މި ދައުރުގައި ފެން ކުންފުނިން ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގައިފި

އެމްޑަބްލިއުއެސްސީގެ 28 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އެމްޑީ ހަސަން ޝާހު ވާހަކަދައްކަވަނީ

ދައުލަތުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ފާއިތުވި ހަތަރު އަހަރު ދުވަސްތެރޭ  އެއް ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު ހިންގައިފިއެވެ.

މިރޭ އޮތް އެ ކުންފުނީގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މި ސަރުކާރުގެ ދައުރުގައި އެ ކުންފުނިން ތަފާތު 31 ރަށެއްގައި ފެނާއި ނަރުދަމާގެ 68 މަޝްރޫއެއް ފަށާފައިވާ ކަމަށެވެ. އޭގެ ތެރެއިން 40 މަޝްރޫއެއް މިހާރު ނިމިފައިވާ ކަމަށާއި، ބާކީ 40 މަޝްރޫއު ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އެމްޑަބްލިއުއެސްސީގެ ފާއިތުވި ދިގު ތާރީހުގައި މީގެ ކުރިން ހިންގާފައި ހުރި ޖުމްލަ މަޝްރޫއުތަކުގެ އަދަދާ ވެސް ނުބައްދަލު ނުބައްދަލު މިންވަރެއްކަން އުފަލާ އެކު ފާހަގަކުރަން" ޝާހު ވިދާޅުވިއެވެ.

އޭނާ ވަނީ މި މަޝްރޫއުތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ވަސީލަތްތައް ގާއިމުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ކުރާ މަސައްކަތް ކަން ފާހަގަކޮށްފައެވެ. އޭނާ ވިދާޅުވީ ކުންފުނިން ފަށާފައިވާ ހުރިހާ މަޝްރޫއެއް ވެސް ދައުރު ނިމުމުގެ ކުރިން ނިމޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ 28 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އެމްޑީ ހަސަން ޝާހު، އަދި ނާއިބު ރައީސް ފައިސަލް ނަސީމް

 ޝާހު ވިދާޅުވީ އެ ކުންފުނީގެ އެންމެ ގިނަ ކަސްޓަމަރުން ތިބި، މާލެ ސަރަހައްދުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަޕްގްރޭޑްކުރުމަށް ހިންގަމުންދާ ޖުމްލަ މަޝްރޫއުތަކުގެ އަގު 224 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

"މި މަޝްރޫއުތައް ނިމުމުން މި ސަރަހައްދުގެ ފެނާއި ނަރުދަމާއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ" އޭނާ ވިދާޅުވިއެވެ.

ޝާހުގެ ވާހަކައިގައި އެ ކުންފުނި އުފެދިގެން، ފާއިތުވީ 28 އަހަރު ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލިއެވެ. އެގޮތުން، އެންމެ 60،000 މީހުންގެ އާބާދީއަކަށް، ދުވާލަކު 6 ގަޑިއިރަށް އެންމެ ފުރަތަމަ ޚިދުމަތް ދޭން ފެށި ނަމަވެސް، މިހާރު ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދެވޭ ކަން ފާހަގަ ކުރެއްވިއެވެ.

ފާއިތުވި ހަތަރު އަހަރު ދުވަސް ތެރޭ އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ދެ ގުނަ ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މިހާރު އެ ކުންފުނީގައި މަސައްކަތްކުރާ ފަންނީ ހުރިހާ މުވައްޒަފުންނަކީ ދިވެހިން ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑަބްލިއުއެސްސީއަކީ މާލޭގައި ސާފު ބޯފެނާއި، ނަރުދަމާގެ ޚިދުމަތް ދިނުމަށްޓަކައި 1995ވަނަ އަހަރުގެ އޭޕްރީލްމަހުގެ އެއްވަނަ ދުވަހު ސަރުކާރުން އުފެއްދި ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.