އަސްލަމް ވިދާޅުވި އެއްޗެއް ؛ ތިލަމާލެ ބްރިޖް އެޅުން ލަސްވޭ

މިނިސްޓަރު އަސްލަމް ވިދާޅުވީ ލަސްވިޔަސް ބްރިޖު އަޅަން ދިން މުއްދަތު އިތުރު ކުރަން ނުވިސްނާ ކަމަށް. ނިންމަން ޖެހެނީ މި އަހަރުގެ އޮގަސްޓުގެ ނިޔަލަށް

މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހުގައި ސުވާލުތަކަށް ޖަވާބު ދެއްވަނީ

ސަރުކާރުން އަބަދު ވެސް ބުނަމުން ގެންދަނީ އިންޑިއާއިން އަޅާ ބުރިޖް ޕްރޮޖެކްޓްގައި ބަރާބަރަށް ރަނުން ރަނަށް މަސައްކަތް ކުރާ ކަމަށެވެ. އެއާހިލާފަށް އާއްމުން ބުނަނީ ބްރިޖުގެ މަސައްކަތް ދާގޮތާމެދު ހިތްހަމައެއް ނުޖެހެ އެވެ. މިހާތަނަށް އެ މަސައްކަތުގައި ލަސްކަމެއް އުޅޭ ކަމަކަށް ސަރުކާރަކުން ނުބުނެ އެވެ. ނަމަވެސް ބްރިޖްގެ މަސައްކަތް ބަލަހައްޓަވާ، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ލަސް ކަމަށް އެއްބަސްވެ ވަޑައިގަތެވެ. 

ރައްޔިތުން މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭން ތިލަފުއްޓަށް އަޅާ ބުރިޖް / ތިލަމާލެ ބްރިޖްގެ މަސައްކަތަށް އިތުރު ވަގުތެއް ދީފައި ނުވާނެ ކަމަށާ ނަމަވެސް ޑީލޭތަކެއް އުޅޭ ކަމަށް ބުނެވިދާނެ ކަމަށެވެ. ނަމަވެސް އިތުރަށް "ޓައިމް އެކްޓެންޝަނެ" އް ދޭން ގަސްތު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. 

"އޭގެ ތެރޭން [ލަސްވާ] ކަންތައް ތަކުން ކޮންމެ ވެސް މިންވަރެއް ކެޗަޕް ކުރެވޭނެ. ތަފްސީލްތައް އަޅުގަނޑަށް އެނގޭ. ބްރިޖުގެ މަސައްކަތުއި ލަސްވުމެއް އުޅޭ. އެކަމަކު ކުރިއަށް އެބަދޭ،" އަސްލަމް ވިދާޅުވި އެވެ. 

މި ވާހަކަފުޅަށް ފަހު މިނިސްޓަރު ވިދާޅުވީ ގުޅީފަޅުގައި ޑެކް ސެންޝަންތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާ މިއީ ކުރިން ފެނުނު ބްރިޖާ ތަފާތު ބްރިޖެއް ކަމަށެވެ. 

"މި ބްރިޖު އަޅަމުންދަނީ ކުރިން ފެނުނު ގޮތަށް ޓެމްޕަރަރީ ޕްލެޓްފޯމް ހަދާފައެއް ނޫން. ޖަހަމުންދާ ތަނބުތައް އެހުރީ އަސްލު ހުންނަން ޖެހޭ ތަންތަނުގަ. އެންމެ ފުރަތަމަ ޖެހި ދެ ތަނބު ނޫނީއްޔާ. އެއީ ޓްރައިލް ދެ ތަނބު. އެހެންވެ މަސައްކަތް ކުރިއަށް ދޭ، އެކަމަކު ކޮންމެވެސް ވަރެއްގެ ލަސްވުމެއް އެބައުޅޭ،" އަސްލަމް ވިދާޅުވި އެވެ. 

ތިލަމާލެ ބުރިޖްގެ މައުލޫމާތު

  • ތިލަމާލެ ބްރިޖް އަޅަން އެފްކޮންސްއަށް ދިނީ އޮގަސްޓް 26، 2021 ގައި
  • އޮގަސްޓް 2023 އަށް ބްރިޖް ނިންމަން ޖެހޭނެ
  • ލަފުއްޓާއި ގުޅިފަޅު ގުޅާލައި ނޮވެމްބަރު 2024 އަށް ނިންމަން ޖެހޭނެ
  • ޑިސެމްބަރު 2023 އާ ހަމަށް ވިލިމާލޭން ގުޅިފަޅަށް ގުޅާނެ
  • ކޯޒްވޭ ތަކާއެކު ބްރިޖްގެ ދިގު މިން 6.7 ކިލޯ މީޓަރު
  • ސުޕަ ބްރިޖްގެ ދިގު މިނަކީ 3.6 ކިލޯ މީޓަރު
  • ބްރިޖަށް 400 މިލިއަން ޑޮލަރުގެ ލޯނު ދެނީ އިންޑިއާގެ އެގްޒިމް ބޭންކުން
  • މުޅި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު
  • އިންޑިއާގެ ހިލޭ އެހީގައި 100 މިލިއަން ޑޮލަރު
  • 220،000 ކިއުބިކް މީޓަރުގެ ސަރަހަދެއް ހިއްކާ ތޮށިލާން
  • ބްރިޖާ ގުޅިފައިވާ ތިން ކިލޯމީޓަރުގެ މަގާއި ފާލަން ހިމެނޭ
  • ބްރިޖްގެ މަސައްކަތުގައި 1،227 މުވައްޒަފުން ބައިވެރި ވާނެ

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) އަށް ހަވާލުކޮށްގެންނެވެ. އެފްކޮންސް ރާއްޖެ އައިގޮތަށް އެ މީހުން ތިބެނީ އެ ރަށުގައި / ގުޅިފަޅުގައި ބަނޑަހަ ޖަހައިގެނެވެ. ތިލަމާލެ ބްރިޖްގެ މަސައްކަތަށް ގުޅީފަޅު ސައިޓާއި މާލެ ސައިޓުގައި ޖުމުލަ 1500 މީހުން މަސައްކަތް ކުރާ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދެ އެވެ.

އެޕްކޮންސްގެ ކުރު ތައާރަފެއް

ތިލާމާލެ ބްރިޖް ހަވާލުވެފައިވާ އިންޑިއާގެ އެފްކޮންސް އަކީ މަސައްކަތުގެ ތަޖުރިބާގައި ބައި ގަރުނަށްވުރެ ދިގު މާޒީއެއް އޮތް އަދި ދުނިޔޭގައި މަސައްކަތުގެ ވަރުދަ ނެޓްވޯކެއް އުފައްދައި ރަނގަޅު ޓްރެކް ރިކޯޑެއް ވެސް އޮތް ބްރިޖް / މެރިން ޕޯޓް ފެސިލިޓީ ކުންފުންޏެކެވެ. ޕޯޓް ފެސިލިޓީގައި ދުނިޔޭ ހަ ވަނައިގައި އޮތީ އެފްކޮންސް އެވެ. ބްރިޖު އެޅުމުގައި ރަނގަޅު މަގާމެއް ހޯދާފައި ވެއެވެ.

ކޮމެންޓް

1
450
އެމްޑީ އަސްލަމް
11 months ago

އަސްލަމް ބާއީ ބަރާބަރު ވައްތަރު މަސައްކަތް ހުންނަނީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.