އެންމެންގެ ސަލާމަތަށް މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ: ނާޒިމް

"ޖީލުތަކެއް އެކުގައި ހަލާކުވެގެންދާއިރު، 30 ކިލޯއިން 40 ކިލޯއިން މަސްތުވާތަކެތި ގެންނަ މީހާއަށް މަރުގެ އަދަބު ނުދެވޭންވީ ސަބަބެއް ނެތް. އޮންނާކަށް ނުވެސް ޖެހޭ. އެހެންކަމުން އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ،"

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް

އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ އެއްވެސް ސަރުކާރަކަށް ހައްލު ނުވި ބޮޑު މައްސަލައެއް ކަމަށެވެ. ޑްރަގް ރެހެބިލިޓޭޝަން އަކީ ރާއްޖޭގައި އެއްވެސް ގޮތަކަށް ކާމިޔާބު ނުކުރެވުނު ކަމެއްކަން ފާހަގަ ކުރައްވާ މިއަދުވެސް މަސްތުވާތަކެތީގެ ފަރުވާއަށް ދެ އަހަރަށް ވުރެ ގިނަ ދުވަހު ކިޔުގައި ތިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ގައުމީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެވެނީ ހަމައެކަނި ހެރޮއިން އެޑިކްޝަނަށެވެ. އެހެން ނަމަވެސް ރާއްޖެއަށް އެތެރެކުރަނީ އެންމެ ފަހުގެ ޕާޓީ ޑްރަގްސް ކަން ފާހަގަ ކުރައްވާ ސަރުކާރު އޮންނަނީ މައްސަލަ ފަހާ ދުވުމުގައި ކަމަށް ވިދާޅުވި އެވެ.

"މައްސަލައިގެ ކުރިއަށް އަރައި ހައްލެއް ހޯދޭނޭ ވަރުގެ ގާބިލު ސިކުނޑި އެއް، ބާރުގަދަ މުލައްދަނޑި އެއް ގައުމުގައި ވާކަމަކަށް ނުވި. 26 އަހަރުގެ ތަޖުރިބާއާ އެކު ވެސް ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާގެ ކާމިޔާބުގެ އިންސައްތަ 10 އިންސައްތަ އާ ހަމަޔަށްވެސް ނުގެނެވުނު،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު

އެއާޕޯޓުން މަސްތުވާތަކެތި އަތުލެވުނީމާ ތަކެއްޗާ ހަވާލުވެފަ ފުރުވާލަނީ އެ ތަކެތި ގެންނަ މީހާ ކަމަށާ މީހާ އަތުލައި ގަނެވެއްޖިއްޔާ ގެއްލެނީ މަސްތުވާތަކެތި ކަމަށް ވިދާޅުވިއެވެ.

"... 30 ކިލޯ ވިޔަސް ވަރިހަމަ. ކުޑަކުއްޖަކު ފުރަތަމަ ކުށްކުރާ އުމުރު ދަށްވެ މިހާރު ހުރީ 10 އަހަރަށް ވުރެ ދަށުގައި. ރާއްޖޭގައި އަލަށް ފަށައިގެން އުޅޭ ކުށެއް ކަމުގައިވާ ސްކޭމް ކުރުމަށް ބަލާލި ނަމަވެސް ޙައްލެއް ލިބޭނޭ ގޮތެއް އެނގޭނޭ މީހަކު ނެތް. ސަރުކާރުން ހާމަކުރާ މައުލޫމާތުން އެނގޭ ގޮތުގައި އެކަކުގެ ނަމުގައި 800 ސިމް ކާޑުވެސް ނަގާފައި އެބަހުރި. 24،000 ސިމްކާޑު 2 ބިދޭސީންގެ ނަމުގައި ނަގާފައި އެބަހުރި،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު

ނާޒިމް ވަނީ ދަތި އެތައް މަރުހަލައެއް ކަޑައްތު ކުރުމަށް ފަހު އެތަކެއް މަސައްކަތުން ކުށް ސާބިތު ކުރެވޭ މީހާ އަކީ ސިޔާސީ ބާރުވެރި ކަމެއް ކިރިޔާވެސް އޮތް މީހެއް ނަމަ ފަސޭހަ ގޮތަކުން ރައީސުލްޖުމްހޫރިއްޔާގެ މައާފު ލިބޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ދައުރުގައި އެންމެ ފުރަތަމަ މި ގޮތަށް ދޫކޮށްލެއްވީ ކުޑަކުއްޖެއްގެ ހުރުމަތްކަނޑާފައިވާ މީހެއް ކަމަށާ މިދިޔަ ހަފްތާގައި ދޫކޮށްލީ މީހަކު މަރާފައިވާ މީހެއް ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ކުރީ ހަފްތާގައި މަސްތުވާތަކެތި ބޮޑެތި އަދަދުން އެތެރެކޮށްފައިވާ މީހެއް ދޫކޮށްލި ކަމަށް ވިދާޅުވެ އަދުލުގެ ނިޒާމް ބެލެހެއްޓުން ދޯހަޅިވެގެން ގޮސް މިހާރު މިއޮތީ ކުށްކުރާ މީހުންގެ އަތަށް ސަރުކާރު ދާހިސާބުގައި ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ނިކުމެ އިންސާފު ހޯދަނީ އަމިއްލައަށް. އަދުލު އިންސާފު ގާއިމު ކުރުމުގައި މިއަށް ވުރެ ބޮޑަށް ހައުމެއް ފެއިލް ވާނޭ ގޮތެއް ބުނެދޭކަށް ނޭނގޭ،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު

ނާޒިމް ވިދާޅުވީ މިއީ އެއްގޮތަކަށް ވެސް ގައުމެއްގައި ރައްޔިތަކަށް ދިރިއުޅެވޭނޭ ގޮތެއް ނޫން ކަމަށެވެ. އަދުލު އިންސާފުގެ ނިޒާމް ނަގާ ކޮޅަށް ޖަހަން ޖެހޭ ކަމަށާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ. އަދި އަދަބުތައް ތަންފީޒުކުރެވޭނޭ ގޮތެއް ހަދަން ޖެހޭ ކަމަށް ވިދާޅުވެ އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ކުށުގެ ބާވަތުން އަދަބު ކަނޑައަޅައި އަފްއާމް ނުދެވޭނޭ ކުށްތައް ކަނޑަ އެޅެން ޖެހޭ. ޖީލުތަކެއް އެކުގައި ހަލާކުވެގެންދާއިރު، 30 ކިލޯއިން 40 ކިލޯއިން މަސްތުވާތަކެތި ގެންނަ މީހާއަށް މަރުގެ އަދަބު ނުދެވޭންވީ ސަބަބެއް ނެތް. އޮންނާކަށް ނުވެސް ޖެހޭ. އެހެންކަމުން އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

2
450
އަމިއްލަ މީހާ
10 months ago

ހޮވޭތޯ ދައްކާނެ މިކަހަލަ ހުރިހާ ވާހަކައެއްވެސް.. ހޮވުނީމަ ހައްގު ގިނަކަމުން ވެސް ހީވާނީ އެހެންކަމެއްހެން

އެމްއެންޕީ މީޑިއާ އާޒިމް
10 months ago

ސެޕްޓެމްބަރ 9 ގައި ދިވެހި ރައްޔިތުން ވޯޓްލައި ނާޒިމް ހޮވާނެ ކަމާމެދެ ޝައްކެތް ނުކުރަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.