ސިޔާސީ އެންމެ ބޮޑު ފުރޮޅުން، ހަމައިސްކޮޅުގައި ނަޝީދަށް ތެދުވެވޭނެތަ؟

އެމަނިކުފާނަށް ހެޔޮވަރު ޕާޓީއެއްވެސް އުފެއްދެވޭނެ އެވެ. އަރިހުގައި ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. އަދިވެސް އިތުރު ބޭފުޅުން ހޯއްދަވާނެ އެވެ. މަޖިލީހުގައި ވެސް ވަރުގަދަ ވާނެ އެވެ.

ރައީސް މުހައްމަދު ނަޝީދު: އެމްޑީޕީގެ އެންމެ މަގުބޫލް ޝަހުސިއްޔަތު ހުންނެވީ އެމްޑީޕީ ދޫކޮށްލައްވަން ތައްޔާރު ވެގެން -- މި

ދިވެހި ސިޔާސީ ތާރީހުގައި އިއްޔެ އަކީ މުހިންމު ދުވަހެކެވެ. ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ޕާޓީ، އެމްޑީޕީގެ ބައިބައިވެ ފަޅިފަޅިވީ އެވެ. ޕާޓީގައި އުފެދުނު ހިޔާލުތަފާތުވުން ހައްލު ނުކުރެވި އެ ޕާޓީގެ އެންމެ ހިދުމަތްތެރި / އެންމެ ގިނަ ދުވަސްވީ އެތައް މެންބަރަކު ޕާޓީން ވަކިވީ އެވެ. ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކާއި ޕާޓީގެ ނާއިބު ރައީސް އަދި އެމްޑީޕީ އަށް އެކި ގޮތްގޮތުން ގިނަ ހިދުމަތްތަކެއް ކޮށް ޕާޓީގެ މުހިންމު މަގާމުތައް ފުުރުއްވާފައިވާ ބައެއް ބޭފުޅުން ޕާޓީ ދޫކޮށްލެއްވީ އެވެ. ޕާޓީ ދޫކޮށްލެއްވީ އެކަންޏެއް ނޫނެވެ. އާ ޕާޓީއެއް އުފައްދާނެ ކަން އިއުލާނުވެސް ކުރީ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމީ އެވެ.

މިިދިޔަ ދެތީން އަހަރު އެމްޑީޕީގައި އުފެދި ބޮޑުވަމުން އައި ހިޔާލު ތަފާތުވުންތަކާއި ބައިބައިވުންތަކުގެ ނަތީޖާއަށް ވެގެންދާނީ ކޮން ކަމެއްތޯ ކުރަމުން އައި ސުވާލަށް އިއްޔެ ސާފު ޖަވާބެެއް ލިބުނީ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރި މެންބަރުން އެމްޑީޕީ ދޫކޮށްލީ އެވެ. އައު ޕާޓީ އަކަށް ހިޖުރަ ކުރުމުގެ މަސައްކަތް ފެށީ އެވެ. ނުރަސްމީކޮށް ހިނގަމުން އައި ރައީސް ސޯލިހާއި ދެކޮޅު ހަރަކާތް ރަސްމީ ވީ އެވެ.

މަޖިލީހުގެ 12 މެންބަރަކާއި ޕާޓީގެ ބައެއް އިސް ބޭފުޅުން ކުއްލިއަކަށް އެމްޑީޕީން ވަކިވެވަޑައިގެން ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަވާ އައު ޕާޓީއެއް އުފައްދަން ނިންމި ކަމާއި ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމިކަން އިއުލާނު ކުރުމާއެކު ރައީސް ސޯލިހާމެދު ހިތްހަމަނުޖެހިފައި ތިބި އެމްޑީޕީގެ މެންބަރުން ގެންދަނީ ޕާޓީން ވަކިވަމުންނެވެ. މިދިޔަ ވިއްސަކަށް ގަޑިއިރުތެރޭ ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލްވީ އެމްޑީޕީ ދޫކޮށް ރައީސް ނަޝީދުގެ އައު ޕާޓީއަށް ވަނުމަށް އެމްޑީޕީގެ މެންބަރުން އެ ޕާޓީން ވަކިވުމުގެ ވާހަކަ އެވެ.

އަދި ނަޝީދުގެ މި ނިންމުމާއި ދެން ނިކުންނާނެ ނަތީޖާއަކާމެދު ކުރެވޭ ސުވާލުތަކުގެ ބަހުސެވެ. ނަޝީދުގެ އައު ޕާޓީއަށް ކާމިޔާބު ހޯދިދާނެ ހެއްޔެވެ. އެމްޑީޕީ ހީނަރު ކޮށް ބަލިކަށި ކޮށްލެވިދާނެ ހެއްޔެވެ. ރިޔާސީ އިންތިހާބުން ސަޕްރައިޒިން ނަތީޖާއެއް ނެރެވިދާނެ ހެއްޔެވެ. މިފަަދަ އެތައް ސުވާލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: އެމްޑީޕީ ދޫކުރައްވާ ވަޑައިގެން އުފައްދަވަން ނިންމާފައިވާ އައު ޕާޓީ ކާމިޔާބު ޕާޓީއަކަށް ހެއްދެވިދާނެތޯ އެއީ ބޮޑު ސުވާލެއް --

ގަވާއިދު އޮތްގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަކީ ފަސޭހަ ކަމެކެވެ. އަމުދުން ރައީސް މުހައްމަދު ނަޝީދު ފަދަ މަގުބޫލް ސިޔާސީ ޝަހުސިއްޔަތަކަށް އެއީ ދާދި ފަސޭހަ ކަމެވެ. އެކަމަށް ބޭނުން ވަނީ ދޭއް ނުވަތަ ތިން ހަފްތާ އެވެ. 

ނަޝީދުގެ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އަންނަ ހަފްތާގައި އެދޭނެ އެވެ. ކޮމިޝަންގެ ބައްދަލްވުމަކަށް ފަހު ހަމަ އެ ހަފްތާގައި އެ މަސައްކަތް ފެށުމަށް ހުއްދަ ދޭނެ އެވެ. ދެން އޮތީ 3،000 މެންބަަރުންގެ ސޮއި ހޯދުމެވެ. އެއީ މިހާރުވެސް ނިމިފައި އޮތް ކަމެވެ. އަޑުތައް ހުރި ގޮތުން ޕާޓީ ރަޖިސްޓްރީ ކުރުމަށްވެސް ހުށައަޅާނީ އަށެއްކަ ހާސް ފޯމާއެކު ކަމަށެވެ. 

އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން ފޯމްތަކުގެ ޕްރޮސެސްއަށް ހަފްތާއެއްހާ ދުވަސް ހޭދަވާނެ އެވެ. ސައްހަ ފޯމްގެ އަދަދު ތިންހާހަށް އަރާނަމަ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދޭނެ އެވެ. އެ ޖަލްސާ 300 މެންބަރުންނާއެކު ބޭއްވުމާއެކު ޕާޓީ ރަޖިސްޓްރީ ކޮށްދީ ދަފްތަރު ކޮށްދޭނެ އެވެ. އޭރުން ނަޝީދުގެ ޕާޓީ ރަސްމީވީ އެވެ.

މި ތަރުތީބުން ބަލާނަމަ ޖޫން މަހުގެ ފުރަތަމަ ހަފްތާތެރޭ ނަޝީދުގެ ޕާޓީ އުފެދޭނެ އެވެ. ރިޔާސީ އިންތިހާބަށް ތިން މަހަށް އޮއްވާ ޕާޓީ ރަސްމީވެ ކެމްޕެއިން ފެށޭނެ އެވެ. އަނެއްކޮޅުން މި ޕާޓީ ވެގެންދާނީ ރާއްޖޭގެ ތާރީހުގައި އެންމެ އަވަހަށް ރަޖިސްޓްރީ ކުރެވޭނެ ޕާޓީއަށެވެ.

ރައީސް ނަޝީދު އަދި އެމްޑީޕީން ވަކިވެވަޑައެއް ނުގަންނަވައެވެ. ބެލެވޭ ގޮތުން އެމަނިކުފާނު ޕާޓީން ވަކިވެވަޑައިގަންނަވާނީ އަދި ދުވަސް ކޮޅެއް ފަހުންނެވެ. ފަހަރުގައި އޭގެ ކުރީން އެމަނިކުފާނު ޕާޓީން ވަކިވެސް ކޮށްފާނެ އެވެ. އެހެން ވެއްޖެނަމަ އެއީ އަނެއްކާވެސް ބޮޑު ދުވަހެވެ. 

ފަހަރުގައި ނަޝީދު ބޭނުންފުޅު ވަނީ އެ ގޮތް ކަމުގައި ވެދާނެ އެވެ. އެއީ އާ ޕާޓީގެ މެންބާޝިޕް މައްޗަށް ގެންދިއުމަށް ލިބޭ ފުރުސަތަކަށް ވެދާނެ އެވެ. އެމްޑީޕީ ބަލިކަށިކޮށްލަން ފަސޭހަ ގޮތަކަށް ވެދާނެ އެވެ. އެކަމަކު އެ ފުރުސަތު އެމްޑީޕީން ނުދީފާނެ އެވެ. ކޮންމެ ގޮތެއް ވިޔަސް ނަޝީދު ދެން އެމްޑީޕީގައި ހޭދަކުރައްވާނެ ކަމަށް ބެލެވެނީ ވަރަށް މަދު ދުވަސްކޮޅެކެވެ. އެންމެ ގިނަ ވެގެންވެސް މި މަހުގެ ނިޔަލަށެވެ.

ރައީސް ނަޝީދު އަދި ރައީސް ސޯލިހް: ދެ ރަައީސުން ދެން ދުވަހަކުވެސް އެކީގައި ފެނުމުގެ ފުރުސަތު ކުޑަ

ދެން އޮތީ ކާމިޔާބު ޕާޓީއަކަށް ހެދުމަށް ކުރެވޭނެ މަސައްކަތާމެދު އުފެދިފައިވާ ސުވާލެވެ. ރައީސް ނަޝީދަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލް ލީޑަރެކެވެ. ސިޔާސީ މަސައްކަތް ކުރެއްވުމުގެ ހިތްވަރާއި ހަގީގީ ޖޯޝާއި ފޯރި އެމަނިކުފާނުގެ ކިބާގައި ވަނީ ވަރަށް މައްޗަށެވެ.

އެކަން ޖަނަވަރީ 28 ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ސާބިތުކޮށް ދެއްވައިފި އެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ފަހުން ނަޝީދުގެ ސިޔާސީ ޖޯރު ބަލިވެއްޖެ ކަމަށް ބަޔަކަށް ހީވި އެވެ. ކުރީން އުޅުއްވިހެން ދެން އުޅުއްވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ބެލެވުނެވެ. އާންމުންގެ ތެރޭގައި ބިރެއް / ޖެހިލުމެއް ނެތި ސިޔާސީ މަސައްކަތްޕުޅުގައި ދެން ނޫޅުއްވޭނެ އޭވެސް ހީވި އެވެ.

އެކަމު މައިދާނަށް ނިކުންނަވަން ޖެހިވަޑައިގެންނެވިއިރު ނަޝީދު ހުންނެވީ އިހު ފަދައިންނެވެ. އެމްޑީޕީގެ ރަން ޒަމާނުގައި އޮތް ވަރުގަދަ ފޯރިއާ ޖޯޝްގައި ނިކުންނަވާ ލަޝްކަރު އެއް ކުރެއްވި އެވެ. ވަރުގަދަ ކެމްޕެއިނެއް ހިންގަވާ 16،000 ވުރެ ގިނަ ވޯޓް ހޯއްދެވި އެވެ. މި ހުރިހާ ކަމުން ބުނެދެނީ ނަޝީދުގެ އައު ޕާޓީގެ މެންބާޝިޕް ފުދޭ ވަރެއްގެ ރަނގަޅު ނަންބަރަކަށް ގެންދަވާނެ ކަމެވެ. އެ އަދަދު ހޯއްދެވުމަށް ވަރުބަލިވުމެއް ނެތި ރަށްރަށަށް ދަތުރުކުރައްވާނެ ކަމެވެ.

ނަޝީދުގެ އައު ޕާޓީ އުފެދުމާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށްވެސް ވާނީ އެ ޕާޓީ އެވެ. މަޖިލީސްތެރެއިން ސަރުކާރު ޖަވާބުދާރީކޮށް ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ދައުރު އެ ޕާޓީން އަދާ ކުރާނެ ކަމަށް ބެލެވެ އެވެ. މަގުމަތީގެ ހަރަކާތްތައް ހިންގާ ސަރުކާރަށް ވަރަށް ބޮޑު ޕްރެެޝަރެއް ދޭނެ ކަމަށް ފެނެ އެވެ. ޔަގީނުންވެސް މިހާރު އޮތް އިދިކޮޅު -- ޕީޕީއެމް / ޕީއެންސީ އަށް  ވުރެ ހުރިހާ ގޮތަކުންވެސް ވަރުގަދަ އިދިކޮޅު ޕާޓީއަކަށް ވާނެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންވެސް ތަފާތުކޮށް އެންމެ ފޯރީގައި ހިންގާނެ އެއް ޕާޓީއަށް އެ ޕާޓީ ވާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. ފަހަރުގައި ރައީސް ސޯލިހާއި ދެކޮޅު އިއްތިހާދެއް އެ ޕާޓީން އެކުލަވާލުމަކީވެސް ވެދާނެ ކަމެކެވެ. ޖުމްހޫރީ ޕާޓީއާއެކު އެ މަޝްވަރާތައް އެބަ ހިނގައެވެ. ނިކުންނާނެ ނަތީޖާއެއް ސާފު ނުވި ނަމަވެސް ނަޝީދުގެ އައު ޕާޓީ އާދައިގެ ޕާޓީއަކަށް ނުވާނެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ޒައީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް: ނަޝީދު ފައްޓަވަނީ މައުމޫންވެސް ކުރެއްވި ދަތުރު -- މި

ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ނިކުންނަވާނަމަ ސިޔާސީ މައިދާނުގެ ތަރުތީބަށް އަނެއްކާވެސް ބަދަލުތަކެއް އަންނާނެ އެވެ. އެކަމަކު އެފަދަ ނިންމުމެއް އެމަނިކުފާނު ނިންމަވާނީ ވަރަށް ބޮޑަށް ބައްލަވާފައި ކަމަށް ޔަގީން ކުރެވެއެވެ. އެކަން ކުރައްވާނަމަ ކުރައްވާނީ އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން ހިސާބު ޖައްސަވާ ބޮޑު ފެއިލްވުމަކަށް ނުވާނެ ގޮތެއް ހޯއްދަވައިގެންނެވެ.

އިންތިހާބަށް ނިކުންނަވާ ބޮޑުތަނުން ފެއިލްވެއްޖެނަމަ އެއީ އެމަނިކުފާނުގެ ސިޔާސީ މުސްތަގްބަލަށް އޮތް ވަރަށް ބޮޑު ހުރަހަކަށް ވާނެ އެވެ. އެކަމާމެދު އެމަނިކުފާނުވެސް އެމަނިކުފާނުގެ ޕާޓީގެ ލީޑާޝިޕުންވެސް ވަރަށް ބޮޑަށް ވިސްނަވާނެ އެވެ.

އެކަމަކު އެއް ކަމެއް ޔަގީނެވެ. އެއީ ނަޝީދުގެ މި ނިންމެވުމަކީ ރަައީސް މައުމޫން ނިންމެވި ފަދަ ނިންމެވުމަކަށް ނުވާނެ ކަމެވެ. ޕީޕީއެމުން ވަކިކުރެއްވުމުން އައު ޕާޓީއެއް އުފައްދަވާ ބޮޑު ކުރައްވަން މައުމޫނަށް ޖެހިވަޑައިގެންނެވި ދަތުރު ނަޝީދަށް ޖެހިވަޑައެއް ނުގަންނަވާނެ އެވެ. އެމަނިކުފާނަށް ހެޔޮވަރު ޕާޓީއެއްވެސް އުފެއްދެވޭނެ އެވެ. އަރިހުގައި ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. އަދިވެސް އިތުރު ބޭފުޅުން ހޯއްދަވާނެ އެވެ. މަޖިލީހުގައި ވެސް ވަރުގަދަ ވާނެ އެވެ. އެހެން ވީމަ މައުމޫނަށް ޖެހިވަޑައިގެންނެވި ދަތުރު ނަޝީދަށް ޖެހިވަޑައި ނުގަންނަވާނެކަން ވަރަށް ބޮޑަށް ޔަގީނެވެ.

ސުވާލު އޮތީ ދެތީން ކަމަކާމެދު އެވެ. ނަޝީދާ ނުލައި އެމްޑީޕީ ވަރުގަދަކޮށް ބަދަހިކޮށް އޮންނާނެ ހެއްޔެވެ. ނަޝީދު ވަކިވެވަޑައިގެން އާ ޕާޓީ ވުޖޫދު ކުރެއްވުމުން އެމްޑީޕީ ކުޑަވާނެ ހެއްޔެވެ. ރިޔާސީ އިންތިހާބުގައި ނަޝީދުގެ އައު ޕާޓީން ކިހާ ވަރެއްގެ ދައުރެއް ދައުރެއް އަދާކުރާނެ ހެއްޔެވެ. ކިހާ ވަރެއްގެ ކާމިޔާބެއް ހޯދާފާނެ ހެއްޔެވެ. 

ނަޝީދު ނެތި އެމްޑީޕީގެ ބަދަހިކަން ގެއްލި އެމްޑީޕީގެ މެންބަރުންގެ އަދަދު ވެއްޓި ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ބުރަވި ކޮޅަކަށް ކާމިޔާބު ލިބިއްޖެނަމަ ސިޔާސީ އުޑުގައި އަލުން ނަޝީދުުގެ ތަރި އެރީ އެވެ. ޑީއާރުޕީގެ މައްޗަށް ޕީޕީއެމް ކުރި ހޯދި ފަދައިން އެމްޑީޕީގެ މައްޗަށް ނަޝީދުގެ އައު ޕާޓީ ކުރި ހޯދީ އެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ދެ ޕާޓީގެ ޒަމާން ދިޔައީ އެވެ. އެ މަންޒަރު ފެނޭތޯ ބަލާލަން ތިބެން ޖެހެއެވެ.

ކޮމެންޓް

1
450
ޝިބާނާ މުހައްމަދު
11 months ago

ނަޝީދު ކާމިޔާބު ކުރައްވާނެ ކަން ގާއިމު، ސަބަބަކީ އެއީ ހިތްވަރު އެލުވާލާ ބޭފުޅަކަށް ނުވާކަން. ބާރެއް ނެތަސް ނަޝީދު މަސައްކަތް ކުތރައްވާ ބާރު އޮތަސް ނަޝީދު މަސައްލަތް ކުރައްވާ އެއީ ތަފާޔ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.