ރާއްޖެއަށް 30 މިލިއަން ޔޫރޯގެ ފެން މަޝްރޫއެއް: ސުވިޑެންގެ ވޭއައުޓް އެޗްއާރުސީން

ވޭއައުޓާއި ރާއްޖޭގެ އެޗްއާރްސީން ފަށާ މި މަޝްރޫއުގެ ދަށުން ރާއްޖޭން ޕްލާސްޓިކް މަދު ކުރުމުގެ ލަނޑުދަނޑިއަށް ބާރަކަށް ވާނެ އެވެ. މި ނިޒާމު ރަށްރަށުގައި ވެސް ގާއިމްކޮށް ފެން ފޯރުކޮށް ދޭނެ އެވެ.

ވޭއައުޓްގެ ފައުންޑަރު އުލްފް ސްޓެނަހަގް އަދި އެޗްއާރުސީގެ ޗެއާމަން ޖަނާ
  •  ރާއްޖޭން ޕްލާސްޓިކް މަދު ކުރާ ލަނޑުދަނޑިއަށް ބާރެއް

ރާއްޖޭގެ ގިނަ ރަށްރަށަށް ސާފު ބޯފެން ހޯދަން ދަތިތަކާ ކުރިމަތި ވެއެވެ. އޭގެ ހައްލެއްގެ ގޮތުގައި ދުނިޔެ ބަދަލު ވުމާއެކު ގިނަ ބަޔަކު ހިޔާރުކުރީ ޕްލާސްޓިކް ފުޅީގައި ބަންދުކުރި ފެން ހޯދާށެވެ. ނަމަވެސް އެކަމަކީ ރާއްޖެފަދަ އިގްތިސޯދުގެ ބޮޑުބައި ތިމާވެއްޓަށް ބަރޯސާ ކޮށްފައި އޮތް ގައުމަކަށް ބޮޑު މައްސަލަ އެކެވެ. މި މައްސަލައިގެ ހައްލު ހޯދަައިދޭން ރާއްޖޭގެ ގިނަ ރިސޯޓްތަކާއި ދުނިޔޭގެ ގިނަ ރިސޯޓުތަކެއް ތަރައްގީ ކުރަމުން ގެންދާ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ) އިން ވަނީ ސުވިޑަންގެ ފެން ޓެންނޮލޮޖީ އުފައްދާ ކުންފުނި ވޭއައުޓް ރާއްޖެއަށް ގެންނަން ތައްޔާރުވެފަ އެވެ. 

ރާއްޖޭގެ ފެނުގެ ހިދުމަތުގެ ކިލަނބުކަން ސާފުކޮށްލައި ދޭނެ މި މަޝްރޫއު ފެށުމުގެ ގޮތުން ސުވިޑަންގެ ވޭއައުޓް ކުންފުންޏާއި އެޗްއާރުސީއިން ވަނީ އެއްބަސްވުމެއް ހަދާފަ އެވެ. ވޭއައުޓްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި ފައުންޑަރު އުލްފް ސްޓެނަހަގް އެވެ. އެޗްއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހެވެ. 

އިފޮޕްކާގެ ރައީސްކަން ވެސް ކުރައްވާފައިވާ ޖަނާހަކީ ދުނިޔޭގެ ވިޔަފާރި ކޮމިއުނިޓީއާ ގުޅުން ބޮޑު އަދި ރާއްޖެއަށް ބިޔަ އިވެސްޓްމަންޓް ތަކެއް ގެނެސް ދެއްވާފައިވާ ބޭފުޅެކެވެ. ޖަނާހުގެ ބެއްލެވުމުގެ ދަށުން ރާއްޖެއަށް ގެނެސްދޭ ފެނުގެ މި ޓެކްނޮލިޖީގެ މަޝްރޫއަށް ސުވިޑަން ސަރުކާރުން  30 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 497 މިލިއަން ރުފިޔާ) ހަމަޖައްސައި ދީފައި ވެއެވެ. މިއީ އަމިއްލައަށް އިންވެސްޓްމަންޓު ހޯދައިގެން އަމިއްލަ ދިވެހި ވިޔަފާރިވެރިއަކު ރާއްޖޭގައި ހިންގާ ފެނުގެ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއެވެ. 

މި މަޝްރޫއުގެ ދަށުން ހަދާ ފުރަތަމަ ފެސިލިޓީ މި އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގައި ގާއިމް ކުރާނެ އެވެ. 

ވޭއައުޓް ޓެކްނޮލޮޖީ : މި ޓެކްނޮލިޖީ ރާއްޖެއަށް މުހިންމު

ލައްކައެއްހާ މީހުނަށް ސާފު ބޯފެން

މި މަޝްރޫއުގެ ދަށުން ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިން ރާއްޖޭގައި 30 ވޭއައުޓް ސިސްޓަމް އިންސްޓޯލްކޮށް އޮޕަރޭޓްކޮށް ބަލަހައްޓަމުން ދާނެއެވެ. އޭގެ ސަބަބުން ރާއްޖޭގެ އާބާދީގެ ލައްކައެއްހާ ޖަޒީރާ ރައްޔިތުންނަށް ސާފު ބޯފެން ލިބިގެންދާނެ އެވެ. މި ނިޒާމު އެޗްއާރުސީން އިން އެންމެ ފުރަތަމަ ގާއިމް ކުރާނީ މަތީ ފަންތީގެ އެއް ރިސޯޓުކަމަށްވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސްގަ އެވެ. އެ ޓެންކޮލޮޖީއާއެކު ރާއްޖޭގެ ރަށްރަށުގައި އެ ނިޒާމު ގާއިމު ކުރަން ފެށުމުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ތަކެއް ވެސް ފަހި ވެގެންދާނެ އެވެ. 

އެޗްއާރުސީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު

ވޭއައުޓް އާއި އެޗްއާރްސީއާ ދެމެދުވި އެއްބަސްވުމާ ބެހޭ ގޮތުން އެޗްއާރުސީގެ ޗެއާމަން ޖަނާހު ވިދާޅުވީ ސްވިޑެންގައި އޮތް ދުނިޔޭގެ ފެންވަރުގެ ބޮޑު ކުންފުންޏަކާއެކު އެއްބަސްވުމަކަށް ދެވުމަކީ ވެސް ލިބިގެން ދިޔަ ކާމިޔާބީ އެކެވެ. 

"މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ސާފު ބޯފެން އުފެއްދުމުގެ ގާބިލު ކަމަށް އިންގިލާބެއް އަންނާނެ. އަޅުގަނޑުމެންގެ ޖަޒީރާތަކުގައި ސާފު ރައްކާތެރި ބޯފެން ލިބޭނެ ގޮތް ފުޅާ ކުރުމަށް ވޭއައުޓާއި ގާތުން މަސައްކަތް ކުރާނަން،" ޖަނާހު ވިދާޅުވި އެވެ. 

ވޭއައުޓަކީ ކޮން ބައެއް؟ - ވޭއައުޓް ޓެކްނޮލޮޖީއަކީ ޒަމަނީ ޓެކްނޮލޮޖީ އީޖާދުކޮށް ފެނުގެ ހިދުމަތްދޭ ޔޫރަޕުގެ ބިޔަ ކުންފުންޏެކެވެ. އެ މީހުންގެ ނިޒާމު ބައްޓަން ކޮށްފައި ވަނީ ޓެކްނޮޖޮޖީގެ އެހީގައި ފެން ސާފުކޮށް ފޯރުކޮށްދޭ ގޮތަށެވެ. މި ގޮތުން އެއް ވޭއައުޓް ސިސްޓަމަކުން ދުވާލަކު 18،000 ލީޓަރާއި ހަމައަށް މިނަރަލް ފެން އުފައްދަ އެވެ. އެއީ ދުވާލަކު 9،000 މީހުންނަށް ފުދޭ މިންވަރެވެ. އޭގެ ސަބަބުން އެއް ފަހަރާ އަހަރަކު 13 މިލިއަން ޕްލާސްޓިކް ފުޅިއާއި 1،400 ޓަނުގެ ވިހަ ގޭސް ޖައްވަށް ދިއުމުން މައިތިރި ކުރެވެ އެވެ.

ވޭއައުޓްގެ ފައުންޑަރު އުލްފް ސްޓެނަހަގް ވިދާޅުވީ ރާއްޖޭގެ ޖަޒީރާތައް ރީއްޗެވެ. ނާޒުކު އެ ޖަޒީރާރަށްތައް އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކުން އެކަހިރިކޮށް ރީތިކޮށް ސާފުކޮށް ބޭއްވުން މުހިންމެވެ. އެ ކުންފުނީގެ ފެން ޓެންކޮލޮޖީގެ އެހީގައި ސާފު ބޯފެން ދިވެހި ރައްޔިތުންނަށް ލިބޭނެ ގޮތް ވެގެންދާނެކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވަ އެވެ. 

ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތަށް ބާރެއް

ސަރުކާރުން ޕްލާޓިކް މަދު ކުރުމުގެ ސިޔާސަތެއް ގެންގުޅޭ އިރު މިއީ އެ ކަމަށް އެންމެ ފުރިހަމަ އެއް ނިޒާމެވެ. މި ޓެކްނޮލޮޖީގެ އެހީގައި ފެނުގެ ރައްކާތެރިކަން އިތުރުކޮށް އެއް ފަހަރު ބޭނުން ކުރާ ޕްލާސްޓިކް ނައްތާލުމަށް ބާރަކަށްވެ އެވެ. 

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ރާއްޖޭން އަހަރަކު 365،000 ޓަނުގެ ކުނި އުފައްދަ އެވެ. އެ ކުނީގެ ބޮޑު ބައެއް އުފައްދަނީ ރިސޯޓްތަކުންނެވެ. އެހެންވެ ވޭއައުޓުން ގާއިމު ކުރާ އެންމެ ސިސްޓަމެއްގެ ސަބަބުން އަހަރަކު 13 މިލިއަން ޕްލާސްޓިކް ފުޅި އާއި 1،400 ޓަނުގެ ވިހަގޭސް ބޭރުވުން ހުއްޓިގެންދާނެ އެވެ. 

ކޮމެންޓް

2
450
މަރީ،
10 months ago

އުފާވެރި ހަބަރެއް ތީ

ލީނާ
10 months ago

ވަރަށް ރަނގަޅު ކަމެއް....

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.