އެކަތިފަހަރުން ޖުމްހޫރީ ޕާޓީއާ ދެހާސްތޭވީސް ޒުވާނުން ގުޅިއްޖެ

ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ރާއްޖޭގައި ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. ގާސިމް އިބްރާހިމަކީ ރާއްޖޭގައި ތިންވަނަ ސިޔާސީ ފިކުރު ކަަމަށް ބެލެވިފައި އޮވެ އެވެ.

ޖުމްހޫރީ ޕާޓީއާ ރޭ ގުޅުނު ޒުވާނުންނާއެކު ގާސިމް އާއި ނަހުލާ

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިސްނަންގަވައި ހިންގި ހަރަކާތުން 2023 ޒުވާނުން އެކަމާނާގެ ފިރިކަލުން ލީޑަރުކަން ކުރައްވާ ޕާޓީއާ ގުޅިފައިވާ ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.

ނަހުލާ އެކަން ހާމަ ކުރެއްވީ "ފުރަވީރުން" -- ޖިސްމާނީ ގޮތުން އެންމެ ބާރުދަ މީހާ / ޖާނުން އެންމެ ގަދަފަދަ މީހާ -- ނަމުގައި ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި އޮތް ޒުވާނުންގެ ހާއްސަ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ އެ ހަރަކާތަކީ ނަހުލާ އިންތިޒާމް ކުރެއްވި ހަރަކާތެކެވެ.

ރޭގެ އެ އިވެންޓްގައި މައިގަނޑުކޮށް އޮތީ މިއުޒިކާއި ނެށުމާއި މަޖާ ކުރުމެވެ. ހަވާ އެރުވުން ވެސް އޮތެވެ. އިވެންޓްގެ ތެރެއިން ނަހުލާ ވަނީ އެކަމަނާއަށް ހާއްސަކޮށްފައި އޮތް ވަގުތުކޮޅެއްގައި ފިރިކަލުން / ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ސަޕްރައިޒެއް ދެއްވާފަ އެވެ. އެ ގޮތުން އެކަމަނާ ހިންގެވި ހަރަކާތަކުން ޖުމްހޫރީ ޕާޓީއާ ގުޅުނު ޒުވާނުންގެ އަދަދު ހާމަ ކުރައްވާ އެ މެންބަރުންގެ މެންބާޝިޕް ފޯމްގެ ރަމްޒީ ޕްލާކެއްގެ ގޮތުގައި "ޔޫތު ވިތު ގާސިމް 2023" ގާސިމް އަތްޕުޅަށް އަރުވި އެވެ..

ރޭ ގާސިމަށް 2023 މެންބަރުންގެ ފޯމް ވަނީ ހަވާލުކޮށްފަ އެވެ. އެއީ މުޅީން ވެސް ޒުވާނުންނެވެ. އަދި އެއީ މިދިޔަ ހަތަރު ހަފުތާތެރޭ އެ ޕާޓީއާ ގުޅުނު ޒުވާނުންގެ އަދަދެވެ. އެ ޒުވާނުން ގުޅުނީ ނަހުލާ އިސްވެ ކުރެއްވި މަސައްކަތްތަކުންނެވެ. 

ޖުމްހޫރީ ޕާޓީއާ ރޭ ގުޅުނު ޒުވާނުންނާއެކު ގާސިމް އާއި ނަހުލާ

ދެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފުރަތަމަ އަންހެން ޑެޕިއުޓީ ލީޑަރުގެ ހައިސިއްޔަތުން ޕާޓީ ބޮޑުކޮށް ފުޅާ ކުރުމުގެ ވަަރަށް ބޮޑު ޒިންމާއެއް އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެ ގޮތަށް މަސައްކަތް ކުރައްވަމުން ވެސް ގެންދަވާ ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަށް ޖުމްހޫރީ ޕާޓީ ހައްދަވާނެ ކަމަށެވެ. 

"ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް މާތް ﷲ ގެ އިރާދަފުޅުން ޖުމްހޫރީ ޕާޓީ ހަދާނަން،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ހިންގެވި ހަރަކާތެއްގައި ގިނަ އަދަދެއްގެ ޒުވާނުން އެއްކޮށް ޖުމްހޫރީީ ޕާޓީއަށް ވެއްދި އިރު، ޒުވާނުންގެ ވަރަށް ގިނަ ގްރޫޕްތަކާއި ނަހުލާ އާ ގާތްކަމެއް އޮންނަ ކަމަށް އާންމުން ބުނެ އެވެ.  

މިހާރު އޮތީ ކިތައް ޕާޓީ - މިވަގުތު ރާއްޖޭގައި އޮތީ ނުވަ ސިޔާސީ ޕާޓީ އެކެވެ. ދިހަ ވަނަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރި މެންބަރުން އުފައްދަވާ "ދަ ޑިމޮކްރެޓްސް" އެވެ.

އެ ޕާޓީގެ މަސައްކަތް ހިނގާއިރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ "މޯލްޑިވްސް ރިފޯމް މޫވްމަންޓް" އުވާލަންް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އެއީ އެ ޕާޓީގައި ގާނޫނީ އަދަދު ހަމަނުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެހެން ވެއްޖެނަމަ "ދަ ޑިމޮކްރެޓްސް" ވާނީ ނުވަވަނަ ޕާޓީއަށެވެ.

މިހާރު އެންމެ މެންބަރުން ގިނައީ ވެރިކަން ކުރާ އެމްޑީޕީގަ އެވެ. ދެން އިދިކޮޅު މައި ޕާޓީ ޕީޕީއެމްގަ އެވެ. ތިންވަނައަށް އެންމެ ޖުމްހޫރީ ޕާޓީގަ އެވެ. އެންމެ ބޮޑު ޕާޓީއަށް ޖުމްހޫރީ ޕާޓީ ބަދަލު ކުރަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭނެ އެވެ އެއީ އެމްޑީޕީއާ ޕީޕީއެމްގައި ޖޭޕީއަށްވުރެ އެތައް ހާސް މެންބަރުންނެއް މިވަގުތު އިތުރުވީމަ އެވެ.

ޖުމްހޫރީ ޕާޓީއާ ރޭ ގުޅުނު ޒުވާނުންނާއެކު ގާސިމް އާއި ނަހުލާ

ޕާޓީތަކުގައި މެންބަރުން ތިބި އަދަދު

  • 1.އެމްޑީޕީ: 57،660 މެންބަރުން
  • 2.އަދާލަތު ޕާޓީ: 9،786 މެންބަރުން
  • 3.ޖުމްހޫރީ ޕާޓީ: 22،607 މެންބަރުން
  • 4.ޕީޕީއެމް: ބ38،704 މެންބަރުން
  • 5.އެމްޑީއޭ: 10،386 މެންބަރުން
  • 6.ޕީއެންސީ: 3،159 މެންބަރުން
  • 7.އެމްޓީޑީ: 3،016 މެންބަރުން
  • 8.އެމްއާރްއެމް: 2،981 މެންބަރުން
  • 9.އެމްއެންޕީ: 9،838 މެންބަރުން

އެންމެ މެންބަރުން ގިނަ އެމްޑީޕީގައި ޖުމްހޫރީ ޕާޓީއަށް ވުރެ 35،053 މެންބަރުން ގިނަ އެވެ. މިއީ ޖޭޕީގައި މިވަގުތު ތިބި މެންބަރުންގެ ދެ ގުނަށް ވުރެ މާ އިތުރު އަދަދެކެވެ. ދެވަނަ އަށް މެންބަރުން ގިނަ ޕީޕީއެމްގައި ޖުމްހޫރީ ޕާޓީއަށް ވުރެ 16،097 މެންބަރުން އިތުރެވެ.

އެހެން ކަމުން އެންމެ މެންބަރުން ގިނަ ޕާޓީއަށް ޖުމްހޫރީ ޕާޓީ ހައްދަވާނެ ކަމަށް ނަހުލާ ވިދާޅުވި ވާހަކައަކީ ސިޔާސީ ވާހަކަ އެއް ކަމަށް ބެލެވެއެވެ. ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް އެ ޕާޓީއާ ގުޅޭ މެންބަރުންގެ އަދަދު ބޮޑު ތަނުން އިތުރުވެއެވެ. ނަމަވެސް އިންތިހާބު ނިމުމާއެކު މެންބަރުންގެ އަދަދު މަދުވެއެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ރާއްޖޭގައި ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. ގާސިމް އިބްރާހިމަކީ ރާއްޖޭގައި ތިންވަނަ ސިޔާސީ ފިކުރު ކަަމަށް ބެލެވިފައި އޮވެއެވެ. ރިޔާސީ އިންތިހާބުތަކުގައި މުޅީން ވެސް ބަރުވެފައި ވަނީ ގާސިމް ވަޑަައިގަންނަވާ ކޮޅަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.