އީވާއާ ދެ މިނިސްޓަރުން މަގާމުން ދުރުކުރުމުގެ ވޯޓް ތާވަލަށް ލައިފި

ރިފްއަތާއި ޝާހިދުގެ އިތުބާރު ނެތް މައްސަލަ ހުށައެޅީ ޗާގޯސް އިމުގެ މައްސަލައިގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް އަމަލު ކުރައްވާފައި ވާތީ އެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ މަޖިލީހުގެ ތާވަލަށް ލައިފި އެވެ.

ރިފްއަތާއި ޝާހިދުގެ އިތުބާރު ނެތް މައްސަލަ ހުށައެޅީ ޗާގޯސް އިމުގެ މައްސަލައިގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް އަމަލު ކުރައްވާފައި ވާތީ އެވެ. އެ މައްސަލަ މަޖިލީހަށް ހުށައެޅީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ އާއީ، ޖުމްހޫރީ ޕާޓީ، "ފިކުރެއްގެ ދިރުން" އަދި އެމްއެންޕީ ގުޅިގެންނެވެ. އެ ޕާޓީތަކުގެ ބޮޑެތި ތުހުމަތުތަކެއް ދެ ބޭފުޅުންގެ މައްޗަށް އެބައޮތެވެ.

މަޖިލީހުގެ ނާއިބު ރައީސްގެ މަަގާމުން އީވާ ދުރުކުރަން ހުށައެޅީ އެމްޑީޕީގެ ޕީޖީ ގުރޫޕުންނެވެ. އީވާ ވަނީ އެމްޑީޕީން މިހާރު ވަކިވެވަޑައިގެންފައެވެ. އީވާގެ މައްސަލަ ހުށައެޅީ 50 މެންބަރުންގެ ސޮޔާއެކުގައެވެ. އެއީ އެމްޑީޕީގެ 49 މެންބަރަކާއި މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު (ޖޭފޯ) ސޮއި ކުރައްވައެވެ.

މި ތިން ބޭފުޅުންގެ އިތުބާރު ނެތް މައްސަލަތަކުގެ ނޯޓިސް ފޮނުވާ މިހާރު ވަނީ މަޖިލީހުގެ ތާވަލަށް ލައިފައެވެ.

  •  ރިފްއަތުގެ އިތުބާރު ނެތް މައްސަލަ - 31 މެއި
  •  ޝާހިދުގެ އިތުބާރު ނެތް މައްސަލަ - ޖޫން 6
  •  އީވާގެ އިތުބާރު ނެތް މައްސަލަ ޖޫން 11

އީވާ މަގާމުން ވަކި ކުރުމަށް ބޭނުންވާނީ މަޖިލީހުގެ 87 މެންބަރުންގެ ދެ ބައިކުޅަ އެއްބަޔަށްވާ 44 މެންބަރުންގެ ވޯޓެވެ. އެހެން ކަމުން އެކަމަނާ މަގާމުން ވަކިކުރާނެ ކަން ވަނީ ޔަގީން ކުރެވިފައެވެ.

ރައީސް ނަޝީދު ހިމެނޭހެން މިވަގުތުވެސް އެމްޑީޕީގެ 55 މެންބަރަކު މަޖިލީހުގައި އެބަ ތިއްބެވި އެވެ. އެ ނަންބަރު އެ ގޮތުން ދެ މިނިސްޓަރުން މަގާމުން ދުރުކުރެވޭނެ ކަމަކަށް ނުބެލެވެއެވެ.

އީވާ ހިމެނޭ، ޑިމޮކްރެޓުންގެ ހިމެނެނީ 13 މެންބަރުންނެވެ. ދެން ތިބީ އިދިކޮޅު ދެ ޕާޓީ -- ޕީޕީއެމް އާއި ޕީއެންސީގެ 8 މެންބަރުންނާއި އެމްއެންޕީގެ ތިން މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރުންނެވެ. މިނިވަން މެންބަރުންނާއި އެމްޑީއޭގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރުގެ ވޯޓް ލިބުނަސް މިނިސްޓަރުން ބޭރު ނުކުރެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.