ކުއްލިއަކަށް އާންމު މިންގަނޑާ ހިލާފު އެތައްކަމެއް: ވެގެން މިއުޅެނީ ކީއް؟

މިފަދަ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު މައްސަލަތައް މީގެ ކުރިން ވެސް އާދެ އެވެ. އެކަމަކު އެއްބާވަތެއްގެ މައްސަލަތަކެއް އެއްފަހަރާ ފެންމަތިވާން ފެށި މީ ފުރަތަމަ ފަހަރެވެ، މީހުން ސުވާލު އުފައްދަނީ އެހެން ވެގެނެވެ.

މާލެ ސިޓީ: އާންމު މިންގަނޑާ ހިލާތު އެތައް މައްސަލައެއް ދަނީ އާންމުވަމުން

އެކި ދުވަސްވަރު ގަދަ ވަނީ އެކި އަޑުތަކެވެ. ރާއްޖެ ސިޔާސީ ހަލަބޮލި ކަމެއްގައި އޮތަސް، އަދި ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް "ވިއްކާލި" ކަމަށް ބަޔަކު ބުނާ މައްސަލަ އޮތަސް، އަޑު ގަދަވެފައި ސަމާލުކަން އެނބުރިފައި ވަނީ މުޅިން އެހެން މައްސަލަތަކެއްގަ އެވެ. ފަހަކަށް އައިސް އިތުރުވެފައިވާ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ގިނަ މައްސަލަތަކުގަ އަޑު މާ ގަދަ އެވެ. 

މިހާރު ހަލުއި ކަމާއެކު ދައުރުވަމުންދާ އެއް ވާހަކައަކީ މަގުމަތީގައި ރޯމާ ދުވާލު ބަދުއަހުލާގީ އަމަލުތައް ހިންގާ މައްސަލަ އެވެ. އެފަދަވެސް އެންމެ ވީޑިއޯ އެއް ނޫނެވެ. އެކިތަންތާ އެކި ގޮތްގޮތަށް ޖިންސީ ގުޅުން ހިންގާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ އާންމުވަމުންނެވެ. ދިވެހިންނާއި ބިދޭސީންގެ ވީޑިއޯތައް ވެސް އާންމު ވަނީ އެވެ. އަމިއްލައަށް އޮރިޔާން ކާޑު އުފައްދާ އެވެސް އާންމު ކުރެ އެވެ. 

ސޯޝަލް މީޑިއާގައި އާންމުވަމުންދާ އެހެން ކަންކަމުގެ ތެރޭގައި، ހަށިވިއްކަން އިޝްތިހާރު ކުރުމާއި، ޖުވާ ކުޅޭން ދައުވަތު ދިނުން ފަދަ ކަންކަން ވެސް ހިމެނެ އެވެ. މިކަންކަން ކުރަނީ ޓިކްޓޮކާއި، ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ވަރަށް ފާޅުގަ އެވެ. ޖުވާގެ އިސްތިހާރުތައް ގަނޑަށް ޗާޕްކޮށްގެން ވެސް ބަހަ އެވެ. އަދި ފޯނަށް މެސެޖާއި ކިއުއާރް ކޯޑްވެސް ފޮނުވަ އެވެ. 

"މި މަންޒަރުތަކުން ވަރަށް ބޮޑު މެސެޖެއް އެބަ ލިބޭ. އެއީ މިއީ ރާއްޖޭގައި މިހާރު 'ނޯމަލައިޒް' ކޮށްފައިވާ ކަންކަން ކަން. އެހެން ނޫންނަމަ މީހުން އަބަދުވެސް ގޮސް އައިސް އުޅޭ ސަރަހައްދެއްގައި މި މީހުންނަށް މިހެން އުޅެން ނުކެރޭނެ! އެ ގޮތަށް އުޅެވޭނީ ކޮންމެވެސް ބަޔަކު އެ މީހުންނަށް އެގޮތަށް އުޅެވޭނެ ކަމާއި ފިޔަވަޅެއް ނޭޅޭނެ ކަމުގެ ޔަގީންކަން ދީފައި އޮތީމުން،" ބިދޭސީ ދެމީހަކު ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯއަކަށް އާންމުންގެ މީހަކު ފޮނުވާފައިވާ ކޮމެންޓެއްގައި ބުންޏެވެ.

ވިލިމާލޭ ބީޗް ސަރަހައްދުގައި އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު އަމަލު ހިންގި ދެ މީހުން: އެ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ވައިރަލްވެފައި

މިއީ ވަރަށް ކުޑަ މިންވަރެކެވެ؛ ދީނަށް ފުރައްސާރަ ކުރާ މީހުންނާއި އަމިއްލައަށް ބަރަހަނާ ފޮޓޯ ނަގައި އޮރިޔާން ކާޑު އުފައްދައި އެ ވިއްކާ މީހުންގެ މައްސަލަތައް ވެސް އެހާ ގިނަ އެވެ. ކޮންމެ ދުވަހަކު މަސްތުވާތަކެތީގެ އެތައް މައްސަލައެކެވެ. މިހުރިހާ ކަންކަމެއް އެއްފަހަރާ، އެއް ދުވަސްވަރެއްގައި ފެންމަތިވާތީ އާންމުން އެތައް ސުވާލު އުފައްދަ އެވެ.

ޓްވިޓާގައި ފާޑު މީހަކު ބުނި ގޮތުގައި މިފަދަ މައްސަލަތަކެއް އެއް ފަހަރާ ނުކުމެގެން އުޅެނީ ގަސްދުގައި ދިވެހިންގެ ޒާތާއި ތޮބީއަތް އެނގިގެން މިފަދަ ކަންކަމަށް ދިވެހިންގެ ސަމާލުކަން ފަސޭހަ ކަމާއެކު އަނބުރާލައި ކޮންމެވެސް އެހެން ކަމެއް ހަނދާނާ ދުރަށް ގެންދާން ވެގެން ކަމަށެވެ. އޭނާ ބުނާ ގޮތުގައި މިއީ "އެޓެންޝަން ޑައިވާޓް" ،ކޮށްލުމެކެވެ.  

"މިއީ ދިވެހި ކަނޑުން ބައެއް ދޫކޮށްލި މައްސަލާގައި އޮތް ހިތްހަމަ ނުޖެހުންތައް  އޮއްބާލަން ކުރާ ކަމަކަށް ވެދާނެ... ފާޑު ފާޑު ވީޑިއޯތައް ބަޔަކު އާންމު ކުރަމުން ދަނީ އަސްލު މައްސަލަ އޮއްބާލަން... މިއީ އެންޓެންޝަން ޑައިވާޓްކޮށްލުމެއްހެން ހީވޭ،" މީހަކު ޓްވީޓް ކުރި އެވެ. 

ބަދު އަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތައް އާންމުވާން ފެށީ މިދިޔަ ދެ ހަފުތާއެއްގެ ތެރޭ އެވެ. ކަމަކަށްފަހު ކަމެއް ފެންމަތިވަމުން އައިސް އާންމުންގެ ސަމާލުކަން އެކަންކަމަށް ދާތީ ފާޑުކިޔާ ބައެއް ވެސް އެބަ އުޅެ އެވެ. އެމީހުން އެ ބުނަނީ އެކަން އެގޮތަށް ކުރަނީ ބަޔަކު ރާވައިގެން، ސިޔާސީ ހައިޖާނުގަނޑު އޮއްބާލާށެވެ. 

"ރާއްޖޭގެ ކަނޑުން ބައެއް ގެއްލިއްޖެ މިއީ ކޮންމެ ހާލަތެއް އަޔަސް ދިވެހިން ހަނދާން ނެތޭނެ ކަމެއް ނޫން،" އެހެން މީހަކު ބުންޏެވެ.

އާންމުންގެ ބައެއް މީހުން މިފަދަ ހިޔާލުތައް ގެންގުޅޭތީ ވިސްނާލަން މަޖުބޫރުވެ އެވެ. ކުއްލިއަކަށް އާންމު މިންގަނޑާ ހިލާފު ގިނަ މައްސަލަތަކެއް ފެންމަތިވެގެން އުޅެނީ ގައުމީ ބޮޑު މައްސަލައެއް އޮއްބާލުމުގެ ބޭނުމުގައި ގަސްދުގައި ހެއްޔެވެ. ނޫނީ ހަމަ ހަގީގަތުގައި އެފަދަ ހުރިހާ ކަމެއް އެ މިންގަނޑަށް ރާއްޖޭގައި ނޯމަލައިޒް ވެފައި އޮތީ ހެއްޔެވެ؟

މިފަދަ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު މައްސަލަތައް މީގެ ކުރިން ވެސް އާދެ އެވެ. އެކަމަކު އެއްބާވަތެއްގެ މައްސަލަތަކެއް އެއްފަހަރާ ފެންމަތިވާން ފެށި މީ ފުރަތަމަ ފަހަރެވެ، މީހުން ސުވާލު އުފައްދަނީ އެހެން ވެގެނެވެ.

ކޮމެންޓް

1
450
ޖާންބާޒު
1 year ago

ރަނގަޅު ވާހަކައެއް ތިއީ. މިކަންކަން އައިސްފައިވާ ގޮތުން އެއީ ގަސްދުގައި ރާވައިގެން ކުރުވާފައި ހުރި ކަންކަމާ ވައްތަރީ. އަބަދުވެސް އެބާވަތުގެ ކަންކަން ސިލްސިލާކޮށް އަންނާނީ ކަމެއްގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލަން ބޭނުވުމުން. އެއީ އަބަދުވެސް ކުރާ ސިޔާސީ މަސައްކަތުގެ ބައެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.