އިޓްލޮސްގެ ނިންމުން އިސްތިއުނާފެއް ނުކުރެވޭނެ، އަމަލުކުރުން ލާޒިމް: އޭޖީ

"އިޓްލޮސްއަކީ އަންކްލޮސް މުއާހަދާގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކަށްވާއިރު އިޓްލޮސްގެ ނިންމުން އިތުރަށް އިސްތިއުނާފެއް ނުކުރެވޭނެ. އެ ނިންމުމަށް ދިވެހިރާއްޖެއިން އަމަލުކުރުން ލާޒިމް،"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު: ފޯޅަވަހީގެ މައްސަލާގައި ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށް މޮރިޝަސްއަށް ދޫދިން ކަމުގެ ތުހުމަތު އެބައޮތް -- މި

އިޓޮލްސް އިން ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ނިންމާފައިވާ ނިންމުން އިސްތިއުނާފު ނުކުރެވޭނެ ކަމަށާ އެ ނިންމުމަށް ދިވެހިރާއްޖެއިން އަމަލު ކުރުން ލާޒިމު ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ވަނީ ދިވެހިރާއްޖެއާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑިލިމިޓް ކުރުމުގެ މައްސަލައާ ގުޅޭ މައުލޫމާތު ކަރުދާހެއް އާންމުކޮށްފައެވެ. އެ ކަރުދާހުގައި ބުނެފައިވަނީ އިހްތިސާދް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމަކީ މައްސަލައިގައި ހިމެނޭ ގައުމުތަކުގެ މައްޗަށް އަމަލުކުރުން ލާޒިމް ނިހާއީ ނިންމުމެއް ތަކެއް ކަމަށެވެ.

"އިޓްލޮސްއަކީ އަންކްލޮސް މުއާހަދާގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކަށްވާއިރު އިޓްލޮސްގެ ނިންމުން އިތުރަށް އިސްތިއުނާފެއް ނުކުރެވޭނެ. އެ ނިންމުމަށް ދިވެހިރާއްޖެއިން އަމަލުކުރުން ލާޒިމް،" އޭޖީގެ ކަރުދާހުގައި ވެއެވެ.

މީގެ އިތުރުން އިޓްލޮސްގެ ނިންމުމަކީ މައްސަލައިގައި ޝާމިލްވާ ގައުމުތަކުން އަމަލު ކުރަންޖެހޭ ނިހާއީ ނިންމުމެއް ކަމަށް ބަޔާންކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އިޓްލޮސްގެ ހުކުމްކުރާ ދުވަހުން ފެށިގެން މައްސަލައިގައި ހިމެނޭ ގައުމުތަކުގެ މައްޗަށް އެ ހުކުމަށް އަމަލުކުރުން ލާޒިމް ކަމަށްވެސް ބުނެފައިވެއެވެ.

އޭޖީން ބުނީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު އިޓްލޮސްގައި ކުރިއަށްދިޔަ މައްސަލައިގައި އިޓްލޮސްއިން ކުރި ހުކުމް ސާފުނުވުމުގެ މައްސަލައެއް ނޫޅޭ ކަމަށެވެ. އެހެން ކަމުން ހުކުމް މާނަކުރަން ހުށަހަޅަން ޖެހޭ ސަބަބެއްވެސް ނެތް ކަމަށެވެ. އަދި ހުކުމް މުރާޖައާ ކުރަން ހުށައެޅޭނެ ހާލަތްތައް ބަޔާންކޮށްދީފައިވެއެވެ. 

އެގޮތުން މުރާޖައާ ކުރަން ހުށައެޅޭނީ މައްސަލައިގެ ހުކުމްގައި އެ ފެކްޓެއްގެ މައްޗަށް ބުރަދަން ދޭންޖެހޭ މުހިއްމު ފެކްޓެއް ހުކުމް ކުރާ ފަހުން މުޅިން އަލަށް ޑިސްކަވާ ވެއްޖެނަމަ ކަމަށް ބުނެފައިވެއެވެ. އެ ހާލަތުގަައި އައު ހަގީގަތް އިނގޭތާ ހަ މަސްދުވަހުގެ ތެރޭގައި އަދި ހުކުމް ކުރި ތާރީހުން ފެށިގެން ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައި މުރާޖައާ ކޮށްދޭން ހުށައެޅިދާނެ ކަމަށެވެ.

މި މައްސަލާގައި ސަރުކާރުން ގާނޫނާއި ހިލާފެއް ނުވޭ

އެޓާނީ ޖެނެރަލް އޮފީހުން އާާންމުކުރި ކަރުދާހުގައި ބުނެފައިވަަނީ ކަނޑު ބެހުމުގެ މައްސަލާގައި ސަރުކާރުގެ ފަރާތުން ނަގާފައިވަނީ ރާއްޖެއަށް އެންމެ ފައިދާހުރި ގާނޫނީ ގޮތުން ބުރަދަން ހުރި ނުކުތާތައް ކަމަށެވެ. އަދި ރާއްޖެ ތަމްސީލް ކުރީ ބައިނަލްއަގްވާމީ ފެންވަރުގައި މިފަދަ ތިރީހަކަށް މައްސަލައިގައި ވަކާލާތު ކުރުމުގެ ގިނަ ދުވަހުގެ ތަޖުރިބާހުރި ވަކީލުންނާއި އެކްސްޕާޓުންގެ ޓީމަކުން ކަމަށެވެ.

މި މައްސަލަ އަކީ ހަމައެކަނި ދިވެހިރާއްޖެ ހިމެނޭ މައްސަލަ އެއް ނޫންކަން ފާހަގަކޮށް ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާ އެއްގެ ދަށުން އެހެން ގައުމަކުން ރާއްޖެއާ ދެކޮޅަށް ހުށަހަޅާ މައްސަލައެއްގައި ރާއްޖެއިން ވަކާލާތު ކުރަން ޖެހޭނީ ވެސްް ބައިނަލްއަގްވާމީ ގާނޫނު -- އިންޓަނޭޝަނަލް ލޯގެ ހަމަތަކަށާއި ބައިނަލްއަގްވާމީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތަކަށް ރިއާޔަތް ކޮށްގެން ކަމަށް ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ދެކުނުން ކަނޑުން ބައެއް ގެއްލިފައިވާ ކަަމަށް ބުނާތީ އެކަމަށް ރައްދު ދީ ބުނެފައިވަނީ ރާއްޖޭގެ އުތުރުން ވެސް، 200 ނޯޓިކަލް މޭލުގެ އީއީޒެޑް ލިބިފައެއް ނެތް ކަމަށެވެ. ރާއްޖޭގެ 200 ނޯޓިކަލް މޭލުގެ ސަރަހައްދު އިންޑިއާ އަދި ސްރީލަންކާގެ 200 ނޯޓިކަލް މޭލުގެ ސަރަހައްދާ ފުށުއަރާތީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓަންސް އުސޫލުން ދެ އެއްބަސްވުމެއްގެ ދަށުން 1976 ގައި ބައިކޮށްފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އަދި އަންކްލޮސް މުއާހަދާގެ އާޓިކަލް 57 ގައި ބޭސްލައިތަކުން ފެށިގެން 200 ނޯޓިކަލް މޭލަށް ވުރެ ދުރަށް އީއީޒެޑް ދެމިގެން ނުދާނެ ކަމަށް ބޔާންކޮށްފައިވާ ކަމަށާ އެގޮތުން 200 ނޯޓިކަލް މޭލަކީ ގައުމަކަށް އީއީޒެޑް ހޯދުމުގެ ފުރުސަތު ލިބިދޭ އެންމެ ފުޅާ ސަރަހައްދު ކަމަށްވިޔަސް އެއީ އެހެން ގައުމެއްގެ 200 ނޯޓިކަލް މޭލުގެ ސަރަހައްދާ ފުށުނާރާ ހާލަތުގައި ކަމަށް ބުނެފައިވެއެވެ.

"ފުށުއަރާ ސަރަހައްދާމެދު ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްނުވެވޭ ހާލަތުގައި އެކަމުގައި ގޮތެއް ކަނޑައަޅާނީ އަންކްލޮސް މުއާހަދާގައި ބަޔާންކުރާ އިޖުރާއަތުތަކުގެ ދަށުން މައްސަލަ ބަލާ ޕެނަލް އަކުން ކަމަށް ބަޔާންކުރޭ. މޮރިޝަސް އާއި ރާއްޖެއާ ދެމެދުގައި އިޓްލޮސް ގައި މައްސަލަ ކުރިއަށް ގެންދިޔައީ އެ އިޖުރާއަތުގެ ތެރެއިން،" އޭޖީން އާންމުކުރި މައުލޫމާތު ކަރުދާހުގައިވެއެވެ.

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

މަޖިލީހުން ގާނޫނެއް ފާސްކުރާކަށް ނުޖެހޭ

އެޓާނީ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ކަރުދާހުގައި ވަނީ ހާއްސަ އިގްތިސާދީ ސަރަހައްދަށް ބަދަލު ގެނައުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނެއް ބޭނުންވާނެ ކަމަށް ބުނާ ބުނުންވެސް ސާފުކޮށް ދީފައެވެ.

އެ އޮފީހުން ބުނި ގޮތުގައި އެ ހާލަތާއި މި ހާލަތު ތަފާތެވެ. ހާއްސަ އިގްތިސާދީ ސަރަހައްދަށް ބަދަލުގެނައުމަށްޓަކައި
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނެއް ބޭނުންވަނީ އެ ގެނެވޭ ބަދަލުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަހައްދަށް -- ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލާ ހަމަހަށް އޮންނަ ސަރަހައްދަށް ބަދަލު އަންނަނަމަ އެކަނި ކަމަށާ މި މައްސަލައަކީ އެ 12 ނޯޓިކަލް މޭލުގެ ސަރަހައްދާ ގުޅޭ މައްސަލަ އެއް ނޫން ކަމަށެވެ. އަދި އެ ސަރަހައްދަށް މައްސަލައިން އެއްވެސް އަސަރެއް ނުކުރާ ކަމަށް ބުނެފައިވެއެވެ.

"އެހެންކަމުން އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރާ ކަށް ނުޖެހޭ،" 

ރައީސްގެ ސިޓީން އަސަރެއް ނުކުރޭ

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީގެ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނާ ބޭފުޅުންގެ ނަަޒަރުގައި އެ ނިންމުން އައުމުގައި ރައީސްގެ ސިޓީގެ ދައުރު ވަރަށް މުހިންމެވެ.

އެ ސިޓީ ހާމަކުރުމަށްވެސް އިދިކޮޅު ޕާޓީތަކުން ދަަނީ ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން އެކަން ކުރަން ގަސްތެއް ނުކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅެއްގެ މައްސަލަ ވަނީ ބޮޑުވެފައި

އެޓާނީ ޖެެނެރަލްގެ އޮފީހުން ބުނީ އދ ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމިކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން އެ ގައުމުގެ ބޮޑުވަޒީރަށް އަންގަވާފައިވަނީ މޮރިޝަސް އާއި ރާއްޖެއާ ދެމެދުގައި އިޓްލޮސްގައި ހިނގި މައްސަލައިގައި މައުލީއީ ގޮތުން ޖަވާބުދާރީވެ ނިމުނު ފަހުން އޮގަސްޓް 22، 2022 ގައެވެ.

އަދި އެކަމުގެ ސަބަބުން، ރާއްޖެ އިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތު ކުރަމުން ގެންދިޔަ މައްސަލައި ގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް / ސްޓޭންޑަށް އެއްވެސް ބަދަލެއް އައިސްފައިނުވާނެ ކަމަށެވެ. އެއީ ޗާގޮސް އަކީ މޮރިޝަސްގެ ތަނަކަށް ވިޔަސް ނޫނީ އިނގިރޭސިވިލާތުގެ ތަނަކަށް ވިޔަސް ބައުންޑަރީ ކަނޑައެޅުމުގައި ރިއާޔަތް ކުރަން ޖެހޭ އަންކްލޮސްގެ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާތީ ކަމަށެވެ.

މީގެ އިތުރުން ޔޫއެން ޖެނެރަލް އެސެމްބްލީގައި ވަކި ގޮތަކަށް ވޯޓް ލުމަކީ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ކަމެއް ނޫންކަންވެސް ފާހަގަކޮށްފައިވެއެވެ.

"...މޮރިޝަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނިންމައި ހުކުމަށް ވާސިލުވިއިރު ރިއާޔަތްކުރި އެއްވެސް ކަމެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީގެ ވާހަކަ ބަޔާންކޮށްފައެއް ނެތް. އެހެންކަމުން، ހުކުމަށް ބަލާއިރުވެސް ސިޓީގެ ސަބަބުން ބައުންޑަރީ ޑީލިމިޓް ކުރުމަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަން ސާފު،" އޭޖީން އާންމުކުރި ކަރުދާހުގައި ވެއެވެ. 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.