މަޖިލިސްތެރޭގައި އެއްކޮޅުގައި އެމްޑީޕީ އެވެ. އަނެއްކޮޅުގައި އެ ޕާޓީން ބަޔަކު ނުކުމެ ގޮސް އުފެއްދި "އާ އެމްޑީޕީ" / ޑިމޮކްރޭޓްސް އެވެ. އިދިކިޅު މައި ޕާޓީ ޕީޕީއެމަށް އޮތީ އެ ކޯޅުމުގެ ހިޔަނީގައި ތިބެ، ތަރުހީބު ދީ އަތްޖެހުމެވެ.
އިއްޔެގެ މަޖިލީސް ނިމުނު އިރު ފެނުނީ އާދައިގެ މަންޒަރެއް ނޫނެވެ؛ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީސް ފެށުނު އިރު، މަޖިލީސް ތެރެއިން ސުޕަ މެޖޯރިޓީއާއެކު، ބޭނުން ގޮތަކަށް ކަންކަން ނިންމަމުން ދިޔަ އެމްޑީޕީގެ ހާލަތު މުޅިން އެފުށް މިފުށަށް ޖެހުނީ އެވެ. މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު މެޖޯރިޓީއަކާއެކު ވެސް، މައިނޯރިޓީ ޕާޓީ އުޅޭ ގޮތަށް، އިހުތިޖާޖުކޮށް މަޖިލީހުގެ ނިޒާމު ގެއްލުވާލަން އެމްޑީޕީއަށް މަޖުބޫރުވީ އެވެ.
އެ ހަމަ ނުޖެހުމުގެ އަނެއް ފަރާތުގައި ތިބީ ހަމަ އެ އެމްޑީޕީން ނުކުމެ، އާ ޕާޓީއެއް ހަދައިގެން ތިބި، "ދަ ޑިމޮކްރެޓްސް" ގެ މެންބަރުންނެވެ. މައްސަލައަކަށް ވީ ޑިމޮކްރެޓުންނަށް ނިސްބަތްވާ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އިއްޔެ ރިޔާސަތާ ހަވާލުވެ ވަޑައިގެންނެވި ގޮތެވެ. އެއީ މައްސަލައަކަށް ވެދާނެ އެވެ. އެކަމަކު، އެމްޑީޕީގެ މެންބަރުން އެ ހާލަތަށް ދާން ޖެހުނު ހަމައެކަނި ސަބަބަކީ އެއީ އޭ ބުނެވޭކަށެއް ނެތެވެ.
ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެމްޑީޕީގެ ޕީޖީއާ ވަކިން މަސައްކަތް ކުރަން ފެށި ފަހުން މަޖިލީސް އެކި ގޮތްގޮތުން ކޮންޓްރޯލް ކުރަނީ ޑިމޮކްރެޓުންނެވެ. ފުރަތަމަ ގޮތަކީ މަޖިލީހުގެ ރިޔާސަތު އާންމުކޮށް ބަލަހައްޓަވާ ތިން ބޭފުޅުން ވެސް "ފިކުރެއްގެ ދިރުން" ފެކްޝަނަށް / ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވުމެވެ. ހާއްސަކޮށް، ރައީސް ނަޝީދާއި، މެންބަރު ހަސަން އަފީފް ރިޔާސަތު ބަލަހައްޓަވާ ގޮތަކީ އެމްޑީޕީގެ ސަރުކާރު މެންބަރުންގެ ހިތަށް ފަސޭހަ ގޮތަކަށް ނުވެއެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް ކަމުން މިހާރު ވަކި ކުރަން އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން ވައްދާފައިވާ އީވާ އަބްދުﷲ އަކީ މަޖިލީހުގެ ރިޔާސަތު މިފަހުން ބަލަހައްޓަވާ އެންމެ ކުޅަދަނާ ޝަހުސިއްޔަތެވެ. އެކަމަށް އެންމެ ގާބިލު ލީޑަރެވެ.
ދެވަނަ ގޮތަކީ މަޖިލީހުގެ ބަހުސްގެ ވަގުތުގެ ބޮޑު ބަޔެއް ޑިމޮކްރެޓުން ނެގުމާއި، ގަރާރުތަކާއި، މައްސަލަތައް ބޭނުން ކޮށްގެން އެ މެންބަރުން ބޭނުންވާ މައުލޫތައް މަޖިލީހުގެ ތަޅުމަށް ގެނައުމެވެ. އޭގެ ހެއްކަކަށް އިއްޔެގެ ޖަލްސާގައި އައި ބައެއް ކަންކަން ފުދެއެވެ.
ކުރުކޮށް ބުނާނަމަ އިއްޔެ މަޖިލީސް ފެށީވެސް، ނިންމީ ވެސް ޑިމޮކްރެޓުން ބޭނުންވާ ގޮތަށް އެ މީހުންގެ ހުށަހެޅުންތަކުން ތަޅުން "ހިފާފައި" ބާއްވައިގެނެވެ. އެމްޑީޕީގެ މެންބަރުން ބަލަން ނުތިބެ، ހިފާލި ހިފާލުން ކޮޅަކު ޖެއްސިޔަ ނުދެއްވާ ރިޔާސަތުގައި އިންނެވި ހަސަން އަފީފް ހިފެހެއްޓެވި އެވެ. އެންމެ ފަހުން ބޮޑު ހަމަނުޖެހުމެއް ހިނގީ އެވެ.
މިއީ މަޖިލީހުގެ މި ދައުރު ފެށި ފަހުން ކޮންމެ ދުވަހެއްގެ ވެސް ހާލަތު އޮންނަ ގޮތެކެވެ. ޑިމޮކްރެޓުން ހުށަހަޅާ ގަރާރުތަކާ، ވަޒީރުންނަށް ކުރާ ސުވާލުތަކުގެ އޮއެވަރުގައި މަޖިލީސް ހޫނުވަނީ އެވެ. އެމްޑީޕީ މެންބަރުން ވެސް ދޫ ނުދީ އަތް އުކާފައި ވާދަ ކިޔަނީ އެވެ. ދޭތެރެއަކުން ރިޔާސަތުން އެކަން އަދި އިތުރަށް މައްޗަށް ދާނެ ގޮތަށް ޖާގަ ހަދައި އަލިފާނަށް ތެޔޮ ބުރުވައި ދެއެވެ.
ސުވާލަކީ މިއީއެވެ؛ ސިޔާސީ މި ޑްރާމާގަނޑުގެ ތެރެއިން އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމަށް އޮތީ ކޮން ޖާގައެއް ހެއްޔެވެ؟
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަދި ޑިމޮކްރެޓްސް އަޔަސް އަދި ވެސް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އާންމުން ބަލައިގަންނާނީ ރައީސް ޔާމީންގެ ފިކުރު" ޕީއެންސީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މަޖިލީހަށް މިހާރު ހަތަރު އަހަރު ވާން ކައިރިވެފައި ވާއިރު، އެ ޕާޓީން ވެސް ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރި މަސައްކަތް ކުޑައެއް ނޫނެވެ. ހަމައެކަނި އޭނާގެ ލޮގުގައި ވެސް ޖުމްލަ 45 ގަރާރާއި ކުއްލި މައްސަލަ އެބައޮތެވެ.
އެއީ ތެދެކެވެ. ދާދި ފަހަކާ ޖެހެން ދެން މަޖިލީހުގައި އެންމެ ގަދަ އިދިކޮޅު އަޑަކީ ޕީޕީއެމްގެ އަޑެވެ. ނަމަވެސް، މަޖިލީހުގެ މި ދައުރު ފެށިގެން، މިވީ މުއްދަތުގައި އެކަން މުޅިން ބަދަލު ވެއްޖެ އެވެ.
އާދަމް ޝަރީފް ވިދާޅުވާ ގޮތުގައި ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ބައެކެވެ. އެމްޑީޕީން އެ މީހުން ވަކިވީ ވެސް އެ ޕާޓީގެ ފިކުރު ނުދިރުވިގެން އެ ދިރުވާ ހިތުންނެވެ. އެއާހިލާފަށް ޕީޕީއެމްގެ ފިކުރަކީ އެއާ މާ ދުރު، މުޅީން އިދިކީލި ފިކުރެކެވެ.
"އެ ބޭފުޅުންގެ ކްލެއިމް އަކީ ވެސް ،އަޅުގަނޑަށް އަންޑަސްޓޭންޑް ވާގޮތުގައި، އެއީއޭ އެމްޑީޕީގެ އަސްލު ވެލިއުސް ހިފަހައްޓާ ބަޔަކީ. އެ ފިކުރާ ޕީޕީއެމް، ޕީއެންސީގެ ފިކުރާ މީ ވަރަށް ތަފާތު ދެ ފިކުރު." އޭނާ ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވާ ވާހަކައެއް އެބައޮތެވެ؛ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި ޑިމޮކްރެޓްސްއާ ގުޅިގެން މަސައްކަތް ކުރައްވަން ޖެހިއްޖެ ހާލަތެއްގައި އެކަން ފަސްނުޖެހި ކުރާނެ އެވެ. އަދި ބައެއް މައްސަލަތަކުގައި އެ ޕާޓީ ފްރޮންޓްލައިނަށް ނުކުންނަތަން ވެސް ފެނިދާނެ އެވެ. އާދަމް ޝަރީފް ވިދާޅުވިގޮތުގައި އެ ފަދަ ކަންކަން ކުރުމުގައި ބަލަނީ މައްސަލައިގައި ގެންގުޅޭ ސްޓްރެޓެޖީއަށެވެ.
ޑިމޮކްރެޓުންގެ ނަގާކިޔާ އެއް މެންބަރު މާފަންނު މެދު، އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ގައުމުގެ ހާލަތު ގޮސްފައި މިއޮތީ ޕީޕީއެމް ވިޔަސް ޕީއެންސީ ވިޔަސް އަދި އެހެން ބަޔަކު ވިޔަސް އެކައްޗެއް ކިޔާ ހިސާބަށެވެ.
"މިހާރު މިއޮތީ އެ މަރުހަލާ އައިސްފައި. އެހެން ވާނެ ނޫންތޯ ގައުމުގެ އިގްތިސާދީ ސަރަހައްދު ސިއްރު ސިޓީ އަކުން ވިއްކާލީމަ، އެންމެންވެސް ކަންބޮޑު ވާނެ ނޫންތޯ، ބޮޑެތި މައްސަލަތަކުގައި ހުކުމްކޮށް ޖަލަށް ލައިފައި ތިބި މީހުންނަށް މާފު ދީފައި ދޫކޮށްލީމަ" ސަރުކާރުގައި ހުރި މައްސަލަތަކުގެ ދިގު ލިސްޓެއް އޭނާ އަމުނާލެއްވިއެވެ.
އިއްޔެ މަޖިލީހުން ފެނުނު މަންޒަރުތަކުން ބޮންޑޭ ކުރެއްވި ސަރަހައަކީ، ރައްޔިތުންގެ ބާރު ގަދަވާތަން ފެނުމުން ހުދުމުހުތާރު ސަރުކާރަށް ކެތް ނުވީ އެވެ. އާދަމް ޝަރީފަށް އެކަން ވެސް، އަދި ފަހަކަށް އައިސް އެމްޑީޕީން މަޖިލީސް ތެރޭ ކުރާ ހުރިހާ ކަމެއް ވެސް ވީ ބޮޑު ޖޯކަކަށެވެ.
"ކުރިން [މަޖިލީހުގެ ނާއިބު ރައީސް] އީވާ ވެސް ރަނގަޅު. ހަސަން އަފީފު ވެސް ރަނގަޅު. ދެން އެ ބެފޭޅުން ކުއްލިއަކަށް ގޯސްވެގެން އެހެން އުޅުއްވީމާ އަޅުގަނޑަށް ވަނީ ބޮޑު ޖޯކަކަށް" އޭނާ ވިދާޅުވި އެވެ.
ދެ ބޭފުޅުން ސީދާ ވިދާޅު ނުވިޔަސް ހަގީގަތަކީ، އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހުގައި މިހާރު މިއޮތް ވަރުގެ އިދިކޮޅު ބާރެއް އުފައްދަން ބޭނުންނަމަ، އެއް ބަޔަކަށް އަނެއް ބަޔަކު ބޭނުންވާ ކަމެވެ. އެކަމަކު ޕީޕީއެމް - ޕީއެންސީ އެކުގައި ތިބި އަށް މެންބަރުންނާއި، ޑިމޮކްރެޓުންގެ 14 މެންބަރުން އެއް ހަމައެއް ނުވާނެ އެވެ. އަޑު ގަދަ ވާނީ ވެސް ބާރު ގަދަވާނީ ވެސް 14 އެވެ. ޕީޕީއެމްގެ ސިޔާސީ ޕޮޒިޝަނުގައި ހުރި ފަރަގަކުން މަޖިލީސްތެރޭ ގެނެވޭނެ މާބޮޑު ބަދަލެއް ނެތެވެ. އެހެންކަމުން ޕީޕީއެމަށް ޖެހޭނީ އާދަމް ޝަރީފް އެ ވިދާޅުވާ ސްޓްރެޓެޖީ ނެރެ، "ޑިމޮކްރެޓުން" ފްރޮންޓުލައިނުގައި ބައިތިއްބާށެވެ.
އެއްކޮޅުގައި އެމްޑީޕީއެވެ. އަނެއްކޮޅުގައި އެޕާޓީން ބަޔަކު ނުކުމެ އުފެއްދި "އާ އެމްޑީޕީ" އެވެ. ޕީޕީއެމަށް އޮތީ އެ ކޯޅުމުގެ ހިޔަނީގައި ތިބެ، ތަރުހީބުދީ އަތްޖެހުމެވެ.