ފާޑުކިޔުން ބޮޑުވުމުން މަޖިލީހުގެ ޖަލްސާތައް ވަގުތުން ދައްކަން ޕީއެސްއެމުން ނިންމައިފި

ސަރުކާރުގެ ނުފޫޒުން ދައުލަތުގެ މީޑިއާ މިނިވަން ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ޕީއެސްއެމް މިހާރުވެސް ހިންގަނީ ސަރުކާރުގެ ވަރަށް ބޮޑު ނުފޫޒެއްގައެވެ.

ޕީއެސްއެމްގެ އެމްޑީ އަލީ ހާލިދު: އޭނާގެ އެމްޑީ ކަމުގައި ދެކޮޅު ނުޖެހޭ ގިނަ ނިންމުންތަކެއް ނިންމާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަގުތުން ގެނެސް ދިނުން ހުއްޓާލަން ނިންމި ނިންމުން ބަދަލުކުރަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައިފި އެވެ.

މަޖިލީހުގައި ބަހުސްތައް ފޯރިގަދަވެފައި ވަނިކޮށް ޕީއެސްއެމުން ކުއްލި ގޮތަކަށް ވަނީ މަޖިލީހުގެ ޖަލްސާތައް ވަގުތުން ދުރަށް ދެއްކުން ހުއްޓާލަން ނިންމާފައެވެ. އިއްޔެ ވަގުތުން އެ ގޮތަށް އަމަލު ކުރަންވެސް ފެށި އެވެ. އަދި އެ ނިންމުން މިއަދު ރަސްމީވެސް ކޮށްފައި ވެއެވެ.

ޕީއެސްއެމުން ނިންމާފައި އޮތީ މަޖިލީހުގެ ޖަލްސާ ވަގުތުން ދުރަށް ފޮނުވުމުގެ ބަދަލުގައި ރޭގަނޑު މަޖިލީހުގެ ޖަލްސާއަށް ހާއްސަ ޕްރަގްރާމެއް ގެނެސް ދިނުމަށެވެ. އެ ޕްރަގްރާމްގައި އެ ސްޓޭޝަންގެ މިންގަނޑަށް ފެތޭ ގޮތަށް މެންބަރުންގެ ވާހަކަތަކާއި މަޖިލީހުގެ ނިންމުންތައް ގެންނާށެވެ.

ނަމަވެސް އެ ނިންމުމާއި ގުޅިގެން އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ގުޅިގެން މިހާރު އަނެއްކާވެސް ވަނީ މަޖިލީހުގެ ޖަލްސާތައް ދުރަށް ފޮނުވަން ނިންމާފައެވެ. އެކަން ޕީއެސްއެމް އިން ޔަގީން ކޮށްދެއެވެ.

މަޖިލީސް ދެއްކުން ޕީއެސްއެމް އިން ކުއްލި ގޮތަކަށް ހުއްޓާލީ ވެރިކަންކުރާ އެމްޑީޕީ ބައިބައިވެ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާ މަޖިލީހުގައި އެ ފިކުރުގެ މެންބަރުންގެ އަޑު ގަދަވެފައި ވަނިކޮށެވެ. ސަރުކާރާއި ރައީސް ސޯލިހަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތައް ކޮށް އިއްޔެގެ ޖަލްސާގައި މެންބަރުން ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ސަރުކާރުގެ ނުފޫޒުން ދައުލަތުގެ މީޑިއާ މިނިވަން ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ޕީއެސްއެމް މިހާރުވެސް ހިންގަނީ ސަރުކާރުގެ ވަރަށް ބޮޑު ނުފޫޒެއްގައެވެ. އެ ނުފޫޒު ބޮޑުވެފައި ވަނީ ޕީއެސްއެމްްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު އެ ގޮތަށް އެ ތަން ހިންގަވަން ބޭނުންވެސް ވާތީ އެވެ. އަލީ އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި ހުންނަވައިގެންވެސް މީޑިއާތައް އޮބިއަޅާ ކޮންޓްރޯލް ކުރަން ވަރަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެކަން ކާމިޔާބު ނުވުމުން މީޑިއާ ކައުންސިލަށް ނޫސްތަކުގެ މައްސަލަތައް ފޮނުވައިގެން މައްސަލަ ބަލާ ފިޔަވަޅު އަޅަންވެސް ނުފޫޒު ފޯރުވަން މަަސައްކަތް ކުރި އެވެ.

މިދިޔަ ހަތަރު އަހަރުވެސް ޕީއެސްއެމް ހިންގީ އަލީ ހާލިދެވެ. އަނެއްކާ އައު ދައުރަކަށް އޭނާ ވަނީ އެމްޑީގެ މަގާމަށް ހަމަޖައްސަވާފައެވެ. އަލީ ހަވާލުވި ހިސާބުން ޕީއެސްއެމްގެ ޗެނަލްތަކުގެ އުފެއްދުންތެރިކަން ކުޑަވެގެން ދިޔަ އެވެ. އަދި އޭނާ އައިސް ނިންމި ބައެއް ނިންމުންތަކުގެ ސަބަބުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ދިވެހީންގެ ފަހުރުވެރި "ނަސްރު ދުވަސް" ފަނޑުކޮށްލުމުގައިވެސް އަލީގެ އެމްޑީ ކަމުގައި ނިންމި ނިންމުން ބޮޑު ދައުރެއް އަދާކުރި އެވެ. ނަަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުުރުން ހުއްޓުވާލީ އޭނާ އެވެ. އަދި އޭގެ ކުރީން ޕީއެސްއެމްގެ ޗެނަލްތަކުގެ ތެރެއިން ބައެއް ޗެނަލްތަކުން ހުކުރު ދެއްކުން ހުއްޓާލުމުންވެސް ފާޑުކިޔުން އަމާޒުވި އެވެ. އެ މައްސަލާގައި ބައެއް މުވައްޒިފުން އަލީއާ ދެކޮޅަށް ނިކުތެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.