ޑިމޮކްރެޓުންގެ އަމާޒު ލާމަރުކަޒީ މަގުން ފެޑެރަލް ނިޒާމާ ދިމާއަށް

ރައީސް ނަޝީދު ވިދާޅުވީ ދިވެހިން އެދޭ "ހައްގު މިންވަރާއި ތަނަވަސް ތަރައްގީ" ހޯދުމަށްޓަކައި ހަމައެކަނި އުމްރާނީ ތަރައްގީއަކުން ނުފުދެއެވެ. އެކަމަށްޓަކައި ލިބެންޖެހެނީ ބާރުވެރިކަމެވެ. އަތޮޅު ހިންގާ، ވެރިކަން ކުރާނެ ގޮތް އެނގޭނީ އަތޮޅުގެ ރައްޔި

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުން -- މި

ދިވެހި ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ އިން ބަޔަކު ނުކުމެ އާ ޕާޓީއެއް ހެދުމަށް އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އެވެ. އެއީ ޔަގީނުން ވެސް ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުގައި ފާހަގަ ކޮށްލެވޭނެ ކަމެކެވެ. އިއްޔެ ހެނދުނުން ފެށިގެން ރާއްޖޭގެ ރަސްމީ މީޑިއާ އާއި ސޯޝަލް މީޑިއާގައި އެންމެ ގަދައަށް އޮތް ވާހަކައަކީ ވެސް އެއީއެވެ. ފީޑްތައް ފުރިފައި އޮތީ އެންމެންނަށް އެނގޭ ބޮޑު ސިއްރުގެ ގޮތުގައި އޮތް، ޕާޓީގެ ކުލަ، މަޑު އަޅި-ނޫ "ޑިމޮކްރަސީ ބުލޫ" ކުލައިގެ ފޮޓޯތަކުންނެވެ.

އެމްޑީޕީން ކެނޑިގެން "ދަ ޑިމިކްރެޓްސް" ހައްދަވާ ބޭފުޅުން ވިދާޅުވާ ގޮތުން އެ ބޭފުޅުން ބޭނުން ވަނީ އެމްޑީޕީގެ އަސްލަށް ރުޖޫއަވާށެވެ. ހަގީގީ އެމްޑީޕީގެ ފިކުރު އަލުން ދިރުވާށެވެ. އެއީ ކޮންފިކުރެއްތޯ ސުވާލު ކޮށްފިނަމަ، ލިބޭ ޖަވާބަކީ، އަބަދު އިވި އިވި މާނަ ވެސް ގެއްލިފައިވާ ވާހަކަތަކެކެވެ. އަދުލު އިންސާފު ގާއިމު ކުރުމާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމެވެ. ފުދުންތެރި ރައްޔިތެއް ބިނާކޮށް ތާހިރު ދިރިއުޅުމެއް އުޅެވޭވަރު ކުރުމެވެ. ރައީސް މައުމޫންގެ ދިގު 30 އަހަރާ ހެދި އެކަން ނުވެގެން އެ ސަރުކާރު ބަދަލުކޮށް މިދިއަ 17 ވަރަކަށް އަހަރު ދުވަހުވެސް މާ ބޮޑު ތަފާތެއް ނެތެވެ. 

ސިޔާސީ ރެޓަރިކުގެ މި ސްލޯގަންތަކުގެ ފުނަށް ފީނާލުމަށް ޖެހިލަން ޖެހެނީ، "ފިކުރެއްގެ ދިރުން" ފިރުކިގަތް ދުވަސްވަރަށެވެ. އެއީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކުރިން އޮތް ގައުމީ މަޖިލީހުގެ އިންތިހާބަށް ޕާޓީގެ އެތެރެ ހޫނުވި ދުވަސްވަރެވެ. އެ ދުވަސްވަރު ރައީސް މުހައްމަދު ނަޝީދު އެންމެ ބޮޑަށް ދެއްކެވީ ބަރުލަމާނީ ނިޒާމުގެ ވާހަކައެވެ. އޭގެ ދެ އަހަރެއް ކުރިންސުރެ ފެށިގެން އެ ހަރަކާތް އެމްޑީޕީގައި ފެށިއްޖެ އެވެ. އެ ދުވަސްވަރު، ޕާޓީގެ އާންމު މެންބަރުންތަކެއް އިސްނަގައިގެން ބަރުލަމާނީ ގެނައުމަށް ޕެޓިޝަނެއްގައި ސޮއި ވެސް ކުރިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް ފަހު އޮތް ކޮންގްރެސްގައި ބަރުލަމާނީއާ ގުޅޭ ގަރާރެއް ވެސް ހުށަހެޅި އެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ އެ ހިސާބުން ދެން އެމްޑީޕީ ދެބައިވެ މުޅިން ފަޅިވެ، ބައިބައި ވެދާނެ ކަމަށެވެ. ނަަމަވެސް، އެ ކޮންގްރެސް ނިމުނީ އެ ގަރާރު އަނބުރާ ގެންދިއުމާއެކު، "ދެ ރައީސުން" ގެ އެކުވެރިކަމުގެ ފޮޓޯ އާންމު މެންބަރުންނަށް ދައްކާލައިގެނެވެ. އެ ދުވަހު އާންމުންނަށް ކުރެވުނީ ކުށްހީ އެއް ނޫންކަން އެނގުނީ މާފަހުންނެވެ.

2007 ވަނަ އަހަރު ބަރުލަމާނީ ކެމްޕޭނުގެ ޕޯސްޓަރު ތަތް ކުރަނީ

އެމްޑީޕީ ބައިބައިވެ، އެންމެ ފަހުން އާ ޕާޓީއެއް އުފެދުމާ ހަމައަށް ވާސިލު ވެފައިވާއިރު، އެމްޑީޕީން ވަކިވި މެންބަރުން އެންމެ ގަދަޔަށް ދައްކާ އެއް ވާހަކައަކީ ބަރުލަމާނީ ނިޒާމުގެ ވާހަކަ އެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަމުގެ ތެރެއިން ނުފުދި އޮތް އެންމެ ބޮޑު ކަމަކީ އެއީ ކަމަށް އެ ބޭފުޅުން ފާހަގަ ކުރައްވަ އެވެ. އަޑު އަރާފައިވާ ގޮތުގައި އެ ހަރަކާތުން ޖުމްހޫރީ ޕާޓީއާއެކު ކުރި މަޝްވަރާތަކުގައި، ޑީލް ބްރޭކަރަކަށް ވީ ވެސް ބަރުލަމާނީގެ މައްސަލައެވެ. އެއީ ވެސް ރައީސް ނަޝީދާއި، އެ މަނިކުފާނަށް ތާއީދު ކުރާ މީހުން ބަރުލަމާނީ ގެންނަން ބޭނުންވާ މިންވަރުގެ މައްޗަށް އޮތް ހެތްކެކެވެ.

ދެން އޮތީ އިއްޔެ ފެނުނު މަންޒަރުތަކެވެ. ޕާޓީ ހެދުމަށް ފޯމު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނަށް ވަން ވަފުދިން އިސް ޖާގައެއް ބައެއް އަތޮޅުތަކުގެ ރައީސުންނާއި މޭޔަރުން ހޯއްދެވި އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލަރުން އެތަނުގައި ތިއްބެވި އެވެ. އެކަން ޕާޓީގެ އެންމެ އިސް ބޭފުޅުން ތަކުރާރުކޮށް ފާހަގަ ވެސް ކުރެއްވި އެވެ.

ޑިމޮކްރެޓުންނާއެކު ތިބި މޭޔަރުންނާއި، އަތޮޅު ރައީސުން

  • 1.ހއ. އަތޮޅު ރައީސް މޫސާ ޝަފީގް
  • 2.ކުޅުދުއްފުށީ މޭޔަރު އަހްމަދު އާތިފް
  • 3.ށ. އަތޮޅު ރައީސް މުހައްމަދު ޝިޔާމް (ޝިޔަންޓޭ)
  • 4.ނ. އަތޮޅު ރައީސް މުހައްމަދު ބަޝީރު (ބައްޓޭ)
  • 5.ވ. އަތޮޅު ރައީސް ޝުޖާއު އަލީ
  • 6.ލ. އަތޮޅު ރައީސް އިސްމާއީލް އަލީ

މި ބޭފުޅުންގެ ތެރޭގައި ގިނައީ ލާމަރުކަޒީ ނިޒާމަށް ވަރަށް ގަދަޔަށް ވަކާލާތު ކުރައްވާ ބޭފުޅުންނެވެ. އަތޮޅުތަކުގެ ގުދުރަތީ ވަސީލަތްތަކުގެ މުއްސަނދިކަން ސީދާ އަތޮޅުގެ ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ބޭފުޅުންނެވެ.

"ޕާޓީ ހިނގާއިރު ވެސް، މާލެއަކަށް ނޫން ނ. އަތޮޅު މީހުން ޖަމާވެ ހިންގަން ޖެހޭނީ. ޕާޓީ ހިންގަން ޖެހޭނީ ވެސް ނ. އަތޮޅު މީހުން ނ. އަތޮޅުގައި. މިތާ [މާލޭގައި] ހުންނަ ޕާޓީގެ ރައީސަކީ އެހާ ބޮޑު މީހެއް ނޫން" މީގެ ދެ ދުވަހެއް ކުރިން ނ. އަތޮޅު ކައުންސިލުގެ ރައީސް ބައްޓޭ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވި އެވެ.

އޭނާ އާއި އަދި އާ ޕާޓީގެ އެހެނިހެން އެކްޓިވިސްޓުން އާންމު ކޮށްފައިވާ ވާހަކަތަކަށް ބަލާއިރު "ދަ ޑިމޮކްރެޓްސް" ހިންގުމަށްޓަކައި މަޝްވަރާ ކުރެވިފައި ވަނީ ހަމައެކަނި ބަރުލަމާނީ ނިޒާމަށް އެކަންޏެއް ނޫނެވެ. އެކަމަކު، ލާމަރުކަޒީ ފެޑެރަލް ނިޒާމު ވެސް ހިމެނޭހެނެވެ. ގައުމީ މަޖިލިސް އެކުލަވައިލާނީ މަތިގެ އަކާއި، ތިރިގެއެއް ހިމެނޭ، ބައިކެމެރަލް ނިޒާމަށެވެ. ސީދާ އިނގެރޭސި "ވެސްޓްމިންސްޓާ ޑިމޮކްރަސީ" ގެ ތައްގަނޑަށެވެ.

ރައީސް ނަޝީދު އިއްޔެ ދިއްދޫއަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ކިޔަނީ

ޕާޓީގެ އެތެރޭގެ ގުނަވަންތައް މި ފަދައިން ބިނާ ކުރާނަމަ، ކުރިމަގުގައި އެ ޕާޓީން ހަަމަ އެ ކަންކަން ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނައުމަށް ވެސް މަސައްކަތް ކުރާނެ އެވެ. އެކަމަށް ބާރު ދެނީ އާ ޕާޓީއާ ދުރުގައި ހުންނެވި ލީޑަރު، ރައީސް ނަޝީދު ރޭ ހއ. ދިއްދޫގައި ދެއްކެވި ވާހަކަފުޅެވެ.

"ފެޑެރަލް ދިވެހިރާއްޖެއަކަށް، ދިވެހި ރާއްޖެ އަލި ވިލެން ވެއްޖެ ކަމަށް ހަމަ ގައިމު ވެސް އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލު ކުރަން" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިން އެދޭ "ހައްގު މިންވަރާއި ތަނަވަސް ތަރައްގީ" ހޯދުމަށްޓަކައި ހަމައެކަނި އުމްރާނީ ތަރައްގީއަކުން ނުފުދެއެވެ. އެކަމަށްޓަކައި ލިބެންޖެހެނީ ބާރުވެރިކަމެވެ. އަތޮޅު ހިންގާ، ވެރިކަން ކުރާނެ ގޮތް އެނގޭނީ އަތޮޅުގެ ރައްޔިތުންނަށެވެ. "މާލޭ ސަރުކާރަށް" ބާރުތައް ދޫކޮށްލުން ކިތަންމެ އުނދަގޫ ވިޔަސް އެއީ ކޮންމެހެނަކުން ކުރަންޖެހޭ ކަމެކެވެ.

ނަޝީދުގެ ސިޔާސީ ފަސްފަހަތް ދަންނަ މީހުންނަށް މިއީ ހައިރާންވާ ވަރު ކަމެއް ނޫނެވެ. އެމަނިކުފާނު ކާމިޔާބު ކުރެއްވި ރިޔާސީ އިންތިހާބުގެ ކުރިން، 2007 ވަނަ އަހަރު އޮތް ނިޒާމީ ވޯޓުން ފެށިގެން މިއަދާ ހަމައަށް އެމަނިކުފާނުގެ ސިޔާސީ ކެރިއަރުގައި ކުރިއަށް ފިޔަވަޅެއް އެޅުއްވިނަމަ، އެ ފިޔަވަޅެއް އަޅުއްވާފައި އޮތީ އެފަދަ ދައުލަތެއް ބިނާ ކުރެއްވުމުގެ މަގަށެވެ. 

އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ބޮޑު ކާމިޔާބެއް ކަމުގައި އަބަދު ވެސް ފާހަގަ ކުރައްވަނީ ލާމަރުކަޒީ ނިޒާމު ގާއިމު ކުރެއްވުމެވެ. އެހެންކަމުން، އެ މަނިކުފާނުގެ މޭސްތިރިކަމުގެ ދަށުގައި، އުފައްދަވާ ޕާޓީން އެންމެ އިސްކަމެއް ދީގެން ދިރުވާނެ ފިކުރަކީ އެއީ ކަމާމެދަކު ޝައްކެއް ނެތެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.