އިންތިހާބު ކާމިޔާބުކުރާނީ ޕާޓީ ވިސްނުމުގެ ކުރިއަށް ގައުމީ ވިސްނުން ނެރެގެން: ނާޒިމް

ލަތައް ދޫކޮށްލައްވާ ގައުމީ ވިސްނުމަކަށް ޖާގަ ދެއްވާ. ތައުލީމީ ވިސްނުންތަކާ އިލްމީ ހައްލުތަކަށް ޖާގަދެއްވާ،" ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވާހަކަދައްކަވަނީ

ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޕާޓީގެ ވިސްނުމުގެ ކުރިއަށް ގައުމީ ވިސްނުން ނެރެގެން ކަމަށް، މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. 

އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެޕާޓީއަށް އެންމެ ގިނައިން ކުރިމަތިކުރާ ސުވާލަކީ، ރާއްޖޭގައި ހުރި ބޮޑެތި ސިޔާސީ ޕާޓީތައް ފަހަތައް ޖައްސާލައި، އިންތިހާބު ކާމިޔާބު ކުރެވިދާނެތޯ ކުރާ ސުވާލު ކަމަށެވެ. އެ ސުވާލުގެ ޖަވާބު ވަރަށް ސާދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީތަކުގެ ވެރިކަމަށް ފުރުސަތު ލިބުނުތާ މިވީ 15 އަހަރު ދުވަހުގެ ތެރޭގައި ޑިމޮކްރެސީގެ އުސޫލުތަކުގައި ދިވެހިންނަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އަދުލު އިންސާފު ކަށަވަރު ވެފައެއް ނުވެއެވެ. ކިޔަވައިގެން ނުކުންނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވެފައި ނެތެވެ. އަދި އަމިއްލަ ފުރާނަޔާއި މުދަލުގެ ރައްކާތެރިކަން ވެސް ކަށަވަރެއް ނުވި އެވެ.

"[އެހެން]ކަމަށް ވާނަމަ ކުލަތައް ދޫކޮށްލައްވާ ގައުމީ ވިސްނުމަކަށް ޖާގަ ދެއްވާ. ތައުލީމީ ވިސްނުންތަކާ އިލްމީ ހައްލުތަކަށް ޖާގަދެއްވާ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް، އެމްއެންޕީގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަންނަވަނީ

ނާޒިމްގެ ވާހަކަފުޅުގައި ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި މަގު ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރި ސަރުކާރުތަކުން މުގުރާލަން ނުވާވަރުގެ އެތައް އުސޫލުތަކެއް މުގުރާލާފައިވާ ކަމަށެވެ. އެއީ ސަރުކާރަކަށް ކިތަންމެ ބޮޑު ބާރެއް ލިބުނު ނަމަވެސް ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ކުރެވޭ ރައްޔިތުންގެ ވެރިކަން. އެއީ ވަކި ހަމަތަކެއް، ގާނޫނުއަސާސީ އެއްގައި ލިޔެގެން، އެ އުސޫލުތަކުގެ މަތިން ކުރާ ވެރިކަން. އެއީ އެއްވެސް ޖާލެއްގައި ބާރުގެ ބޭނުންކޮށްގެން ދުސްތޫރީ ހަމަތައް ބަދަލުކޮށްގެން ހިންގާ ވެރިކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ނާޒިމް ވަނީ ރާއްޖޭގެ އަދުލުގެ ނިޒާމު މުޅީން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. ވަކިން ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަ ނާޒިމް ފާހަގަ ކުރެއްވި އެވެ. ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގުރާމެއް ރާއްޖޭގައި ނެތްއިރު މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް އެކަށީގެންވާ އަދަބެއް ނުދެވޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"ޖީލެއް އެކުގައި ހަލާކުވެގެންދާއިރު، 30 ކިލޯއިން 40 ކިލޯއިން މަސްތުވާތަކެތި ގެންނަ މީހާއަށް މަރުގެ އަދަބު ނުދެވޭންވީ ސަބަބެއް ނެތް. އޮންނާކަށް ނުވެސްޖެހޭ. އެހެންކަމުން އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ." ނާޒިމް ވިދާޅުވި އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓް މުހައްމަދު ނާޒިމަށް އެރުވުން

ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތްގޮތާމެދުގައި ވެސް ނާޒިމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދައުލަތަށް ލިބެން ޖެހޭ އެތައް ފައިސާއެއް ނުލިބި މާލީ ހާލަތު ދަށްވަމުން ދާ ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތްތައް ސިޔާސީ ހަތިޔާރަކަށް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުގެ ހަރަދުތައް ދަނީ މައްޗަށް. ސިޔާސީ މުއައްޒަފުން ވަނީ އިތުރު. ހަޒާނާ ހުސްވީމާ ނަގަނީ ލޯން. ލޯނު ނުލިބުނީމާ ބޮޑުކުރަނީ ޓެކްސް. މިހެންގޮސް މިއަދު ރާއްޖޭގެ ގަވާނަންސްގެ ނިޒާމު އެކުގައިވަނީ ފޭލްވެފައި،" އޭނާ ވިދާޅުވިއެވެ.

ސިފައިންގެއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާ ކާނަލެއްގެ ގޮތުގައި ރިޓަޔާކުރެއްވި އަދި އޭގެ ފަހުން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް މިރޭގެ ޖަލްސާގައި ވަނީ ސަލާމަތީ ބާރުތައް ސިޔާސީ ގޮތުން ބޭނުންކުރާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސިފައިންނާއި ފުލުހުން ތިބީ ސަރުކާރާއި، އިދިކޮޅުގެ ވާދަވެރިކަމުގެ ތެރޭގައި "ތާށިކޮށްލާފައި" ކަމަށެވެ.

"މިއަދު މިކަންވަނީ ދުސްތޫރީ ހުރިހާ ހަމައަކުން ބޭރުވެ، ޤހައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައި. ހައުމުދެކެ ލޯބިވާ އެއްވެސް ސިފައިންގެ މީހަކު އަދި ފުލުހެއްގެ ޒަމީރު ގަބޫލު ނުކުރާ ހިސާބަށް ކަންކަން ގޮސްފައި." ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

1
450
އެމްއެންޕީ މީޑިއާ އާޒިމް
10 months ago

ނާޒިމްއަކީ ދިވެހިން ބޭނުންވާ ފަދަ ހިންގުންތެރި ވެރިއެއް، މެގޭ ވޯޓް ނާޒިމްއަށް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.