އެމްއާރްއެމް އުވާލުން މަޑުޖައްސާލަން އަމުރު ކޮށްފި

އެމްއާރްއެމްގައި، ސިޔާސީ ޕާޓީއެއް ވުޖޫގައި އޮތުމަށް ގާނޫނު ލާޒިމު ކުރާ 3،000 މެންބަރުން ނެތް ކަމަށް ކަނޑައަޅާ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަަ ބުދަ ދުވަހު އެވެ.

އެމްއާރްއެމްގެ އިސް ބޭފުޅުން: އެ ޕާޓީ އުވާލަން ނިންމި ނިންމުމަށް އަމަލު ކުރަން މަޑު ޖައްސާލަން އަމުރެއް ވަނީ ނެރެފައި -- އަނަސް | މި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

އެމްއާރްއެމްގައި، ސިޔާސީ ޕާޓީއެއް ވުޖޫގައި އޮތުމަށް ގާނޫނު ލާޒިމު ކުރާ 3،000 މެންބަރުން ނެތް ކަމަށް ކަނޑައަޅާ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަަ ބުދަ ދުވަހު އެވެ. އެ ނިންމުމާއެކު ހަމަ އެ ދުވަހު ހަވީރު، އެ ޕާޓީ އުވާލުމުގެ މަރުހަލާތައް ވަނީ ފަށާފައެވެ. އެގޮތުން އެކަން ގެޒެޓްގައި އިއުލާނުކޮށް ޕާޓީގެ އެއްވެސް ދަރަންޏެއް އޮތް ނަމަ އަންގަން ވަނީ އެދިފައެވެ. އަދި އެމްއާރްއެމްގެ ނަމުގައި އެއްވެސް ހަރަކާތެއް ނުހިންގަން ވަނީ އަންގާފައެވެ.

އެ ޕާޓީން ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނާއި ހިލާފެވެ. އެހެން ކަމުން އެ މައްސަލަ މުރާޖައާ ކޮށްދޭން އެދުނެވެ. ނަމަވެސް ކޮމިޝަނުން ވަނީ ނިންމުމާމެދު ހިތްހަމަނުޖެހޭ ނަމަ ޝަރުއީ މަރުހަލާ އަށް ދިއުމަށް އެދިފައެވެ.

އެހެން ކަމުން އެމްއާރްއެމް އިން ވަނީ އެ ޕާޓީ އުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އަންގާ ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދިފައެވެ. ސިވިލް ކޯޓުން މިހާރު ވަނީ އެ އަމުރު ނެރެދީފައެވެ.

އެމްއާރްއެމުން އެދުނީ އެ ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށް އަމުރުކޮށް އެމްއާރްއެމް އުވާލުމުގެ އެއްވެސް މަސައްކަތެއް ނުވަތަ ކަމެއް ނުކުރުމަށާއި ޝަރީއަތުން ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރީން އެ ޕާޓީ އުވާލުމާއި ގުޅޭގޮތުން ނުވަތަ ކޮމިޝަންގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށް ދިނުމަށެވެ.

ގާޒީ ފަރުހާދު ރަޝީދު ސޮއި ކުރައްވާ ނެެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށާއި އެމްއާރްއެމް އުވާލުމާއި ގުޅޭގޮތުން ނުވަތަ ކޮމިޝަންގެ ނިންމުން ތަންފިޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރާ ކަމަށެވެ.

އަދި މި އަމުރަކީ ވަގުތީ އަމުރަކަށް އެދުނު ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޯޓަށް ހުށައަޅަން ގަސްތުކުރާ ދައުވާއާ ގުޅިގެން ނެރުނު ވަގުތީ އަމުރަކަށް ވާތީ އަމުރު ނެރޭ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައުވާ ހުށައެޅުމަށެވެ. މި މުއްދަތުގައި ދައުވާ ހުށަނާޅައިފިނަމަ މި އަމުރު ބާތިލުވާނެ ކަމަށްވެސް އަންގާފައިވެއެވެ. 

ސިވިލްކޯޓްގެ އަމުރުގައިވާ ގޮތުން މި މައްސަލާގައި ގޮތް ނިންމާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ޣައިރު ހާޒިރުގައެވެ.

އެމްއާރްއެމް އުފެއްދުން - އާ ސިޔާސީ ޕާޓީއެއް ހައްދަވާކަން މައުމޫން އިއުލާނު ކުރެއްވީ ޖަނަވަރީ 31، 2019 ގައެވެ. އަދި ފެބްރުއަރީ 10، 2019 ގައި އެމްއާރްއެމް އުފައްދަން ހުށައެޅި އެވެ. އެ ހުއްދަ ކޮމިޝަނުން ދިނީ އޭގެ ނުވަ ދުވަސް ފަހުން ފެބްރުއަރީ 19، 2019 ގައެވެ.
މި ނޫހުން ކުރީން ލިޔެ އާންމުކޮށްފައިވާ ތަފްސީލީ ރިޕޯޓެއް

އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމި ނިންމުމަކީ ނުފޫޒެއް އޮވެގެން ނިންމި ނިންމުމެއް ކަަމަށް އެމްއާރްއެމުން ދެކެ އެވެ. އެ ޕާޓީގެ ނަޒަރުގައި އެއީ ސިޔާސީ ނިންމުމެކެވެ. އެހެން ބުނާ ވަރަށް ގިނަ ސަބަބުތައް އެ ޕާޓީން ދައްކައެވެ.

  •  އުވާލިއިރު ގޮތް ނުނިންމާ 40 ފޯމެއްވޭ
  •  ސައްހަ ކަމަށް ނިންމި 60 ފޯމް ދަފްތަރުގައި ނުހިމަނާ
  •  ކުރީން ސައްހަ ކަމަށް ކަނޑައެޅި ފޯމްތަކެއް އުވާލި ދުވަހު ރިޖެކްޓްކުރި
  •  22 ވަނަ ދުވަހު ކެނޑެން ހުށައެޅި މީހުން އަވަސް އަރުވާލައިގެން ވަކިކުރުން
  •  އުވާލިއިރު ދަފްތަރުގައި ހިމެނޭ މެންބަރުންްގެ ސާފު އަދަދެއް ނުބުނޭ
  •  ކެނޑެން ސިޓީލީ ބައެއް މީހުންނަށް އެކަން ނުވެސް އެނގޭ
  •  ދަފްތަރުން އުނިކުރީ ސައްހަ ސިޓީއެއްތޯ ނުބަލާ

އެމްއާރްއެމްގެ ތުހުމަތުތަކާއި ގުޅިގެން ކޮމިޝަނުން ވަކި އެއްޗެއް ނުބުނެ އެވެ. އެ ކޮމިޝަނުން ވަނީ ޒާތީ ނިންމުމެއް އެއް ޕާޓީއަކާމެދު ނުނިންމާނެ ކަމަށް ބުނެފައެވެ. 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.