މަތިންދާ ބޯޓަށް ނާރާ ހުރިހާ ގައުމަކަށް 10 އަހަރުން ތޯ ؛ ދަތުރު ނިންމީ ރީތި ރާއްޖެއަށް

ކުޑަ މެންހެޓަން އެއްގެ ގޮތުގައި އޭނާ ސިފަކުރާ މާލޭގައި މަޑުކޮށްލާފައި މިހާރު އޭނާ ހުރީ އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށީއެވެ. އާއިލާ އާއި އެކުވެރިންނާއެކު، ދަތުރުގެ ކާމިޔާބީ ފާހަގަ ކުރުމަށް އޭނާ އެތަނުގައި ދުވަސްކޮޅަކު ހުންނާނެ އެވެ.

މި މަހުގެ 24 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ވެރިރަށް، މާލޭ ވިޔަފާރި ބަނދަރަށް އެޅި ފިޔަވަޅާއެކު، ޑެންމާކުގެ ތޯ ޕިޑާސަން، 44 އަށް ދުނިޔޭގެ ރެކޯޑެއް ގާއިމު ކުރެވުނެވެ. އޭނާއަށް ހެދުނު އެ ރިކޯޑަކީ ވައިގެ މަގުން ދަތުރު ނުކޮށް، ކަނޑާއި އެއްގަމު މަގުން ދުނިޔޭގެ ހުރިހާ ގައުމަކަށް ޒިޔާރާތް ކުރި ފުރަތަމަ މީހާއަށް ވުމެވެ. މީގެ 10 އަހަރު ކުރިން، 2013 ވަނަ އަހަރު އޭނާގެ ގައުމުން ނައްޓާލި ގޮތަށް އަދިވެސް އޭނާ އެހުރީ އެ ދަތުރުގެ މަތީގަ އެވެ. -- ރާއްޖެއަށް ނިންމާލަނީ އެވެ. 

"މި" ނޫހުގެ ނޫސްވެރިންނާ ތޯއާ ބައްދަލުވީ މި ތާރީހީ ކާމިޔާބީ ހާސިލު ކުރިތާ ދުވަހެއް ކެނޑިގެން ނުދަނީހެވެ. އަދި ރިކޯޑާއެކު އުފާފާޅު ކުރުމުގެ ތެރޭގައި އޭނާ ހުއްޓަ އެވެ. ދިމާވެގެން ސަލާން ކޮށްފައި އޭނާ އެންމެ ފުރަތަމަ ވެސް ދައްކާލީ، އޭނާގެ އުފަން ރަށާއި، އޭނާގެ ތާރީހީ ދަތުރާ ގުޅުންހުރި މަންޒަރެކެވެ.

"ދުރުން އެ ފެންނަނީ މައެރްސްކްގެ ބޯޓެއް، އެއީ އަހަރެމެންގެ ގައުމުގެ، ޑެންމާކުގެ ކުންފުންޏެއް،" އެސްޓީއޯގެ ތެޔޮ ގުދަން، ކ. ފުނަދޫ ފަޅުތެރޭ އޮތް ބޯޓެއް ދައްކާލަމުން ތޯ ބުނެލި އެވެ. "މިހާ ދުރު ހިސާބަކުން ވެސް، އެ ކުންފުނީގެ ބޯޓުތައް ލޮލަށް ފެނުމަކީ ވަރަށް ތަފާތު އިހުސާސެއް ކުރެވޭ ކަމެއް" 

އެހައި ދުރުން ފެންނަން އޮތް ބޯޓެއްގެ ވަނަވަރު އެހާ ފަސޭހައިން ކިޔާލުމުން ޝިޕިން ދާއިރާއާ ބެހޭ ދެތިން ސުވާލެއް އަހާލުމާއެކު ޖަވާބުވެސް ދިނެވެ: "އަހަރެންގެ ބެކްގްރައުންޑަކީ ޝިޕިން އަދި ލޮޖިސްޓިކްސް. އެހެންވީމާ އަހަރެންގެ މި ދަތުރު ފެށި އިރު ވެސް ދާއިރާގެ ތެރެއިން ވަރަށް ގިނަ ކަނެކްޝަންސްތައް ލިބި، ނެޓްވޯކެއް ގާއިމުވެފައި އޮތީ،" 

އޭނާ ބުނި ގޮތުގައި އެފަދަ ނެޓްވޯކެއް އޮތް މީހަކަށް ނޫނީ އޭނާ ފުރިހަމަ ކުރި ފަދަ ދަތުރެއް ކުރުމަކީ އެހައި ފަސޭހަ ކަމަކަށް ނުވާނެ އެވެ. މުދާ އުފުލާ ބޯޓުފަހަރަކީ މިއަދު ވަރަށް ބުރަ، އަވަސް އޮޕަރޭޝަންތަކެއް ދުއްވާ އުޅަނދު ފަހަރެވެ. އެ މަސައްކަތަކީ ގިނަ މީހުން ތަސައްވަރު ކުރާހާ "ރޮމޭންޓިކް" ކަމެއް ނޫނެވެ. ކުރީގައި ބޯޓު ދަތުރުކުރަން ގޮސް އުޅޭހެން، ކޮންމެ ބަނދަރަކަށް ފައިބާ ހަމަޖެހިލެވޭނެ ވަގުތެއް ނޯވެއެވެ. އެހެންކަމުން، ކޮންމެކޮންމެ މީހަކު ބޯޓަކަށް ފަސިންޖަރެއްގެ ގޮތުގައި ނެގުމަކީ ޝިޕިން ލައިންތަކުން ކުރާނެ ކަމެއް ނޫނެވެ.

"ކޮންމެ ދެ ހަފުތާއަކުން މީހަކު އަހަރެން ކައިރީ ބުނޭ ތިމަންނައަށް އެހީތެރިކަމެއް ދެވިދާނެހޭ ބޯޓަކަށް އަރަން. އަހަންނަކަށް އެކަމެއް ނުކޮށްދެވޭނެ. އެއީ ވަރަށް ހަރުކަށި ގަވާއިދުތަކެއް ހުންނަ ކަމެއް" ތޯ ބުންޏެވެ.

އޭނާއަށް ވެސް، އެންމެ ފުރަތަމަ ބޯޓަކުން ޖާގަ ހޯދަންވީ ވަރަށް އުނދަގޫ ކަމަކަށެވެ. ނަމަވެސް، ދަތުރުގެ ތެރެއިން އިތުރު ގުޅުންތައް ބަދަހިވެ، ފަހުން ކަންކަން ފަސޭހަވި އެވެ. އޭނާގެ ދަތުރުގައި މުދާއުފުލާ 37 ބޯޓެއްގައި ދަތުރުތައް ކުރިއެވެ.

އެމްއެސްއެސް ގްރެފީންގެ ފަޅުވެރިންނާއެކު ތޯ

ތޯގެ ފަހު ދަތުރު، ސްރީލަންކާއިން ދިވެހި ރާއްޖެއަށް އައީ ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނީގެ "ގްރެފީން" ބޯޓުގަ އެވެ.

"[ކުރޫގެ] އެންމެން ވެސް ވަރަށް ހެޔޮ އަދި އެކުގައި އުޅެން ވަރަށް މަޖާ. އެމީހުން އަހަންނަށް ދިވެހި ނާސްތާއެއް ތައްޔާރު ކޮށްދިން. ރޭގަނޑު ބާބަކިއުއެއް ހަދައިދިން. ވަރަށް ކުޅި އެކަމަކު ރަހަ ހަމަ ބަރާބަރު!" ބޯޓުގެ ކުރޫއާއެކު ކުރި ތަޖުރިބާތައް އޭނާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ދިގު ދަތުރުގެ އެންމެ ފަހުގެ މަރުހަލާތައް ކަޑައްތުކުރުމުގައި ރާއްޖޭގެ އެމްއެސްއެސްގެ ދައުރު ބޮޑެވެ. އެކަމަށްޓަކައި އޭނާ ދިވެހި އެ ކުންފުންޏަށް ޝުކުރު އަދާކުރެއެވެ.

"އިމިގްރޭޝަނުން އެމީހުންގެ ޒިންމާ އަދާކުރާނެތާ ގައުމެއްގެ ސަލާމަތަށް. އެމީހުން ވަރަށް ހޯދައި އޮޅުންފިލުވާން ބޭނުންވި ކޮންޓޭނާ ބޯޓެއްގައި ދަތުރުވެރިޔަކު އަންނަނީ ކީއްވެތޯ. އެކަމަށް ވެސް އަހަރެމެން ގޮތެއް ހޯދިން،" އެމްއެސްއެސްގެ އެހީތެރިކަން އެތައް ގޮތަކުން ލިބުނުކަން ފާހަގަކުރަމުން ތޯ ބުންޏެވެ.

ދަތުރުގައި އެފަދަ ދަތިތައް އޭނަޔާ ކުރިމަތިވީ ހަމައެކަނި ރާއްޖެއަށް އެތެރެވާކަށް ވެސް ނޫނެވެ. އޭނާގެ ދިގު މި ދަތުރުގައި އެފަދަ، އަދި އެއަށްވުރެ ބޮޑު އެތައް ކަމަކާ ކުރިމަތިލާފައި ވެއެވެ. އޭގެތެރެއިން ވެސް އެންމެ ދަތި ދުވަސްވަރަކީ ކޮވިޑުގެ ފުރަބަންދުގައި ދުނި އޮތް ދުވަސްތަކެވެ.

"އަހަރެން ހުރީ ފެޑެރޭޓެޑް ސްޓޭޓްސް އޮފް މައިކްރޮނީޝިއާގައި. އެއީ ޕެސިފިކުގައި އޮންނަ ޖަޒީރާ ގައުމެއް. އަހަރެން ދެން ދާން އޮތީ ޕަލާއޯއަށް، އެއީ ވެސް ޕެސިފިކުގެ ގައުމެއް. އަހަރެން ގުޅި ޝިޕިން ކުންފުނިން ބުނީ ސީދާ ދެވޭކަށް ނެތޭ އެކަމަކު ހޮންކޮން މަގުން ގެންދެވި ދާނޭ. ހަތަރު ދުވަހޭ އެކޮޅުގައި މަޑު ކުރަން ޖެހޭނީ"

ނަމަވެސް، އެ ދަތުރުގައި އޭނާ ހޮންކޮންއަށް ދިޔަ ގޮތަށް އެ ގައުމުގައި ދެ އަހަރު ދުވަހަށް ތާށިވި އެވެ. އޭނާ އޭރު ދަތުރު ކުރަމުންދިޔަ ޕެސިފިކުގެ ހުރިހާ ގައުމެއް ބަންދު ކޮށްލުމާއި، ޝިޕިން ލައިންތަކަށް ބާރު ބޮޑުވުމާއެކު، އެ ގައުމުން ނުކުމެވޭނެ އެއްވެސް ގޮތެއް ނެތުނީ އެވެ.

"އޭރު އަހަރެންގެ ދަތުރު ނިމެން އޮތީ އެންމެ 10 މަސް. އެކަމާ ހުރެ އިތުރު ތިން އަހަރަށް ދިގު ލައިގެން ދިޔައީ" އޭނާ ކިޔައިދިނެވެ.

ތޯ ޕިޑާސަން އޭނާގެ ދަތުރުގެ ތެރެއިން -- ޓުވިޓާ

އެ ހުރިހާ އުނދަގޫތަކެއް ކަޑަތުކޮށް އޭނާ ފުރިހަމަކުރި ދަތުރުގައި ލިބުނު އެންމެ އަގުހުރި ފިލާވަޅަކީ، ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުޅޭ މީހުނަކީ ވެސް އަސްލުގައި ހިތްހެޔޮ، އިންސާނިއްޔަތުކަން ހުރި ބައެއް ކަމަށެވެ.

"އެންމެ އާދައިގެ އިންސާނީ ކަންކަމުގެ ވާހަކަ، ކޮންމެ ދުވަހަކު ވެސް ދިމާވާ ކަންކަމުގެ ވާހަކަ މީހަކާ ދައްކާލައިފިއްޔާ އެނގޭނެ، ދުނިޔޭގެ އެތަންމިތަނުގައި އުޅުނަސް އިންސާނުންގެ ކިބައިގައި މާބޮޑު ތަފާތުތަކެއް ނެތްކަން. މީހުނަކީ ހަމަ މީހުންކަން" ތޯ ކިޔައިދިނެވެ.

ދަތުރުގެ އެންމެ ފަހު މަންޒިލް، ރާއްޖެއިން ވެސް އޭނާ އެފަދަ އެތައް ތަޖުރިބާއެއް ކުރަން ބޭނުން ވެއެވެ.

"އަސްލު ދަތުރު ނިންމަން އޮތީ ސޭޝެލްސްއަށް. އެކަމަކު އެފްރިކާގައި ހުރި އިރު އެނގިއްޖެ އެތަނުން ސޭޝެލްސްއަށް ދާން މާ ފަސޭހަ ވާނެކަން. އެހެންވެ ރާއްޖެއަށް ދަތުރު ނިންމާ ގޮތަށް ބަދަލު ކޮށްލީ... މިހާރު މިވީ ގޮތް ވެސް މުޅިއަކުން ގޯހެއް ނޫންތާ" ބުރަ ދަތުރެއް ނިންމާ އަރާމުކޮށްލަން ރާއްޖެއަކީ ހަމަ އެންމެ ރަނގަޅުތަން ކަން ފާހަގަ ކުރަމުން އޭނާ ބުންޏެވެ.

ކުޑަވަރެއްގެ މެންހެޓަން އެއްގެ ގޮތުގައި އޭނާ ސިފަކުރާ މާލޭގައި ދުވަހެއް މަޑުކުރުމަށް ފަހު، މިހާރު އޭނާ ހުރީ އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓުގަ އެވެ. އާއިލާއާއި އެކުވެރިންނާއެކު، ދަތުރުގެ ކާމިޔާބީ ފާހަގަ ކުރުމަށް އޭނާ އެތަނުގައި ދުވަސްކޮޅަކު ހޭދަ ކުރާނެއެވެ. ދެން އޭނާ ބޭނުން ވަނީ އަތޮޅުތަކުގެ ބައެއް ރަށްތަކަށް ދަތުރުކޮށްލާ، ދިވެހިންގެ އާދަކާދަ ތަޖުރިބާކޮށްލާށެވެ.

"އަހަރެން މިތަނަށް [މާލެއަށް] އައި އިރު ދުށިން މިތާ ކައިރީ އެބަ ހުރި ބައިވަރު ރީތި ރަށްތައް. އަހަރެން ބޭނުން އެތަނުން ބައެއް ތަންތަން ބަލައިލަން ދާން،" އޭނާ ބުންޏެވެ.

ތޯ ބުނި ގޮތުގައި ރިކޯޑެއް ހަދަން ވެސް އޭނާ އެ ކުރިފަދަ ދަތުރެއް ކުރާކަށް ދެވަނަ މީހަކަށް ލަފައެއް ދޭކަށް އޭނާއަކަށް ނުކެރޭނެ އެވެ. ސަބަބަކީ ދަތުރުގައި ހުރި ބުރަ ކަމެވެ. އެކަމަކުވެސް އެއްގަމު މަގުންނާއި، ކަނޑުމަގުން / ރޭލަކާއި، ބޯޓެއް ހިމެނޭ ދަތުރެއް ކޮށްލުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ތަފާތު އެތަކެއް ތަޖުރިބާތަކެއް ލިބޭނެ ކަމެކެވެ.

"ދުނިޔެ މިއީ ވަރަށް ކުޑަތަނެކޭ މީހުން ބުނޭ. އަހަރެން ގަބޫލުކުރާ ގޮތުގައި އެއީ ރަނގަޅު ވާހަކައެއް ނޫން. މިއީ ބޮޑު ދުނިޔެއެއް. މި ދުނިޔެ ރަނގަޅަށް ދަސް ކުރުމަށް ދުރު ތަންތަނަށް ދަތުރު ކޮށްލުން ވަރަށް މުހިއްމު،" 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.