ބޯޓް ބާ ކަމަށް ދައްކަން އުޅުނަސް، މަސް ނުކިރާ ކަމަކަށް ނުވާނެ: މިފްކޯ

މިފްކޯއިން ބުނަނީ އިސްކަން ދޭ ކަމަކީ ރާއްޖޭގެ މަސްވެރިން ބާނާ މަސްތައް ކިރުވުން ކަމަށެވެ. އެކަން އެ ކުންފުނިން ބަރާބަރަށް ކުރަމުން ދާނެ ކަމުގެ ޔަގީންކަން ވެސް ދެއެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ -- ރައީސް އޮފީސް

މިފްކޯއިން އަލަށް ގެނައި ބޯޓުތަކުގެ ފޮޓޯ ކަމަށް ބުނެ ފޮޓޯތަކެއް އާންމު ކުރި ނަމަވެސް އެ ކުންފުނިން މަސް ނުކިރުވާ ކަމަކަށް ނުވާނެ ކަމަށް މިފްކޯގެ އެމްޑީ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެ އެވެ.

މިފްކޯއިން އެންމެ ފަހުން މަސް ކިރަން ގެނައި ބޯޓުގެ މަންޒަރުތަކެއް ކަމަށް ބުނެ، ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރެއްވީ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމެވެ. ބޯޓުގެ ބައިތައް ވަރަށް ބޮޑަށް ދަބަރުޖަހައި ބާވެފައި ހުރިތަން ފެންނަ އެ ފޮޓޯތައް ހިއްސާ ކުރައްވަމުން ވިދާޅުވީ އެއީ މި މަހުގެ 18 ވަނަ ދުވަހު އެ ބޯޓު މަސްކިރަން ފެށިއިރު ހުރި ހާލަތު ކަމަށެވެ. 

"ވިއްސަކަށް ޓަނު ކިރާފައި ޖެހުނީ ހުއްޓާލަން. މީ ރޯމާ ދުވާލު ކުރާ ވައްކަން." ޝިޔާމް ލިޔުއްވިއެވެ. 

މިފްކޯގެ ޖަޒީރާ ބޯޓުގެ ފޮޓޯތަކެއްކަމަށް ބުނެ ޝިޔާމް އާންމުކުރެއްވި ފޮޓޯތައް

އެކަމާ ގުޅިގެން "މި" ނޫހާ ވާހަކަ ދައްކަވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ މިފްކޯއަށް ގަންނަ ބޯޓުތައް ގަންނަނީ އެއީ މިފްކޯގެ އޮޕަރޭޝަނަށް ގެންގުޅެވޭނެ ވަރުގެ ބޯޓުތަކެއްކަން ކަށަވަރު ކޮށްފައި ކަމަށެވެ.

"މިފްކޯގެ ޓެކްނިކަލް ޓީމުގައި އެބަތިބި އެވަރުގެ ބޯޓުތައް ބެލެހެއްޓޭނެ ފެންވަރުގެ މީހުން"

"މިފްކޯގެ ދަނގަޑު ބޯޓެއް ވިއްޔާ ދަބަރު ވެސް ހުންނާނެ، އޭގައި ކުލަ ވެސް ލާނެ. އެ މެއިންޓެއިން ކުރަން ކުރަންޖެހޭ ކަމެއް ވިއްޔާ ކުރާނެ" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިފްކޯގައި 40 އަހަރަށް ވުރެ ގިނަ ދުވަސްވީ ވަސީލަތްތައް ހުރި އިރު، އެތަކެތި ހަލާކުނުވެ، ހިނގަމުންދިއުމަކީ ރަނގަޅަށް ބަލަހައްޓާ މެއިންޓެއިން ކުރަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިފްކޯއެިން އެންމެ އިސްކަމެއް ދޭ ކަމަކީ ރާއްޖޭގެ މަސްވެރިން ބާނާ މަސްތައް ކިރުވުން ކަމަށެވެ. އެކަން އެ ކުންފުނިން ބަރާބަރަށް ކުރަމުން ދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އޭނާ ވިދާޅުވީ އިއްޔެ އެކަނި ވެސް 50 އޮޑިން 717 ޓަނު މަސް ކިރުވި ކަމަށެވެ. އަދިވެސް މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް، އިތުރު މަސް ކިރުވޭނެ ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.