ދޮންބިލެތް ހުންނެވީ ރައީސާއެކު، ނަޝީދަށް ފޯރުވޭނެ ނުފޫޒެއް ނެތް

"އަޅުގަނޑަކީ އަބަދުވެސް ދާއިރާގެ ރައްޔިތުންގެ ވިސްނާ ގޮތާއި ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ ރޫހާއި އެއްގޮތަށް މަސައްކަތް ކުރާ މީހެއް. އަޅުގަނޑަކީ ވަކި މީހެއްގެ ވަކި ފަރާތެއްގެ ނުފޫޒަކަށް ލެބި ހުރި މީހެއް ނޫން"

ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް)

ސަރުކާރަށް އެއްބާރުލުން ދެއްވުމުގައި ދެމި ހުންނެވުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) އަރިހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަތުމުން އެކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ރޭ ދެއްވައިފި އެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ ހަލީމް މެންބަރުކަން ކުރައްވާ ދާއިރާގައި ހިމެނޭ ފ. މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހު ކުރަން އެ ރަށުގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކަށް މެންބަރު ހަލީމްގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ފާހަގަ ކުރައްވާފަ އެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް އެ ގޮތުގައި ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަތެވެ. ރައީސް ވަނީ މަގޫދޫ އޮތީ އެގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.

އަދި ވިދާޅުވީ އެކުގައި ކުރިއަށް ވަޑައިގަންނަވާނަމަ ދާއިރާއަށް ތަރައްގީ ލިބުން ފަސޭހަވާނެ ކަމަށެވެ.

"އަޅުގަނޑު އެދެނީ ކުރިއަށް މި އޮތްތަނުގައި ވެސް މި ރަށުގެ ރައްޔިތުންނާއި އެއް ވިސްނުމެއްގައި އިއްޒަތްތެރި މެންބަރު [އަހްމަދު ހަލީމް] ވަޑައިގެންނެވުމަށް. އެ އެއްބާރުލުން ދެއްވާ ކުރިއަށް ވަޑައިގަތީމަ ދާއިރާއަށް ލިބޭ ތަރައްގީ މާބޮޑު ތަނުން ފަސޭހަ ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހު ކޮށްދެއްވާއިރު އަރިހުގައި މެންބަރު ދޮންބިލެތް

ރައީސްގެ ފަހުން ވާހަކަފުޅު ދައްކަވަމުން ހަލީމް ވަނީ މިހާތަނަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުން އެގޮތުގައި އަދި އެއަށްވުރެވެސް އިތުރަށް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސަށް އަރުވާފަ އެވެ.

"ރަައީސުލްޖުމްހޫރިއްޔާ ގަބޫލު ކުރައްވާށޭ، މަނިކުފާނު ތިޔަ ވިދާޅުވި ގޮތަށް ކުރީގައި ވެސް އަޅުގަނޑު ދެމުން އައި އެއްބާރުލުން ހަމަ ކުރިއަށް އޮތްތާވެސް އެ މިންވަރަށް ނޫނީ އެއަށްވުރެ މާ ބޮޑު މިންވަރަކަށް ވެސް ލިބިގެން ދާނެ އޭ،"

މީގެ އިތުރުން ދޮންބިލެތް ވަނީ އޭނާއަކީ ނަޝީދުގެ މީހެއް ކަމަށް ބުނާތީ އެކަމަށް ވެސް ނުސީދާކޮށް ރައްދު ދެއްވާފައެވެ. ވިދާޅުވީ އޭނާއަކީ ވަކި މީހަކަށް ލެނބި ހުރި މީހެއް ނޫން ކަމަށެވެ. އަދި އެއްވެސް މީހެއްގެ ނުފޫޒެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. ވިދާޅުވީ އޭނާއަކީ ރައްޔިތުންގެ މީހެއް ކަމަށެވެ. މަަސައްކަތް ކުރައްވާނީ ރައްޔިތުންގެ ރޫހު ހުރި ގޮތަކަށް ކަމަށެވެ. މި ވަގުތުވެސް ދާއިރާގެ ރޫހު އޮތީ ސަރުކާރާއެކު ކުރިއަށްދާ ކަމުން އެ ގޮތުގައި ސާބިތުވެ ހުންނެވި ކަމަށެވެ.

"އަޅުގަނޑަކީ އަބަދުވެސް ދާއިރާގެ ރައްޔިތުންގެ ވިސްނާ ގޮތާއި ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ ރޫހާއި އެއްގޮތަށް މަސައްކަތް ކުރާ މީހެއް. އަޅުގަނޑަކީ ވަކި މީހެއްގެ ވަކި ފަރާތެއްގެ ނުފޫޒަކަށް ލެބި ހުރި މީހެއް ނޫން. އަޅުގަނޑަކީ ދޮންބިލެތް އަހްމަދު. އަޅުގަނޑު މާސްކު ނެގީމަ ވެސް ހުންނާނީ ހަމަ ދޮންބިލެތް އަހްމަދު. އެެހެންވީމަ އަޅުގަނޑަކީ ވަކި މީހެއްގެ ނުފޫޒަށް ބިރަކަށް ލެނބިގެން ދާނެ މީހެއް ނޫން،" ދޮންބިލެތް އަހުމަދު ވިދާޅުވި އެވެ.

ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް)

ބިލެތްދޫ ދާއިރާގެ މެންބަރު ދޮންބިލެތް އަހްމަދަކީ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. މީގެ ދުވަސްކޮޅެއް ކުރިއާ ހަމައަށް ހުންނެވީ ނަޝީދާއެކު ގައެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އެވެ. ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގެ ފަހުން ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދެވި ދުވަސްތަކުގައި ރައީސް ސޯލިހް ގުޅުއްވާ ވެސް ނުލައްވާ ކަމަށް ވިދާޅުވެ އެ ވާހަކަ ފުރަތަމަ ދެއްކެވީ ވެސް ހަލީމެވެ.

ނަމަވެސް ކުއްލި ގޮތަކަށް އޭނާ ބަދަލުވި އެވެ. އޭގެ ފަހުން ހުންނެވީ ރައީސް ސޯލިހްގެ ފަޅީގަ އެވެ. ނަޝީދުގެ ފެކްޝަނުން ހިންގާ ރަސްމީ އެއްވެސް މަސައްކަތެއްގައި ބައިވެރިވެވަޑައިނުގަންނަަވަ އެވެ. އެކުގައި ހުންނެވުމަށް ރައީސް އެދިވަޑައިގަތީ ދޮންބިލެތް އެނބުރި ނަޝީދުގެ އަރިހަށް ވަޑައިގަތުމުގެ ބިރު އޮތުމުން ކަމަށް ބެލެވެއެވެ.

މަޖިލީހުގެ މެންބަރުންގެ ތެރެއިން ނަޝީދާއެކު 13 މެންބަރަކު އެބަ ތިއްބެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.