ނައީމާ މަރާލަން ބޭނުންކުރި ދެ ހަތިޔާރާއި ގާތިލުގެ އަންނައުނު ހޯދައިފި

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ވަނީ ހޯދާފައެވެ.

ނައީމާ އޮތް ގެ ކައިރި ފުލުހުން ބަންދު ކޮށްފައި

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ނ. މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، މަރާލަން ބޭނުންކުރި ތަކެތި ހޯދައިފި އެވެ. 

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ވަނީ ހޯދާފައެވެ. އަދި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނުވެސް ވަނީ ހޯދާފައެވެ.

މިތަކެތި ހޯދީ ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވަނިކޮށެވެ. ސީޕީ ވިދާޅުވި ގޮތުގައި އެތަން ކޮނެ އެތަކެތި ވަނީ ނަގާފައެވެ.

ސީޕީ ވިދާޅުވި ގޮތުގައި ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި ކަމަށްވެސް ވިދާޅުވި އެވެ. އެއީ ކޮން ބައެއް ކަމެއް ނުބުނެއެވެ.

އަދި މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން ދާ ކަމަށްވެސް ވިދާޅުވި އެވެ.

"މައްސަލަ ތަހުގީގު ކުރުމުގެ ތަޖުތިބާކާރު އިންސްޕެކްޓަރު މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން މިމަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމު ކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަހްރުވެރި ކަމާއެކު ފާހަގަކުރަން،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ނައީމާގެ މަރާއެކު، މަނަދޫގެ ގިނަ މީހުންނަށް އެރަށުގައި އެވަރު ކަމެއް ކުރާނެ މީހަކު ހުންނާނެ ކަމަކަށް ނުބެލެވުނެވެ. ނައީމާއަކީ އާއިލާއާ ވަކިން، އެކަނި އުޅުނު މީހެއް ނަމަވެސް، ގާތްތިމާގެ މީހަކާ މާބޮޑު މައްސަލައެއް ޖެހިފައި އޮތްކަމަކަށް އޭރު ފާހަގަވެފައެއް ނެތެވެ .އެހެންކަމުން، ރަށު މީހުންގެ ތުހުމަތު އޭރު މައިގަނޑު ގޮތެއްގައި އަމާޒުވެފައި އޮތީ އެރަށުގައި އުޅޭ ބިދޭސީންނަށެވެ. އަދި ތަހުގީގު ވެސް ކުރިއަށް ގެންދިޔައީ އެ މަގުންނެވެ.

ނަމަވެސް، ފަހުން އެރަށުގެ ބައެއް މީހުންގެ ފިންގަޕްރިންޓް ފުލުހުން ނަގާފައިވެއެވެ. އޭގެ ކުރިން އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފަޅުގެއެއް ބަލާ ފާސްކޮށްފައެވެ. އެ ގެއަކީ ނައީމާގެ ގެއިން ފެށިގެން ގޮސް ހުރި ހުސްފައިގެ ފިޔަވަޅުތަކެއް ނިމޭ ތަނެވެ.

ނައީމާ ދިރިއުޅޭ ކޮޓަރީގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ ގިނަ ޒަހަމްތަކާއެކުއެވެ. ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، ޖިންސީ ގުނަވަނަށް ވެސް ހަމަލާ އަމާޒުވެފައިވާކަމަށް އަޑުފެތުރިފައިވެއެވެ. އޭނާ އި މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.