްޑީޕީން މި ހާލަތަށް ދިޔައީ ސަަރުކާރާއި ހިޔާލު ތަފާތު ބޭފުޅުންނަށް ފިޔަވަޅު އަޅަން ފެށުމުންނެވެ. ސަރުކާރުގައި އެ ބޭފުޅުން ތިއްބެވި މަގާމުތަކުން ވަކިކުރައްވަން ފެއްޓެވުމުންނެވެ. ފުރަތަމަ ވަކި ކުރެއްވީ އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި ހުސައިން އަމްރެެވެ. އެއީ އެމްޑީޕީން ތަންފީޒު ކުރަން ވައުދުވީ މެނިފެސްޓޯ އެކުލަވާލި ޓީމުގެ އިސް ބޭފުޅެކެވެ. އެމްޑީޕީގެ ވަރަށް ހިދުމަތްތެރިއެކެވެ. ޕާޓީއަށް ހަރަދު ކުރައްވަމުން ގެންދެވި ޕްރޮވިންސެއްގެ ރައީސެކެވެ.

އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. އެއީ އެމްޑީޕީގެ ނާއިބު ރައީސެވެ. ޕާޓީ އެންމެ ބަލިކަށިވީ ދަނޑިވަޅު ގަދަ ހިތްވަރު ނެރެ މަގުމައްޗަށް ނިކުތް ޓީމުގެ ލީޑަރެވެ. ޝިފާޒަށް ފަހު ބައެއް ކުންްފުނިތަކުގެ ވެރީން ވަކިކުރެއްވި އެވެ. ސްޓޭޓް މިނިސްޓަރުންނާއި ނާއިބުންގެ މަގާމުގައި ތިއްބެވި ބައެއް ބޭފުޅުންނެވެ. އެގްޒެކްޓިވް ޑިރެކްޓަރުންނާއި ސީނިއީ ޕޮލިސީ އެގްޒެކްޓިވުންނެވެ.

މި ހުރިހާ ބޭފުޅުންނަކީވެސް ސަރުކާރާއި ވިސްނުން ތަފާތު ބޭފުޅުންނެވެ. އަދި އަލަށް އުފައްދަން މަސައްކަތް ފަށާފައި އޮތް "ދަ ޑިމޮކްރެޓިކްްސް" ގެ މެންބަރުންނެވެ. 

ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ނަޝީދަށް ވަފާތެރި ބޭފުޅުން ދަނީ މަގާމުތަކުން ވަކި ކުރަމުން

ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމުތަކުގައި ތިއްބެވޭނީ ރައީސަށް ވަފާތެރި މެންބަރުންނަށެވެ. އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކޮށްދެއްވުމަށް އެދިވަޑައިގެން ރައީސަށް ނަން ފޮނުއްވެވި ޕާޓީއަށް ނިސްބަތްވާ މެންބަރުންނަށެވެ. ސަރުކާރާމެދު ހިތްހަމަޖެހޭ ބޭފުޅުންނަށެވެ. ސަރުކާރު ޕްރޮމޯޓްކޮށް ސަރުކާރު ދިފާއު ކުރާނެ ބޭފުޅުންނަށެވެ.

އެއީ ހަގީގަތެވެ. ކަން ހިނގާނެ ގޮތެވެ. އެ ގޮތް ނުވީމާ ވަކި ކުރާނެ އެވެ. އެމްޑީޕީގައި ކިތަންމެ ހިދުމަތެއް ކުރެއްވި ނަމަވެސް / މި ސަރުކާރު ގެންނަން ކިތަންމެ ބޮޑު ގުރުބާނީއެއް ވެފައި އޮތަސް އެކަން ހިނގާނީ އެ މަގުންނެވެ. ސަރުކާރުގެ މަގާމުތަކުން ވަކިކުރެއްވި ބޭފުޅުން ވަކިކުރެއްވީ އެ ސަބަބުތައް އޮތުމުންނެވެ. ރައީސަށް ކަމުނުދާ ބަޔަކަށް ސިޔާސީ މަގާމުތަކުގައި ނުތިބެވޭނެ އެވެ. ސަރުކާރަށް ފާޑުކިޔާނަމަ ނުތިބެވޭނެ އެވެ. ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާނަަމަ އަމުދުން ނުތިބެވޭނެ އެވެ.

އެކަމަކު އެކަމުގައި އެންމެން ހަމަހަމަވާން ޖެހެ އެވެ. ފިޔަވަޅު އެޅުމުގައި ތަފާތު ވެގެން ނުވާނެ އެވެ. ނަމަވެސް ސަރުކާރުން ފެންނަނީ އެ މަންޒަރެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަމަލު ކުރައްވަނީ ހަމަހަމަ ކަމާއެކުއެއް ނޫނެވެ. އެމަނިކުފާނުގެ ކިބައިން އެ އަދުލްވެރި ކަމެއް ނުފެނެ އެވެ.

ފިޔަވަޅު އަޅުއްވާ މަގާމުން ވަކިކުރައްވަނީ މުޅީންވެސް އެމްޑީޕީ މެންބަރުންނެވެ. ރައީސާއެކު އެންމެ އިހްލާސްތެރިކޮށް މަަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އެމްޑީޕީއަށް އެތައް ހިދުމަތެއް ކޮށްދިން މެންބަރުންނެވެ. އެ ޕާޓީ އެންމެ ނިކަމެތިވީ ދުވަހު ހިތްވަރުކޮށް ޕާޓީ ކޮޅަށް ނެގުމުގައި މަސައްކަތް ކުރި މީހުންނެވެ.

ސަރުކާރުން ބުނާ ގޮތުގައި އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި ބޭފުޅުން މަގާމުތަކުން ވަކިކުރައްވަނީ ޕާޓީން ރަައީސް އަރިހުގައި އެދިވަޑައިގަތުމުންނެވެ. ސަރުކާރަށް ވަފާތެރި ކަމެއް ނެތް، އެމްޑީޕީގަައި ތިބެން ބޭނުން ނޫން ބަޔަކު ސަރުކާރުގައި ތިބެން އެ ޕާޓީން ބޭނުން ނުވާތީ އެވެ.

ރައީސް ސޯލިހް ކެމްޕެއިންގައި: ހިޔާލު ތަފާތު އެމްޑީޕީ މެންބަރުން ދަނީ މަގާމުތަކުން ވަކި ކުރައްވަމުން

އެމްޑީޕީ ފިޔަވާ ސަރުކާރުގައި އޮތް އެންމެ ބޮޑު ޕާޓީއަކީ ޖުމްހޫރީ ޕާޓީ އެވެ. އެ ޕާޓީން ވަނީ އެމްޑީޕީއާއެކު އަލުން ކޯލިޝަން ނުހަދަން ނިންމާފައެވެ. ރައީސް ސޯލިހަށް ދެވަަނަ ދައުރަކަށް ތާއީދު ނުކުރަން ނިންމާފައެވެ. އެމަނިކުފާނާއި ވާދަކުރައްވަން ކެންްޑިޑޭޓަކު ނެރެން ނިންމާ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު އަދި މި ސަރުކާރުގެ ކޯލިޝަން ލީޑަރެއްގެ ގޮތުގައި ހުންނެވި ގާސިމް އިބްރާހިމަށް އެރުވުމަށް ނިންމާފައެވެ.

ކެމްޕެއިން ފެށުން ޖޫން ނުވަޔަކަށް ތާވަލުކޮށް ކެމްޕެއިން ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. 

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން މަަސައްކަތުގައި އެންމެ އިސް ދައުރެެއް އޮތް ބޭފުޅުންގެ ތެރޭގައި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހްމަދު ހިމެނިވަޑައިގަންނަވައެވެ. ނަހުލާއަކީ ގާސިމްގެ އަނބިކަނބަލުންނެވެ. އަދި އެއީ ޖޭޕީގެ ނާއިބު ލީޑަރެވެ. ޑރ. ހުސައިން އަކީ ގާސިމްގެ ސްޕެޝަލް އެޑްވައިޒަރެވެ. އެ މަގާމަށް ހުސައިން އައްޔަން ކުރީވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިން މަސައްކަތާއި ދިމާކޮށެވެ.

ނަހުލާއާއި ހުސައިން ރަސްމީ ގަޑީގައި އުޅުއްވަނީ ސަރުކާރުގެ މަސައްކަތުގައެވެ. ހަވީރާއި ރޭގަނޑު ޖުމްހޫރީ ޕާޓީގެ މަސައްކަތުގައެވެ. ރައީސް ސޯލިހްގެ ބަދަލުގައި ގާސިމް އިބްރާހިމް ވެރިކަމަށް ގެނެވޭނެ މަގެއް / ފޯމިއުލާއެއް ހޯއްދެވުމުގައެވެ. ޖޭޕީއަށް މެންބަރުން އިތުރުކޮށް ޕާޓީގެ ކެމްޕެއިން ފެށުމުގެ ތައްޔާރީތަކުގައެވެ.

އެކަމަކު އެއިން ބޭފުޅަކަށް ފިޔަވަޅު އެޅުމުގެ ހިތްވަރެއް ސަރުކާރުގެ ނެތެވެ. ކޮންމެވެެސް ސަބަބެއް / ސަބަބުތަކެއް އޮވެގެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެންނަނީ މި ބޭފުޅުންނަށް ފިޔަވަޅު އެޅުމުގައި ފަހަތަށް ޖެހިވަޑައިގަންނަވާ މަންޒަރެވެ. ކޮންމެވެސް އެދުންފުޅެއް ނޫނީ ބިރުވެތި ކަމެއް އޮތުމުންނެވެ.

މިނިސްޓަރު ނަހުލާ ގާސިމަށް ތާއީދު ހޯއްދެވުމުގެ އިވެންޓެއްގައި: ސަރުކާރުގައި ވަޒީރަކަށް ހުންނަވައިގެން ކުރައްވަނީ ޖޭޕީގެ ސިޔާސީ މަސައްކަތް

ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަކީ ކޮންމެ ޕާޓީއަކަށް އޮތް ހައްގެކެވެ. އެ ހައްގު ޖުމްހޫރީ ޕާޓީއަށްވެސް އެބައޮތެވެ. އެ ޕާޓީން ނެރޭ ކެންޑިޑޭޓަކު ހޮވަން މަސައްކަތް ކުރުމުގެ ހައްގު ކޮންމެ މީހަކަށްވެސް އެބައޮތެވެ. އެ ޕާޓީގެ އިސް ބޭފުޅުން އެ މަސައްކަތް ކުރައްވާނެ އެވެ. 

ހަމަ އެއާކު ޕާޓީތައް އިއްތިހާދުވެ އޮތީ ނޮވެންބަރު 17، 2018 އިން ނޮވެންބަރު 17، 2023 އަށް ސަރުކާރު ދެމެހެއްޓުމަށެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދޭން ވި އެއްބަސްވުމެއް ނެތެވެ. އެހެންވީމަ ސެޕްޓެންބަރު ނުވައެއްގައި އޮންނަ އިންތިހާބަށް އެ ބަޔަކަށް ފެންނަ ކެންޑިޑޭޓެއްގެ ފަހަތުގައި ތިބެވިދާނެ އެވެ. އެއީވެސް އޮތް ހައްގެކެވެ.

ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ތެރެއިން ސަރުކާރުގައި ތިއްބެވި އެއްވެސް ބޭފުޅަކަށް އެ ހައްގެއް ނެތެވެ. ސަރުކާރާއި ދެކޮޅަށް މަސައްކަތް ކޮށްފިނަމަ ވަކި ކުރައްވަނީ އެވެ. އެހެން ވެއްޖެނަމަ އެ ގޮތް އެހެން ޕާޓީތަކަށްވެސް އޮންނަން ޖެހޭނެ އެވެ. ތަފާތުކޮށް އަމަލު ކުރާތީ އެކަމުގައި ކޮންމެވެސް ނުފޫޒެއް އޮތީ އެވެ. އެދުމެއް ނޫނީ ބިރެއް އޮތީ އެވެ.

އެސްޓީއޯ އިން އަމްރު ވަކިކުރެއްވީ ރައީސް ނަޝީދާއެކު ހުންނެވުމުންނެވެ. މިނިސްޓަރު ކަމުން ޝިފާޒު ވަކިކުރައްވާ ގެއަށް ފޮނުއްވާލެއްވީވެސް އެ ސަބަބާއި ގުޅިގެންނެވެ. މި ފަހުން ވަކިކުރެއްވި ބޭފުޅުން ވަކި ކުރެއްވީ އެމްޑީޕީން ވަކިވެ ޑިމޮކްރޭޓުންގެ ސަފަށް އެރީމާ އެވެ. އެއީ މަގާމުން ވަކިކުރަން ރަނގަޅު ސަބަބުތަކަކަށް ވެދާނެ އެވެ.

އެކަމަކު ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވި މަސައްކަތެއް ކުރެއްވުމަށް ސީދާ ރައީސްގެ އޯޑަރަށް ތަބާވާ ބައެއްގެ ގޮތުގައި ތިއްބަވަން ޖެހޭ ވަޒީރުންނަށް ރައީސާ ދެކޮޅު ކެންޑިޑޭޓްގެ ކެންޕެއިންގައި މަސައްކަތް ކުރެވެއެވެ. އެހެން ކެންޑިޑޭޓަކަށް ތާއީދު ހޯދައިދޭން އުޅެވެއެވެ. މިއީ އަޖައިބެއް ކަހަލަ ކަމެކެވެ. ރައީސާ ދެކޮޅު ވެގެން އެގްޒެކްޓިވް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު ނޫނީ ސީނީއާ ޕޮލިސީ އެގްޒެކްޓިވަކަށް ހުންނެވި ބޭފުޅަކު ވަކިކުރުމުގެ ކުރީން ވަކިކުރައްވަން ޖެހިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގައި އިންނަވާ އެމަނިކުފާނާއި ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެކަމަކު މަންޒަރު ފެންނނަީ މުޅީން ތަފާތުކޮށެވެ. 

ގާސިމަށް ތާއީދު ހޯދައިދޭން ނަހުލާ އިންތިޒާމު ކޮށްގެން ބޭއްވި ޒުވާނުންގެ ހަރަކާތެއްގައި އެ ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ

ބުރަވެވެނީ ޖުމްހޫރީ ޕާޓީގެ ބޭފުޅުންނަށް ފިޔަވަޅު އަޅަން ރައީސް ސޯލިހަށް ކެރިވަޑައިނުގެން ހުންނެވީ ކަމުގައެވެ. އެކަމުގައި ގިނަ ސަބަބުތަކެއް ވެއެވެ.

އެންމެ ބޮޑު ސަބަބަކީ ރިޔާސީ އިންތިހާބު އެއްބުރުން ނެގޭނެ އެއްވެސް ގޮތެއް ރައީސް ސޯލިހަށް ނެތްކަން ކަށަވަރު ވެވަޑައިގަތުމެވެ. އިންތިހާބު ނަންގަވާނީ އެއްބުރުން ކަަމަށް އެމަނިކުފާނު ކިތަންމެ ބާރަށް ވިދާޅުވިޔަސް އެއީ މުޅީން ސިޔާސީ ވާހަކަ އެވެ. އެއްބުރުން ކާމިޔާބު ނުކުރެއްވޭނެ ކަން ގައިމު ކަށަވަރު ވާނެ އެވެ. އެއްބުރުން ނެންގެވޭނެ އަދަދަކާއި ކައިރިއަށްވެސް ވަޑައިނުގެންނެވޭނެ އެވެ.

އެހެންވީމަ އޮތީ ދެވަނަ ބުރެއްގެ އުންމީދެވެ. އެބުރުގައި ކާމިޔާބު ލިބެން އޮތީ އިއްތިހާދުވާނެ އިތުރު ބަޔަކު ލިބިގެންނެވެ. ހާއްސަކޮށް ޖުމްހޫރީ ޕާޓީ ފަދަ ވަސީލަތްތާއި މެންބަރުން ހިމެނޭ ޕާޓީއެއްގެ ތާއީދެވެ. ރައީސާއެކު މިވަގުތު ކޯލިޝަނެއް ނެތްކަން އެމަނިކުފާނު ގަބޫލު ކުރައްވާނެ އެވެ. އޮތީ ދެ ނަން ފިލާގަނޑެކެވެ. ހުސް ދެ ތޮށިގަނޑެވެ. އަދާލަތަކާއި އެމްޑީއޭ އެކެވެ. އެ ޕާޓީތަކާއެކު އެއްބުރުން އިންތިހާބު ނެގޭނެ އެއްވެސް ފޯމިއުލާއެއް ފެނިވަޑައިނުގަންނަވާނެ އެވެ.

އެހެންވީމަ އޮތީ ޖުމްހޫރީ ޕާޓީގެ ތާއީދު ހޯއްދެވުމެވެ. އެމަނިކުފާނު އެންމެ ބޭނުންވީ އެ ޕާޓީގެ ތާއީދެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ގާސިމްގެ އޮތް ބޮޑު ކަމާއި އެމަނިކުފާނުގެ ވަށައިގެން ތިބި އެކި ފިކުރުތަކުން އައިސް ތިއްބެވި ބޭފުޅުންގެ "ވަސްވާހުން" ރައީސް ބޭނުންފުޅުވީ ގޮތް ނުވީ އެވެ. ނަމަވެސް އަދިވެސް ޖޭޕީއާ މުޅީން ދެކޮޅުވެ އެ ޕާޓީގެ މެންބަރުންނަށް ފިޔަވަޅު އަޅައިގެންވާން ނެތީ އެވެ. ދެވަނަ ބުރުގައި ގާސިމާއި ޖޭޕީގެ ތާއީދު ހުރިހާ ގޮތަކުންވެސް މުހިންމެވެ.

ޖޭޕީގެ ވަޒީރުންނަށް ފިޔަވަޅު ނާޅަނީ / ފިޔަވަޅު އެޅުން ލަސްވަނީ އެހެން ވެގެންނެވެ. އެމްޑީޕީން ވަކިވެ ޑިމޮކްްރޭޓުންނާއި ގުޅޭ ބޭފުޅުންނަށް ފިޔަވަޅު އަޅަނީ ސަރުކާރުގައި ބެއިތިއްބިޔަސް އެއިން ބޭފުޅެއްގެ ތާއީދު ދެން ރައީސަށް ނުލިބޭނެކަން ކަށަވަރުވާތީ އެވެ.

އެކަމަކު މިއީ ފިޔަވަޅު އެޅުމުގައި ސަރުކާރާއި ރައީސް ސޯލިހްގެ އަދުލްވެރިކަމެއް ހަމަހަމަ ކަމެއް ނެތް ކަމުގެ އަލިގަދަ ދަލީލެކެވެ. އެ ބައެއްގެ ކިބައިން އެހީތެރިކަމެއް މަންފާއެއް ލިބެން ނެތް ކޮންމެ މީހަކަށް ފިޔަވަޅު އަޅަނީ އެވެ. ކޮންމެ ގޮތަކަށް މަސައްކަތް ކުރިޔަސް އެބައެއްގެ އެހީ ހޯދަން ޖެހިދާނެ ބަޔަކަށް ފިޔަވަޅު އެޅުމުގައި ފަސް ޖެހެނީ އެވެ. އެމްޑީޕީގެ ވެރީންވެސް ގޮވަނީ އެ ޕާޓީއާ ފެޔަށް ޖެހޭ މެންބަރުންނަށް ފިޔަވަޅު އަޅާށެވެ. އެ ޕާޓީއަށް ވެރިކަމުގެ އިތުރު ފަސް އަހަރު ހޯދަން ކުރާ މަސައްކަތާއި ދެކޮޅު އެހެން ޕާޓީތަކަށް ނިސްބަތްވާ ކެބިނެޓް ވަޒީރުންނާއި އެހެން މަގާމުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން ގޮވާލާކަށް ނުކުރެއެވެ. އެހާ ގަދަ އަޑުން ވާހަކަ ދައްކަވާ އެންމެ ބޭފުޅަކަށްވެސް އެފަދަ ގޮވާލެއްވުމެއް ގޮވާލައްވަން ކެރިވަޑައިނުގަތެވެ. 

ހަގީގަތަކީ މިއީ އެވެ. ޖޭޕީގެ ވަޒީރުންނާއި އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން ނުކުރެނީ އެވެ. އެ ހިތްވަރު ސަރުކާރުގެ ނެތީ އެވެ. އެއީ ޖޭޕީގެ އެހީނެތި އިންތިހާބު ކާމިޔާބު ވާން ނެތީމަ އެވެ. އެކަން ގައިމަށް ކަށަވަރުވެ ޔަގީންވާތީ އެވެ. ޖޭޕީގެ ވަޒީރުން ބައިތިއްބަވައިގެން ކުރިއަށް ދަނީ އަމިއްލަ އެދުމެއް އޮތީމަ އެވެ. ފިޔަވަޅެއް އެޅިޔަސް އަޅާނީ ދެން އިތުރު ގޮތެއް ނެތުނީމަ އެވެ. އެއީ ސައްތައިން ޔަގީން ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.