އެންމެ ބޮޑު ޕާޓީއަށް ޖޭޕީ ހަދާނަން: ނަހުލާ

"ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ﷲގެ އިރާދަފުޅުން ޖުމްހޫރީ ޕާޓީ ހަދާނަން،"

"ފުރަވީރު" ނަމުގައި މިރޭ އޮތް ޒުވާނުންގެ ހާއްސަ ހަރަކާތުގައި ނަހުލާ ވާހަކަ ދައްކަވަނީ: އޭނާ ވަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ޖުމްހޫރީ ޕާޓީ ހައްދަވާނެ ކަމަށް ވިދާޅުވެފައި

ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީއަށް ޖުމްހޫރީ ޕާޓީ ހައްދަވާނެ ކަމަށް އެ ޕާޓީގެ ނާއިބު ލީޑަރު / ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިރޭ ވިދާޅުވެއްޖެ އެވެ.

ނަހުލާ މިހެން ވިދާޅުވީ "ފުރަވީރުން" ނަމުގައި މިރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި އޮތް ޒުވާނުންގެ ހާއްސަ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަރަކާތަކީ ނަހުލާ އިންތިޒާމް ކުރެއްވި ހަރަކާތެކެވެ.

މައިގަނޑުކޮށް އޮތީ މިއުޒިކާއި ނެށުމެވެ. ހަވާ އެރުވުންވެސް އޮތެވެ. މި އިވެންޓްގެ ތެރެއިން ނަހުލާ ވަނީ އެކަމަނާއަށް ހާއްސަ ވަގުތުކޮޅު ފިރިކަލުން / ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ސަޕްރައިޒެއް ދެއްވާފައެވެ. އެ ގޮތުން އެކަމަނާގެ އިސްނެގުމަށް ހިންގި ހަރަކާތަކުން ޖުމްހޫރީ ޕާޓީއާ ގުޅުނު ޒުވާނުންގެ އަދަދު ހާމަކުރައްވާ އެ މެންބަރުންގެ މެންބާޝިޕް ފޯމްގެ ރަމްޒެއް ގާސިމެއް އަރުވާފައެވެ.

އެގޮތުން "ޔޫތު ވިތް ގާސިމް" ލިޔެފައިވާ ކަރުދާސްކޮޅެއް ގާސިމަށް އެރުވިއެވެ. ނަހުލާ ވިދާޅުވި ގޮތުގައި މިރޭ ގާސިމަށް 2023 މެންބަރުންގެ ފޯމް ވަނީ ހަވާލުކޮށްފައެވެ. އެއީ މުޅީންވެސް ޒުވާނުންނެވެ. އަދި އެއީ މިދިޔަ ހަތަރު ހަފްތާތެރޭ އެ ޕާޓީއާ ގުޅުނު ޒުވާނުންގެ އަދަދެވެ.

ނަހުލާ ވަނީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަށް ޖުމްހޫރީ ޕާޓީ ހައްދަވާނެ ކަމަށްވެސް މިރޭ ވިދާޅުވެފައެވެ.

"ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ﷲގެ އިރާދަފުޅުން ޖުމްހޫރީ ޕާޓީ ހަދާނަން،" ނަހުލާ ވިދާޅުވި އެވެ.

"ފުރަވީރު" ނަމުގައި މިރޭ އޮތް ޒުވާނުންގެ ހާއްސަ ހަރަކާތުގައި ނަހުލާ ވާހަކަ ދައްކަވަނީ: އޭނާ ވަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ޖުމްހޫރީ ޕާޓީ ހައްދަވާނެ ކަމަށް ވިދާޅުވެފައި

މިވަގުތު ރާއްޖޭގައި އޮތީ ނުވަ ސިޔާސީ ޕާޓީ އެކެވެ. ދިހަ ވަނަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރި މެންބަރުން އުފައްދަވާ "ދަ ޑިމޮކްރެޓްސް" އެވެ.

ނަމަވެސް ރައީސް މައުމޫންގެ "މޯލްޑިވްސް ރިފޯމް މޫވްމަންޓް" އުވާލަންް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެއީ އެ ޕާޓީގައި ގާނޫނީ އަދަދު ހަމަނުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެހެން ވެއްޖެނަމަ "ދަ ޑިމޮކްރެޓްސް" ވާނީ ނުވަވަނަ ޕާޓީއަށެވެ.

އެންމެ މެންބަރުން ގިނައީ ވެރިކަން ކުރާ އެމްޑީޕީގައެވެ. ދެން އިދިކޮޅު މައި ޕާޓީ ޕީޕީއެމްގައެވެ. ތިންވަނައަށް އެންމެ ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެންމެ ބޮޑު ޕާޓީއަށް ޖުމްހޫރީ ޕާޓީ ބަދަލު ކުރަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހެއެވެ. އެއީ އެމްޑީޕީއާ ޕީޕީއެމްގައި ޖޭޕީއަށްވުރެ އެތައް ހާސް މެންބަރުންނެއް މިވަގުތު އިތުރުވީމައެވެ.

ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު

  • 1.އެމްޑީޕީ - 57،660 މެންބަރުން
  • 2.އަދާލަތު ޕާޓީ - 9،786 މެންބަރުން
  • 3.ޖުމްހޫރީ ޕާޓީ - 22،607 މެންބަރުން
  • 4.ޕީޕީއެމް - 38،704 މެންބަރުން
  • 5.އެމްޑީއޭ - 10،386 މެންބަރުން
  • 6.ޕީއެންސީ - 3،159 މެންބަރުން
  • 7.އެމްޓީޑީ - 3،016 މެންބަރުން
  • 8.އެމްއާރްއެމް - 2،981 މެންބަރުން
  • 9.އެމްއެންޕީ - 9،838 މެންބަރުން

އެންމެ މެންބަރުން ގިނަ އެމްޑީޕީގައި ޖުމްހޫރީ ޕާޓީއަށް ވުރެ 35،053 މެންބަރުން ގިނަ އެވެ. މިއީ ޖޭޕީގައި މިވަގުތު ތިބި މެންބަރުންގެ ދެ ގުނަށް ވުރެ މާ އިތުރު އަދަދެކެވެ. ދެވަނައަށް މެންބަރުން ގިނަ ޕީޕީއެމްގައި ޖުމްހޫރީ ޕާޓީއަށް ވުރެ 16،097 މެންބަރުން އިތުރެވެ.

އެހެން ކަމުން އެންމެ މެންބަރުން ގިނަ ޕާޓީއަށް ޖުމްހޫރީ ޕާޓީ ހައްދަވާނެ ކަމަށް ނަހުލާ ވިދާޅުވި ވާހަކައަކީ ސިޔާސީ ވާހަކަ އެއް ކަމަށް ބެލެވެއެވެ. ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް އެ ޕާޓީއާ ގުޅޭ މެންބަރުންގެ އަދަދު ބޮޑު ތަނުން އިތުރުވެއެވެ. ނަމަވެސް އިންތިހާބު ނިމުމާއެކު މެންބަރުންގެ އަދަދު މަދުވެއެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ރާއްޖޭގައި ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖޭގައި ތިންވަނަ ފިކުރު ކަަމަށް ބެލެވިފައި އޮވެއެވެ. އިންތިހާބުގައި މުޅީންވެސް ބަރުވެފައި ވަނީ ގާސިމް ވަޑަައިގަންނަވާ ކޮޅަށެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.