ރާއްޖެ ކޮވިޑުން އަރައިގަތް ގޮތަށް ލަންކާއާ ސޭޝެލްސް ތައުރީފުކުރި: ރައީސް

ރައީސް ވިދާޅުވީ ރާއްޖޭން އޭރު ކޮވިޑުގެ ސިޔާސަތު ކަނޑައެޅީ ސިއްހީ މާހިރުންނާއި، ސަރުކާރުގެ ވަޒީރުންނާއި، ޓޫރިޒަމްގެ ތަޖުރިބާގެ ލަފަޔާ އެކުގައި ކަމަށެވެ. އެ ސިޔާސަތު އެހާ ކާމިޔާބުވީ އެހެންވެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

ދިވެހިރާއްޖެ ކޮވިޑުން އަރައިގަތް ގޮތާމެދު އަވައްޓެރި ސްރީލަންކާ އާއި، ސޭޝެލްސްގެ ވެރިން ތައުރީފުކުރެއްވި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ފ. އަތޮޅަށް ކުރައްވަމުންދާ ދަތުރުގެ ތެރެއިން، އެ އަތޮޅު ބިލެއްދޫ ފެނަކަ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑުގެ ދުވަސްވަރު ސަރުކާރުން އެޅުއްވި، ހިލޭ އެހީ ދޫކުރުން ފަދަ، ފިޔަވަޅުތައް އެޅުއްވީ ސަރުކާރަށް ބުރަ ވިޔަސް، ރައްޔިތުންނަށް ފަސޭހަވާނެ ގޮތް ބައްލަވައިގެން ކަމަށެވެ.

"އެކަހަލަ ދަނޑިވަޅެއްގައި ސަރުކާރުން އެ ނަގަންޖެހޭ ޒިންމާއެއް ނަގައި، އެ ބުރަ އުފުލާ، ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް ކަންތައް ކުރުމަކީ ކުރަން ޖެހޭނެ ކަމެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސްރީލަންކާގެ ކުރީގެ ވަޒީރަކު އެ މަނިކުފާނާ ބައްދަލުވެ، ލަންކާއަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެ ދުވަސްވަރު ގައުމުގެ އުމްރާނީ މަޝްރޫއުތައް ހުއްޓާލުމާއި، ޓޫރިޒަމަށް ބޯޑަރު ހުޅުވާނުލައި ބޭއްވުން ކަމަށް ވިދާޅުވި ކަމަށެވެ. 

"އެއާ ޚިލާފަށް ރާއްޖެ މިއަދު މި ހިސާބަށް އާދެވިފައި މިއޮތީ އަޅުގަނޑުމެންނަށް ނެގުނު ޑިސިޝަންތަކެއްގެ ސަބަބުން ކަމަށް އަޅުގަނޑު ގަބޫލުކުރަން" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޮވިޑުގެ ދުވަސްވަރު، ސޭޝެލްގެ ރައީސް ގުޅުއްވާ، ރާއްޖޭގައި ކޮވިޑު މަރުތައް އެހާ މަދީ ކީއްވެ ސުވާލު ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ދެން އޭގެ ފަހުން އަޅުގަނޑަށް އަނެއްކާ ވެސް ސޭޝެލްސްގެ ރައީސާ ބައްދަލުވި. ވިދާޅުވީ އަޅުގަނޑުމެން ބަލަމުން އައީ ރާއްޖެއިން ކަންކުރަމުން އައި ގޮތޭ. ރާއްޖެއިން ކަންކުރަމުން އައި ކޮންމެ ގޮތެއް ބަލައި، އެ ގޮތަކަށޭ ތިމަންމެން ވެސް ކަންކުރަމުން އައީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭން އޭރު ކޮވިޑުގެ ސިޔާސަތު ކަނޑައެޅީ ސިއްހީ މާހިރުންނާއި، ސަރުކާރުގެ ވަޒީރުންނާއި، ޓޫރިޒަމްގެ ތަޖުރިބާގެ ލަފަޔާ އެކުގައި ކަމަށެވެ. އެ ސިޔާސަތު އެހާ ކާމިޔާބުވީ އެހެންވެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު އެ ވާހަކަދެއްކެވިއިރު، މީގެ ކުރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ، ރާއްޖޭގެ އިގްތިސާދު ކޮވިޑަށް ފަހު އަލުން ބިނާކުރި ފޯމިއުލާ ހޯދަން ދުނިޔޭގެ ލީޑަރުން އެދޭ ކަމަށް ވިދާޅުވެފައެވެ. އޭނާގެ ވާހަކައާ ގުޅިގެން، އެކަމަށް އެދުނު ލީޑަރުންގެ ނަން ހޯދުމަށް އެދި ހުށަހެޅި، މައުލޫމާތު ހޯދުމުގެ މައްސަލައެއް މިހާރު އޮތީ ހައިކޯޓާ ހިސާބަށް ގޮސްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.