ސްޕޮޓްލައިޓް | ސަރުކާރު އަތެއް ނެތި ކަރަންޓު އަގަށް އަތެއް ނުފޯރާ

އިންވެސްޓްމަންޓާއެކު ޓެރިފަށް އެޑްވާ ބައިވެސް ލައިދޭން ޖެހޭނީ ދައުލަތުގެ ބަޖެޓު ޖީބުން ނެވެ. މިހުރިހާ ކަމެއް މިގޮތަށް އޮތްއިރު ސަރުކާރާ ނުލައި ޓެރިފު މެނޭޖް ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ރާއްޖެއަކު ނެތެވެ.

  • ސްޓެލްކޯއަކީ ޓެރިފުގެ އެއްވެސް ބާރެއް އޮތްބައެއް ނޫން
  • ކަރަންޓު ކުންފުނީގެ ޒިންމާއަކީ ހިދުމަތް ދިނުން

ދުނިޔެ އާއި ރާއްޖޭގައި ވެސް ވަރަށް ގިނަ ކަންކަން އެފުށް މި ފުށަށް ޖެހި ބަދަލު ވެއްޖެ އެވެ. ތަކެއްޗާއި ހިދުމަތްތަކުގެ އަގުތައް ބަދަލު ވެއްޖެ އެވެ. ކޮވިޑް-19 އަށްފަހު ދުނިޔެގެ ދުށް ބޮޑު މި ފުރޮޅުމާއެކު އެންމެ ބޮޑު ލޮޅުމެއް އެރީ ތަކެއްޗާއި ހިދުމަތުގެ އަގު ތަކަށެވެ. 

މި ހުރިހާ ކަމެއް ފުރޮޅުމެއްގެ ތެރޭގައި އެނބުރެމުން ދިޔަ ނަމަވެސް ބަދަލު ނުވާ ބަދަލެއް ނާންނަ އެއްޗަކީ ކަރަންޓު ދޭން ނަގާ އަގެވެ. ނުވަތަ ކަރަންޓު ޓެރިފް ރޭޓެވެ. ހާއްސަކޮށް ޑޮމެސްޓިކް ޓެރިފް ނުވަތަ އާއްމު ރައްޔިތުން ކަރަންޓަށް ދައްކަން ޖެހޭ އަގެވެ. ރާއްޖޭގައި އާއްމު ގޭބިސީތަކުގެ ކަރަންޓުގެ އަގަށް ބަދަލެއް ނާންނަތާ ހަތް އަހަރު ވެއްޖެ އެވެ. މީގެ ތިން އަހަރު ކުރީގައި 2019 ވަނަ އަހަރު ވެސް ބަދަލެއް އައިސްފައި ވަނީ ވިޔަފާރިތަކުގެ ކަރަންޓު ޓެރިފް އަށެވެ. އެހެންވެ ހާއްސަކޮށް ހޫނު މޫސުމުގައި ގިނަ ބައެއްގެ ހިތުގައި މި ސުވާލު އުފަން ކުރުވަ އެވެ. 

ރާއްޖޭގައި ކަރަންޓު ޓެރިފަށް ބަދަލެއް ނުގެނެވެނީ ކީއް ވެގެން ހެއްޔެވެ؟ ކަރަންޓު ކުންފުނި ސްޓެލްކޯ އިން އެކަން ނުކުރަނީ ކީއް ވެގެން ހެއްޔެވެ؟ މުޅި ރާއްޖޭގައި ސޯލާ ޖަހައި ހަކަތައިގެ މަޝްރޫއުތައް ހިންގާއިރު ވެސް މި ޓެރިފު ދަށް ނުވަނީ ހެއްޔެވެ؟ 

މިއީ ސުވާލަކަށް ފަހު ސުވާލެއް އުފެދި ސުވާލުތައް ފުނި ޖެހޭނެ ކަމެކެވެ. ރާއްޖޭގައި ކަރަންޓު ޓެރިފް ނުވަތަ ކަރަންޓު ދިނުމަށް ދެ ބަޔަކަށް ޓެރިފު ނަގަ އެވެ. މީގެ ތެރޭގައި ހިމެނެނީ ވިޔަފާރި ތަކަށް ހާއްސަކޮށްފައިވާ އަގުތަކަކާއި އާއްމު ގޭބިސީ ތަކަށް ހާއްސަ އަގު ތަކެކެވެ. މި ދެބަ އިން ވެސް އާއްމުންގެ ވިންދާ އެންމެ ބޮޑަށް ގުޅިފައި އޮންނަނީ އާއްމު ގޭބިސީތަކުގެ ކަރަންޓުގެ އަގެވެ. 

ގޭބިސީތަކުން ކަރަންޓަށް ނަގާ އަގުތައް

  •  ޔުނިޓަކަށް 0-100 - 1.5ރ.
  •  ޔުނިޓަކަށް 101-200 - 1.7 ރ.
  •  ޔުނިޓަކަށް 201- 300 - 3.65ރ.
  •  ޔުނިޓަކަށް 301 400 - 2.15ރ.
  •  ޔުނިޓަކަށް 401- 500 - 2.5ރ.
  •  ޔުނިޓަކަށް 501 - 600 - 3.55ރ.
  •  ޔުނިޓަކަށް 600 އިން މަތި - 4.25ރ.

މާލޭގެ އާއްމު ގޭބިސީގެ ކަރަންޓު ޓެރިފަށް އެންމެ ފަހުން ބަދަލެއް ގެނެސްފައި ވަނީ 2016 ވަނަ އަހަރު އެވެ. ވިޔަފާރި ތަކަށް 2019 ގައި ބަދަލެއް ގެނެސްފައިވެ އެވެ. އަބަދު ވެސް އާއްމުންނަށް ވުރެ ބޮޑު ރޭޓެއްގައި ވިޔަފާރިތަކަށް ޗާޖު ކުރެ އެވެ. މީގެ ބޭނުމަކީ އާއްމުންގެ ޖީބަށް ކުރާ އަސަރު ކުޑަ ކުރުމެވެ. މިހެންވެ ވިޔަފާރިތަކަށް ބޮޑުކޮށް ޗާޖު ކޮށްގެން އެބައި ސަބްސިޑައިޒްކޮށް އާއްމުންނާ ހަމައަށް ފޯރުކޮށް ދެވޭނެ ގޮތަށް ކަރަންޓުގެ އަގު ހަދާފައިވެ އެވެ. 

މި ހުރިހާ ނިންމުމެއް ނިންމަނީ ޔުޓިލިޓީގެ ޓެރިފް ރޭޓުގެ ކަންކަން ބަލަހައްޓަން މޯލްޑިވްސް އެނާޖީ އޮތޯރިޓީ (އެމްއީއޭ) އިންނެވެ. އެންވަޔަރުމަންޓް މިނިސްޓްރީގެ ދަށުގައި އޮންނަ އެ ތަނުން މި ޓެރިފް ތައާރަފުކޮށް، ކުޑަކޮށް ބޮޑު ކުރުމުގެ ބާރު އޮވެ އެވެ.

ޓެރިފުގެ ކޮންޓްރޯލެއް ސްޓެލްކޯއަކަށް ނޯވޭ

ސްޓެލްކޯ މުވައްްޒަފުން މަސައްކަތުގައި : ކަރަންޓުގެ ވިއުގަ ބަލަހައްޓަނީ ސްޓެލްކޯއިން ސްޓެލްކޯ

ސަރުކާރުން ބޭނުން ވެއްޖެ ހާލެއްތެއްގައި ޓެރިފަށް ބަދަލު ގެނެސް އާ ޓެރިފުތައް ތައާރަފު ކުރާނީ އެނާޖީ އޮތޯރިޓީގެ ބެލުމުގެ ދަށުންނެވެ. ރާއްޖޭގައި ޓެރިފް ރޭޓް މަތި ކުރުމާއި ދަށް ކުރުމަކީ ކަރަންޓު ދޭ ކުންފުނީގެ އަތުގައި އޮންނަ ބާރެއް ނޫނެވެ. 

ދެން އޮތް ސުވާލަކީ ރާއްޖޭގައި ޓެރިފް ރޭޓް ދަށް ނުކުރެވެނީ ކީއް ވެގެން ހެއްޔެވެ؟ ރާއްޖޭގައި ރޭޓް ދަށް ނުކުރެވޭ މައިގަނޑު ސަބަބަކީ ރާއްޖޭގައި ކަރަންޓު ދޭ ގޮތެވެ. ސްޓެލްކޯއަށް ބަލާނަމަ 30 އަކަށް ޖަނަރޭޓަރު ސްޓެލްކޯ ގޯތި ތެރޭގައި ބަަހައްޓައިގެން ހިދުމަތް ދޭއިރު މި ސިސްޓަމަކީ ދުނިޔޭގައި ކަރަންޓު އުފައްދަން މިހާރު މަދުން ނޫނީ ބޭނުން ކުރާ ސިސްޓަމެއް ނޫނެވެ.  ޖަނަރޭޓަރަށް ޑީސަލް އަޅައިގެން ކަރަންޓު ދޭ މި ސިސްޓަމުން ސިފަވަނީ ކަނޑު ބޯޓެއްގެ ގޮތުގަ އެވެ. 

ކަނޑު ބޯޓު ފަހަރުގައި ނޫނީ މިފަދަ ޑީސަލް އިންޖީނު ބަހައްޓައިގެން ކަރަންޓެއް ނުދޭނެ އެވެ. ހާއްސަކޮށް މާލެ ފަދަ މީހުން ދިރިއުޅޭ ބައި ބޯ ސިޓީއެއްގައި މި ފަދަ ނިޒާމަކުން ކަރަންޓު ދޭން މަޖުބޫރު ވުމަކީ ޓެރިފްއާ ކުޅެން ނުކެރޭ މައިގަނޑު އެއް ސަބަބެވެ. ޓެރިފުގެ އެންމެ ބޭންޑަކުން އެންމެ ރުފިޔާއެއް ދަށްކޮށްލިޔަސް މިލިއަނުގެ ބަދަލެއް ފެންނާނެ އެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަ ކަށް ބަލާނަމަ ހާއްސަކޮށް ބޮޑެތި ސިޓީ ތަކަށް ކަރަންޓު ދޭ ނިޒާމުތައް މުޅިން ތަފާތު ވާނެ އެވެ. 

އެ ގައުމުތަކުގައި ފެން ކޯރުތަކުން ނަގާ ހައިޑްރޯ ޕަވާ އާއި ނިއުކްލިއަ ޕަވާ ޕްލާންޓް އަދި ރިނިއުބަލް އެނާޖީ އާއި ވިންޑް ޓާބައިން ޖަހައިގެން ކަރަންޓު ދިނުން ފަދަ ވަސީލަތްތައް ބޭނުން ކުރެ އެވެ. އެކަމަކު ރާއްޖޭގެ ތިމާވެށި އޮތް ގޮތުން މީގެ އެއްވެސް ވަސީލަތް ތަކަށް އޮތް ފުރުސަތު ވަރަށް ހަންޏެވެ. ރާއްޖޭގެ ތިމާވެށްޓާއި އިކޮނޮމީ އޮތް ގޮތުން ސޯލާ ހަރު ކުރާނެ ޖާގައެއް ނެތެވެ. އެހެންވެ ހަމައެކަނި އޮތް އޮޕްޝަނަކީ ސްޓެލްކޯ އިން ކަރަންޓު ދޭން ކުރާ ހަރަދު ކުޑަ ކުރުމެވެ.

ސްޓެލްކޯ އިން ކަރަންޓު ދޭން ކުރާ ހަރަދު ކުޑަ ކުރެވޭނެ ހަމައެކަނި ގޮތަކި ޑީސަލްގެ އަގު ހެޔޮވުމެވެ. ސްޓެލްކޯ ހަރަދުގެ 60 ޕަސެންޓަކީ ތެލެވެ. އެކަމަކު އެ ގޮތަކީ ދިވެހިންގެ އަތް މަތީގައި އޮތް ބާރެއް ނޫނެވެ. ރާއްޖެއަކުން ތެލެއް ނުނެގެއެވެ. ރާއްޖެއަކީ ތެޔޮ ސާފުކުރާ ގައުމެއް ވެސް ނޫނެވެ. 

އަނެއް ގޮތަކީ ރިނިއުބަލް އެނާޖީ ފުޅާކޮށް ބޮޑު ބެޓެރި ސިސްޓަމް ތަކެއް ބެހެއްޓުމެވެ. ނަމަވެސް މި ކަމަށް ރާއްޖޭގެ ގިނަ ރަށްރަށުގައި ޖާގައެއް ނެތެވެ. ބިމެއް ނެތެވެ. އެހެންވެ މިއީވެސް ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. މި އޮޕްޝަން ބިމުގެ ދަތިކަމާއެކު ހުރަސްތަކެއް އެބަހުއްޓެވެ. 

ހަގީގީ ޓެރިފުގެ ބޮޑު ބައި ދެނީ ބަޖެޓުން

ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް
ސްޓެލްކޯ މުވައްްޒަފުން މަސައްކަތުގައި އަވަދިނެތި

ޓެރިފް ދަށް ކުރަން ބަލާއިރު މިހާރު ވެސް ޓެރިފުގެ ބޮޑުބައި ދައްކަނީ ދައުލަތުގެ ބަޖެޓުން ސަބްސިޑައިޒް ކޮށްގެނެވެ. ހަގީގި ޓެރިފަކަށް ދާނަމަ ކަރަންޓަށް ކުރާ އިންވެސްޓްމަންޓުތަކުގެ އަގު ވެސް ޓެރިފަށް އެޑް ކުރަން ޖެހެ އެވެ. ސްޓެލްކޯގެ ވިޔަފާރި ފޮތުގައި އޮތް ގެއްލުން ކުޑަކޮށް މަންޒަރު ރީތިކޮށް ފެންނާނެ ހަމައެކަނި ގޮތަކީ މި އެވެ. 

އެކަމަކު މިހާރުގެ ސިސްޓަމް އޮތް ގޮތުން ކަރަންޓުގެ ހިދުމަތް ފުޅާކުރަން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ފައިސާ ވެސް ދައްކަނީ ސަރުކާރުންނެވެ. މީގެ ދެ އަހަރު ކުރީގައި މާލެ އާއި ހުޅުމާލެ ގުޅާލަން ހިންގި 100 މިލިއަނެއްހާ ޑޮލަރުގެ ބޮޑު މަޝްރޫއުގައި ސްޓެލްކޯ އިން ސޮއި އެޅިޔަސް ހުރިހާ މާލީ ޒިންމާއެއް ނެގީ ސަރުކާރުންނެވެ. މީގެ ކުރިން ކުރިހުރިހާ އިންވެސްޓްމަންޓް ތަކެއް ވެސް ހުރީ އެގޮތަށެވެ. 

އަދި ތެލަށް ސްޓެލްކޯއަށް ސަބްސިޑީ ދެ އެވެ. މިއީ ވެސް ޓެރިފު ދަށް ކުރަން އޮތް ހުރަހެކެވެ. އާއްމުކޮށް ބާޒާރުގައި ތެޔޮ ލީޓަރެއް 15ރ. އަށް ހުރި ނަމަވެސް ސަބްސިޑީ ތެޔޮ ދޭނީއަށް ރުފިޔާ އަށެވެ. އެސްޓީއޯއިން އަށް ރުފިޔާއަށް ވިއްކާ ތެލުގެ ބާކީބައި ސަރުކާރުން އެ ކުންފުންޏަށް ސަބްސިޑައިޒް ކުރެ އެވެ. މި ސަބްސިޑީއަށް އެކަނި މިދިޔަ އަހަރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރި އެވެ. 

ސްޓެލޯގެ ބިލްތަކުގެ މިހާރުގެ ޓެރިފް ރޭޓަށް އިތުރު އަދަދެއް އެޑް ކުރާ ހާލަތަށް އަންނާނީ މި އަގަށްވުރެ ބޮޑުކޮށް އެ ކުންފުންޏަށް ތެޔޮ ލިބެން ފެށުމުންނެވެ. މީގެ ދެ އަހަރެއް ކުރީގައި ތެލުގެ ސާޗާޖެއް ސްޓެލްކޯ އިން ބިލްތަކުގައި ހިމަނާފައި ވަނީ އެހެން ވެގެނެވެ. 

މާލެ ސަރަހައްދުގެ އާބާދީ ދުނިޖަހާފައި މައްޗަށް އަރައިގެން ދާއިރު ކޮންމެ ފަސް އަހަރަކުން އެވްރެޖުކޮށް ސްޓެލްކޯ އިން ކަރަންޓުގެ މަޝްރޫއެއް ހިންގާފައި ވެއެވެ. މި ހުރިހާ މަޝްރޫއު ތަކުން ކަރަންޓު ކުންފުނީގެ ބުކްސްއަށް އެޑްވާ ބައި ސަރުކާރުން ލައިދީގެން ޓެރިފުގެ ބޮޑު ބައެއް އަބަދު ވެސް ހަމަޖައްސަނީ ދައުލަތުގެ ބަޖެޓުންނެވެ. 

ހުޅުމާލެއަށް ކަރަންޓު ދޭން ބޭނުން ކުރާ ޖަނަރޭޓަރު

ޓެރިފުގެ ބޮޑުބައި ބަޖެޓުން ދައްކާއިރު މިހާރުގެ އަންދާޒާއަކީ މާލެ ސަރަހައްދުގެ އާބާދީ ކުރިއަށްއޮތް ފަސް އަހަރު އެތައް ގުނައެއް އިތުރުވެގެން ދިއުމެވެ. އަދި އާއްމު ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބޮޑު ބަދަލާއެކު ކަރަންޓު ބޭނުން ކުރާވަރު  ބޮޑުތަނުން މަތިވުމެވެ.

ގޭގޭގައި އޭސީ އެޅުވުމުގެ މިހާރުގެ ޓްރެންޑް ހުރި ގޮތަށް ބަލާއިރު ކުރިން ކޮޓަރީގައި ހަމައެކަނި އޭސީ އަޅުވައިގެން ފުއްދާލި ގޭގޭގެ ސިޓިންރޫމާއި ބަދިގޭގެ ވެސް މިހާރު އޭސީ ހަރުކުރެެ އެވެ. އެކި ފާޑުފާޑުގެ އޭސީތައް ގިނަވެ އޭގެ އަގު މީގެ ހަތް އަހަރު ކުރީގައި 12،000ރ. އަށް ހުއްޓަސް މިހާރު 5،000ރ. އަށް ލިބޭ އޭސީ ވެސް އެބަހުއްޓެވެ. މިހެންވެ މީގެ އަގު ހެޔޮވުމާއެކު ކަރަންޓު އެންމެ މަތިން ބޭނުން ކުރާ އެއް ވަސީލަތްކަމަށްވާ އޭސީގެ ވިޔަފާރި މިހާރު ވަނީ އަހަރެއްގެ މައްޗަށް ބަލާނަމަ 30 ޕަސެންޓުވަރުގެ އިތުރުވުމެއްގަ އެވެ. މިހާރު އެވްރެޖުކޮށް އޭސީ ވިއްކާ ތަންތަނުން ދުވާލަކު 10 އާއި 100 އާ ދެމެދުގެ އަދަދަކަށް އޭސީ ވިކެ އެވެ. އަދި އަޅުވަން އުޅޭ މީހުން އެވްރެޖުކޮށް ދުވާލަކު ތިން އޭސީ އަޅުވަ އެވެ. 

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން އޭސީ އަށް އޮތް ޑިމާންޑް ވަރަށް ރީތިކޮށް ފެނެ އެވެ. ރާއްޖެއަށް 2018 ވަނަ 305 މިލިއަން ރުފިޔާގެ އޭސީ އެތެރެ ކޮށްފައިވެ އެވެ. މިއީ ޔުނިޓު ވަކިން ގުނާނަމަ 49،514 އޭސީ އެވެ. އޭސީ ތަކަށް ޑިއުޓީގެ ގޮތުގައި 41 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. 

ނަމަވެސް މިދިޔަ އަހަރު މި އަދަދު ވަނީ 64،000 އަށްވުރެ މަތިވެފަ އެވެ. މިދިޔަ އަހަރު އަގުގެ ގޮތުން ބަލާނަމަ 371 މިލިއަން ރުފިޔާގެ އޭސީ ވަނީ އެތެރެކުރި އެވެ. މިއީ ވަރަށް އެލާމިން ހިސާބު ތަކެވެ. ކަރަންޓު ޓެރިފް ބަދަލު ކުރުމުގެ ވާހަކައެއް ދައްކާނަމަ މި ހިސާބު ތަކުން ބޮޑު އެއްޗެއް ވިސްނައި ގަނެވޭނެ އެވެ. ޓެރިފު މިހާރު ބަދަލު ކުރާނަމަ މިކަންކަމަށް ދިރާސާ ކޮށްގެން ނޫން ގޮތަކަށް އެކަމެއް ނުކުރެވޭނެ އެވެ. 

ފަސް އަހަރުތެރޭ ރާއްޖެއަށް އެއާކޮންޑިޝަން އެތެރެ ކުރި މިންވަރު

ކަރަންޓު ޓެރިފާ ކުޅެގަނެގެން ވެދާނެ ގޮތެއް އަންދާޒާ ކުރަން ނޭނގޭ އަނެއް ކަމަކީ ސަރުކާރުން ނިންމާ ކުއްލި ނިންމުންތަކެވެ. މިފަދަ ނިންމުންތަކާއެކު ކަރަންޓު ބޭނުން ކުރެވޭ ވަރު ސްޓެލްކޯއަށް އަންދާޒާކޮށް ހިސާބު ޖަހަން ވެސް ދަތިވެ އެވެ. މީގެ މިސާލަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މާސްޓަ ޕްލޭނުގައި ނެތްތަނެއް ހިއްކައި އެތަން އާބާދު ކުރުމުގެ ނިންމުމެވެ. އޭގެ ސަބަބުން އެ ސަރަހައްދަށް އަންނަ އާބާދީ އެތައް ގުނައެއް އިތުރުވެ ކަރަންޓުގެ ޑިމާންޑް އުފުލިގެންދާނެ އެވެ. 

ސްޓެލްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާލޭގައި ކަރަންޓު ބޭނުން ކުރާ މިންވަރު އެއްރެޖުކޮށް އަހަރަކު ނުވަ ޕަސެންޓް އިތުރުވުމެއްގައި ހުރިއިރު ހުޅުމާލެ ހުރީ 25 ޕަސެންޓް އިތުރުވުމެއްގަ އެވެ. އެހެންވެ މިއީ މާލެ ސަރަހައްދުގައި މިހާރު ދީފައިވާ 120 މެގަވޯޓުގެ ކަރަންޓުގެ ކެޕޭސިޓީ ހުސް ވެގެން ގޮސް ރަތް އެލާޓަށް އަރާނެ ކަމެކެވެ. މިއާއެކު ތިލަފުށި ގުޅިފަޅު އަދި ވިލިމާލެ/ ތިލަމާލެ ބްރިޖުން ގުޅިގެން ދިއުމާއެކު ގްރޭޓާ މާލެ ސަރަހައްދަށް ބޭނުންވާ ކެޕޭސިޓީ ބޮޑު ތަނުން އުފުލޭނެ އެވެ. 

މިހާރުގެ އަންދާޒާއަކީ 500 މެގަވޮޓް މި ސަރަހައްދަށް އެކަނި ބޭނުންވުމެވެ. މި ކެޕޭސިޓީ އިތުރު ކުރާނަމަ އަނެއްކާވެސް އިތުރު އިންވެސްޓްމަންޓްތަކެއް ކުރަން ޖެހޭނެ އެވެ. މީގެ ކޮންމެ އިންވެސްޓްމަންޓަކުން ޓެރިފަށް ބަދަލެއް އަންނާނެ އެވެ. 

އިންވެސްޓްމަންޓާއެކު ޓެރިފަށް އެޑްވާ ބައިވެސް ލައިދޭން ޖެހޭނީ ދައުލަތުގެ ބަޖެޓު ޖީބުން ނެވެ. މިހުރިހާ ކަމެއް މިގޮތަށް އޮތްއިރު ސަރުކާރާ ނުލައި ޓެރިފު މެނޭޖް ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ރާއްޖެއަކު ނެތެވެ. ކަރަންޓު ކުންފުންޏަކީ ޓެރިފުގެ އެއްވެސް ބާރެއް އޮތްބައެއް ނޫނެވެ. އެ ކުންފުނީގެ ހަމައެކަނި ޒިންމާއަކީ ހިދުމަތް ދިނުމެވެ. 

ކޮމެންޓް

1
450
އަހުމަދު ނިޒާމް
11 months ago

ރަނގަޅު މައުލޫމާތު ކޮޅެއް. ސާފު ވެއްޖެ މިހާރު ވާނުވާ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.