ހީކުރި ވަރަށްވުރެ ޑިމޮކްރޭޓުންގެ "އުޑުކުލަ" ފެންނަނީ ގަދަކޮށް

"ދަ ޑިމޮކްރެޓްސް" ފެންނަނީ ހަމަ ރަނގަޅަށް ހިނގައިގަނެ ވަރަށް އަޑު ގަދަ ކޮށްލައިގެން އުޅޭ ތީ އެވެ. ހީކުރުވި ގޮތަކާ ހިލާފަށް އެ ޕާޓީއާ މެންބަރުން އެބަ ގުޅެ އެވެ. އަދި ހީކުރި ވަރަށް ވުރެ އެ ޕާޓީގެ "އުޑުކުލަ" ފެންނަނީ ގަދަ ކޮށެވެ.

ދަ ޑިމޮކްރެޓްސް މެންބަރުން އިތުރުކުުރުމުގެ ހަރަކާތް މުޅި ރާއްޖޭގައި ބާރަށް ދަނީ ހިނގަމުން -- މި

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކާއި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި ބައެއް އިސް ބޭފުޅުން އެމްޑީޕީން ވަކިވެ ވަޑައިގެންނެވީ ކުއްލި ގޮތަކަށެވެ. އެއީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އެކަމަކު އެކަން އެހެންވާ އެބަދޭކަން ކުރިންސުރެ އެނގެ އެވެ. އެކަމެއް ހިނގި ދުވަހު އެ ބޭފުޅުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އާ ސިޔާސީ ޕާޓީއެއް އިއުލާނު ކޮށްފަ އެވެ. އެ މަޝްވަރާތައް ދެތީން ހަތަރު ރެއަކު ކުރިއަށް ގެންދެވުމަށް ފަހު މިދިޔަ އާދީއްތަ ދުވަހު ޕާޓީ އުފެއްދުމުގެ ހުއްދައަށް އިލެކްޝަނުގައި އެދުނެވެ. އަދި ބުދަ ދުވަހު އެ ހުއްދަ ހޯދި އެވެ.

"ދަ ޑިމޮކްރެޓްސް" ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަށް ދިނުމާއެކު ޕާޓީއަށް މެންބަރުން ހޯދަން ފަށައިގަތެވެ. އެ ހުއްދައަށް އެދުމުގެ ކުރީންވެސް ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެެއްގެ ދިރުން" އޮތީ މެންބަޝިޕް ޑްރައިވެއް ހިންގާލަން ވަރަށް ބޮޑަށް ތައްޔާރުވެ ކެމްޕޭން ޖައްސާފަ އެވެ.

ޑިމޮކްރެޓުންނާ ގުޅޭގޮތުން އެންމެ ގިނަ ބައެއްގެ ސުވާލަކީ ޕާޓީއަށް ކިހާ ވަރެއްގެ ތާއީދެއް ހޯދިދާނެތޯ ކުރާ ސުވާލެވެ. މެންބާޝިޕް ކިހާ މައްޗަކަށް ގެންދެވިދާނެތޯ އަހާ ވާހަކައެވެ. ހާއްސަކޮށް އެމްޑީޕީގެ ތެރެއިން ކިހާ ބަޔަކު  "ދަ ޑިމޮކްރެޓްސް" އަށް ގެނެވިދާނެތޯ އޮތް ސުވާލެވެ. 

އެމްޑީޕީން ނުކުމެ އެ ޕާޓީގެ ލީޑާޝިޕަށް ގޮންޖަހައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރާއިރު "ދަ ޑިމޮކްރެޓްސް" އަށް ވެސްް އޮތް އެންމެ ބޮޑު ޗެލެންޖަކީ އެއީ އެވެ. އެމްޑީޕީގެ ސިޔާސަތުތައް ބަދަލުވެއްޖެ ކަމާއި ސަރުކާރުގެ މިސްރާބު ރަނގަޅު ނޫން ކަަމަށް ބުނެ ޑިމޮކްރޭޓުންގެ މަގަތު ސަފުން ދައްކާ ވާހަކަތަކުގެ ހަގީގަތާއި އެ ވާހަކަތައް އެމްޑީޕީގެ މެންބަރުންނާއި އާންމުން ބަލައިގަންނަ މިންވަރު ވަޒަން ކޮށްލެވޭނީ އެ ޕާޓީއާ ގުޅޭ މީހުންގެ ނިސްބަތަކާއި އަދަދަކުންނެވެ. 

މިހާރު އެމްޑީީޕީގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ނަޒަރުގައި އެމްޑީޕީންގެ ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތުގަައި އުޅުއްވާ ބޭފުޅުން ވަކިވެވަޑައިގަތުމަކީ "ރިހޭ ދަތެއް" ވެއްޓުން ފަދަ ކަމެކެވެ. "ރިހޭ ދަތެއް" ވެއްޓިގެން ހައްޓަށް ވާނީ ފަސޭހައެކެވެ. އަޅަމުން ދިޔަ ވޭނާއި ތަކުލީފަކެއް ނިމޭނީ އެވެ. އެ ސިފަ ކުރުމަކީ އެމްޑީޕީން ނުކުމެގެން ބަޔަކު ބައި ހަދާފައިވާ ޕާޓީއެއް ހަދަން ދިއުމަކީ އެމްޑީޕީއަށް އޮތް ގޮންޖެހުމެއް ނޫނެވެ. އެމްޑީޕީން ބުނާ ގޮތުން އޮތީ ހިސާބު ހަދާ ނިމިފަ އެވެ. "ދަ ޑިމޮކްރެޓްސް" އަށް ހަމަކުރެވޭނީ ކިރިޔާ 3،000 މެންބަރުންނެވެ. ތިންހާހުން އެކަކު މަރުވިޔަސް ޕާޓީ އުވޭނެ އެވެ.

"ދަ ޑިމޮކްރެޓްސް" އާ ގުޅުނު އެމްޑީޕީގެ ދެ މެންބަރުން އެ މީހުންގެ ފޯމް ދައްކާލަނީ

ވާހަކަ އެހެން އޮތަސް އިލެކްޝަންސް ކޮމިޝަންގެ ހުއްދަ ޑިމޮކްރެޓުންނަށް ލިބި، މި ވޭތުވެދިޔަ 72 ގަޑިއެއްހާއިރުގެ ތެރޭ މިހާތަނަށް ފެނިފައި އޮތީ އެ މަންޒަރެއް ނޫނެވެ. އެމްޑީޕީން ކިޔައިދޭ ވަރަށް ވުރެ ޑިމޮކްރެޓުންގެ ހަރަކާތް ހުރީ ކުރީގަ އެވެ. 

ސިޔާސީ މަސައްކަތާއި ސިޔާސީ ކެމްޕޭންތަކުގައި އެފަދަ ދެވަނައެއް ރާއްޖޭން އަދި ނުފެންނަ ރައީސް ނަޝީދު އެމްޑީޕީގައި ބަހައްޓައިގެން، ޑިމޮކްރެޓުން ޕާޓީއަށް މެންބަރުން ހޯދަން ފެށި ކެމްޕޭން ފެންނަނީ ވަރުގަދަ ކޮށް އެހައި މުރާލިކޮށެވެ. ފެށި ފަހުން ހިނދަކަށް ނިދާލަން ވެސް އަދި ހުއްޓައެއް ނުލަ އެވެ. މުޅި ސޯޝަލް މީޑިއާގައި އެންމެ ވައިރަލްކޮށް ފެންނަނީ "ދަ ޑިމޮކްރެޓްސް" އަށް މީހުން ގުޅޭ ފޮޓޯތަކެވެ. އެ ޕާޓީއާމެދު ކުރާ އުންމީދުތަކުގެ ވާހަކަތަކެވެ. އެމްޑީޕީގައި ސޯޅަ، ސަތާރަ އަހަރު އުޅެފައިވާ އެތައް ބަޔަކު ޑިމޮކްރެޓުންނާ ގުޅެމުން ދާ ތަނެވެ. 

މާލޭގައި "ދަ ޑިމޮކްރެޓްސް" ގެ ރަސްމީ އޮފީސް ހިންގާ ބޮޑުފެންވަޅުގެ ކޮންމެ ރެއަކު އޮންނަނީ ތޮއްޖައްސާފަ އެވެ. ހަވީރާއި ރޭގަނޑު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މެންބަަރުން އިތުރު ކުރުމުގެ ހަރަކާތްތައް ބާރަށް ހިނގަ އެވެ. އެ ހަރަކާތްތަކުގައި ގިނަ ބަޔަކު ޑިމޮކްރެޓުންގެ ސަފުތަކާއި ގުޅެ އެވެ.

އަތޮޅުތަކުގައި ވެސް މެންބަރުން ހޯދުމުގެ ހަރަކާތް ހިނގަނީ "އަސްލު އެމްޑީޕީ"ގެ ރޫހުގަ އެވެ. އެ ޕާޓީން ދައްކާ ފޯރިއާ ޖޯޝުގަ އެވެ. އެ ތަރުތީބާއި އިންތިޒާމެވެ. 

އެމްޕީ ހަސަން ލަތީފްގެ މަންމާފުޅު "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރުން: އެ ޕާޓީ އުފައްދަން ހުއްދައަށް އެދުނީވެސް ހަސަން

"ދަ ޑިމޮކްރެޓްސް" އިން ހިފައިގެން އުޅޭ ފުރަތަމަ އަމާޒެއް ކަމަށް ފެންނަނީ ގާނޫނީ އަދަދު ހަމަ ކުރުމެވެ. އެ އަދަދު ހަމަވުމާއެކު ޕާޓީ ރަޖިސްޓަރީއަށް ލާނެ އެވެ. ޔަގީން ކުރެވޭ ގޮތުގައި މިހާރުވެސް ތިންހާސް ހުރަސް ކޮށްފައި ވާނެ އެވެ. ޑިމޮކްރެޓުންގެ ހަރަކާތްތަކާއި ފެންނަ މަންޒަރުތަކުން އެވަރު ބުނެދެ އެވެ. 

ޑިމޮކްރޭޓުންނަށް ރަނގަޅު ވާނީ އެމްޑީޕީގެ ތެރެއިން ފާޑުކިޔުން އައި ވަރެކެވެ. ތިންހާހަށް ވުރެ މައްޗަށް މެންބަރުންގެ އަދަދު ނުގެންދެވޭނެ ކަމަށް ބުނުމާއި ކިރިޔާ އަދަދެއް ހަމަވާނީ ކަމަށް ބުނުން ފަދަ ފާޑުކިޔުންތަކުން ވަނީ ޑިމޮކްރެޓުންގެ އިންޖީނަށް އަޅައިދޭ ތެލަށެވެ. އަނެއްކޮޅުން އެ އަދަދަށްވުރެ މާ ގިނަ ފޯމް އެއްފަހަރާ ހުށަހަޅައި ވާދަވެރީން "ބިރުގަންނަވާލާން" ވެސް ޑިމޮކްރޭޓުން ބޭނުން ވާނެ އެވެ. 

"ދަ ޑިމޮކްރެޓްސް" ގެ ތަރުޖަމާން އަފްޝަން ލަތީފަކީ ވަރަށް ވެސް ހީވާގި ހިންގުންތެރިއެކެވެ. މެންބަޝިޕް ޑްރައިވް ހިންގަން ފަރިތަވެސް ބޭފުޅެކެވެ. ކެމްޕޭން ސްޓްރެެޓަޖީ އެކްސްޕާޓެކެވެ. މިޑިއާ ރަހުމަތްތެރިއެކެވެ. 

އޭނާ "މި" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އަދަދު ހަމަވުމާއެކު ވީހާވެސް އަވަހަށް އިލެކްޝަނަށް، ރަޖިސްޓަރީއަށް ހުށައަޅާނެ އެވެ. އޭނާގެ ވާހަކަތަކަށް ބަލާއިރު ބެލެވޭ ގޮތުން މާދަމާ އޮފީސް ހުޅުވުމާއެކު "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކޮށްދޭން އެދޭ ފޯމް ވައްޓާލާނެ އެވެ. 

އަފްޝަން ވިދާޅުވި ގޮތުގައި މެންބަރުންގެ އަދަދު، ހާހަކުން ވަކި އަދަދަކާ ހަމައަށް ގެންދަން އަމާޒެއް މިވަގުތަކު ނެތެވެ. ހިފާފައި އޮތް އަމާޒަކީ ވީހާވެސް ގިނަ މެންބަރުން ޕާޓީއަށް ވައްދައި ސެޕްޓެންބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމެވެ. އިންތިހާބަށް ޑިމޮކްރޭޓުންގެ ކެންޑިޑޭޓަކު ނެރޭނެ އެވެ. އަދި ވަރުގަދަ ކެމްޕެއިނެއް ހިންގާ ސިޔާސީ މައިދާނުގައި އުޑު ނޫކުލަ ޖައްސާނެ އެވެ. އެއީ ޑިމޮކްރެޓުންގެ އުންމީދެވެ.

ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވަނީ

މިހާރުގެ "ގިރާވަރުސިއްރު" ކީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ފަހަތުގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ. މިއީ ޕާޓީ ރިޔާސީ ޓިކެޓެއް އެމަނިކުފާނަށް ހޯދައިދޭން ހެޔޮވަރުކޮށް ފަހާ ނޫ ކޯޓެކެވެ.

ރައީސް ނަޝީދު އަދި ހުންނެވީ އެމްޑީޕީގަ އެވެ. އަދި އެވެސް އެމްޑީޕީގެ ރައީސަމުގަ އެވެ. ޕާޓީގެ ދެވަނައަށް އެންމެ އިސް މަގާމެވެ. އެމަނިކުފާނު އެމްޑީޕީގައި ހުންނެވި ނަމަވެސް އާއިލީ ހުރިހާ ބޭފުޅުންނާއި އަރިހު ހުރިހާ ބޭފުޅުންނާއި ގާތް އެކުވެރި ހުރިހާ ބޭފުޅުން ރީނދުލު ބުރުގާ އާއި ރީނދުލުގެ ޓައިތައް އުކާލައި ވަނީ ޑިމޮކްރެޓުންގެ ސަފަށް އަރާފަ އެވެ. އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅުވެސް އިއްޔެ ވަނީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓުންގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ. 

ރައީސް ނަޝީދަށް ވަފާތެރި ކައުންސިލަރުންނާއި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ގެންދަވަނީ ޑިމޮކްރޭޓުންނާއި ގުޅެމުންނެވެ. ބެލެވޭ ގޮތުން އެމްޑީޕީގައި ދެން ނަޝީދު ހުންނަވާނީ ދުވަސްކޮޅަކަށެވެ. ޖޫންޖުލައިގެ ވައި އެނބުރޭ ގޮތް ބައްލަވައި އަދިވެސް އެ ގޮތުގައި ހުންނެވުން ލިބިވަޑައިގަންނަވާނެ ސިޔާސީ ފައިދާތަކެއް އޮތުމުން އެމްޑީޕީގައި މަޑުކޮށްލައްވަނީ އެވެ. އެމަނިކުފާނަކީ ސިޔާސީ މަސައްކަތުގައި "ދެ ކަނޑުއެއްކޮށްލައްވައިގެން" ހުންނެވި ވިސްނުންފުޅު ތޫނު "ދެމިޔަލީ ކަނޑި" އެކެވެ. 

"ދަ ޑިމޮކްރެޓްސް" ފެންނަނީ ހަމަ ރަނގަޅަށް ހިނގައިގަނެ ވަރަށް އަޑު ގަދަ ކޮށްލައިގެން އުޅޭ ތީ އެވެ. ހީކުރުވި ގޮތަކާ ހިލާފަށް އެ ޕާޓީއާ މެންބަރުން އެބަ ގުޅެ އެވެ. އަދި ހީކުރި ވަރަށް ވުރެ އެ ޕާޓީގެ "އުޑުކުލަ" ފެންނަނީ ސާފުވެފައި ގަދަ ކޮށެވެ.

ކޮމެންޓް

2
450
ސްކައި ބްލޫ
10 months ago

މަށަށް ވެސް ރީތީ ހަމަ އުޑުކުލަ

ޔެލޯ
10 months ago

އެއްވެސް ރީއްޗެއްނޫން. ޔެލޯ އިޒް އޯލް ވީ ނީޑް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.