"ވަރަށް ބޮޑު މިނިވަން ކަމެއްގެ އިހްސާސް ކުރެއްވިއްޖެ. ވަރަށް ބޮޑު އުފާވެރި ކަމެއް އިހުސާސް ކުރެވިއްޖެ،" މެންބަރު ރަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަމަށާ އެ ނިންމުމާއެކު "މިނިވަން" ކަން އިހުސާސް ކުރެވި ވަރަށް ބޮޑު އުފާވެރި ކަމެއް ލިބިވަޑައިގެންފައިވާ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތަށް ނިސްބަތްވާ މަޖިލީސް މެންބަރުންނާއި އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
"މި" ނޫހަށް މައުލޫމާތު ދެއްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފޯމް ހުށައަޅުއްވާފައިވާ ކަމަށާ އެމްޑީޕީ މިހާރު އޮތް ހާލަތުން އެ ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަތީ ކަމަށެވެ. އަދި އެމްޑީޕީގެ އަސާސްތައް ދޫކޮށްލާ މުޅިން އެހެން މިސްރާބަކަށް ޕާޓީ ބަދަލުކޮށްލާފައިވާއިރު އެމްޑީޕީގައި ހުރުމަށް ޒަމީރު ތަން ނުދޭ ކަމަށެވެ.
"ވަރަށް ބޮޑު މިނިވަން ކަމެއްގެ އިހްސާސް ކުރެއްވިއްޖެ. ވަރަށް ބޮޑު އުފާވެރި ކަމެއް އިހުސާސް ކުރެވިއްޖެ،" މެންބަރު ރަޝީދު ވިދާޅުވި އެވެ.
މި މެންބަރުން މިވަގުތު ތިއްބެވީ "ފިކުރެއްގެ ދިރުން" ހަަރަކާތުގެ ރަސްމީ އޮފީސް ހިންގާ ބޮޑުފެންވަޅުގޭގައި ހާއްސަ ބައްދަލްވުމެއް ގައެވެ. އެ ބައްދަލްވުމަށް ފަހު މިއަދު ހަވީރު 5:00 ގައި ނޫސްވެރީންނާއިވެސް ބައްދަލު ކުރަން ވަނީ ނިންމާފައެވެ.
ރައީސް ނަޝީދާ އެކު ތިއްބެވި ހުރިހާ މެންބަރުން ކުއްލި ގޮތަކަށް އެމްޑީޕީން ވަކިވެވަޑައިގެންފައި މި ވަނީ "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް އުޅުއްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު / އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް އެ ޕާޓީން ވަކިކޮށްފައި ވަނިކޮށެވެ.