އެމްޑީޕީގައި ހުންނަވައި ނަޝީދު ކުރައްވަނީ ބަޣާވާތެއް!

ރައީސް މުހައްމަދު ނަޝީދު ދައްކަވަނީ ހުދުމުހުތާރު ކަމުގެ އިންތިހާ އެވެ. އަމިއްލަފުޅު އެދުމަށްޓަކައި ޕާޓީއެއްގެ ހުރިހާ އަސާސްތައް ފުނޑުފުނޑު ކޮށްލައްވަނީ އެވެ. ރާއްޖޭގެ އެންމެ ބޮޑު ޑިމޮކްރެެޓިކް އިންސްޓިޓިއުޓު ހަލާކުކޮށްލައްވަނީ އެވެ.

ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ޑިމްރޮސީ ރާއްޖެއަށް ގެނެސްދޭން މަސައްކަތް ކުރެއްވި ނަމަވެސް ހުދުމުހުތާރުކަން ބޮޑުވެފައިވޭ

ކުރީގެ ރައީސް / އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެއް ވާހަކަފުޅެކެވެ؛ އެއީ އެމްޑީޕީން ވަކިވެވަޑައިގެން ހައްދަވާނެ ޕާޓީއެއް ނޯންނާނެ އެވެ. އެމްޑީީޕީން ވަކިވެވަޑައިގެން ކުރައްވާނެ އެހެން ސިޔާސީ މަސައްކަތެއް ވެސް ނޯންނާނެ އެވެ. އަދި ދުވަހަކު ވެސް އެމްޑީޕީން ވަކިވެވަޑައި ވެސް ނުގަންނަވާނެ ކަމެވެ. އެކަމަކު އެ ވާހަކަތަކުގައި ތެދުކަމެއް ނެތެވެ. އަމިއްލަފުޅު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް އަރިސް ބޭފުޅުން މެދުވެރިކޮށް ފައްޓަވައިފި އެވެ. އެމްޑީޕީން ވަކިވެވަޑައިގެން ސިޔާސީ މަސައްކަތުގެ މިސްރާބު ބަދަލު ކޮށްލެއްވުމުގެ ވަގުތު ދަނީ ކުޑަތަން ވަމުންނެވެ. އެމްޑީޕީން ވަކިވެވަޑައިގަތުމުގެ ވަގުތުވެސް ކައިރިވަނީ އެވެ.

ޖަނަވަރީ 28 ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން ފުރަތަމަ ދެކޮޅު ހެއްދެވީ ނަތީޖާ ގަބޫލު ކުރައްވާށެވެ. ފަހުން ނަތީޖާ ގަބޫލު ކުރެއްވި ނަމަވެސް ވޯޓްގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ސޯލިހާއެކު ނުހުންނަވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގައި ވަކި ފެކްޝަނެއް އުފެއްދެވި އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހިންގެވި "ފިކުރެއްގެ ދިރުން" ސްލޯގަން ފެކްޝަން ހަރަކާތަކަށް ބަދަލުކޮށް ސަރުކާރާއި ދެކޮޅު މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. އެ މަަސައްކަތުން އެދެވޭ ނަތީޖާއެއް ލިބިވަޑައިނުގަތުމުން އެންމެ އަރިހުގައި ތިއްބެވި މަޖިލީހުގެ 12 މެންބަރުން އެއް ފަހަރާ ކުއްލި ގޮތަކަށް އެމްޑީޕީން ވަަކިވެވަޑައިގެންނެވި އެވެ. އިސްތިއުފާ ހުށައެޅުއްވިތާ ދެތީން ގަޑިއިރުތެރޭ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަވާ އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވިކަން އިއުލާނު ކުރެއްވި އެވެ.

މިދިޔަ އާދިއްތަ ދުވަހު އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ވެސް ވަނީ ހުށައަޅާފައެވެ.

މި ހުރިހާ ކަމެއް މި މަގުން ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރައީސްގެ މަގާމުގައި ރައީސް ނަޝީދު ހުންނަވައިގެންނެވެ. އެމްޑީޕީން ލިބިވަޑައިގެންނެވި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު ވެސް އެ ގޮތުގައި ދަމަހައްޓަވަމުންނެވެ. ރައީސް ސޯލިހްގެ ވަފާތެރި މެންބަރުންގެ ނަޒަރުގައި މިއީ ހުދުމުހުތާރު ކަމުގެ ވެސް އެންމެ މަތީ ދަރަޖަ އެވެ. މިފަދަ ކަމެއް ދިވެހި ތާރީހު ދެކެފައެއް ނުވެ އެވެ. ޕާޓީއަކަށް ހިޔާނާތްތެރިވުމުގައި ލީޑަރަކު މި ދަރަޖައަކަށް އަދި ވަޑައެއް ނުގަންނަވަ އެވެ. މިއީ ފާޅުގައި ޕާޓީއެއްގެ ތެރޭގައި "ބަޣާވާތް" ކުރެއްވުމެކެވެ. އެތެރޭގައި ހުންނަވާ ބޮޑު ޕާޓީއެއް ފަޅިފަޅިކޮށް ބައިބައިކޮށް މުޅީން އަވަދި ކޮށްލުމެވެ. 

ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ވެރިކަމުގެ ކޯޅުމުގައި އެކުވެރިކަން ދޫކޮށްލެއްވި

ރިޔާސީ ޕްރައިމަރީގެ މާކުރީން ފެށިގެން ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ގުޅުން ގޯސްވެއްޖެ އެވެ. ދެ ރައީސުންގެ ވަފާތެރި މެންބަރުން ދެކޭ ގޮތުގައި އެމްޑީޕީ ބައިބައިވީ ސަބަބު ތަފާތެވެ. ނަޝީދުގެ ވަފާތެރީންގެ ނަޒަރުގައި އެމްޑީޕީ ހަލާކު ކޮށްލެއްވީ ރައީސް ސޯލިހެވެ. ރައީސްގެ މެންބަރުންގެ ނަޒަރުގައި އެމްޑީޕީއަށް ލިބުނު ނިކަމެތި ކަމުގެ އަސްލަކީ ނަޝީދެވެ. ހުރިހާވެސް ގޯހެއް ހެއްދެވީ އެމަނިކުފާނެވެ. އާރާއި ބާރާއި ވެރިކަން ހޯއްދެވުމަށް އެމްޑީޕީ ފުނޑާލީ އެވެ. ހަގީގަތުގައި ދިވެހިރާއްޖޭގައި އޮތް އެންމެ ވަރުގަދަ، އެންމެ ފުޅާ ޑިމޮކްރެޓިކް އިންސްޓިޓިއުޝަންގެ ތަނބުތައް ތަޅާލައި ހަލާކުކޮށްލީ އެވެ. 

ޕްރައިމަރީގެ ކުރީން ނަޝީދު ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް ތާއީދު ނުކުރައްވާނެ ކަމަށް ސާފުކޮށް ވިދާޅުވެފަ އެވެ. ސަރުކާރާއި ދެކޮޅަށް މަޖިލީހާއި ސިޔާސީ ޕްރޮގްރާމްތަކުގައި ގެންދެވީ ވާހަކަ ދައްކަވަމުންނެވެ. ރައީސްގެ މެންބަރުންގެ ނަޒަރުގައި ނަޝީދުގެ "ބަޣާވާތް" ފެށުނު ހިސާބަކީ އެއީ އެވެ.

އެމްޑީޕީގެ ރައީސަކަށް ހުންނަވާ އެ ޕާޓީގެ އެންމެ އިސް ލީޑަރާއި ދެކޮޅަށް ނަޝީދަށް ވާހަކައެއް ނުދެއްކޭނެ އެވެ. އެއީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފު ކަމެކެވެ. އެފަދަ ކަމެއް ކޮށްފި މީހަކީ އޮޓޮމޮޓިކްކޮށް ޕާޓީން ވަކިވެފައިވާ މީހެކެވެ. 

އޭގެ ފަހުން އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކޮށް ދެން އަމަލު ކުރެއްވި ގޮތަކީވެސް ބަޢާވާތުގެ ބައެއްގެ ގޮތުގައި އެ މެންބަރުން ސިފަ ކުރެއެވެ. ޕްރައިމަރީގެ ކެމްޕެއިންގައި ނަޝީދު ވަނީ ބަލިވެއްޖެނަމަ އޮންނަވާނީ ގޭގައި ކަމަށް ވިދާޅުވެފައެވެ. އިދިކޮޅު ލީޑަރަށް އަދި ރައީސް ސޯލިހަށްވެސް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ބަހުގައި ވެސް އެމަނިކުފާނަށް ހިފަހައްޓަވާލެއްވޭ ގޮތެއް ނުވި އެވެ.

ރިޔާސީ ޕްރައިމަރީ ނިމި ނަތީޖާ ސާފުވިތާ 48 ގަޑިއިރު ނުވަވީސް ސަޕޯޓަރުންނާއެކު ނިކުންނަވާ ޕާޓީގައި ރަސްމީ ފެކްޝަނެއް ހެއްދެވީ އެވެ. އެ ފެކްޝަންގެ މަސައްކަތަށް ވާނީ ޕާޓީން ވަކިކުރި ކަމަށް ބުނާ 40،000 މެންބަރުން ޕާޓީއަށް ވައްދާ އެ މެންބަރުންގެ ހިޔާލާއެކު ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުން ކަމަށް އިއުލާނު ކުރި އެވެ. މިއީވެސް އެމްޑީޕީގެ އަސާސީ ގަވާއިދު އެއްގޮތަކަށްވެސް ތަންދޭ ކަމެއް ނޫނެވެ.

ރައީސް ނަޝީދު ތިނަދޫއަށް ވަޑައިގަތުމުން ދޮށީ އުމުރުގެ އަންހެނަކު އެމަނިކުފާނަށް މަރުހަބާ ކިޔަނީ: ނަޝީދު މިހާރު ގެންދަވަނީ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން -- ގާފު ނޫހުގެ ފޮޓޯއެއް

އެމްޑީޕީގެ މެންބަރުންގެ ވޯޓުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުން އެ ގޮތް ގަބޫލުނުކޮށް ވަކި ފެކްޝަނެއް ހިންގާ އެ ފެކްޝަނުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނެ ކަމަށް ބުނާނީ ކޮން ހަމައަކުން ހެއްޔެވެ. ޑިމޮކްރަސީގެ ކުޑަވެސް ކުނޑި ފަށެއް ހުރި ބޭފުޅަކު އެހެން ވިދާޅެއް ނުވާނެ އެވެ. އަމުދުން އެ ގޮތަށް އަމަލެއް ނުކުރައްވާނެ އެވެ.

ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދަށް ގޮންޖަހާ ނަޝީދު ހިންގެވީ އެ މަގުންނެވެ. އަނެއްކޮޅުން އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރާއި ދެކޮޅަށް ވާދަވެރި އެހެން ޕާޓީތަކުން ކުރާ ކަންކަމުގައި "ފިކުރެއްގެ ދިރުން" ހަރަކާތުން ބައިވެރިވާން ފެށި އެވެ. އެހެން ޕާޓީތަކާއެެކު ރިޔާސީ އިންތިހާބުގައި އިއްތިހާދުވާން މަޝްވަރާތައް ވެސް ފެށީ އެވެ. އެ ވެސް އެމްޑީޕީގެ ނަމުގައެވެ.

އެގޮތުން ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެން ނިންމުމުން އެ ޕާޓީއާ އެކު ކުރިއަށްދާން ނިންމާ އިއްިތހާދު އެކުލަވާލުމުގެ މަޝްވަރާތައް ވަނީ ހިންގާފަ އެވެ. އެމްޑީޕީއަށް ރަނގަޅު ގޮތް ހޯދަން ކަމަށް ބުނެ އެވެ. މަޝްވަރާތައް ހިންގަނީ އެމްޑީޕީގެ ރައީސްގެ ލަފާގެ މަތީން އެ ޕާޓީގެ ނަމުގައި ކަމަށްވެސް އިއުލާނު ކުރި އެވެ.

އެމްޑީޕީގެ ރައީސަކު ގައުމުގެ ވެރިކަމުގައި ހުންނަވަނިކޮށް އަދި އެ ބޭފުޅަކަށް ދެވަނަ ދައުރަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެ ޕާޓީން އަރުވާފައި ވަނިކޮށެވެ. އަސާސީ ގަވާއިދުގައި މިއިން ކޮންމެ ކަމެއް ކުރުމަކީ ޕާޓީން އެ ބަޔަކު / އެ މެންބަރަކު ވަކިވާނެ ކަމެއް ކަމަށް ލިޔެފައި އޮތަސް އެއީ އޮތް ފުރުސަތެއް ކަމަށް ބުނެ އެވެ.

އެންމެ ފަހުން ސަރުކާރުގައި ތިއްބެވި އެމްޑީޕީގެ ވަޒީރުންގެ އިތުބާރު ނެތް މައްސަލަތަކުގައި ވެސް ނަޝީދުގެ މެންބަރުން ލައްވާ ސޮއި ކުރުވަން ފެށީ އެވެ. މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް މައްސަލާގައި ނަޝީދުގެ މެންބަރުން ސޮއި ކޮށްފައި ވެއެވެ. އަދި ސަރުކާރާއި ދެކޮޅު އިއްތިހާދު ތަކުގައި ބައިވެރި ނޫސްވެރީންގެ ބައްދަލްވުންތަކުގައި ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތް ތަމްސީލުވެސް ކުރީ އެވެ.

އާ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން: ފަހަތުގައި ހުންނެވީ ނަޝީދު -- މި

އެމްޑީޕީގެ އަސާސީ ގަވާއިދާއި މި މިންވަރަށް ތަކުރާރުކޮށް ހިލާފުވުމުން މެންބަރު އަލީ އާޒިމަށް އެ ޕާޓީން ފިޔަވަޅު އެޅި އެވެ. އާޒިމް އަމަލު ކުރެއްވި ގޮތުން ޕާޓީން ވަކިވެފައިވާ ކަމަށް ނިންމި އެވެ. އެއާއެކު ނަޝީދުގެ ދެން ތިއްބެވި 12 މެންބަރުން އެއް ފަހަރާ އިސްތިއުފާގެ ސިޓީ ހުށައެޅުއްވީ އެވެ. އެކަންވެސް ކުރެއްވީ ޕާޓީއަށް ގޮންޖަހަ އެވެ.

ބާރަ މެންބަރުންގެ ސިޓީ އެމްޑީޕީގެ ސެކްރެޓޭރިއޭޓަށް ހުށައެޅުއްވީ އާޒިމް ލައްވައެވެ. އެކަމުގައި ވެސް ގަދަ ބަދަވި ކަމާއި ހަރުކަށިކަން ދެއްކެވުމަށެވެ. އަދި އޭގެ ފަހުން އާ ޕާޓީއެއް އުފައްދަން ނިންމާފައިވާކަން އިއުލާނު ކުރީ އެވެ. އާދީއްތަ ދުވަހު ކޮމިޝަނަށް އެކަމުގެ ހުއްދައަށް އެދި ހުށައަޅާ ޕާޓީ އުފެއްދުމުގެ ރަސްމީ މަސައްކަތް ހިނގަމުން އެބަދެ އެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުށައެޅުއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްގެ ނަމުގައެވެ. ހަސަން ވިދާޅުވި ގޮތުގައި ނަޝީދަށް ފެނިވަޑައިގަތުމާއި އެނގިވަޑައިގަތުމުގެ ބޭރުން އެ ބޭފުޅުންގެ އެއްވެސް ކަމެއް ނުކުރައްވައެވެ. ހާއްސަކޮށް މި ފަހުން ކުރެެއްވި ކޮންމެ ކަަމެކެވެ. އާ ޕާޓީ އުފެއްދެވުމަށް ކުރައްވާ މަސައްކަތަށް ވެސް ދެއްވަން އޮތީ އެ ޖަވާބެވެ.

"އަޅުގަނޑުމެން އެކަކުވެސް [އާ ޕާޓީ އުފެއްދުމުގައި މަސައްކަތް ތިބި ބޭފުޅުން] އަޅުގަނޑުމެން ސިޔާސީ ކުރިމަގު އަދި ސިޔާސީ ކަންކަމުގައި މި ފަހުގެ ތާރީހެއްގައި ކުރެވިފައި ހުރި ހުރިހާ ކަންކަމަކީ ރައީސް ނަޝީދުގެ ފެނިވަޑައިގަތުމާއި އެނގިވަޑައިގަތުމުގެ ބޭރުން ކުރެވިފައި ހުރި ކަންކަމެއް ނޫން. ހަމަ އެއްވެސް ކަމެއް ނުކުރަން އަޅުގަނޑުމެން. އެހެންވީމަ އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް މި ދަނީ އެގޮތަށް ކުރަމުން. ދެން ކޮބައިތޯ ރައީސް ނަޝީދު. އެ ސުވާލުގެ ޖަވާބަކީ ވެސް މިއީ އިނގޭތޯ. ރައީސް ނަޝީދަށް ފެނިވަޑައިގަތުމާއި އެނގިވަޑައިގަތުމުގެ ބޭރުންނެއް އަޅުގަނޑުމެން އެއްވެސް ކަމެއް ސިޔާސީ ގޮތުން ކުރާކަށް ނެތީން. އަދި ނުވެސް ކުރަންވެސް މެ،" މިހާރު ހިނހާ އަދި ކުރީން ވެސް ކުރެއްވި ހުރިހާ ކަމަކީ ނަޝީދުގެ އެދިވަޑައިގަތުމަށް ކުރެއްވި ކަންކަން ކަމުގައި ސާފުކޮށް ދެއްވާ ހަސަން ވިދާޅުވި އެވެ.

ރައީސް ނަޝީދު ނ. މަނަދޫގަައި: އެމްޑީޕީގައި ހުންނަވާ އެމްޑީޕީއާ ދެކޮޅަށް އެތައް ކަމެއް ދަނީ ކުރައްވަމުން

ހަސަންގެ މި ވާހަކައިން ޔަގީން ކޮށް ދެއްވަނީ އާ ޕާޓީ އުފެއްދުމުގެ މަސައްކަތަކީވެސް ނަޝީދުގެ އޯޑަރަށް ކުރައްވާ ކަމެއް ކަމެވެ. އެއީ ކުރީންވެސް ނޭނގި އޮތް ކަމެއް ނޫނެވެ. އެންމެން ދަންނަ ކަމެކެވެ. ނަމަވެސް ކުރީންވެސް ކަންތައް ކުރައްވަމުން ވަޑައިގެންނެވި ގޮތަށް މިފަހަރުވެސް ހުދުމުހުތާރު ކަމާއި ޖާހިލުކަން ދައްކަވައިލެއްވުމަށް އެ ވާހަކަވެސް ބޭރަށް ގެންނެވީ އެވެ.

މި ހުރިހާ ކަމެއް ކުރައްވަމުން އަދިވެސް ނަޝީދު އެ ހުންނެވީ އެމްޑީޕީގައެވެ. ޕާޓީގެ ރައީސްގެ މަގާމު ގައެވެ. އެމްޑީޕީން ހޯދައިދިން މަޖިލީހުގެ ރައީސް ކަމުގައެވެ. ނަޝީދު ބޭނުންފުޅުވާ ކަންކަން ހާސިލުވަންދެން އެ ގޮތުގައި ދެމި ހުންނަވާނެ އެވެ. ބަޔަކު ކިޔާނެ އެއްޗަކަށް ނުބައްލަވާނެ އެވެ. ވަށައިގެން އެނބުރޭ ބޭފުޅުން އެއިން ކަމަކަށް ސަމާލު ކަމެއް ނުދެއްވާނެ އެވެ. ހުޝާމަދު ކުރުމާއި ނަޝީދުގެ އެޖެންޑާ ފެތުރުމުގައި ދެމި ތިއްބަވާނެ އެވެ.

އެކަމަކު މިއީ ތާރީހުގައި ލިޔެ ރައްކާކުރެވޭނެ ވާހަކަ އެެވެ. އެމްޑީޕީއަށް ނަޝީދު ހައްދަވާލެއްވި / ހައްދަވާ ލައްވަމުން ގެންދަވާ ގޮތުގެ ވާހަަކަ ދައްކާނެ ދުވަހެއް އަންނާނެ އެވެ. އެމްޑީޕީގައި ހުންނަވާ ޕާޓީގެ އިސް ލީޑަރާއި ޕާޓީ ނިސްބަތްވާ ސަރުކާރާއި ދެކޮޅަށް ކުރެއްވީ އަދި އެ ކުރައްވަނީ ވެސް "ބަޣާވާތެ" ކެވެ. އެމަނިކުފާނު އެ ކުރައްވާ ކަންކަމަށް އެއީ ޑިމޮކްރަސީ ނެގެހެއްޓުމުގެ މަސައްކަތޭ ބުނާނެ ގޮތެއް ނެތެވެ. ނުވެސް ބުނެވޭނެ އެވެ.

ބުނެވޭން އޮތީ ނަޝީދު އެ ދައްކަވަނީ ހުދުމުހުތާރު ކަމުގެ އިންތިހާ ކަމުގައެވެ. އަމިއްލަ އެދުމަށްޓަކައި ޕާޓީއެއްގެ އަސާސްތައް އޮޅާލާ ފުނޑުފުނޑު ކޮށްލައްވަނީ އެވެ. ނުބައި ކަމާއި ހަރުކަށި ކަން ދައްކަވަނީ އެވެ. އަމިއްލަ އެޖެންޑާ ހާސިލު ކުރަން އެކި ފަހަރު އެކި ގޮތްގޮތަށް "ބަޣާވާތް" ކުރެއްވީ އެވެ. މިހާރުވެސް އެ ކުރައްވަނީ އެ މަސައްކަތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.